ތިން ބާރު ވަކިކުރެވުނީ މުޒާހަރާގެ ތެރެއިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ

14:50


އާ ޤާނޫނު އަސާސީގައި ބުނާ ދައުލަތުގެ ތިން ބާރު، ވަކިކުރެވުނީ މުޒާހަރާގެ ތެރެއިން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އޮގަސްޓް 12، 13ގެ މުނާސަބަތުގައި އެމްޑީޕީގެ މީޑިއާ ޔުނިޓަށް މަޢުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ އޮގަސްޓް 12، 13 އަކީ ކުލަގަދަކޮށް ފާހަގަނުކުރި ނަމަވެސް، އެއީ ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެއް ކަމަށެވެ. އަދި އެއީ އެކެއް އަނެކެއްގެ ކިބައިން ހިއްވަރު ލިބިގަނެ، ބިރު ފަހަނައަޅާ ދާން ދަސްވި ދުވަސް ކަމަށް މާރިޔާ ވިދާޅުވި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ އޭރުގެ ޗެއަރޕާސަން އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވާ މުޒާހަރާ ޤާނޫނު އަސާސީ ކަމަށްވާ މިހާރު އެކުލަވާލާފައި އޮތް ފެހި ޤާނޫނު އަސާސީގައި ވަކިކޮށްފައި އޮންނަންޖެހޭނޭ ކަމަށް ބުނާ ދައުލަތުގެ ތިން ބާރު، މި ވަކިކުރެވުނީ ވެސް މުޒާހަރާ ތަކުގެ ތެރެއިން ކަމަށް މާރިޔާ ވިދާޅުވި ކަމަށް އެމްޑީޕީން ބުންޏެވެ. މާރިޔާ އިތުރަށް ވިދާޅުވި ކަމަށް އެ ޕާޓީން ބުނީ ކަޅު ހުކުރުގެ ނަމުން މަޝްހޫރުވެފައިވާ އޮގަސްޓް 12، 13 ގެ ދުވަހަކީ އެމްޑީޕީއަށް ވެސް އަދި ރާއްޖޭގެ ސިޔާސީ ތާރީޚްގައި ވެސް ވަރަށް މުހިއްމު ދުވަހެއް ކަމަށެވެ.


އެމްޑީޕީން ބުނީ 2004 އޮގަސްޓް މަހުގެ 12 ވަނަ ދުވަހަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ ބޭއްވި ދުވަސް ކަމަށެވެ. އަދި އޭރުގެ ރައީސް މައުމޫނުގެ އިސްތިއުފާއަށާއި ސިފައިންގެ ހައްޔަރުގައި ތިބި އިސްލާހަށް މަސައްކަތްކުރާ ބަޔަކު ދޫކުރުމަށް ގޮވާލައި، ޖުމްހޫރީ މައިދާނުގައި ބޭއްވި މުޒާހަރާ އަކީ އެއްވެސް ވަރަކަށް ދުރާލާ ޕްލޭންކުރެވިގެން ބޭއްވި މުޒާހަރާއަކަށް ނުވި ނަމަވެސް، އެ މުޒާހަރާ ވެފައި ވަނީ އޭރުގެ ސަރުކާރުގެ އަނިޔާވެރިކަން ދިވެހީންނަށް އިތުރަށް ފާޅުވެގެން ދިޔުމަށް މެދުވެރިވި ސަބަބެއް ކަމަށް ވެސް މިހާރު ސަރުކާރު ހިންގާ އެމްޑީޕީން ބުންޏެވެ. އޮގަސްޓް 12 ވަނަ ދުވަހު ހަވީރު ފެށި އެ މުޒާހަރާގެ ބައިވެރިން ގިނަވަމުން، މުޒާހަރާ ބޮޑުވަމުން ގޮސް، އޮގަސްޓް 13 ވަނަ ދުވަހު އެ މުޒާހަރާ ނިންމާލީ ސިފައިން ކަރުނަގޭހާއި މުގުރުން ސުލްހަވެރި ކަމާއެކު ޝުޢޫރު ފާޅުކުރަމުންދިޔަ ދިވެހި ރައްޔިތުންނާ، ކުރިމަތިލައި އެތައް ބަޔަކަށް އަނިޔާވާން ފެށުމާ ގުޅިގެން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު