ޖާސޫސްކުރަން ސްޕޭސްއެކްސް ބޭނުންނުކުރާން ގޮވާލައި، އެމެރިކާއަށް ރަޝިއާގެ އިންޒާރެއް

ސްޕޭސްއެކްސް ފަދަ ސެޓެލައިޓް އޮޕަރޭޓަރުން ބޭނުން ކޮށްގެން އެމެރިކާއިން ޖާސޫސީ މަސައްކަތްތައް ނުކުރާން ރަޝިޔާއިން ވަނީ ގޮވައިލާފައި -- ފޮޓޯ/އަލް ޖަޒީރާ

ސްޕޭސްއެކްސް ފަދަ ސެޓެލައިޓް އޮޕަރޭޓަރުން ބޭނުންކޮށްގެން އެމެރިކާއިން ޖާސޫސީ މަސައްކަތްތައް ކުރާކަން އެނގޭ ކަމަށް ބުނެ އެކަން އެގޮތަށް ނުކުރާން އަންގައި ރަޝިޔާއިން އިންޒާރުދީފިއެވެ.

ރަޝިޔާއިން އެގޮތަށް ބުނެފައިވަނީ އެމެރިކާގެ ޖާސޫސު އިދާރާއާ އެކު ސްޕޭސްއެކްސް ހެދި އެއްބަސްވުމެއްގެ ދަށުން އެތައް ސަތޭކަ ޖާސޫސީ ސެޓެލައިޓްތަކެއްގެ ނެޓްވޯކެއް ގާއިމުކުރަމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވަނިކޮށެވެ.

އެ ނެޓްވޯކް ގާއިމުކުރަނީ ސްޕޭސްއެކްސްގެ ސްޓާޝީލްޑް ބިޒްނަސް ޔުނިޓުން ޖާސޫސީ ސެޓެލައިޓްތައް މެނޭޖްކުރާ ޖާސޫސީ އިދާރާއެއް ކަމަށްވާ ނޭޝަނަލް ރިކޮނައިސަންސް އޮފީސް (އެންއާރުއޯ)އާ އެކު 2021 ވަނަ އަހަރު ސޮއިކުރި 1.8 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމެރިކާގެ އަސްކަރީ ޖައްވީ މަގުސަދުތަކަށް މުވާސަލާތީ ހިދުމަތްދޭ އަމިއްލަ ފަރާތްތައް ޝައުގުވެރި ކުރުވުމަށް ކުރާ މަސައްކަތްތައް ރަޝިޔާއަށް އެނގޭ ކަމަށެވެ.

އަދި، ރަޝިޔާގެ އާންމު މަޖިލީހަށް ހުށަހަޅައިފައިވާ "ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީ ފޯ ޕްރޮމޯޓް ޕީސް" ގެ ޑްރާފްޓް ގަރާރަށް ވެސް ޒަޚަރޯވާ އަލިއަޅުއްވައިލެއްވިއެވެ. އެ ގަރާރުގެ މަގުސަދަކީ ގައުމުތަކުގެ ސަރަހައްދީ އިމުގެ ތެރޭގައި ޖައްވީ ނިޒާމު ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހޭލުންތެރިކުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާއިން ވެސް ޖައްވީ އެންޓި ސެޓެލައިޓް ހަތިޔާރު އުފައްދާ ކަމަށް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ރަޝިޔާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

comment ކޮމެންޓް