ރަމަޟާން މަހަކީ ތަފާތު އެކި ވައްތަރުގެ ކެއުންތަކުން ސުފުރާމަތީ ފުރާލާ މައްސަރެކެވެ. ޒަމާނުއްސުރެ ދިވެހީންގެ އާދަކާދަ އޮންނަ ގޮތުން މީރު ބަތްޕެން ތައްޓަކާއެކު ރޯދަ ވީއްލުމަކީ ބީވެގެން ނުދިޔަ އާދައެކެވެ. މި ޖީލުގެ ބައެއް ކުދިންނަށް ބަތްޕެނަކީ އެހާ މީރު މުހިއްމު ކެއުމަކަށް ނުވަތަ ބުއިމަކަށް ނުވި ނަމަވެސް ދިވެހީންގެ މެދުގައި ބަތްޕެނަކީ މިހާރު ވެސް ރޯދަ ވީއްލާ ވަގުތަށް އެންމެ މަގުބޫލު އެއް ބާވަތެވެ.
ބަތްޕެން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު ގޮތްގޮތަށް ތައްޔާރުކުރި ނަމަވެސް ރަމަޟާން މަހު އާއްމުކޮށް ބަތްޕެން ބޭނުން ކުރަނީ ހުސް ފެނުގައި ކައްކާލުމަށް ފަހު މަސްކުރޮޅި ނުވަތަ މަސްހުންޏާ އެކުގައެވެ. ނަމަވެސް ޕްރޮޓީންސް އިތުރަށް ބޭނުންވާނަމަ ބަތްޕެން ކައްކާއިރު ކުކުޅު ކޮޅެއް ނުވަތަ މަޝްރޫމް ކޮޅެއް އަޅައިގެން ކެއްކިދާނެއެވެ.
މީގެ އިތުރުން، އެ މީހަކު ބޭނުންވާ ވައްތަރެއްގެ ތަރުކާރީއެއް ބަތްޕެނަށް އަޅައިގެން ވެސް ކެއްކިދާނެއެވެ. ރޯދަ ވީއްލާ ވަގުތު މާ ބުރަ ކެއުމަށް ޚިޔާރުކުރަން ބޭނުންނުވާ މީހުންނަށް ބަތްޕެނަކީ އެންމެ ރަނގަޅު ކެއުމެވެ. ނިއުޓްރިޝަންސްގެ މުއްސަނދިކަމާ އެކު ބަތްޕެނަކީ ހަށިގަނޑުގެ ހަޖަމުކުރާ ނިޒާމަށް ލުއިކޮށްދޭ ކެއުމެކެވެ. މެއަށް ފިނިކަމެއް ލިބި ހަށިގަނޑަށް މާ ބޮޑު ބުރަހެލިކަމެއް ނުލިބި ބަނޑުހައިކަން ފިލުވާލަދޭ މި ބުއިމުން ގައިގެ ހަކަތަ އިތުރުކޮށްދޭނެއެވެ.
ބައެއް މީހުން ރޯދަ ވީއްލާ ވަގުތު ބަތްޕެން ބޯން ބޭނުންވާއިރު ހާރުކާ ވަގުތު ވެސް ބަތްޕެން ބޯން ބޭނުންވެއެވެ. އެހެންނަމަވެސް ސިއްހީ ބައެއް މާހިރުން ލަފާ ދޭ ގޮތުގައި މިއީ ހާރުކާ ވަގުތު ކެއުން އެހާ ރަނގަޅު އެއްޗެއް ނޫނެވެ. ސަބަބަކީ ބަތްޕެން ކެއްކުމަށް ބޭނުންކުރާ ޅަ ހަނޑުލަކީ ގްލައިސީމިކް އިންޑެކްސް އެންމެ މަތީގެ ބާވަތަށްވެފައި ލޭގެތެރެއަށް އެންމެ ބާރުމިނުގައި ހަކުރު ނަގައިދޭ ބާވަތަކީ ޅަ ހަނޑޫކަމަށް ވުމެވެ.
އެހެންނަމަވެސް ހަށިގަނޑަށް އަވަހަށް ހަކަތަ ހޯދަން ބޭނުންވާ ނަމަ ރޯދަ ވީއްލާ ވަގުތަށާއި ތަރާވީސް ގަޑިއަށް މިއީ އެންމެ ރަނގަޅު ކެއުމެކެވެ. ހަކުރު ބަލި ފަދަ ބައްޔަށް ބޭސްކުރާ މީހުން އަދި ހަށިގަނޑުގެ ކެލޮރީސް ވަކި މިންގަނޑެއްގެތެރޭ ހިފަހައްޓަށް ބޭނުންވާ މީހުން މިފަދަ ކެއުންތައް ޚިޔާރުކުރުމުގެ ކުރިން ނިއުޓްރީޝަނިސްޓެއްގެ ލަފާ ހޯދުމަކީ ބުއްދިވެރިކަމެކެވެ.