ތުރުކީއާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ.މުޙައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ދެ ގައުމުގެ ދޭތެރޭގައި ވިޔަފާރީގެ ގުޅުން ބަދަހިވަމުންދާ ކަމަށެވެ.
އެގޮތުން މިހާރު ކުރެވެމުންދަނީ ދެ ގައުމުން އެކަށައަޅާ ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާ ލުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އެއާއެކު، އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ ރާއްޖެއާ ތުރުކީއާ ދެމެދު ފުރަތަމަ ބުރުގެ ވިޔަފާރީގެ މުއާމަލާތް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން މިއަދު މެންދުރުފަހު ދެ ގައުމުގެ ދެމެދުގައި މި ކަމާއި ގުޅުން ހުރި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
ތުރުކީއާއެކު ވިޔަފާރި އެއްބަސްވުމެއް އެކުލަވައިލަން ތައްޔާރުވަމުން އަންނައިރު، އެ ގައުމުން އަންނަނީ އަސްކަރީ ގޮތުން ވެސް ރާއްޖެއަށް އެހީތެރިވަމުންނެވެ.
ހަމައެއާއެކު ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރުމުގައި ވެސް ކުރިއަށް އޮތް ތަނުގައި މުހިންމު ދައުރެއް އަދައިކުރާނެ ގައުމެއްގެ ގޮތުގައި އެ ގައުމުވާނެކަމަށް ބެލެވެއެވެ.
ތުރުކީއަކީ ރައީސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވި ގައުމެވެ. ދެ ގައުމުގެ ގުޅުން މިހާރު ވަރަށް ބޮޑަށްވަނީ ބަދަހިވެފައެވެ.