ތިލަފުށީ ދެވަނަ ފިޔަވަހިން ބިން ގަތުމުގެ ފުރުސަތު ހުޅުވާލައިފި 

ތިލަފުށީ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހި ވަނީ ނިންމާލާފައި: ތިލަފުށީ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ބިންގަތުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ -- ފޮޓޯ/ އެޗްޑީސީ

ތިލަފުށީގެ ސިނާއީ ބޭނުންތަކަށް ޚާއްސަކޮށްފައިވާ ސަރަހައްދުން ބިން ގަންނަން ބީލަން ހުށަހަޅަން ހުޅުވާލައިފިއެވެ.

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރި އިއުލާނެއްގައިވާ ގޮތުން، ބީލަން ހުށަހަޅާނީ އެ ކޯޕަރޭޝަންގެ ބިޑް ޕޯޓަލްގައި ރަޖިސްޓްރީވެ، އޮންލައިންކޮށެވެ.

އެޗްޑީސީން ބުނީ، ވިޔަފާރީގެ އެކިއެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 2،500-4،999 އަކަފޫޓުގެ 64 ޕްލޮޓް، 5،000-9،999 އަކަފޫޓުގެ 42 ޕްލޮޓާއި 10،000-14،999 އަކަފޫޓުގެ ދެ ޕްލޮޓަށް އެދި ބިޑު ހުށަހެޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.

އެޗްޑީސީން ބުނީ، ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާއެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށާއި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެގޮތުން މުޅި ޖުމްލަ 120 ހެކްޓަރު ހިއްކައި، މަސައްކަތް ނިންމާފައިވާކަން މިދިޔަ މަހުގެ 12ގައި އެޗްޑީސީން ވަނީ އިއުލާންކޮށްފައެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްގެންދިޔައީ އެޗްޑީސީއާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް ގުޅިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް