ވާނަން އެކުގައި... 17

އެންމެން ދިޔަތާ ގިނައިރެއް ނުވެއެވެ. ކޮންމެވެސް މީހަކު ދޮރުމަތީގައި ހުއްޓުނުހެން ހީވެ، ލިޝާ ފަހަތް ބަލައިލިއެވެ. ކުރިމަތީގައި ހުރީ އޭގެ ކުރިން ލިޝާއަށް ފެނިފައިވާ ކުއްޖެއް ނޫނެވެ. ރީތި އަންހެންކުއްޖެކެވެ. ހަމުގެ ކުލަ އަލިވެފައި އޮމާނެވެ. އިސްތަށިގަނޑު ވަރުގަދައެވެ. އަޅައިގެން ހުރީ ތަނުގައި މަސައްކަތްކުރާ މީހަކު ލާނެފަދަ ހެދުމެއް ނޫނެވެ. "މޮޑާން" ހެދުމެކެވެ. ކަކުލާއި ހަމައަށް ހުރި ކަޅުކުލައިގެ ބާރު ހެދުންކޮޅެކެވެ. އޭނާ ހުރީ ލިޝާއަށް ބަލާށެވެ. ސިފަ ރީތިވިޔަސް، އޭނާގެ ނަޒަރުގައި ސާފުކަމެއް ނެތެވެ. ނުރުހުން އެކުލެވޭ އެ ނަޒަރުން ލިޝާގެ ހިތުގައި ހާސްކަމެއް އުފައްދާލިއެވެ. އެ ނަޒަރު މާ ރަނގަޅު ނޫންކަން ލިޝާއަށް އެނގުނެވެ. އެންމެންނާއިވެސް ގުޅޭ، އެކުވެރި ލިޝާ އެ އަންހެންކުއްޖާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު، ކުރަންހުރި މަސައްކަތާއިގެން މަސްއޫލުވިއެވެ. ނަފުރަތު ކުރާ މީހާއަށްވެސް ހެޔޮކޮށް ހިތަންވާނެކަމަށް ލިޝާ ގަބޫލުކުރެއެވެ.

**********

"އެކްސްކިއުޒް މީ... މިތާ މީހަކު ހުރިކަމެއް ނޭނގެނީތަ؟..." ލިޝާ އެއްޗެއް ނުބުނުމުން، މިޖާ ނުރުހިފައި ސުވާލުކުރިއެވެ. އޭނާ ވާހަކަ ދެއްކީ އިނގިރޭސިންނެވެ. "ކަސްޓަމަރ ކެއަރ ހާދަ ދަށޭ..."

މިޖާ ހުރީ ލިޝާއަށް ކަޅި އަޅައިގެންނެވެ. އޭނާގެ ދެލޮލުގައި އަނދަމުންދިޔަ ނަފުރަތުގެ އަލިފާނުގައި ލިޝާ އަންދައިލެވޭނެނަމަ އެކަންވެސް އެވަގުތު ކުރީހެވެ. ލިޝާ ފެނުމުން، މިޖާގެ ހިމަ ނާރުތަކުގައިވެސް ހުޅު ރޯވެއްޖެއެވެ. އާރިޒް އެކުއްޖާއާއި ހެދި މޮޔަވެގެން އުޅެނީ އޭނާގެ ކިބައިގައި ކޮން ސިފައެއް ހުރެގެން ހެއްޔެވެ؟ އާދައިގެ ހެދުމެއްގައި ހުރި އާދައިގެ އަންހެންކުއްޖަކު އޭނާއަށްވުރެ ހާއްސަވާންވީ ކީއްވެ ހެއްޔެވެ؟ ލިޝާގެ ގައިގައި ހުރީ އޭނާގެ ކިބައިގައި ނެތް ވަކި ކޮން ސިފައެއް ހެއްޔެވެ؟

"ސޮރީ... އަޅުގަނޑު ހިއެއް ނުކުރަން ކަމަކު ކަމަށް ތި ދުރުވީ... އަޅުގަނޑުގެ ފަރާތުން ކޮން އެހީތެރިކަމެއްތޯ ބޭނުންވެލައްވަނީ؟..." ލިޝާ އަދަބުވެރިކަމާއިއެކު ސުވާލުކުރިއެވެ.

"އާރިޒްގެ ދިރިއުޅުމުން ދުރަށްދިޔުން..." މިޖާ ހިތާއިހިތުން ބުނެލިއެވެ.

މިޖާ ނުރުހިފައި ހިނގައިގަތެވެ. އޭނާ ލިޝާގެ ކުރިމައްޗަށް ދިޔައީ ލިޝާއަށް ނޭނގޭ އެތައް ވާހަކަތަކެއް ކިޔައިދީ ހިތް ޒަހަމުކޮށްލާށެވެ. އެކަމަކު، ލިޝާގެ އަދަބުވެރިކަމާއި ރީތި އަހުލާގުގެ ސަބަބުން، އިތުރު ވާހަކައެއް ދައްކާކަށް މިޖާގެ ހިތެއް ނޭދުނެވެ. ވީގޮތެއް ނޭނގޭތީ މިޖާގެ ފަހަތުން ލިޝާވެސް ދިޔައެވެ. ލިޝާ ހީކުރީ، މިޖާ އައީ އެހީތެރިކަމެއް ބޭނުންވެގެން ކަމަށެވެ. މިޖާގެ ފަހަތުން ލިޝާވެސް ލިފްޓަށް ވަނެވެ. މިޖާ ފަރުވާކުޑަ ގޮތަކަށް ލިޝާއަށް ބަލައިލިއެވެ. ދުރަށްޖެހުނެވެ. އެއަށްފަހު، ފޯނު ނަގައިގެން ކުޅެން ފެށިއެވެ.

މިޖާ ކޮޓަރިއަށް ވަނުމުން، ދޮރުމަތީގައި ލިޝާ އެތައް އިރަކު ހުއްޓެވެ. މިޖާއެއް ނުނުކުތުމުން، ލިޝާ ދާން ހިނގައިގަތެވެ. އެވަގުތު ކޮންމެވެސް މީހަކު އޭނާގެ ކުރިމައްޗަށް އެރިއެވެ. އެމީހަކު ހުރީ ކަޅު ގަމީހަކާއި ކަޅު ފަޓުލޫނެއް ލައިގެންނެވެ. އިސްކޮޅު ދިގު އެމީހާގެ ބޮލުގައި ކަޅު ތޮތްޕެއް އަޅާފައިވާއިރު، މޫނު ނިވާކޮށްފައިވަނީ އަޅާފައިވާ ކަޅު މާސްކުންނެވެ. ލިޝާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އޭނާ އަނބުރާލާފައި ދާން އުޅުމުން އެމީހަކު ލިޝާގެ އަތުގައި ހިފެހެއްޓިއެވެ. އަނެއްއަތުން އަނގަމަތީގައި އަތް އެޅިއެވެ. އެއަށްފަހު، ދަމާފައި ކުޑަދޮރާއި ދިމާއަށް ގެންދިޔައެވެ.

ހުޅުވިގެންދިޔަ ދޮރާއިއެކު ދޮރުފޮތިގަނޑު ވަޔާއި ވިހުރިގަތެވެ. އެމީހަކު ހިފީ ލިޝާގެ ކަރުގައެވެ. ދަމާފައި ބެލްކަންޏަށް ނެރުނެވެ. އެވަރުން ނިމުނީކީ ނޫނެވެ. ލިޝާގެ ކަރުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ރެއިލިންގައި ޖެއްސިއެވެ. ރެއިލިން ހުރީ ލިޝާގެ ކަނދުރާއާއި ހަމައަށެވެ. ރެއިލިންގައި ޖެހުނުލެއް ބާރުކަމުން ލިޝާގެ އުނަގަނޑުގެ ކަށިތައް ހީވީ ބިންދައިގެން ދިޔަ ހެންނެވެ.

ނޭވާ ނުލެވިގެން ތެޅިފޮޅެމުން ދިޔައިރު، ލިޝާގެ ދެލޯ ރަތްވެ، ފެން އަންނަމުން ދިޔައެވެ. އެމީހަކު އުޅުނީ، ބާރަވަނަ ފަންގިފިލާގެ މަތިން ލިޝާ ވައްޓާލާށެވެ. ތިރި ފެނުނު ވަގުތު ލިޝާ މުޅި ގައިން ހީބިހި ނަގައިގަތެވެ. ދެލޯ މަރާ ބާރުކޮށްލިއެވެ. ދެލޮލުގެ ހިމަކޮޅުން ހޫނު ކަރުނަތައް ފޭދިގެން ތިރިއަށް ވެއްޓުނެވެ. އެ ކަރުނަތައް ފަދައިން އޭނާވެސް ތިރިއަށް ވެއްޓި ނިމިދާނެއެވެ. އެއީ ހަޔާތުގެ ފަހު ވަގުތުކޮޅުކަމަށް ލިޝާ ނިންމިއެވެ. އަމިއްލަ މައިންބަފައިންގެ މަތިން ހަނދާންވެ، ލިޝާގެ ހިތް ކުދިކުދިވިއެވެ. ވަކިވެދާންޖެހުނީ، އެމީހުންނާއި މާދުރުގައި ހުރެކަމަށް ވީތީއެވެ.

"އޭތް!... ތީ ކާކު؟... ހަމަ މިހާރު ދޫކުރޭ!..." ބެލްކަންޏަށް ނުކުމެވެން ހުންނަ ދޮރާއި ދިމާއިން މީހެއްގެ އަޑު އިވުނެވެ. އެމީހެއްގެ އަޑު ބާރެވެ. ހަރުކައްޓެވެ.

ލިޝާގެ ކަރުގައި ހިފައިގެން ހުރި މީހާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ވަގުތުން ލިޝާގެ ގައިން ދޫކޮށްލިއެވެ. ލިޝާގެ ހަށިގަނޑުގައި ބާރެއް ނެތެވެ. ރެއިލިންގައި ކޭއްތެމުން ތިރިވިއެވެ. މުށިތަކުގެ މައްޗަށް ދެމެމުން ދިޔައިރު، ބެލްކަނިން ވަދެގެން އައި މީހާ އޭނާއާއި ދިމާއަށް ދުވެފައި އާދެއެވެ. އެއީ ފިރިހެނެކެވެ. ކަރުނައިގެ ތެރެއިން ލިޝާއަށް އެމީހަކު ފެނުނީ ފުސްކޮށެވެ. އެމީހަކު އައިސް ލިޝާގެ ކައިރިއަށް ތިރިވިކަން އޭނާއަށް އެނގުނެވެ. ހަމަހޭވެރިކަންވީއިރު، ލިޝާ އޮތީ ހޮސްޕިޓަލުގައެވެ. ކައިރީގައި އާރިޒް އިނެވެ. ލިޝާ ހޮސްޕިޓަލަށް އައީ ކިހިނެއް ހެއްޔެވެ؟ އާރިޒަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟

ލިޝާގެ މޫނުން އޭރުވެސް ފެންނަމުން ދިޔައީ ބިރާއި ސިހުމެވެ. ވަށައިގެން ހޯދައިލިގޮތުންވެސް އެކަން އާރިޒަށް އެނގުނެވެ. އާރިޒަށް ހިންދިރުވައިލެވުނީ އުނދަގޫ ގޮތަކަށެވެ. އޭނާގެ އިމާރާތެއްގައި، އޭނާ އެންމެ ބަލައިގެން އުޅޭ އަންހެންކުއްޖާއަށް މީހަކު ގެއްލުމެއް ދިނުމުން، ހުދު އާރިޒްވެސް އިނީ ޝޮކެއްގައެވެ. އެފަދަ ރަހުމުކުޑަ ކަމެއް ކުރާނީ ކާކު ހެއްޔެވެ؟ އެ ނާޒުރު އަންހެންކުއްޖާގެ ގައިގައި ޒަހަމުތަކެއްގެ ނިޝާން ލައްވައިލި މީހަކަށް އޭނާ އޭގެ ބަދަލު ދޭނެއެވެ.

ދުރުގައި އިންނަން އާރިޒަށް އުނދަގޫވީ، ލިޝާގެ ހާލު ފެނިފައެވެ. އޮމާން ކަނދުރާ ރަތްވެފައިވާއިރު، ގައިގެ ތަންތަން ދުޅަވެފައި ހުއްޓެވެ. އަތްތިލައިގެ ނިޝާން އޭރުވެސް ލިޝާގެ ކަނދުރާގައި ނުފިލާ ހުއްޓެވެ. ބައެއް ތަންތަން ނޫފައިގަނެފައިވާލެއް ބޮޑުކަމުން ބަލަންވެސް ޖެހިލުންވާވަރުވެއެވެ. އާރިޒްގެ ދެލޯ ފެންކަޅިވާކަށް ގިނައިރެއް ނުނެގިއެވެ. ލިޝާއަށް ގެއްލުމެއް ލިބުމުން، އާރިޒްގެ ހިތަށް އެހާ ތަދުވެދާނެކަމަށް އޭނާ ކުރިން ހިއެއް ނުކުރެއެވެ. އާރިޒަށް ކުރެވުނީ އަމިއްލަ ނަފުސަށް އަނިޔާ ލިބުނުކަމުގެ އިހުސާސެވެ. އެ އަންހެންކުއްޖާއަށް ރައްކާތެރިކަން ދީފީމޭ ބުނަން ބޭނުންވި ނަމަވެސް އާރިޒްގެ ދޫ ހަރަކާތެއް ނުކުރިއެވެ.

"އައި އޭމް ސޯ ސޮރީ..." އާރިޒް ކުޑަކޮށް ގުދުވެލާފައި ލިޝާގެ ގައިގައި ބައްދާލިއެވެ. އޭނާގެ ދެއަތުގެ ހިމާޔަތް ދީފީމޭ ބުނާ ފަދައިންނެވެ.

ލިޝާ ކުޑަކޮށް ސިހުނެވެ. ދިމާވި ހާދިސާގެ އަސަރު ލިޝާއަށް ކޮށްފައިވާލެއް ބޮޑެވެ. އޭރުވެސް އޭނާގެ ހިތުގެ ތެޅުން ހަމައަކަށް ނޭޅެއެވެ. އެކަމަކު، އާރިޒްގެ ގާތްކަމުން، ލިޝާގެ ހިތް ހަމައަކަށް އެޅެން ނެގީ މަދު ވަގުތުކޮޅެކެވެ.

"އައި އޭމް ސޮރީ..." އާރިޒް އަނެއްކާވެސް މާފަށް އެދުނެވެ.

އާރިޒް ލިޝާއާއި ދުރަށްޖެހިލިއެވެ. ލިޝާގެ ކޯތާފަތުގައި ފިރުމައިލިއެވެ. ފެންކަޅިވެފައިވާ އާރިޒްގެ ދެލޯ ފެނި، ލިޝާގެ ހިތަށް ގޮތެއްވިއެވެ. އާރިޒް އޭނާއާއިމެދު ކަންބޮޑުވެފައިވާވަރު އެމޫނުން ފެންނަން ހުއްޓެވެ.

"މިއަދުން ފެށިގެން އެއްވެސް މީހަކަށް ލިޝްއާ ކައިރިއެއް ނުވެވޭނެ..." އާރިޒްގެ އަޑުގައި ހަރުކަށިގޮތެއް ހުއްޓެވެ. "އަހަރެން ލިޝް ސަލާމަތްކުރާނަން..."

ލިޝާ އެއްޗެއް ނުބުނެ އާރިޒަށް ބަލަން އޮތެވެ. ގަދަކަމުން ހިނިތުންވެލިއެވެ. އާރިޒް ކޮންމެ އެއްޗެއް ބުންޏަސް، އޭނާއަށް އާރިޒަށް އިތުބާރު ކުރެވެއެވެ. ހިތަށް ހަމަޖެހުން ލިބެއެވެ. އެއީ ކީއްވެ ވާގޮތެއް ކަމެއް ހުދު ލިޝާއަށްވެސް ނޭނގުނެވެ.

"އެބަ އަންނަން..." އާރިޒް ތެދުވިއެވެ. "ދުރަކަށް ނުދާނަން... މިތާ ދޮރުމަތީގަ ހުންނާނީ..."

ބޭރަށް ނުކުމެފައި އާރިޒް ގުޅީ ސަޗިންއަށެވެ. ހިތްހަމަނުޖެހިފައިވާވަރު އާރިޒްގެ މޫނުން ފެންނަން ހުއްޓެވެ. ސަޗިން ފޯނު ނެގުމުން، އާރިޒްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

"އަހަރެން ބުނީމެއްނު އޭނަގެ ހުރިހާ ކަމެއް ރަނގަޅަށް ބަލަންވާނެއޭ... ދެން ކީއްވެ މިހެން މިވީ؟... ސަޗިން ކުޑަ ތަންކޮޅެއްވެސް ލަސްވިނަމަ..." ވާހަކަ ދައްކަން އުނދަގޫވެގެން އާރިޒް ހުއްޓައިލިއެވެ. ފުންކޮށް ނޭވާތަކެއް ލިއެވެ.

"ސޮރީ ސަރ..." ކުށްވެރިވެފައިވާ އަޑަކުން ސަޗިން ބުންޏެވެ.

"ކާކު އެއީ؟... މޫނު ފެނުނުތަ؟..." އެއިން ދުވަހަކު އާރިޒްގެ އަޑުގައިނުވާ ހިތްހަމަނުޖެހުން އެ އަޑުގައިވިއެވެ.

"އަހަރެންގެ އަޑު އިވޭ އިރަށް އޭނަ ފިލައިފި... މާސްކު އަޅާފަ ހުރީމަ، މޫނު ފެންނަގޮތެއް ނުވި... ސޮރީ ސަރ..." ސަޗިން ތަފްސީލް ދިނެވެ.

"ހުރިހާ ކެމެރާއެއް ބަލާ... އަހަރެން ބޭނުން ބާރަވަނަ ފަންގިފިލާއަށް ލިޝާ ދިޔަގޮތް ހޯދަން..." އާރިޒްގެ ނޭވާ ވަނީ އަވަސްވެފައެވެ.

"ލައްބަ ސަރ..." ސަޗިން އެއްބަސްވިއެވެ.

"މިހާރުން ފެށިގެން ސައްވީސް ގަޑިއިރު ދެ ބޮޑީގާޑުން ލިޝާ ފެންނަ ހިސާބުގަ ޑިއުޓީ ކުރަން ހަމަޖައްސާފަ މިކޮޅަށް ފޮނުވާ... ބަރާބަރު ދިހަ މިނެޓު ތެރޭ އެމީހުން މިތާ ތިބެންވާނެ..." އާރިޒް އަމުރުކުރިއެވެ.

ފޯނު ބޭއްވިއިރުވެސް އާރިޒްގެ ނޭވާ ހަމައަކަށް ނޭޅެއެވެ. ލިޝާއަށް އެވަރުގެ އަނިޔާއެއް ދޭނީ ކާކުބާއޭ އޭނާގެ ހިތަށް އެރިއެވެ. ކުއްލިއަކަށް އާރިޒް ހަނދާންވީ އޭނާގެ ބައްޕަގެ މަތިންނެވެ. އެހުރިހާ ކަމެއްގެ ފަހަތުގައި ހުރި މީހަކީ އެއީ ހެއްޔެވެ؟ އެހެން ވެއްޖެނަމަ، އޭނާ ބައްޕައަށް ދުވަހަކުވެސް މައާފެއް ނުކުރާނެއެވެ.

ލިޝާ ކެއްސައިލި އަޑު އިވުނެވެ. އާރިޒް ދުވެފައި އެތެރެއަށް ވަނެވެ. ކަރުގައި އަތް އަޅައިގެން ލިޝާ އުނދަގޫ ގޮތަކަށް ކެއްސަމުން ދިޔައެވެ. އާރިޒް އަވަސް އަވަހަށް ފެންތަށި ހިފައިގެން ލިޝާގެ ކައިރިއަށް ދިޔައެވެ. ކަރުގައި ރިއްސާވަރުން ލިޝާއަށް ފެންފޮދެއް ދިރުވުންވެސް ވީ އުނދަގޫ ކަމަކަށެވެ.

އާރިޒް އެއްވެސް ސުވާލެއް ނުކުރާތީ، ލިޝާ ހައިރާންވިއެވެ. އޭނާއަށް އެވަރުގެ ކަމެއް ދިމާވިއިރު، އެކަމާއި ސުވާލު ނުއުފެދެންވީ ކީއްވެ ހެއްޔެވެ؟ ލިޝާ އޮތީ އާރިޒްގެ މޫނަށް ބަލާށެވެ. ހާސްކަމާއި ނުތަނަވަސްކަން ފިޔަވައި އިތުރު އަސަރެއް އެމޫނުން އޭނާއަށް ނުފެނުނެވެ.

ފެންތަށީގައި މަތި ޖަހާފައި، އާރިޒް ލިޝާގެ ކައިރީގައި އިށީނެވެ. އޭނާގެ ޖީބުން ނެގި ފޯނު ލިޝާގެ އަތަށް ލައިދިނެވެ. އާދައިގެ ފޯނެކެވެ. ފޮޓޯނެގޭ ފޯނެއް ނޫނެވެ. އެމަޖެންސީކޮށް ގުޅާނެ ނަންބަރުގެ ގޮތުގައި އާރިޒްގެ ނަންބަރު ޖަހާފައި އޮތްކަން ބުނެދިނެވެ. އިންޑިޔާ ނަންބަރެއްކަމުން ގުޅަންވީގޮތް ކިޔައިދިނެވެ.

********

ޕިންކްވިލާއިން ނުކުތްއިރު، ސުމާގެ މޫނު ވަނީ މިލައިގެން ގޮސްފައެވެ. ގޭގެ ބޭރުގައި ކެތްތެރިކަމެއްނެތި ސުމާއަށް އިންތިޒާރު ކުރަމުންދިޔަ ޝަފާޒު ކުޑަކޮށް ދުވެލާފައި ކަހަލަގޮތަކަށް ގޮސް ސުމާގެ ކައިރިއަށް ހުއްޓުނެވެ.

"ކިހިނެއް ދިޔައީ؟... އޭނަގެ ފަރާތުން އެއްވެސް ކަމެއް އެނގުނުތަ؟..." ކެތްތެރިކަން ކުޑަ ރާގަކަށް ޝަފާޒު އަހައިލިއެވެ.

ޝަފާޒު އެހީ ޕިންކްވިލާގައި މަސައްކަތްކުރަން އުޅުނު އުމުރުން ދުވަސްވީ މީހެއްގެ ވާހަކައެވެ. ސުމާ ބޯ ޖަހައިލުމުން، ޝަފާޒްގެ ނޭވާ އަވަސްވިއެވެ.

"ކަންތައް ވީ އަހަރެމެން ހީކުރި ވަރަށްވުރެ ގޯސްކޮށް..." ސުމާ ހުރީ ވާހަކަ ދައްކަންވެސް އުނދަގޫވެފައެވެ.

"ކޮން ކަމެއް؟... ލިޝްއަށް ދެރަގޮތެއްވީތަ؟..." ޝަފާޒްގެ އަޑު ކުރެހުނެވެ. "ސުމާ!... ޓެލް މީ...."

"ޝަފް... އަހަރެމެން މިހެން ތިބެގެން ވާކަށް ނެތް... ހިނގާ ޕޮލިހަށް..." ސުމާއަށް ޝަފާޒްގެ އަތުގައި ހިފައިލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު