ސްނައިޑާގެ 'ރިބެލް މޫން'ގެ ދެވަނަ ބައި އަންނަ މަހު

އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު ޒެކް ސްނައިޑާގެ ބޮޑު ސައިންސް ފިކްޝަން ސާގާ ކަމަށްވާ "ރިބެލް މޫން"ގެ ދެވަނަ ބައި އަންނަ މަހު ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.

ސްނައިޑާ ފާއިތުވި 10 އަހަރު ދުވަސް ވަންދެއް މަސައްކަތް ކުރަމުން އައި ރިބެލް މޫންއަކީ އޭނާ އަމިއްލަ ބޮޑު ޔުނިވާސް އެއް އުފެއްދުމަށް ފަށައި ބޮޑު ސާގާއެވެ. ސްނައިޑާ ފާހަގަކުރާ ގޮތުގައި ރިބެލް މޫން އަކީ "ސްޓާ ވޯސް" ވަރު ބޮޑު ފްރެންޗައިޒްއަކަށް ހެދޭނެއެވެ.

މި ވާހަކަތައް ދައްކައި ސްނައިޑާ ވަނީ ފިލްމު ސާގާގެ ފުރަތަމަ ބައި މިދިޔަ ޑިސެމްބަރުގެ މެދުތެރޭގައި ރިލީޒްކޮށްފައެވެ. އެއާއެކު ފިލްމަށް ލިިބިގެން ދިޔަ ރިވިއުތައް ވެގެން ދިޔައީ ހިޔާލު ތަފާތުވުން ގިނަ ރިވިއުތަކަކަށެވެ. ފިލްމު ކަމުދިޔަ މީހުންނަށް ވުރެ ކަމުނުދާ މީހުން ގިނައެވެ.

ނަމަވެސް ފިލްމު ރިލީޒްކުރިއިރު އެ ފިލްމު ސީރީޒްގެ ދެވަނަ ބައިގެ މަސައްކަތް ވެސް ވަނީ ގާތް ގަނޑަކަށް ނިމިފައެވެ. އެއާއެކު ފިލްމުގެ ދެވަނަ ބައި ވަނީ މިހާރު ދައްކަން ތައްޔާރުވެފައެވެ.

ނެޓްފްލިކްސްއިން ސްޓްރީމިންއަށް ދޫކޮށްލުމަށް ހަމަޖެހިފައިވާ މި ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 19 ވަނަ ދުވަހުގައެވެ. "ރިބެލް މޫން : ސްކާ ގިވާ"ގެ ނަމުގައި ނެރޭ ދެވަނަ ފިލްމު ފަށާނީ ފުރަތަމަ ފިލްމު ނިމޭ ހިސާބުންނެވެ.

ފިލްމުގެ ޓްރެއިލާއެއް ވެސް ވަނީ މިހާރު ނެޓްފްލިކްސް\އިން އާންމުކޮށްފައެވެ.

ޓްރެއިލާއިން ފެނިގެންދާ ގޮތުގައި ފުރަތަމަ ފިލްމާ އަޅާ ބަލާއިރު ދެވަނަ ފިލްމުގައި އެކްޝަންގެ ބައި ބޮޑު ކަމަށް ފާހަގަކުރެވެއެވެ. ފަހަރުގައި މި ފިލްމަކީ ފްރެންޗައިޒް އަށް ޕޮޒިޓިވް ރިވިއު ލިބި އިތުރަށް ފެހި ސިގުނަލެއް ލިބިދާނެ ފިލްމަކަށް ވުން އެކަށީގެންވެއެވެ.

ފިލްމުގެ މައިގަނޑު ރޯލުތަކުން ފެންނާނީ ސޯފިއާ ބޫޓޭލާ އާއި ޗާލީ ހުންނަމް އަދި ރޭ ފިޝާއާއި އެންތަނީ ހޮޕްކިންސްއެވެ.

comment ކޮމެންޓް