ކާރާގެ ހަތް މިލިއަން ޑޮލަރުގެ ގެ އަޅިއަށް

މަޝްހޫރު ސުޕަމޮޑެލް ކާރާ ޑެލަވީންގެ ލޮސް އެންޖެލެސްގައި ހުންނަ އޭނާގެ ހަތް މިލިއަން ޑޮލަރު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި ގެ އަޅިއަށް ވެއްޖެއެވެ.

ލޮސް އެންޖެލެސްގައި ހުންނަ ކާރާގެ އަގުބޮޑު ގެއަކީ އާކިޓެކްޓް ޑައިޖެސްޓުގައި އޭނާ ދައްކާލާފައިވާ ގެއެކެވެ. އަދި, ގޭގެ ހުރިހާ ކަސްޓަމް ޑިޒައިން އަކީ ކާރާއާއި އާކިޓެކްޓަކާ ގުޅިގެން ތައްޔާރު ކޮށްފައިވާ ޑިޒައިންތަކަށްވާއިރު މި ގެއަށް އާންމުންގެ ފަރާތުން ވެސް ހިޔާލުތައް ލިބިފައިވަނީ ޕޮޒިޓިވް ކޮށެވެ.

މިދިޔަ ހަފުތާ ބަންދުގައި ހިނގި ހާދިސާއެއްގައި އެ ގޭގައި ވަނީ އަލިފާން ރޯވެ ދެ މީހަކަށް އަނިޔާ ވެސް ވެފައެވެ. މި އަނިޔާ ވެފައިވަނީ އަލިފާން ކޮންޓްރޯލު ކުރުމަށް ގޮސް އުޅުނު ފަޔާ ފައިޓާއިންގެ ދެ މީހަކަށެވެ. ދެ މީހުންނަށް އަނިޔާ ވެފައިވަނީ ފުއްޕާމެއަށް ގިނަ އަދަދެއްގެ ދުން އެޅިގެންނެވެ. ނަމަވެސް އެމީހުންގެ ހާލު ރަނގަޅު ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ.

އެ ގޭގައި ހިނގި އަލިފާންގަނޑު ކޮންޓްރޯލު ކުރެވުނީ 95 ފަޔާ ފައިޓަރުން އެކީގައި ހަރަކާތްތެރިވެގެން ދެ ގަޑިއިރަށް ފަހުގައެވެ.

އަލިފާން ކޮންޓްރޯލު ކުރެވުނުއިރު ގޭގެ ފުރާޅު އެއްކޮށްހެން އޮތީ ވެއްޓިފައެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު ކާރާ ހުރީ، ފިލްމެއްގެ ޝޫޓިންއަށް އިނގިރޭސިވިލާތުގައެވެ.

އަލިފާން ހިނގާފައިވާ ސަބަބެއް ނޭނގެއެވެ.

އެކަމާ ގުޅޭގޮތުން ކާރާ ވަނީ އެންމެ ފަހުން އޭނާގެ ހިޔާލު ހިއްސާކޮށްފައެވެ. ކާރާ ބުނިގޮތުގައި ގެއަށް ލިބުނު ގެއްލުމާއެކު އޭނާގެ ހިތް ވަނީ ކުދިކުދި ވެފައެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ބޮޑު ގެއްލުމެއް ނުވާތީ އެކަމާ ޝުކުރުވެރި ވާ ކަމަށް އޭނާ ބުނެއެވެ.

މިކަމުގައި ފަޔާ ފައިޓަރުން ކޮށްފައިވާ މަސައްތައް ކާރާ ވަނީ ތައުރީފު ކޮށްފައެވެ.

comment ކޮމެންޓް