މި ހުވަފެން ވަރަށް ޚާއްސަ، އެއަށް ވުރެ ޒައިން ޚާއްސަ

ޒައިން އިމާމުވެ ހުކުރު ކުރަނީ --

ކޮވިޑް 19ގެ ދުވަސްވަރު އާންމުން އެއްވެ އުޅުން މަނާކުރުމާއެކު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކުރިއެވެ. އެއާ އެކު ދުވަސްކޮޅަކަށް ޖަމާއަތުގައި ހުކުރު ނަމާދު ކުރުން ވެސް މަޑު ޖެހުނެވެ. ނަމަވެސް މިއީ އޭރު އުމުރުން 14ވަރަކަށް އަހަރުގެ ހުސައިން ޒައިން އަލީ މާ ގަޔާވި ކަމެއް ނޫނެވެ. އެހެން ކަމުން އޭނާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޚުތުބާ ޑައުންލޯޑުކޮށް ގޭގައި އިމާމުވެ ނަމާކޮށް، ސިޓިންރޫމުގައި އެ ޚުތުބާ ގޭމީހުންނަށް ކިޔައިދޭން ފެށިއެވެ.

އޭރު ހީލާފައި މާބޮޑު ކަމަކަށް ނުހަދާ އެކަމުގައި ޒައިންގެ ބައްޕަމެން ބައިވެރިވީ އެއީ ޒައިންއަށް ހިތްހަމަޖެހުން ލިބޭ ކަމަކަށް ވުމުންނެވެ.

މިދިޔަ ހުކުރު ދުވަހު އުމުރުން 17 އަހަރުގައި ހުޅުމާލޭ މަސްޖިދުލް އަމާނީގައި އިމާމުވެ ހުކުރު ނަމާދު ކުރީ ޒައިންއެވެ. މާލޭގެ ހަތަރު މިސްކިތެއްގައި ޒުވާން ޚަތީބުން އިމާމުވެ ހުކުރު ނަމާދު ކުރިއެވެ. ނަމަވެސް މިއީ ވަރަށް ޚާއްސަ ހުކުރު ނަމާދެކެވެ. އަދި ޒުވާން ޚަތީބުންގެ ތެރެއިން ވެސް ޒައިން ވަކިން ޚާއްސައެވެ.

ޒައިން އަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އޯޓިޒަމަށް ޒައިން ޑައިގްނޯސްވީ އުމުރުން ގާތްގަނޑަކަށް ދެއަހަރާ ބައިގައި ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުގެ ތެރެއިންނެވެ. އެހިސާބުން ލަސްތަކެއް ނުކޮށް ޒައިންގެ ފަރުވާގެ ކަންކަން އޭނާގެ މައިންބަފައިން ފަށައިގަތެއެވެ.

ބައްޔަށް ފަރުވާ ހޯދަން ފެށުން

ޒައިންގެ ބައްޕަ އަލީ ރިޒާ އިސްލާއީލް ސިފަކުރާ ގޮތުގައި ޒައިންއަކީ އަބަދު ވެސް ވަރަށް މަޑުން ހުންނަ ކުއްޖެކެވެ. އޭނާގެ ފަރުވާގެ ކަންކަން އިންޑިއާގައި ފަށައިގަތީ ޑޮކްޓަރަށް ދައްކާ އޯޓިޒަމް ހުންނަކަން އެނގުމާއެކު ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

އޭރު ޒައިން ހުރީ އޯޓިޒަމްގެ ހަތަރުވަނަ ސްޓޭޖުގައެވެ. ފަރުވާގެ ކަންކަން ފުރަތަމަ ފަށައިގަންއިރު ބޭސް ވެސް ދިނެވެ. ނަމަވެސް، އެ ބޭހުން މާބޮޑު އަސަރެއް ކުރާކަމަކަށް ޒައިންގެ ބެލެވެރިންނަކަށް ގަބޫލެއް ނުކުރެވުނެވުނެވެ.

ޒައިން އިމާމުވެ ހުކުރު ކުރަނީ --

"...އެއްފަހަރަކު އިންޑިއާގެ ޑޮކްޓަރެއް ދިން ބޭހެއް ދީފަ އޭނަ ގޮވައިގެން ބޭރުގައި އުޅެނިކޮށް ކުއްލިއަކަށް ކަކުލު ހުޅުން ވަރު ދޫވެގެން ކުޑަކޮށް ތިރިއަށް އޭނާ ވެއްޓޭގޮތްވީ. އެގޮތަށް ވީދުވަހު ކުޑަކޮށް ކަންބޮޑުވި ދެން އަވަހަށް އައީ ގެއަށް. އެ ހިސާބުން ބޭސް ދިނުން އަނެއްހެން ބުނަންޏާ ހުއްޓާލީ. އޭރު ގާތްގަނޑަކަށް އޭނަ އުމުރުން ފަސް ވަރަކަށް ހަވަރަކަށް އަހަރު ވާނީ،" ރިޒާ ކިޔައިދިނެވެ.

އެ ހިސާބުން އުމުރުން ނުވަވަރަކަށް އަހަރުގައި ފެށީ ބިހޭވިއަލް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމުގެ މަސައްކަތެވެ. އެ ފަރުވާ ހޯދީ ސްރީ ލަންކާއިންނެވެ. ޒައިންގެ ކިޔެވުމާއި މައިންބަފައިންގެ ވަޒީފާގެ ސަބަބުން މާގިނަ ދުވަސްތަކެއް ތެރަޕީއަށް ލަންކާގައި ހޭދައެއް ނުކުރެވެއެވެ. އެހެންކަމުން ޒައިން ގްރޭޑް ހަޔަކާ ހަމައަށް ކޮންމެ އަހަރަކު ބޮޑު ޗުއްޓީގައި ތެރަޕީއަށް ލަންކާއަށް ދިޔައެވެ. އެ ފަރުވާއިން ޒައިންގެ ބަލި ހާލަތު ވަރަށް ބޮޑަށް ވެސް ރަނގަޅުވިއެވެ.

"މިހާރު އެކަމަށް ސީދާ ބޭހަށް ނުދާތާ ތިން ވަރަކަށް ހަތަރު ވަރަކަށް އަހަރު ވެދާނެ،" ޒައިންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް ރިޒާ ކިޔައިދިނެވެ.

ރިޒާގެ އާއިލާ ހުޅުމާލެ ބަދަލުވެ، ޒައިންގެ ފަރުވާ ދެން ކުރިއަށްގެންދަން ފެށީ އޯޓިޒަމް ސެންޓަރުންނެވެ.

"ދެން ގްރޭޑް ނުވައެއް ދިހައެއްގައި ކިޔަވަން ފެށި ހިސާބުން ތެރަޕީއަކަށް ވެސް ނުއެއް ގެންދަން. މި ކުރިހަ މަސައްކަތުން ލިބުނު ނަތީޖާގެ އަލީގައާ މީސްމީހުން ކައިރީ އަހައިގެންނާ، ތަޖުއްދީން ސްކޫލުގައި ކިޔަވަމުން ދަނީ، އެ ސްކޫލުގެ ޓީޗަރުންގެ ފަރާތުން ލިބޭ އެހީގެ އަލީގަ ގޭގަ ހުރިހާ ކަމެއް ކުރަން ފެށީ،" ރިޒާ ބުންޏެވެ.

ތައުލީމީ ގޮތުން ކުރިމަތިވި ގޮންޖެހުންތައް

"ޒައިންނަށް އޭރު ވާއެއްޗަކީ ސްކޫލުގައި ކިޔަވަން އިދެފައި އިރުއިރުކޮޅުން ތެދުވެގެން ދަނީ. ގޮއްސަ ކުޅޭ އެއްސެހި ނަގައިގެން ކުޅެލާ އެގޮތަށް އަމިއްލަ އުޅުމެއް އުޅެނީ،" ގްރޭޑް ދޭއްގައި ޒައިންގެ ހާލަތް ހުރިގޮތް ބަޔާންކޮށްދީ ރިޒާ ކިޔައިދިނެވެ.

ޒައިން އިމާމުވެ ހުކުރު ކުރަނީ --

ތެރަޕީގެ އެހީގައި ޒައިންގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ގްރޭޑް ހަޔަކާ ހަމައިން އެހެން ކުދިންނެކޭ އެއް ފެންވަރަށް ޒައިން ވެސް ދިޔައީ ކިޔެވުމުގައި ފައި ހަރުކުރަމުންނެވެ. ނަމަވެސް، ހުޅުމާލެއަށް ބަދަލުވެ ސްކޫލު ބަދަލުވުމުން އަނެއްކާ ވެސް ޒައިންގެ ކިޔެވުން ބަދަލުވީއެވެ. އެހެންކަމުން އޭނާގެ މައިންބަފައިން ނިންމީ ޒައިން އަލުން ތާޖުއްދީން ސްލޫލަށް ބަދަލު ކުރުމަށެވެ.

"ކިޔުމުގައި އެއްވެސް މައްސަލައެއް ނޫޅޭނެ. ހިސާބު، އިނގިރޭސި، އަރަބި އަދި ދިވެހި މިއިން އެއްވެސް އެއްޗެއް ކިޔުމުގަ އެއްވެސް މައްސަލައެއް ނޫޅޭނެ. ޚާއްސަކޮށް ދިވެއްސާ އަރަބި ވަރަށް މޮޅުވާނެ،"

މިސްކިތްތަކާއި ދީނަށް ލޯބި ޖެހުން

ޒައިންގެ ބެލެނިވެރިން ބުނާގޮތުގައި އޭނާ ހަނދާން ހުންނަން ފެށީއްސުރެ މިސްކިތްތަކަށް ޝައުގުވެރިކަން ހުރެއެވެ.

"ތިން އަހަރު ހަތަރު އަހަރުގައި އިންޑިއާގައި އުޅުނު އިރު ވެސް މިސްކިތެއް ފެނިއްޖެއްޔާ ދައްކާނެ. ބޮލުގަ ތާކިހާ އަޅައިގެން ހުދު ޖުއްބާ ލައިގެން އުޅޭ މީހެއް ވެއްޖެއްޔާ ދައްކާނެ. ޓީވީން ގުރުއާން ކިޔަވާ ބަންގި ގޮވަންޏާ ބަލަން އިންނާނެ. މަދަހަ އަންނަންޏާ ބަލަން އިންނާނެ،" ނަމަވެސް މިއީ ދަރިފުޅުގެ ހިތުގައި އުފެދުނު ޝައުގުވެރިކަމެއްގެ ފެށުން ކަމެއް އޭރު ޒައިންގެ ބެލެވެރިންނަކަށް ނޭންގެއެވެ.

ބޮޑުވަމުން އައިއިރު ވެސް ޒައިންގެ އެ ޝައުގުވެރިކަން ކުޑައެއް ނުވިއެވެ. މިސްކިތްތަކަށް ކިޔާ ނަންތައް ދަސްކޮށް ނަމާދު ކުރުމާ، އަމިއްލައަށް މިސްކިތަށްދާން ޒައިން އިސްނަގައިގެން ބުނެއެވެ.

"މިހާރު ވެސް ސައިކަލު ދުއްވަން ދިޔަސް ކޮންމެ މިސްކިތެއް ފެނުނަސް އެ މިސްކިތެއްގެ ނަން ކިޔާފަ ބުނާނެ. މިސްކިތް ފެނިއްޖެއްޔާ ދައްކާނެ. އެހެންތަނެއް ފެނިގެން ނުދައްކާނެ،"

ކޮންމެ ހުކުރުދުވަހެއްގައި ހުކުރު ނަމާދަށްފަހު އިމާމުވެ ނަމާދު ކުރުމުގެ ޝައުގުވެރިކަން ޒައިން ފާޅުކުރެއެވެ. ކޮންމެ އީދު ނަމަދަކާ ތަރާވީހެއްގައި ވެސް އަންނަ އަހަރު އެ ނަމާދުގައި އިމާމު ނަމާދުކުރަން ބޭނުންވާކަމަށް ޒައިން ބުނެއެވެ.

ޒައިން އިމާމުވެ ހުކުރު ކުރަނީ --

"ވިސްނުން ހުރީ ގްރޭޑް 10 ނިމުނީމަ އިމާމު ކޯހެއްގައި ބައިވެރި ކުރަން. ހުއްޓަ މި ސަރުކާރު އައިސް މި ސަރުކާރުން ނެގި މައުލޫއެއްތާ ޒުވާން ޚަތީބުން މީ. އެ ކަމުގައި އެ މީހުން އިއުލާނު ކުރީމަ ވިސްނީ އެކަން ކުރަން،" ޒައިންގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ރިޒާ ކިޔައިދިނެވެ.

ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުން ޒުވާން ޚަތީބަކަށް

ޕްރޮގްރާމުގައި ބައިވެރިވެ ޓެސްޓަށް ދިއުމުން ޒައިންއާމެދު މިނިސްޓްރީން ވަރަށް ހިތްހަމަ ޖެހުނެވެ. އެ ހިސާބުން ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ޒައިންއަށް ހުޅުވާލިއެވެ.

"އޭރު ވެސް ހަމަ ތެދެއް މިބުނީ ޒައިން ޓެސްޓުން ފާސްވިއޭ ބުނީމަ ވެސް ގަބޫލެއް ނުކުރެވުން އޭނައަށް ހުކުރު ކުރެވިދާނެއެކޭ އަދި އެ ފާސް ދޭނެއެކޭ،" ރިޒާގެ ހިތަށް މިފަދަ ޚިޔާލުތައް އެރީ އޭނާ އެކަން ބޭނުން ނުވާތީކީ ނޫނެވެ. ދަރިފުޅަށް ވާހަކަ ދެއްކުމުގައި ހުންނަ އުނދަގޫތައް ކޮންމެ ދުވަހަކު ފެންނަ އެކަކަށް އޭނާ ވުމުންނެވެ.

ދެން ފެށުނީ ހަތަރު ދުވަހުގެ ވޯކްޝޮޕެވެ. މި ވޯކްޝޮޕުގައި ޒައިންއާއެކު އޭނާގެ ބައްޕަ ބައިވެރިވިއެވެ. އެއީ އޭނާއަށް ކަންކަން ނަގައިގަތުމަށް އެހީތެރިވުމަށެވެ. ނަމަވެސް، ޕްރޮގްރާމް ނިންމިއިރު ވެސް އެހާ އަވަހަށް ޚަތީބަކަށް ވުމަށް ހުއްދަ ދޭނެކަމަށް ރިޒާ ހިތަކަށް ނާރައެވެ.

ސެޓްފިކެޓް ދިނުމަށް ފަހު އެންމެ އަވަހަށް އޮތް ހުކުރު ދުވަހު ހަތަރު ކުއްޖަކު ޚަތީބު ކަމަށް އަރުވަން މިނިސްޓްރީން ނިންމިއެވެ. އޭގެ ތެރެއިން އެއް ކުއްޖަކަށް ވީ ޒައިންއެވެ.

މި ހިސާބަކުން އަދި ނުނިމޭ، ޒައިންގެ ހުވަފެންތައް މާ ބޮޑު

މި އިންޓަވިއުގައި ޒައިންއާ ވާހަކަ ދައްކާލުމުގެ ފުރުސަތު ވެސް ލިބުނެވެ. އެ ފުރުސަތުގައި ދޭހަވީ އޭނާ ދެކޭ ހުވަފެންތައް މި ހިސާބުން އަދި ނުނިމޭ ކަމެވެ. އޭނާ އަދިވެސް ހުރީ ހުކުރު ދުވަހު އިމާމުވެ ނަމާދުކުރުމަށް ލިބުނު ފުރުސަތުގެ އުފަލުގައި ފޮޅިފައެވެ. އެންމެ ފުރަތަމަ ވެސް ސުވާލު ކުރީ ޒައިން ޚުތުބާކީ ވީޑިއޯއާ ގުޅިގެންނެވެ.

އޭނާ ބުނި ގޮތުގައި މިއީ ވަރަށް ބޮޑު އުފަލެކެވެ. އަދި ޒައިންއާއެކު އިމާމު ވޯކްޝޮޕްގައި ބައިވެރިވި ކުދިން އިމާމުވެ ހުކުރު ކުރިތަން ފެނުމުން ވެސް ވަކިން އުފާވިއެވެ.

ޒައިންގެ އެންމެ ބޮޑު ހުވަފެނަކީ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރުމެވެ.

މައިންބަފައިންނަށް ލިބުނު ބޮޑު ނިޢުމަތެއް

ޒައިންގެ ބައްޕަ ރިޒާއަކީ ވެސް އިމާމުވެ ނަމާދު ކުރަން ބޭނުންވި މީހެކެވެ. ނަމަވެސް، ކުރެވުނު ގިނަ ކަންތައްތަކުގެ ތެރެއިން ވެސް މިއީ އޭނާއަށް ނުކުރެވި އޮތް ކަމެކެވެ.

"އަޅުގަނޑު ކުރަން ބޭނުންވި ކަންތަކުގެ ތެރެއިން ނުކުރެވި އޮތް ކަމަކީ އެއީ. އެ ދުވަހު އަޅުގަނޑަށް އިހުސާސް ވީ އަޅުގަނޑަށް ކުރެވުނު ފަދައޭ. އަޅުގަނޑަށް އެކަން ނުކުރެވުނަސް ދަރިއަކަށް އަދި ޚާއްސަކޮށް ޒައިންއަށް އެކަން ކުރެވުނީމަ އަޅުގަނޑު ދެން ބޭނުމެއް ވެސް ނޫން އެކަން ކުރާކަން. އަޅުގަނޑަށް އެކަން ކުރެވުނީ އެ،" ދުވަހަކު ވެސް އެފަދަ އުފަލެއް އެ ދެމަފިރިން އަދި ތަޖުރިބާ ނުކުރެއެވެ.

މި ކާމިޔާބީގެ ފަހަތުގައި ވާ އެންމެ ބޮޑު ހަގީހަތަކީ ޒައިންގެ މަންމަ، ސާނިޔާ އިބްރާހީމްގެ މަސައްކަތާއި ހިތްވަރުކަމަށް ރިޒާ ބުންޏެވެ. ހުރިހާ ވަގުތެއް ޒައިން މަންމަ ގާތު ހޭދަކުރާ އިރު، އެ ދެމަފިރިން ވެސް ގަބޫލު ކުރަނި ޒައިންއަކީ ދެމަފިރިންނަސް ލިބުނު ނިއުމަތެއް ކަމަށެވެ.

އެ ދެމަފިރިން ދެކޭ ހުވަފެނަކީ ވެސް ޒައިން އުއްމީދު ކުރާ ފަދައިން އިސްލާމީ މަރުކަޒުގެ މިންބަރުން ޒައިން ފެނުމެވެ.

comment ކޮމެންޓް