11:30
ކޮންމެ ނިއުމަތަކީ ވެސް އޭގެ މުގާބިލުގައި މަސްއޫލިއްޔަތެއް އޮންނަ ކަމެއް ކަމަށާއި އެއްވެސް ނިއުމަތަކީ އޭގެ ބޭރުން ހިތުހުރި ގޮތަކަށް ކަންކަން ކުރަން އޮތްކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރޯދަ މަހުގެ ރޭތައް އިހުޔާކުރުމަށް، މައުމޫނު ފައުންޑޭޝަންގެ ފަރާތުން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ދީނީ ތަގުރީރު ކުރައްވަމުން، އެ ފައުންޑޭޝަންގެ ވެސް ރައީސް، މައުމޫނު ވިދާޅުވީ ދުލަކީ ނުވަތަ ވާހަކަ ދެއްކުމުގެ ގާބިލިއްޔަތަކީ އިންސާނުންނަށް ދެއްވާފައިވާ ވަރަށްބޮޑު ނިއުމަތެއްކަމަށެވެ. އަދި އިންސާނުންނާއި އެހެނިހެން ދިރޭ އެއްޗިއްސާ ހުރި ތަފާތަކީ ވާހަކަ ދެއްކުމާއި ވިސްނާ ފިކުރުކޮށް، ހިޔާލު ފާޅުކުރުންކަމަށެވެ. ނަމަވެސް ކޮންމެ ނިއުމަތަކީ އޭގެ މުގާބިލުގައި މަސްއޫލިއްޔަތެއް އޮންނަ ކަމެއް ކަމަށާއި އެއްވެސް ނިއުމަތަކީ އޭގެ ބޭރުން ހިތުހުރި ގޮތަކަށް ކަން ކުރަން އޮތްކަމެއްނޫން ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ. އަދި ދުލުގެ ނިއުމަތް ދެއްވީމާ، އެ ނިއުމަތް ބޭނުންކުރަން ވާނީ ޒިންމާދާރު ގޮތެއްގައި އޭގެ ވާޖިބުތައް އަދާކުރެވޭ ގޮތެއްގައި ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ. އަދި އިސްލާމް ދީނުގައި ކޮންމެ ކަމެއް ބޭނުން ކުރުމަށް ވަކި ހުދޫދެއް، ވަކި ދާއިރާއެއް ކަނޑައަޅައިދީފައިވާ ކަމަށާއި މިނިވަން ކަމަކީ އޭގެ ޒާތުގައި އެއްވެސް ހައްދެއްނެތް އެއްޗެއްނޫން ކަމަށާއި ކޮންމެ މީހެއްގެ ވެސް މިނިވަންކަން ނިމެނީ އަނެކާގެ މިނިވަންކަން ފެށޭ ހިސާބުން ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.
ރޯދަ މަހުގެ މާތްކަމުގެ މައްޗަށް ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ އެ މަހަކީ އަހަރު ތެރޭގައި އަންނަ އެންމެ މާތް މައްސަރުކަމަށެވެ. އަދި އެ މަހުގެ ތެރޭގައި އަޅުގަނޑުމެން އަދާކުރަން ޖެހޭ ޝަރުއީ، ދީނީ ކަންތައްތަކެއް ވާކަމަށް ވިދާޅުވެ އެކަންތައްތަކުގެ މައްޗަށް އަލިއަޅުވައިލެއްވި އެވެ. އަދި ރޯދަ މަހުގެ ރޫހާނީ ބަޔަށް ބަލާއިރު އެ މަހަކީ އަޅުގަނޑުމެންގެ ހިތްތަކަށާއި ނަފުސުތަކަށް އާ ދިރުމެއް ގެނެސްދޭ މަހެއްކަމަށް ވިދާޅުވި އެވެ. އަދި މިއީ ވިސްނުމާއި ފިކުރާއި އަޅާލުމާއި ގުޅުންތަކާއި އަހްލާގާއި ސުލޫކް މުރާޖާއާކޮށް ކިރައި ވަޒަންކޮށް އޭގެ ތެރެއިން އިސްލާހުކުރަން ޖެހޭ ކަންތައްތައް އިސްލާހުކުރަން ލިބޭ ފުރުސަތެއް ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.
އިމާމު ޝާފިއީގެ ފާނު އުއްމަތަށް ދެއްވާފައިވާ ނަސޭހަތްތަކަށް ބައްލަވައިލައްވަމުން ރައީސް މައުމޫނު ވިދާޅުވީ، އަނެކުންގެ އުނދަގޫތަކުންނާއި ދުއްތުރާތަކުން ދުރުހެލިވެ ދިރިއުޅުން ކުރިއަށް ގެންގޮސް، ނަސީބު ރަނގަޅުވެ، އަބުރު ރައްކާތެރިކުރުމަށް ބޭނުން ނަމަ އެއްވެސް މީހެއްގެ އައިބުގެ ވާހަކަ ދުލުން ނުބުނުމަށް ނަސޭހަތްތެރިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ކޮންމެ އިންސާނަކީ ވެސް އައިބުތަކުން ފުރިފައިވާ މީހެއްކަމަށާއި އަނެކާގެ އައިބު ފެނުނު ނަމަވެސް އައިބުތައް ރައްކާތެރިކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ތިބާގެ ހައްގަކަށް އަރަގެންފި މީހަކަށް މައާފު ކުރުމަށާއި ރީތި ގޮތުގައި ޖަދަލުކޮށް ބަހުސް ކުރުމަށް ކީރިތި ގުރުއާނުގައި އަންގަވާފައިވާކަމަށް ވެސް ކީރިތި ގުރުއާނުން ދަލީލު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވި އެވެ.