ހަނގުރާމަ ހުއްޓައިލުމަށް އަނެއްކާވެސް ހުށަހެޅުމެއް

އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިކޮށްލައިފައިވާ އިމާރާތެއްގެ ކައިރީގައި އަންހެނަކު އިށީދެގެން. ފޮޓޯ/އަލްޖަޒީރާ

އިސްރާއީލުގައި ތިބި ފަލަސްތީނުގެ ގައިދީން މިނިވަންކޮށް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައިތިވި އިސްރާއީލުގެ ރަހީނުން ދޫކޮށްލުން ހިމެނޭހެން ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް ހަމާސްއިން ހުށަހަޅައިފިއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުން އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިތިބި ފަލަސްތީނުގެ 700 ނުވަތަ 1000 މީހުން ދޫކޮށްދިނުމަށް ހަމާސް ވަނީ އެ ހުށަހެޅުމުގައި އެދިފައެވެ. ބަދަލުގައި ހަމާސްގެ ބެލުމުގެ ދަށުގައިތިބި އިސްރާއީލުގެ ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ދޫކޮށްލާނެ ކަމަށް ހަމާސްއިން ބުނެއެވެ.

ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ ހަމާސްއިން ހުށަހެޅި އާ ހުށަހެޅުމަކީ އަދިވެސް ހަގީގަތާ ޚިލާފު ޑިމާންޑްތަކެއްގެ މައްޗަށް ބިނާވެފައިވާ ހުށަހެޅުމެއް ކަމަށެވެ.

ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލާއި ހަމާސްއާ ދެމެދު އޮތް ޚިޔާލު ތަފާތުވުންތައް ހަނިކުރުމަށް މެދުވެރިއެއްގެ ގޮތުން މިސްރާއި ގަތަރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެމެރިކާއިން ވެސް އަންނަނީ ހަނގުރާމަ ހުއްޓައިލުމަށް ދެފަރާތާއެކު މަޝްވަރާތައް ކުރަމުންނެވެ.

މިސްރުން މަސައްކަތް ކުރަމުންދަނީ ޣައްޒާގައި ހަނގުރާމަ ހުއްޓުވައި، އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކޮށް، އިސްރާއީލުން ހިސާރުކޮށްފައިއޮތް ޣައްޒާގެ ދެކުނާއި މެދުތެރޭގައި ތިބި ފަލަސްތީނުގެ މީހުން އުތުރަށް ބަދަލުވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށެވެ.

ހަނގުރާމައަށް ފަސް މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އިސްރާއީލުން މިހާރު އަންނަނީ ޣައްޒާގެ ރަފަހް ސިޓީއަށް އެއްގަމުން އަރައިގަންނަން ތައްޔާރުވަމުންނެވެ. ރަފަހް އަކީ ޣައްޒާގެ މިލިއަނެއްހާ މީހުން މިހާރު ދިރިއުޅެމުން އަންނަ ޣައްޒާއާއި މިސްރު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ސިޓީއެކެވެ.

ހަމާސްއިން ބުނީ ފާއިތުވި ހަފުތާތަކުގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވަނީ ދާއިމީކޮށް ހަނގުރާމަ ހުއްޓައިލުމަށް ހަމާސް ހުށަހަޅާ ހުށަހެޅުންތަކަށް ނަތަންޔާހޫ ދެކޮޅު ހެދުމުން ކަމަށެވެ. ހަމާސްއިން މީގެކުރިން ހުށަހަޅައިފައިވާ ހުށަހެޅުންތަކުގެ ތެރޭގައި ދާއިމީކޮށް ހަނގުރާމަ ހުއްޓައިލުމާއި، ޣައްޒާއިން އިސްރާއީލް ސިފައިން ފޭބުން އަދި ޣައްޒާގެ ދެކުނުގައިތިބި ގެދޮރު ގެއްލިފައިވާ އާންމުން އުތުރަށާއި މެދުތެރެއަށް ދިއުމުގެ ހުއްދަ ދިނުމަށާއި، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އެއްވެސް ޝަރުތަކާނުލައި ފޯރުކޮށްދިނުން ހިމެނެއެވެ.

ހަމާސް ނައްތަލައިނުލެވެނީސް ހަނގުރާމަ ހުއްޓައިނުލާނެ ކަމަށްބުނެ، ހަމާސްއިން އެންމެ ފަހުން މިދިޔަ ފެބުރުއަރީ މަހު ހުށަހެޅި ހުށަހެޅުމަށްވެސް އިސްރާއީލުން ވަނީ ދެކޮޅު ހަދައިފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 31،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އިސްރާއީލާއި ހަމާސްއާ ދެމެދު އޮތް ހަމަނުޖެހުމުގެ އަސަރު މިހާރު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. އެގޮތުން ފަލަސްތީނަށް އިސްރާއީލުން ހަމަލާދޭތީ، ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ އިން އަންނަނީ އިސްރާއީލާ ހަމަލާތައް ބަދަލުކުރަމުންނެވެ. ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ރަތްކަނޑު ހުރަސްކޮށް އިސްރާއީލަށް ދަތުރުކުރާ އާގުބޯޓުތަކަށް ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީން ވެސް އަންނަނީ ހަމަލާތައް ދެމުންނެވެ. އޭގެއިތުރުން އީރާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކުން އަންނަނީ، އީރާނުގައިތިބި އެމެރިކާ ސިފައިން އިސްރާއީލަށް ވާގިވެރިކަމަށްބުނެ، ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ގާތްގަނޑަކަށް 576،000 މީހުން ބަނޑުހައިހޫނުކަމުގެ ތެރޭގައި ތިބި ކަމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ދިނުމަށް އިސްރާއީލަށް ޕްރެޝަރު އިތުރުކުރަމުން އަންނަ ކަމަށް އދ.އިން ބުނެއެވެ.

comment ކޮމެންޓް