ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކާސްޓުންނާ އެކު އުފައްދައިފައިވާ ޝޯ "ޔާރާ"ގެ ކާމިޔާބު ދެ ސީޒަނަށް ފަހު ތިންވަނަ ސީޒަން ވެސް ފަށައިފިއެވެ.
ބައިސްކޯފުން ގެނެސްދޭ މި ރޮމޭންޓިކް ކޮމެޑީ ސީރީޒް "ޔާރާ"ގެ ދެވަނަ ސީޒަން ދައްކާ ނިންމާލާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އެއަށްފަހު ޝޯގެ އާ ސީޒަނެއްގެ ވާހަކަ ދައްކަން ފަށާފައިވަނީ ދާދި ފަހުންނެވެ. ޝޯގެ ތަފާތު ޓީޒާ މަންޒަރުތައް ދަައްކަން ފަށާފައިވާއިރު އެންމެފަހުން އާ ސީޒަންގެ ޓްރެއިލާ ވެސް ވަނީ އާންމުކޮށްފައެވެ.
ޝޯގެ ޓްރެއިލާއިން ޝޯގެ އޮރިޖިނަލް ކާސްޓުންގެ އިތުރުން އާ ކާސްޓުން ވެސް ފެނިގެންދާނެކަން އެނގެއެވެ. އަދި, ލޯބީގެ އެތައް ޑްރާމާތަކެއް މި ޝޯއިން ފެންނާނެ ކަމުގެ ޔަގީންކަން ޓްރެއިލަރުން ވެސް ފެނެއެވެ.
ޝޯގެ އާ ސީޒަން ރޭގައި ފަށާފައިވާއިރު ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ މި ޝޯގެ އާ އެޕިސޯޑު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓްކޮށް ލީޑުން ފެނިގެންދާ މި ޝޯގެ ފުރަތަމަ ސީޒަން ދައްކަން ފަށާފައިވަނީ 2022 ވަނަ އަހަރުގައެވެ. އަދި އެއަށް ފަހު ދެވަނަ ސީޒަން ދައްކަން ފެށީ މިދިޔަ އަހަރު ފަހުކޮޅުގައެވެ.
މި ޝޯގެ ދެ ސީޒަނުގައި ގާތްގަނޑަކަށް 90 އެއްހާ ތަރީން ވަނީ ހަރަކާތްތެރިވެފައެވެ. އާ ސީޒަންއާ އެކު އެ އަދަދު އިތުރުވާނެއެވެ.
"ޔާރާ" ފިލްމުގެ މަސައްކަތުގެ ފަހަތުގައި އޮތީ ބައިސްކޯފުން މީގެ ކުރިން ގެނެސްދިން ވެބް ސީރީޒް "އެހެނަސް"ގެ ޓީމެވެ. "އެހެނަސް" ލިޔުނު އަހްމަދު އިގްބާލް (އައިކިއު) ލިޔާ މި ސީރީޒް ޑައިރެކްޓުކުރަނީ އޭނާއާ އެކު ރިޝްމީއާއި ރަވީއެ ފަރޫގެވެ.
ޔާރާ ޝޯގެ މެއިން ކާސްޓުންގެ ގޮތުގައި ވެސް 26 ފަންނާނުން މަސައްކަތް ކޮށްފައިވެއެވެ.