ޓޮމް ހާޑީ ލީޑް ރޯލް ކުޅޭ ކާމިޔާބު "ވެނަމް" ފްރެންޗައިޒްގެ ތިންވަނަ ބައި ރިލީޒްކުރުން އަވަސް ކޮށްފިއެވެ.
ވެނަމްގެ ދެ ފިލްމުގެ ކާމިޔާބީއަށް ފަހު ތިންވަނަ ބައެއް އިއުލާނުކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ. އަލަށް ނެރޭ ފިލްމު ޑައިރެކްޓް ކުރާނީ ސްކްރީން ރައިޓާ ކެލީ މާސެލްއެވެ. ކެލީ ވަނީ 2018 ގައި ނެރުނު "ވެނަމް" އަދި 2021 ގައި ނެރުނު "ވެނަމް 2: ލެޓް ދެއާ ބީ ކާނޭޖް"ގެ ސްރީން ޕްލޭ ލިޔެ، ޓޮމް ހާޑީއާ އެކު މި ދެ ފިލްމް ޕްރޮޑިއުސްކޮށްފައެވެ. "ވެނަމް 3"ގެ ސްކްރީންޕްލޭ ބިނާކުރާނީ ކެލީ އަދި ޓޮމްގެ ވާހަކައެއްގެ މައްޗަށެވެ.
މިއީ ކެލީ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.
ވެނަމްގެ ދެ ބައިގެ ކާމިޔާބީއާ އެކު އޮރިޖިނަލް ޕްރޮޑަކްޝަން ކުންފުނިން ފިލްމު އިއުލާނު ކޮށްފައިވަނީ ފުރަތަމަ މި އަހަރުގެ ކުރީ ކޮޅުގައި ރިލީޒް ކުރުމަށެވެ. އެއަށްފަހު ނޮވެމްބަރު މަހުގެ ތެރޭގައި ފިލްމު ރިލީޒް ކުރުމަށް ލަސްކުރިއެވެ.
އަނެއްކާ ވެސް ފިލްމު ރިލީޒް ކުރުމުގެ ތާރީހަށް މި އޮތީ ބަދަލެއް އައިސްފައެވެ. މި ފަހަރު ފިލްމު ރިލީޒްކުރުން މި އޮތީ އަވަސްވެފައެވެ. ފިލްްމުގެ ޕްރޮޑަކްޝަން ކުންފުނި ސޮނީން ހާމަކޮށްފައިވާ ގޮތުގައި ފިލްމު މިހާރު ޕްރިމިއާ ކުރާނީ އޮކްޓޯބަރު މަހުގެ 25 ގައެވެ.
މި ފިލްމުގެ ޕްލޮޓާ ގުޅުވައިގެން މާ ގިނަ ވާހަކަތަކެއް ދައްކާފައިނުވާއިރު އާ ފިލްމާ އެކު މާވެލް ސިނެމޭޓިކް ޔުނިވާސްގެ ބޮޑު ބަޔަކަށް ފްރެންޗައިޒް ވަންނާނެއެވެ.
"ވެނަމް"ގެ ފުރަތަމަ ދެ ފިލްމް ވަނީ ބޮކްސް އޮފީހުގައި ޖުމްލަކޮށް 1.36 ބިލިއަން ޑޮލަރު ހޯދާފައެވެ.
"ވެނަމް" އަކީ މާވެލް ކޮމިކްސް ކެރެކްޓާއެއް އަދި ސްޕައިޑާމޭންގެ އެންޓަގޮނިސްޓެކެވެ. އަދި ސްޕައިޑާމޭން ފަދައިން މި ކެރެކްޓާއަކީ ސޮނީ އަދި ޑިޒްނީ-މާވެލް ޔުނިވާސްގެ ޝޭއާޑް ކެރެކްޓާއެކެވެ. މިގޮތުން "ވެނަމް 2: ލެޓް ދެއާ ބީ ކާނޭޖް"ގެ ކްރެޑިޓްސްއަށް ފަހު އަންނަ ސީންގައި ވެނަމް ޑިޒްނީ-މާވެލް ޔުނިވާސްއަށް ދެއެވެ. އަދި "ސްޕައިޑާމޭން: ނޯވޭ ހޯމް"ގެ ކްރެޑިޓްސްއަށް ފަހު އަންނަ ސީންގައި ވެނަމް ސޮނީ ޔުނިވާސްއަށް ދެއެވެ. އެއާއެކު އާ ފިލްމުގައި ބޮޑު ކްރޮސްއޯވާއެއް ފެންނާނެ ކަމަށް ލަފާ ކުރެވެއެވެ.