"އަހަންނާ ރާދިންއާ ދެމެދަށް ވަންނަން އޭނައަކަށް ފުރުސަތެއް ނުދޭނަން. މީގެ ކުރިން އޭނަ އަހަރެންގެ ކުރިމައްޗަށް އަރާ މަލާމަތްކުރިއިރު އަހަންނަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނު. އެކަމަކު، މިއަދު މީ އަހަރެން އޭނާއަށް ޖަވާބުދާރީވާން ޖެހޭ ފަހަރު. މިފަހަރު ސަޖާއާ ކުރިމަތިލާނީ ރާދިންއެއް ނޫން. އަހަރެން." މައާލްގެ އަޑުގައި އާ ޖޯޝެއް ވިއެވެ.

މައާލްގެ އަޑުގައި ވި އަސަރުތަކުން ރާދިންގެ ހިތަށް ހަމަޖެހުމެއް ލިބުނު ނަމަވެސް، މައާލްގެ އެ ޖެހިލުންކުޑަކަމަކީ އޭނާއަށް އާ ސިފައަކަށް ވުމުން ރާދިން ހުރީ ހައިރާންވެފައެވެ. ރާދިން ޖެހިލުންވަނީ ސަޖާ ބުނާ އެއްޗަކުން މައާލްގެ ދެރަވެދާނެތީއެވެ. ހިތުގައި ޖެހިދާނެތީއެވެ. އެއީ މިހާރު އޭނާ އެންމެ ބޭނުންނުވާ ކަންތަކެކެވެ. އެތައް ދުވަހަކަށްފަހު، މައާލްއަށް ލިބުނު ހަމަޖެހުން ގެއްލިގެންދާކަށް އޭނާ ބޭނުމެއް ނޫނެވެ.

"އަހަރެން ބުނިން ދޯ…" ފޯނު ނެގުމާއެކު މައާލްގެ ކަންފަތުގައި އެންމެ ފުރަތަމަވެސް ޖެހުނީ ސަޖާގެ އަޑެވެ. އެހެންނަމަވެސް، ސަޖާއާ ކުރިމަތިލާން ތައްޔާރަށް ހުރި މައާލް، ވާހަކަ ދެއްކުމުގެ ފުރުސަތު ސަޖާއަކަށް ނުދިނެވެ.

"އަހަރެންގެ ފިރިމީހާއަށް ސަޖާ ގުޅަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ! އަހަރެމެން ދެމީހުންގެ ދިރިއުޅުމުން ދުރަށްދޭ." މައާލް ހުރީ ނުރުހިފައެވެ. އެއަޑު އެހެންޏާ ހުންނަވަރަށް ވުރެ ބާރުވެފައިވީ ވެސް އެހެންވެގެންނެވެ. އޭނާއާ ރާދިންއާ ދެމެދަށް ސަޖާ ވަންނާކަށް ދެން ފުރުސަތެއް ނުދެވޭނެއެވެ. ސަޖާގެ މަކަރުވެރިކަމާއި ހީލަތްތެރިކަމުގެ ދަލުގައި ޖެހި ރާދިންއާ އޭނާގެ ޙަޔާތުން އެތައް ދުވަހެއް ގެއްލިއްޖެއެވެ.

"މައާލްތަ؟ ރާދިން ކަލެއާ ދޭތެރޭ ކަންތައް ކުރި ގޮތް އެހާ އަވަހަށް ހަނދާންނައްތާލީތަ؟ ކަލެއަށް ރަނގަޅަށް އެނގޭނެ، އަހަރެންގެ ބަނޑުގައިވާ ދަރިއަކީ ރާދިންގެ…" މި ފަހަރުވެސް ސަޖާއަށް އޭނާގެ ޖުމްލަ ފުރިހަމަކުރާކަށް ފުރުސަތެއް މައާލް ނުދިނެވެ.

"ތި ދުލުން ތި ފަދަ ބޮޑު ދޮގު ހަދަން ހެޔޮނުވާނެ! ދުލެއް ދެއްވާފަ ތި އޮތީ ދޮގުހަދާ އެހެން މީހުންގެ ދިރިއުޅުން ހަލާކުކުރާކަށްނޫން. ކަލޭގެ ބަނޑުގައި ތިވަނީ ރާދިންގެ ދަރިއެއް ނޫން. އުހުމް. ކަލޭގެ ބަނޑުގައި ދަރިއަކު ނެތް." މައާލް ގެ ޖުމްލައާއެކު، ސަޖާއަށް ހުއްޓުމެއްއައެއެވެ. ބުނާނެ އެއްޗެއް ނޭނގި އޭނާއަށް ހުރެވުނެވެ.

'އަދި ބުނަން. ރާދިން އަހަންނާ ދޭތެރޭ ކަންތައްކުރި ގޮތް އަހަރެންގެ ހަނދާނުން ދުވަހަކުވެސް ނުފިލާނެ. އަހަރެންގެ ނުކުޅެދޭ ޙާލަތުގައި ރާދިން އަހަރެން ބަލައިގަތް. އަހަރެންގެ އުފާތަކަށް އިސްކަން ދިން. އަހަންނަށްޓަކާ ރާދިންގެ އުޅުން ބަދަލުކުރި. އަދި އެންމެ މުހިންމު ކަމަކަށް އަހަންނަށްޓަކާ ކަލެއާ ގުޅުން ކަނޑާލި." މައާލްގެ ފަހު ޖުމްލަ އޭނާ އަމާޒުކޮށްލީ ހުޝިއާރުކަމާއެކުގައެވެ. އެ ޖުމްލަ އަޑު އިވި ސަޖާ މައާލްއާ ދިމާލަށް ހުތުރު އެއްޗެއް ބުނެލިއެވެ.

"އިތުރަށް ރާދިންގެ ފޯނަށް ގުޅައިގެން ނުވާނެ!" އިންޒާރުގެ ބުނުމަކުން އެހެން ބުނެލާފައި މައާލް ފޯނުބޭއްވީ ސަޖާއާ ގިނަ ވާހަކަތަކެއް ދެއްކުމުގެ ޝައުގުވެރިކަން އޭނާގެ ނެތީތީއެވެ. މައާލް ރާދިންއަށް ބަލާލިއެވެ. މައާލްގެ އެ ސިފަ އަލަށް ފެނުނު ރާދިންހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"ދެން ނުކެރޭނެ އޭނާއަކަށް ގުޅާކަށް. ގުޅައިފިއްޔާ އަހަރެންގެ އަތަށް ދީ…" މައާލް އެހެން ބުނެލި ގޮތުން ރާދިންގެ ގާތަށް ހިނި އަންނަ ގޮތްވިއެވެ.

"ތީ އަހަންނަށް އަދި ނުފެންނަ ސިފައެއް." ރާދިން އެހެން ބުނެލުމާއެކު މައާލް ހިނިތުންވެލިއެވެ.

"ވަގުތާ ޙާލަތާ ކޮންމެ މީހަކުވެސް ބަދަލުކުރުވާ…" މައާލް މާނަފުން ޖުމްލައެއް ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ ރާދިން، މައާލް ގެނެސް އޭނާގެ އަތުގެ ތެރެއަށް ލިއެވެ. އެއަށްފަހު މައާލްގެ އިސްތަށިގަނޑުގައި ބޮސް ދިނެވެ.

"ސަޖާ އެ ފޮޓޯތައް… އެ ލީކު ކޮށްލައިފިއްޔާ ދެން، ކިހިނެއް ހަދާނީ؟" އެ ހުރިގޮތަށް ހުރެ ރާދިންއަށް ބުނެވުނެވެ.

"އޭނައަކަށް ނުކެރޭނެ." މައާލް އެހެން ބުނެލި ނަމަވެސް، ރާދިން އެހެން ބުނުމުން އެ ކަމާމެދު އޭނާއަށް ވެސް ވިސްނެން ފެށިއެވެ. ސަޖާގެ ގޮތެއް ނެތްކަން އޭނާއަށް އެނގޭއިރު، އެފަދަ ކަމެއް ކުރަން ފަސް ނުޖެހޭނެކަން މައާލްއަށް އެނގެއެވެ.

"ދެން މިވަގުތު އެކަމާ ނުވިސްނާ." މައާލް އެހެން ބުނެލާފައި ރާދިންއާ ދުރުވެލިއެވެ.

"ފެންވަރާލައިގެން ނިދާލާން ޖައްސާލާނީ." ރާދިން އެހެން ބުނެލުމުން މައާލް، ފޮށި ހުޅުވާ ރާދިން ލާނެ އެއްޗެހި ނެގިއެވެ.

އަރާމުކޮށްލުމަށްފަހު، ދެމީހުންވެސް ކޮޓަރިން ނުކުމެލީ އަސުރު ނަމާދުވެސް ކޮށްލައިގެންނެވެ. ނުކުތްއިރު، މުނީރާ ޒުހުރީއާ ދެމީހުން ސޯފާގައި ވާހަކައިގައި ތިއްބެވެ. ވަކިން ހުރި ސޯފާ ގޮނޑީގައި ސޯފިޔާވެސް އިނެވެ.

"އެ އަންނަނީނު ދެ ކުދިން." ޒުހުރީއަށް މައާލްމެން ފެނުމާއެކު ބުނެވުނެވެ.

"މިއަދު ރަށުތެރެ ބަލާލާފަ މާދަމާ މިތާ ކައިރި އޮންނަ ފަޅުރަށަށް ދަތުރު ދާ ވާހަކަ މިކިޔަނީ." ސޯފިޔާގެ ޚިޔާލު އެންމެ ކަމުދިޔައީ މައާލްއަށެވެެ. އޭނާ އެކަމުން އުފާވީވަރު އެ މޫނުމަތިން ފެނުނު އަސަރުތަކުންނާ އެ ތުންފަތް މައްޗަށް ވެރިވި ފުޅާ ހިނިތުންވުމުން އެކަނިވެސް ދޭހަވަމުން ދިޔައެވެ.

"ބިރެއް ނުގަނޭތަ؟ މީހުން ކިޔާ ފަޅުރަށަށް ފުރޭތައާ ހަންޑި ކަހަލަ އެއްޗެހި އަރާ ވާހަކަ." ރާދިން ސަމާސާ ރާގަކަށް އެހެން ބުނެލާފައި މައާލްއަށް ބަލާލިއެވެ.

"ބިރުގަންނުވަނީ ދޯ…" މައާލް ބުނެލިއެވެ.

"ނޫނޭ. ހަމައަސްލުވެސް. ބައްޕަ ކައިރީގަ އަހާބަލަ! ކުރީ ޒަމާނުގެ ވަރަށް ބައިވަރު އެކަހަލަ ވާހަކަތައް ކުރީގަ ބައްޕަ ކިޔައިދޭނެ." ރާދިން ހުރީ ސަކަރާތްޖަހާ މޫޑެއްގައެވެ.

"ހުސް ފްލޯކް ވާހަކަތައް އެއީ. އަހަރެން ރާއްޖޭގަ ނޫޅުނަސް ރާއްޖެއާ ބެހޭ ވާހަކަތައް އެނގެޔޭ. ރާއްޖޭގަ އެންމެ ހިތްގައިމު އެއް ތަނަކަށް ވާނެ ފަޅު ރަށްތައް. މީހުން ނުދަންޏާ އެތަންތަން ހުންނާނީ ގުދުރަތީ ގޮތުން ލިބިފައިވާ ސިފަތަކާއެކު… ޔޫ ނޯ…" މައާލްވެސް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.

"ދެން ގަބޫލުނުކުރަންޏާ ހުރޭ. އެކަމަކު ފުރޭތަ އަރާކަމަށްވަނީ…" ރާދިންއަށް މަޖާވިއެވެ. އެފަދަ ވާހަކަތަކެއްގައި ތިބެފައި ޒުހުރީއާއެކު، މުނީރު ދިޔުމުން ސޯފިޔާވެސް ދިޔައީ ބަދިގެ ފަރާތަށެވެ.

"އެކަހަަލަ އެއްޗެއް އަރައިފިއްޔާ ރާދިން އަހަރެން ސަލާމަތް ކުރާނަމެއްނު." ކުރިން ދެއްކި ވާހަކައާ ގުޅުވާލާފައި މައާލް އެހެން ބުނުމުން ރާދިންގެ ގާތަށް ހިނި އަންނަ ގޮތްވިއެވެ.

"ޔަޤީން… މައާލްއަށްޓަކާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަން." ޔަޤީންކަމާއެކު ރާދިން އެހެން ބުނެލުމުން މައާލްއަށް ހިނިތުންވެވުނީ ވެވުނު އުފަލަކުންނެވެ. ރާދިންގެ އެފަދަ ކޮންމެ ޖުމްލައެއްގައި ތެދުވެރިކަމާއި ޔަޤީންކަން ވެއެވެ. އޭނާއަށްޓަކާ ރާދިންގެ ދެލޮލުން ލޯބި ނޫން އެއްޗެއް މައާލްއަކަށް ނުފެނެއެވެ. އެމީހުން އެފަދަ ވާހަކަތަކެއްގައި ތިއްބާ ސޯފިޔާ ނުކުތެވެ.

"ކޮބާ ޝާން؟" މައާލް ސުވާލުކޮށްލިއެވެ.

"މިދިމާ އަތިރިމަތީގައި އޮންނަ ފުޓު ބޯޅަ ދަނޑަށް ކުޅެން ގޮސްވީ. ވަރަށް ފޯރު ހުންނަ ކުޅިވަރެއް އެއީ. ދެ ދުވަހުން އެއްދުވަހު އުޅޭނެތަނަކަށް ތަދުކޮށްލައިގެން ވެސް." ސޯފިޔާ ޝާންގެ ވާހަކަތައް ކިޔައިދިނެވެ.

"ބޭރަށް ވެސް ނުދަނީތަ؟" ސޯފިޔާ ސުވާލުކޮށްލިއެވެ.

"ނޫން، ދާންވެގެން މިއުޅެނީ" މައާލް ބުނެލިއެވެ.

ރާދިންއާ މައާލްއާ ދެމީހުން ބޭރަށް ނުކުމެލިއެވެ. ހިނގަމުން ހިނގަމުން އެ މީހުން ސޯފިޔާ އެބުނާ ބޯޅަ ދަނޑާ ހިސާބަށްވެސް ދިޔައެވެ. ކުދިން ކުޅެން އުޅުނު މަންޒަރު ބަލަން ތިބެފައި ދެން އެމީހުން ގޮސް އިށީނީ ބަނދަރާ ދިމާލުގައި ހުރި ހިޔާ ދޭ ގަހެއްގައި އެލުވާފައި ހުރި އުނދޯލިތަކުން އުނދޯއްޔެއްގައެވެ. ޖެހެމުން ދިޔަ ތާޒާ ވައިރޯޅިން އަރާމުވި މައާލް ދެލޯ މަރާލިއެވެ. އެ ހިތްގައިމުކަމާއި މަޑުމައިތިރިކަމުގެ އުފާ އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރަން އޭނާ ބޭނުންވިއެވެ. ކާރޫ ބާރޫ ބޮޑު ތަނަކުން އެފަދަ ހިތްފަސޭހަ މާހައުލަކަށް އާދެވުމުން އޭނާއަށް ބުނެދޭން ނޭނގޭ އަރާމެއް ލިބެމުން ދިޔައެވެ. މައާލްއަށް ބަލަން އިން ރާދިންގެ ތުންފަތްމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. އޭނާ ފޯނު ނަގާ މައާލްގެ ފޮޓޯއެއް ފޯނުގައި ރައްކާކޮށްލިއެވެ.

"މިރަށުގައި ދިރިއުޅެން ވީ ކަންނޭނގެ ދޯ. ހާދަ އަރާމޭ. އަޑެއް ބަޑެއް ވެސް ނީވޭ." މައާލްއަށް އެންމެ ކަމުދިޔަ ކަމަކީ އެއީއެވެ. ދުއްވާއެއްޗެހި މަދުވެފައި އަޑުމަޑުވީމައެވެ. އަދި ފަސޭހަކަމާއެކު ހިނގާލާފައި އުޅެވޭތީއެވެ. އެތަނުގައި އިރުކޮޅަކު ތިބެފައި، ދެން އެމީހުން އަނެއްކާވެސް ރަށުތެރެއަށް މިސްރާބުޖެހިއެވެ. ރަށުގެ މީހުންގެ ތޫނު ނަޒަރުތައް އެ ދެ ޒުވާނުންނަށް ވެސް އަމާޒުވަމުން ދިޔަ ނަމަވެސް، އެކަމަށް މާ ބޮޑު ސަމާލުކަމެއް އެމީހުން ނުދެއެވެ. ބީރައްޓެހިންނަށްވުމުން އެކަން އެގޮތަށް ވާނެކަން ދެމީހުންނަށް ވެސް އެނގޭފަދައެވެ.

ރަށުގެ ދުވަސްވީ މީހަކު އެ މައާލްމެންނަށް ގޮވާލާފައި އެއީ މަޝާރާގެ ދަރިފުޅު ދޯ އޭ ބުނުމުން މައާލްއަށް ހީނލަމުން އާއެކޭ ބުންޏެވެ. އިރުއޮއްސި ބަންގި ގޮވިފަހުން މައާލް ގެއަށް ދިޔައިރު، ރާދިން ގޮސް ވަނީ ގެއާ ކައިރި މިސްކިތަށެވެ. އެރޭ އެމީހުން ގޭގެ ގޯތިތެރޭގައި ބާބިކިއު ހެދިއެވެ. އެ މަސައްކަތް ނިންމާލާފައި ނިދަން ވަދެވުނުއިރު، މެންދަމު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ވެފައި ހުރި ވަރުބައްޔާއެކު މައާލްއާ ރާދިންއަށް ވެސް ނިދޭކަށް ގިނަ އިރެއް ނުނެގިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހަތްގަޑި ބައިގައި، އެމީހުން ފުރީ އެރަށުން ދިހަވަރަކަށް މިނެޓުން ދެވޭ ފަޅުރަށަކަށެވެ. ބިއްލޫރި ކޮޅެއްފަދަ ސާފު މޫދުގެ ލޮނުގަނޑު ކަފަމުން ގޮސް ޑިންގީ މަޑުކޮށްލީ އެ ރަށަށް ދަތުރު ދާ މީހުން ފައިބަން ފަސޭހަވާނެހެންު ހަދާފައިވާ ކުޑަކުޑަ ފާލަމެއް ކައިރިއަށެވެ. ގެނައި ހުރިހާ ސާމާނެއް ބޭލީ ފިރިހެން ވެރިންނެވެ.

ހެނދުނުގެ ސަޔަށްފަހު ތަފާތު އެކި ކުޅިވަރުތައް ކުޅުމުގައި އެންމެން މަސްއޫލުވިއެވެ. އެ ދަތުރާ މެދު މައާލް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ކައްކާފައި ހުރި ތެލިތަކާ އެއްޗެހި ދޮވެ، ފުރަންވެގެން ފާލަމާ ދިމާލަށް ހިނގައިގަތްއިރު، ހަވީރު ފަހެއްޖަހާ ބޮޑުވެއްޖެއެވެ. ރާދިންއާއެކު ގޮނޑުދޮށުން ހިނގަމުން ދިޔަ މައާލް، ރާދިންއަށް ބަލާލިއެވެ.

"ރީތި ދޯ. އެހެން ތަނަކުން ދުވަހަކުވެސް މިހާ ހުދު ދޮންވެލި ގަނޑެއް އަހަންނެއް ނުދެކެން." މައާލް ބުނެލިއެވެ.

"މާލްގެ ޑްރީމްވެސް ފުރިހަމަވީ ދޯ…" ރާދިން އެހެން ބުނެލާފައި މައާލްގެ އަތުގައި މަޑުމަޑުން ހިފައްޓާލިއެވެ. ރާދިންގެ އަތަށް ބަލާލަމުން މައާލް ހީނލިއެވެ.

***

ވެފައި ހުރި ވަރުބައްޔާއެކު އިޝާނަމާދު ފަހުން ކައިގެން ލަސްނުކޮށް އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ވަނީ އަރާމުކޮށްލާށެވެ. ރާދިންއާ މައާލްއާ ދެމީހުންވެސް ކުޑައިރުކޮޅަކު ބޭރު ޖޯލީގައި ތިބެލާފައި ނިދާލުމުގެ ގަސްތުގައި ގޮސް ކޮޓަރިއަށް ވަނެވެ. އެއްޗެހި ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯވެލިތަނާ ރާދިންގެ ފޯނަށް އަނޫފް ގުޅިއެވެ.

"ހަލޯ…" ރާދިން އެހެން ބުނެލުމާއެކު، އެކޮޅުން އަނޫފް ބުނެލި އެއްޗަކުން ރާދިންއަށް ހައިރާންކަން ލިބުނެވެ.

"މަސްތުވާތަކެއްޗާ އެކީގައޭ؟" ރާދިންއަށް އެހެން ބުނެވުމާއެކު، މައާލް ރާދިންއަށް ބަލާލިއެވެ. ރާދިންވެސް މައާލްއަށް ބަލާލުމަށްފަހު، އަނެއްކާވެސް އަނޫފްއާ ވާހަކަ ދެއްކިއެވެ.

"ކޮންްއިރަކު؟" އޭނާއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ.

"މިއަދު ހަވީރު އެއީ… މުޅި އެފްބީގަވެސް އެބަ އޮތް. ޚަބަރުގަވެސް އޮތް. ނުފެނޭ ދޯ…" އަނޫފް ބުނެލިއެވެ.

"އާނ. އަހަރެމެން މިއަދު ދަތުރު ގޮސްފަ މިއައީ. އެހެންވީމަ އެފްބީ ބަލާނުލެވޭ…" ރާދިން އިރުކޮޅަކު އަނޫފްއާ ވާހަކަ ދައްކާލާފައި ފޯނު ބޭއްވުމާއެކު، މައާލް އެކަމާ ބެހޭގޮތުން ސުވާލުކޮށްލިއެވެ.

"ސަޖާ ހައްޔަރުކުރިއްޔޯ. ހަށިވިއްކާ ތަނަކުން ކަމަށްވަނީ. އެވެސް މަސްތުވާތަކެއްޗާ އެކީ. " މައާލްގެ ސުވާލަށް ޖަވާބު ދިނުމާއެކު، ރާދިން ޚަބަރު ބަލާލަން އަވަސްވެގަތެވެ. ޚަބަރުގައި ސަޖާގެ ނަމާއި ވަނަވަރު ވަނީ ސިއްރުކޮށްފައި ނަމަވެސް، ފޭސްބުކުގެ އެކި އެކި ޕޭޖުތަކުގައި ސަޖާގެ ފޮޓޯތަކާ އެކީ ޕޯސްޓްތައް ޖަހާފައި ހުއްޓެވެ. ރާދިންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެފަދަ ވިޔާނުދާ އަންހެނެއްގެ ކިބައިން އޭނާއަށް ސަލާމަތްކަން ލިބުނީތީ ރާދިން، ﷲއަށް، ހަމްދުކުރިއެވެ.

"އެއީ އެހާ ވިޔާނުދާ އަންހެނެއްތަ؟" ސަޖާއަކީ ގޮތެއް ފޮތެއް ނެތް އަންހެނެއްކަން މައާލްއަށް އެނގުނު ނަމަވެސް، އެއީ އެހާ ދަށު ދަރަޖައިގެ ވިޔާނުދާ އަންހެނެއްކަން އޭނާއަކަށް އެނގިފައެއް ނުވެއެވެ.

"ރާދިން…" މައާލް ރާދިންގެ އަތުގައި ހިފައްޓާލުމާއެކު، ރާދިން ފޯނު ސައިޑްކަބަޑުމަތީގައި ބޭއްވިއެވެ. އެއަށްފަހު އޭނާ، މައާލްއަށް ލޯބިން ފުރިގެންވީ ގޮތަކަށް ބަލާލިއެވެ. މައާލް އޭނާއާ ވާހަކައެއް ދައްކަން އުޅޭހެން ހީވެ ރާދިން، އެ ފުރުސަތު މައާލްއަށް ދެމުން ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. މައާލް ރާދިންގެ އެއްއަތް މަތީގައި އޮށޯވެލުމާއެކު، އޭނާގެ ވާހަކަ ފެށިއެވެ.

"ދެން އެންމެ އަވަހަށް ބޭނުންވަނީ ކިޔެވުމުގެ ބާކީ ބައި ފުރިހަމަކުރުމަށް ލަންޑަނަށް ދާން." މައާލްގެ އެ ޖުމްލައާއެކު، ރާދިންގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ.

"އަހަރެންވެސް މައާލްއާ އެކު ދާނަން." ރާދިން ބުނެލިއެވެ.

"އަހަރެން މި ވިސްނަނީ ކުންފުންޏާ މެދު. ރާދިން ނެތީމަ އެމީހުންނަށް އުނދަގޫވާނެއެއްނު." މައާލް ވިސްނާލިއެވެ.

"ކުރިން ޝާކިރު އަންކަލް އެކޮޅުގައި ހުރިއިރުވެސް ކުންފުންޏަކަށް ދައްޗެއް ނުވެއެއްނު. އޭރު ޝާކިރު އަންކަލް ހަދާގޮތަށް ހަމަ ކަމެއް ޖެހުނީމަ އަހަންނަށް އާދެވޭނެއެއްނު. މާލް ކިޔަވާ ނިމިގެން އެކޮޅުގަތަ އުޅެން ބޭނުންވަނީ؟" ރާދިން ސުވާލުކޮށްލިއެވެ.

"ނޫން. އަހަރެން ބޭނުންވަނީ ރާއްޖޭގައި އުޅެން." މައާލް އެ ސުވާލަށް ޖަވާބު ދިންއިރު އޭނާގެ އަޑުގައި ވަނީ ޔަޤީންކަމެވެ.

"ކޮން އިރަކުން އެކޮޅަށް ދާން ތި ވިސްނަނީ؟" ރާދިން އިތުރު ސުވާލެއް މައާލްއާ ކޮށްލިއެވެ.

"އަހަރެން ފުރިހަމަ ކުރަން ޖެހޭނީ ޑިގްރީގެ އެންމެ ފަހު އަހަރު އެކަނި. މީގެ ދެމަސްފަހުން، ފަށާ ސެމެސްޓާގައި، ޑިގްރީގެ ފަހު އަހަރަށް ޖޮއިން ކުރާ ކުދިންނާއެކު ކިޔަވަން ފަށަން މި ގަސްތުކުރަނީ. އޭރަށް ވާއިރަށް އޮފީހުގެ ކަންތައްތައް ހަމައަކަށް އަޅުވާލާ މިކޮޅުގައި ކުރަން ޖެހޭ ކަންތައްވެސް ނިންމާލެވޭނެއެއްނު." މައާލްގެ ޙިޔާލު ރާދިންއަށް ކަމުދިޔައެވެ.

އޭގެ ތިން ދުވަސްފަހުން، ރާދިންމެން އެ ރަށުގައި ތިއްބާ ފުލުހުންގެ އިދާރާއިން ރާދިންއަށް ފޯނެއް އައެވެ. ސަޖާގެ ފޯނުގައި ހުރި ފޮޓޯތަކެއްގެ ސަބަބުން އެމީހުން ރާދިންއާ ބައްދަލުކޮށް ބަޔާން ނަގަން ޖެހޭކަމުގައި ފުލުހުން ބުންޏެވެ. އެވާހަކަ ރާދިން މުނީރާ ހިއްސާކުރުމުން މުނީރަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

"ވީ އެންމެ އަވަހަކަށް ފުރާކައްނު މިޖެހުނީ…" މުނީރާއެކު މައާލްއާ ރާދިން ތިބީ ބޭރު ޖޯލީގައެވެ. ރޭގަނޑުގެ ވަގުތެއްކަމުން ތަނުގައިވަނީ ހިމޭންކަމާއި އަނދިރިކަމެވެ. މުނީރު މައާލްއަށް ބަލާލުމާއެކު މައާލް ވާހަކަ ދެއްކިއެވެ.

"އެކޮޅަށް ގޮސް އަވަހަކަށް މިކަންތައްވެސް ނިންމާލަން އަޅުގަނޑަށް ފެންނަނީ." މައާލް ބުނެލިއެވެ. އޭނާ ރާދިންއަށް ހިތްވަރު ދިނެވެ. ހުރިހާ ވާހަކައެއް ތެދަށް ފުލުހުންނަށް ކިޔައިދޭން މައާލް ރާދިންގެ ކިބައިން އެދުނެވެ. އެގޮތާ ރާދިން ވެސް އެއްބަސްވީ އެއީ އެންމެ ރަނގަޅު ގޮތްކަން އޭނާއަށް އެނގޭތީ އާވެސް އެކުގައެވެ.

އެވާހަކަ ޒުހުރީއާ ދައްކާނެ ގޮތެއް އެކަކަށްވެސް ނޭގުނެވެ. އެހާ އަވަސް އަރުވާލާފައި ދާ ނަމަ ޒުހުރީގެ ސުވާލުތައް އެމީހުންނާ ކުރިމަތިވާނެކަން އެނގެއެވެ. މައާލް އެ ވާހަކަތައް ޒުހުރީއާ ހިއްސާކުރާކަށް ބޭނުމެއް ނޫނެވެ. މާޒީގައި ރާދިންއަށް ކުރެވުނު ކުށުގެ ވާހަކަ ތަކުރާރުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެފަދަ ވިސްނުންތަކެއްގައި ތިއްބާ ކަންދިމާކުރި ގޮތުން ޖެހިގެން އައި ދުވަހު އޮފީސް ކަމެއްގައި މާހިލް ރާދިންއަށް ގުޅިއެވެ. ބޭރުގެ ކުންފުންޏަކާއެކު އޭގެ ދެ ދުވަސްފަހުން އޮންނަ ބައްދަލުވުމަކަށް ކޮންމެހެންވެސް ރާދިން ދާން ޖެހޭކަމުގައި މާހިލް ތަކުރާރުކޮށް ބުންޏެވެ. އެ ބަހަނާގައި ރާދިންއާއި މައާލްގެ އިތުރުން މުނީރުވެސް ޖެހިގެން އައި ދުވަހު ފުރީ މާލެއަށެވެ. ފުރުމުގެ ކުދިން އަަދިވެސް އެރަށް އަންނާނެކަމުގެ ޔަޤީންކަން މުނީރު ދިނެވެ. އަދި ކޮންމެ ވަގުތަކު ޒުހުރީއާ ޒުހުރީގެ އާއިލާ މާލެއަޔަސް މައާލްގެ ގޭގައި ހުރެވޭނެކަމުގައި މައާލްވެސް ބުންޏެވެ.

މާލެ އައިގޮތަށް ތިން މީހުން ދިޔައީ ފުލުހުންގެ އިދާރާއަށެވެ. ރާދިން، ހުރިހާ ވާހަކައެއް ފުުލުހުންނަށް ކިޔައިދީ ބަޔާންދިނެވެ. ފުލުހުން ބުނީ އެ ފޮޓޯތައް ސަޖާ ނޫން މީހެއް އަތުގައި ނެތްކަމުގައެވެ. އަދި އެ "ލީކު"ވުމުގެ ބިރުވެރިކަމެއް ނެތްކަމުގައެވެ. މައްސަލަ އިތުރަށް ބަލާ ސަޖާ ކުށްވެރިވާނަމަ ފިޔަވަޅު އަޅާނެކަމުގައިވެސް އެމީހުން ބުންޏެވެ.

އެއަށްފަހު އެމީހުން ގެއަށް ދާން ނައްޓާލިއެވެ. މުނީރު "މޫން ވެލީ" އަށް ދިޔައިރު، މައާލްމެން ދިޔައީ "ޕެލެސް ވެލީ" އަށެވެ. ގެއަށް ގޮސް، ކޮޓަރިއަށް ވަދެފައި މައާލް ރާދިންއާ ކުރިމަތިލިއެވެ.

"ބައްޕަ އެކަނި އެގޮތަށް އުޅެން ވީމަ ވަރަށް އެކަނި ވެރިވާނެ ދޯ. އެހެންވީމަ ބައްޕަ އެކަނިކޮށްލާކަށް އަހަންނަކަށް ނުފެނޭ…" މައާލްގެ އެ ވާހަކައަށް ރާދިންވެސް ތާއީދުކުރިއެވެ.

"ބައްޕަ މިގެއަށް އަންނާނެތަ؟" މައާލް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ނޫން. ބައްޕަ އެގެ ދޫކޮށްލާފައެއް އިތުރު އެއްވެސް ތަނަކަށް ނުދާނެ! ބައްޕައާއި މަންމަގެ ހުރިހާ ހަނދާންތަކެއް ގުޅިފައިވަނީ އެގެއާ…" ރާދިންއަށް ޔަޤީންވާތީ ބުނެލިއެވެ. މުނީރު ޝަމްލާއާ ގުޅުން ހުރި ކޮންމެ އެއްޗަކަށް ލޯބިކުރާ މިންވަރު ރާދިންއަށް އެނގެއެވެ. ގޭގައި ހައްދާފައިވާ ގަސްތަކަށް ވެސް މުނީރު އެހާ ލޯބިކުރަނީ ޝަމްލާގެ ސަބަބުންނެވެ. އޭހާ ލޯބިން އެ ގަސްތަކަށް ބަލާ ފެންދީ ހަދަނީ އެ މަސައްކަތުން ޝަމްލާ ހަނދާންވާތީއެވެ.

"އެހެންވީމަ އަހަރެމެން ހިނގާ އެގެއަށް ދާން." މައާލް ބުންޏެވެ.

"އޭރުން މިގެ؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ.

"މިގެ ކުއްޔަށްވެސް ދެވިދާނެއެއްނު. އެއްގޮތަކަށްވެސް ބައްޕަ އެކަނިކޮށްލާކަށް އަހަންނަކަށް ނުފެނޭ. ރާދިންއަށް ވެސް އެނގޭނެ! ދެން ބައްޕަވެސް ކުރިއަށް އޮތް ތަނުގައި ދާނީ މުސްކުޅިވަމުން. އެހެންމީހެއްގެ އެހީތެރިކަމަށް ބޭނުންވާނެ. ބައްޕަ އެކަނިކޮށްލާކަށް އަހަރެންގެ ހިތެއް ނޭދޭ… ރާދިންގެ މަންމަ ނިޔާވުމަށްފަހު ބައްޕަ އެހެން މީހަކާ ކައިވެނި ނުކުރީ ރާދިންމެންނާ މެދު ވިސްނާލާފަ. އޭރުއްސުރެ ބައްޕަ އެ އުޅެނީ އެކަނި. ނުބުންޏެއްކަަމަކު ދިރިއުޅުން އެކުގައި ހޭދަކުރާނެ ބައިވެރިއެއް ނެތުމުގެ ފަޅުކަން ބައްޕައަށް ވެސް އިޙްސާސްވާނެ. ކުރީގައި އެގޭގައި ބައްޕައާއެކު ރާދިއުއާ ރާދިންއާ އުޅޭތީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ. އެކަަމަކު މިހާރު ރާދިއުއެއްވެސް ނެތް. ރާދިން ވެސް ތިގޮތަށް ބައްޕައާ ދުރުގައި އުޅުނީމަ ބައްޕަ ވަރަށް އެކަނިވާނެ." މައާލްއަށް ވިސްނެނީ މުނީރާ މެދުގައެވެ. މައާލްގެ ކޮންމެ ޖުމްލައެއްވެސް ރާދިންއަށް ފުން އަސަރުތަކެއް ކުރުވަމުން ދިޔައެވެ. ފުރަތަމަ ފަހަރަށް މުނީރާ މެދު ވަރަށް ފުންކޮށް ވިސްނާލަން ރާދިންއަށް މަޖުބޫރުވިއެވެ.

"އަހަރެމެން ބައްޕަގެއަށް ދާނީ ދޯ." ރާދިން އެހެން ބުނުމާއެކު، މައާލް ބޯ ޖަހާލާފައި ރާދިންގެ ގައިގައި ބައްދާލިއެވެ.

****

ހަލުވިކަމާއެކު ދުވަސްތައް ފާއިތުވަމުން ގޮސް ދެމަސްވެއްޖެއެވެ. މައާލް ފުރާ ދުވަސް ކައިރިވަމުން ދިޔަ ވަރަަކަށް އޮފީހުގެ ކަންތައްތައް ހަމައަކަށް އެޅުވުމުގައި ރާދިން އުޅެން ޖެހުނީ ބަރަށް ބުރަކޮށެވެ. އެއީވެސް އެފަދަ ރެއެކެވެ. މާހިލްއާއެކު މީޓިންތަކުގައި އުޅުނު ރާދިން ނިމޭ ވަރުވީ އަށެއްވެސް ޖަހާ ބޮޑުވީފަހުންނެވެ. އޮފީހުން ނުކުންނަން ދަމުން ޒާހިރުއާ ބެހޭގޮތުން ރާދިން ސުވާލުކޮށްލިއެވެ.

"ބައްޕަ ރަނގަޅުތަ؟"

"އާނނ… މިދޭތެރެއަކުން އިންޑިއާއަށް ދިޔަ ވާހަކަ އަހަރެން ބުނީމެއްނު. އައިފަހުން އިރާދުކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅު." މާހިލް ބުނެލިއެވެ. ވާހަކައިގެ ތިބެ ދެމީހުންވެސް ދިޔައީ ޕާކިންގ އޭރިޔާއަށެވެ. މާހިލް ކާރަށް އެރުމާއެކު ރާދިންވެސް އޭނާގެ ސައިކަލަށް އަރާ ސްޓާރޓްކޮށްލިއެވެ. އެވަގުތު ނަސީފް ގެ ފޯނު ކޯލެއް އޭނާއަށް ލިބުނެވެ.

"އަނުއްޕެ ބުނި ކަލޭ ފުރަން އުޅޭ ވާހަކަ. އާދެބަލަ ކޮފީއަކަށް." ނަސީފް އެހެން ބުނުމުން، ރާދިންވެސް ދެކޮޅު ނުހަދާ ދާންވީތަން އޮޅުން ފިލުވާލިއެވެ. ނަސީފްމެން އެބުނާ ކޮފީ ޝޮޕައަށް ގޮސް ވަތްއިރު، އެތަނުގައި އަނޫފްގެ އިތުރުން އެހެން އެކުވެރިންވެސް ތިއްބެވެ.

"ކަލޭ ހާދަ ބިޒީ އޭ ދޯ." ރާދިންގެ އަތުގައި އޮތް ކޯޓަށް ނަޒަރު ހުއްޓާލަމުން ލީވާން ބުންޏެވެ.

"ބިޒީވާނެތާ ދޯ އަންހެނުން ގޮވައިގެން ލަނޑަނަށް ފުރަން އުޅޭއިރު... އޮފީސް ކަންތައް ވެސް ހުންނާނެތާ ލައްކަ ބައިވަރު." އަނޫފް ވެސް ބުނެލިއެވެ.

"ކަލޭއަށް އެނގޭތަ މީނަކޮށްގެން އުޅޭ ކަމެއް؟" ގޮނޑިއެއް ދަމާލާފައި އިށީން ރާދިންއަށް ބަލާލަމުން ނަސީފް ބުނެލިއެވެ.

"ކީކުރީ އޭނަ؟" ރާދިން އަނޫފްއަށް ބަލައިލުމާއެކު، ކޮފީތަށި ތުމުގައު ޖަހައިގެން އިން އަނޫފް ކޮށިއަރާގޮތްވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު