ދިރާގުގެ ރަމަޟާން އެއިޑްއިން 100 އާއިލާއަކަށް އެހީވެއްޖެ

"ރަަމަޟާން އެއިޑް' ކެމްޕެއިން-- ސަން ފޮޓޯ

ދިރާގާއި މަމްސް އެއިޑް ޖަމިއްޔާ ގުޅިގެން 'ރަަމަޟާން އެއިޑް' ކެމްޕެއިންގެ ދަށުން، މި އަހަރުގެ ރަމަޟާން މަހު އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަމްސް އެއިޑްގެ ބެލުމުގެ ދަށުގައި ތިބި 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީ 'ރަމަޟާން އެއިޑް' ކެމްޕެއިނަށް ދިރާގުން ވެދިން އެއްބާރުލުމާއި އެހީތެރިކަމަށް މަމްސް އެއިޑްގެ އެގްޒެކްޓިވް ޑިރެކްޓަރު އަދި ޖެނެރަލް ސެކެޓްރ،ީ ފާތުމަތު ރިޔާސާ ޝުކުރު ދެންނެވިއެވެ.

އެ އެހީތެރިކަމުގެ ސަބަބުން މި ބަރަކާތްތެރި ރަމަޟާންމަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއާ ޕެކޭޖުތައް އެކަނިވެރި މައިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މައިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ފޯރުކޮށް ދެވުނުކަމަށް ފާތުމަތު ރިޔާސާ ވިދާޅުވިއެވެ.

ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ ތިބި އާއިލާތަކަށް ރޯދަމަހު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑްއަށް އެއްބާރުލުން ދިނުމަކީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ކުރަމުންދާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް އެ ޖަމިއްޔާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން،" އޭނާ ވިދާޅުވިއެވެ.

މަމްސް އެއިޑަކީ އަންހެނުން، ޚާއްޞަކޮށް މަންމައިން، ބާރުވެރިކުރުވައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އަދި 'ރަމަޟާން އެއިޑް'އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ވަނީ އާންމުންނަށްވެސް ހުޅުވާލައިފައެވެ.

ދިރާގުން ދަނީ އަންހެނުން ބާރުވެރިކުރުމަށާއި މުޖުތަމައުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކަށް އެއްބާރުލުން ދެމުންނެވެ.

comment ކޮމެންޓް