އަރަބި އަކުރާއި ދެއްޔާ، ނޯރާގެ ހުނަރު، ފަށުވި ކެލިގްރަފީން ހިތްގައިމުކަން

"ދަ ފެބިއުލަސް އާޓް ޝޯ"އަށް ނޯރާ ތައްޔާރު ކުރި ކުރެހުން

ތަފާތު ބައްޓަމުގެ އަރަބި އަކުރުތަކެވެ. "މުގާހަރް" ކަރުދާހަށް ވިރުވާ އަޅާ ދެލިތަކެވެ. މިންތަކުން ހަމަހަމަކޮށް ލިޔެލާފައި ހުންނަ ލިޔުންތަކެވެ. ތަފާތު އެހެން ދުނިޔެއަކަށް މީހާ ގެންގޮސްދޭ ޖާދުލެކެވެ. މިއީ އަރަބި ކެލިގްރަފީ ސިފަކޮށްދެވޭނެ ގޮތެވެ. ބަލާބެލުމަށް ކިތަންމެ ޗާލަސް މިކަމުގެ ހުނަރު ނެތް މީހަކަށް މިއީ ހިލާ ވާނެ ކަމެއް ނޫނެވެ.

މި ހުނަރު ދަސްކޮށް "ޕްރޮފެޝަނަލް" ލެވެލެއްގައި ރާއްޖޭގައި މިކަން ކުރާ މީހަކަށް މިވަގުތު އެންމެ ފާހަގަ ކުރެވޭ އެކަކަކީ ފާތިމަތު ނޫރަތް ރަޝީދު ނުވަތަ ނޯރާ ނަންނިއެވެ. މިއަދު އަރަބި ކެލިގްރަފީގެ ޖާދުލުގައި އެތައް ބަޔަކު ޖައްސުވާ "އިސްޕަޔާ" ކުރާ އިރު، އޭނާ ވެސް މިހިސާބަށް އައީ ދިގު މަގަކުންނެވެ.

އާޓުން ކެލިގްރަފީއަށް، މިކަން ފެށުމާއި ދަސްކުރުން

ނޯރާގެ ބައްޕައަކީ އަތްތެރި މަސައްކަތް ކުރާ މީހެކެވެ. ހުނަރުވެރިއެވެ. އާޓަށް ހިތުގައި ލޯބި އުފެދުނީ އޭނާގެ ބައްޕަގެ ސަބަބުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެންމެ ކުޑައިރު ވެސް ކުރެހުމާ އެފަދަ ހުނަރުތަކަށް ނޯރާގެ ޝައުގުވެރިކަން ހުރެއެވެ. ރީތިކޮށް ކުރަހާ ކުއްޖަކަށް ވުމުން އަތުލިޔުން ވެސް ރީއްޗެވެ. އިނގިރޭސިން ލިޔުންތައް ކޮންމެވެސް ވަރަކަށް ލިޔެ އުޅުނު ނަމަވެސް، އަރަބި ކެލިގްރަފީ އަކީ އޭރު އޭނާ ކޮށްފާނަމޭ ހިތަށް ވެސް އެރި ކަމެއް ނޫނެވެ.

ކަންދިމާކުރި ގޮތުން އަރަބި ކެލިގްރާފް ކުރާ ރައްޓެހިންތަކަކާ ނޯރާއާ މެލޭޝިއާއިން ދިމާވިއެވެ. އޭގެ ތެރޭގައި މިހާރު ދުބާއީގެ ވަރަށް މަޝްހޫރު ކެލިގްރާފަރަކު އުޅެއެވެ.

"އޭނަ ރިކޮމެންޑް ކުރީ ޓީޗަރެއް. ދެން އޭރު ކޯހެއްގައި ބައިވެރިވެގެން ޕްރޮފެޝަނަލީ މިކަން ފެށީ،" އަރަބި ކެލިގްރަފީގެ ތެރެއަށް ވަދެވުނު ގޮތް ހިއްސާކޮށް ނޯރާ ބުންޏެވެ.

އެއީ 2020ވަނަ އަހަރު ކޮވިޑްގެ ކަންތައްގަނޑު ފެށުނު ދުވަސްވަރެވެ. މުޅި ދުނިޔެ ބަންދުވެ ހުއްޓިފައި އޮތް އިރު، ނޯރާ އަވަދިނެތި އުޅުނީ ކެލިގްރަފީ ކްލާސްތައް ނަގާ މިކަން ދަސްކުރުމުގައެވެ. ދާއިރާގައި ފުންނާބު އުސް މީހުންގެ ފަރާތުން ނޯރާ އޮންލައިން ކްލާސްތައް ނެގިއެވެ. ކުލާސްތަކުގެ ގަޑި ދިމާވަނީ ދަންވަރާ ކަމުން ދަންވަރުގެ އަށް ގަޑިއިރު ވަރު އޭނާ ކޮންމެ ދުވަހަކު ހުއްޓާނުލާ މިކަމުގައި އުޅެއެވެ. އޭރު ނެގީ ބަހްރައިންގެ ދެ ކްލާހެކެވެ.

ކެލިގްރަފީގެ ތަފާތު ގިނަ ވައްތަރުތައް ދަސްކުރަމުން ގޮސް މިހާރު ނޯރާ ކިޔަވަނީ މަދީނާގެ ޔުނިވާސިޓީއަކުންނެވެ. ކެލިގްރަފީގެ ވައްތަރު ތަކުގެ ތެރެއިން ތުލުތް، ނޮޓެޑް ކުފިކް، ކުފިކް، ފާރްސީ، ޑިވާނީ ފަދަ ކެލިގްރަފީތައް މިހާރު ނޯރާ ވަނީ ދަސްކޮށްފައެވެ. އޭނާގެ އަމިއްލަ ފޮންޓުތައް ވެސް ނޫރާ ވަނީ އުފައްދާފައެވެ.

"ލޯގޯ ކަހަލަ އެއްޗެހި ހަދާއިރު، ބޭނުން ކުރަނީ އަމިއްލަ ފޮންޓުތައް ގިނައިން. އޭގަ ގިނައިން ހުންނާނީ މޮޑާން ޑިޒައިންތައް،" އަމިއްލަ ހަތަރު ވައްތަރެއްގެ ފޮންޓެއް އުފައްދާފައި ވާކަން ފާހަގަކޮށް ނޯރާ ކިޔައިދިނެވެ.

ގޭތެރެއިން ފެށި މަސައްކަތް އާންމުންނާ ހަމައަށް

އޭނާގެ ކެލިގްރަފީ މަސައްކަތެއް އެންމެ ފުރަތަމަ އާންމުންނަށް ދައްކާލުމަށް ބެހެއްޓީ 2020ވަނަ އަހަރުގެ އަންވެއިލިން ވިޝަން އާޓް މައުރަޒުގައެވެ. އޭގެ ފަހުން މައުރަޒުތަކުގައި ބައިވެރިވެ އެތައް ބައެއްގެ ލޯތައް ނޯރާގެ ކެލިގްރަފީގެ ޗާލުކަމަށް ވަނީ ހުއްޓިފައެެވެ.

މީގެ ތެރެއިން ވެސް އެންމެ ތަފާތު އެއް މަސައްކަތަކީ މިއަހަރު އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އަންހެނުންނަސް ބޭއްވި "ދަ ފެބިއުލަސް އާޓް ޝޯ"އަށް ނޯރާ ތައްޔާރު ކުރި ދެ ކުރެހުމެވެ.

އެއް ކުރެހުމުގައި އޭނާހެ ކުރެހުންތެރިކަން ދައްކުވާ އަންހެން ކުއްޖަކު ކުރަހާފައި ވެއެވެ. އަދި އެ ކުރެހުމުގައި ޗާލު އަރަބި ލިޔުމެއް ވެއެވެ.

"އެއީ އަންހެނުންގެ ދުވަސް ވީމަ ނޯރާއަށް ހާއްސަކޮށްފަ ހެދި ކުރެހުމެއް. އޭގެ ލޯމަތީގައި އިންނަނީ "އިޓް އިޒް ހާ ހާސެލްފް. ޝީ ވޯޒް، ޝީ ވޯންޓެޑް ސޯ، ޝީ ބިކޭމް އެހެން،" އޭގެން ރަމްޒުކޮށްދެނީ އަމިއްލަ މީހެއްގެ ގޮތުން ނަފްސަށް އައި ރަނގަޅު ބަދަލުތައް ކަމަށް ނޯރާ ބުންޏެވެ.

ދެވަނަ މަސައްކަތަކަށް އެ މައުރަޒުގައި ނޯރާ ތައްޔާރުކުރީ އަރަބީގެ ބަނޑުފެޅި ހާ ނުވަތަ ހާއެކެވެ. މިއީ އޭނާ ސްކަލްޕްޓް ކޮސްފައިވާ އަކުރެކެވެ. މި އަކުރުން ރަމްޒު ކޮށްދެނީ އިނގިރޭސިން އަންހެނުންނަށް ބޭނުންކުރާ "ހާ" މި ލަފްޒެވެ.

ރާއްޖޭގައި ކެލިގްރާފަރުން މަދު، ގޮންޖެހުން ބޮޑު

އަރަބި ކެލިގްރާފީގައި ދުވަހަކަށް ވުރެ ދުވަހެއް ހުނަރު އިތުރުކުރަމުން ދިޔަ ނަމަވެސް، ނޯރާއަށް އަރަބިން ވާހަކަ ދައްކާކަށް ނޭންގެއެވެ. އެއީ އޭނާއަށް ކެލިގްރަފީގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

"އެހެންވީމަ ލިޔާއިރު ތަންކޮޅެއް ނުބައިވެފަ އިނަސް އަމިއްލައަކަށް ނުއެއް އެނގޭ. މީހުން ފޮނުވާ އެއްޗެހި ވެސް ހަމަ ނުބައިކޮށް އިނދެދާނެތާ ތަންކޮޅެއް. އެހެންވީމަ މިހާރު ހަދާ ގޮތަކީ އައިޔޫއެމްގެ ޑީންއަކަށް ފޮނުވައިގެން އެ އެއްޗެހި ފްރޫފް ރީޑް ކުރަނީ،" ބަސް ނޭންގުނު ނަމަވެސް އެފަދަ "މިސްޓޭކެއް" ނުހަދަން ނޯރާ މަސައްކަތް ކުރެއެވެ. މި ދާއިރާގައި އިތުރަށް ކުރިއަށް ދިއުމަށް އަރަބި ބަސް ދަސް ކުރުމަކީ ވެސް ނޯރާ ކުރާ އުންމީދެކެވެ.

ރާއްޖޭގައި އަރަބި ކެލިގްރާފަރުން މަދު ވުމުން އެކަމަސް ބޭނުންވާ ސަޕްލައި ރާއްޖެއަކުން ނުލިބެއެވެ. އެކަމަށް ބޭނުންކުރާ ޚާއްސަ ކަރުދާހެއް ކަމަށްވާ "މުގާހަރް"އާއި ދެލި އަދި ގަލަންތައް ވެސް ރާއްޖެއިން ނުލިބެއެވެ. އެހެންކަމުން މި ސާމާނު އޭނާ ގަންނަން ޖެހެނީ ބޭރުންނެވެ.

"އެގްޒިބިޝަންތައް އޮންނައިރު ނޯރާ ވަރަށް ގިނައިން ބަހައްޓަން މިކަމަށް ބޭނުންކުރާ ގަލަން އެއްޗެހި ދައްކާލަން ބަހައްޓާފަ. މިކަމަށް ޝައުގުވެރިކަން ހުންނަ ކުދިން އަހާނެ ކޮންތާކުންތޯ ގަންނަނީއާ ގަންނަން ކިހިނެތްތޯ ހަދަން ޖެހޭނީ،" އެހެން މީހުންނަށް އެހީވެވުމުން ލިބޭ އުފަވެރިކަމުގެ ހިނިތުންވުމާއެކު ނޯރާ ބުންޏެވެ.

ބޮޑެތި ހުވަފެންތަކެއް، ބޭނުންވަނީ ދާއިރާގައި ކުދިން ބިނާކުރަން

ޕްރޮފެޝަނަލްކޮށް ރާއްޖޭގައި ކެލިގްރާފް ކުރާ މީހަކާ ނޯރާއާ އަދި ދިމާއެއް ނުވެއެވެ. ނަމަވެސް ހުންނަ ޝައުގެއްގެ ބޮޑުކަމުން އަމިއްލައަށް ދަސްކޮށް އެކަން ކުރަން މަސައްކަތް ކުރާ ކުދިންނާ އޭނާއާ ދިމާވެފައި އެބަހުއްޓެވެ.

ނޯރާ ބޭނުންވަނީ ރާއްޖޭގައި އަރަބި ކެލިގްރަފީ ދާއިރާއިން ކުދިން ބިނާ ކުރާށެވެ. އެ ހުވަފެނުގައި ކުލަ ޖެއްސުމަށް އޭނާ މި ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގައި ކެލިގްރަފީ ކްލާސްތަކެއް ނަގައިދޭން ފަށާނެއެވެ.

"މިކަމުގަ ވެސް އަސްލު އެންމެ އުނދަގޫވީ ބޭނުންކުރާ ސާމާނު ހޯދަން. އަސްލު އުޅުނީ ރޯދައަށް ފަށަން. އެކަމަކު ވެސް އެ އެއްޗެހި ނުލިބޭތީ ފުރަތަމަ ހަފުތާއަށް ލަސްކުރީ،" މިއީ ކުޑަކުދިންނަށް މިކަން ދަސްކޮށްދިނުމަށް ނޯރާ ގޭތެރެއިން ފަށަން ގަސްތުކޮށްފައިވަ މަސައްކަތެވެ. ނަމަވެސް މިކަން ހަމައެކަނި ގޭތެރޭގައި ކުރާ މަސައްކަތެއްގެ ގޮތުގައި އޮންނާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ނޯރާގެ ހުވަފެންތައް މާބޮޑެވެ. އޭނާ ބޭނުންވަނީ ކެލިގްރަފީ ދަސްކޮށްދޭ އިންސްޓިއުޓެއް ހުޅުވާށެވެ. ގޭތެރެއިން ފަށާ މަސައްކަތަކީ އެކަމަށްޓަކާ އޭނާ އަޅާ ކުދިކުދި ފިޔަވަޅުތަކެވެ.

ކެލިގްރަފީއަކީ އެތައް ވަގުތެއް އެކަމަށް ހޭދަވާ ކަމެކެވެ. ނުހަނު ކެތްތެރިކަން ބޭނުންވާ ކަވި މަސައްކަތެކެވެ. އެތައް ހުނަރަކާ އިލްމެއް ބޭނުންވާ ކަމަކެވެ. މިކަންކަން ނޯރާގެ މަސައްކަތަށް ބަލާލުމުން ވެސް އެނގެއެވެ. މިއީ ކޮންމެކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

comment ކޮމެންޓް