ހުއްދަނެތި ވީޑީއޯއެއް ނެގުމުން ސަލްމާން ރުޅިއަތުވެއްޖެ

ފިލްމީ ތަރި ސަލްމާން ޚާން-- ފޮޓޯ/ ފޭސްބުކް

ބޮލީވުޑްގެ ނުފޫޒުގަދަ ފިލްމީ ތަރިންގެތެރޭ ހިމެނޭ ސަލްމާން ޚާންގެ ވީޑިއޯއެއް ހުއްދަނެތި ރިކޯޑު ކުރުމުން އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރާ މަންޒަރު ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އިންޑިއާގެ މުމްބާއީ އެއާޕޯޓުތެރެއިން ސެކިއުރިޓީންނާ އެކު ހިނގާފައި ދާ މަންޒަރު ފެންނަ މި ވީޑިއޯ ކްލިޕްގައި އެކްޓަރުގެ ވީޑިއޯ ނަގަން މަސައްކަތް ކޮށްފައިވަނީ ސަޕޯޓަރެކެވެ.

ސަލްމާންގެ ސެކިއުރިޓީ ޓީމާ އެކު ހިނގާފައި ދަނިކޮށް އެކްޓަރުގެ ހުއްދަ ނެތި ވީޑިއޯކުރާކަން އެނގުނު ހިސާބުން ސަލްމާން ނުރުހުމާ އެކު ރިކޯޑުކުރުން ހުއްޓާލުމަށް އެ ސަޕޯޓަރު ގާތު ވަނީ އެދިފައެވެ. ސަލްމާންގެ އިތުރުން އޭނާގެ ސެކިއުރިޓީ ޓީމުން ވެސް އެކަން ހުއްޓާލުމަށް ގޮވަމުން ދިޔައިރު މި ވީޑިއޯ ކްލިޕްގައި ސަލްމާން ވެސް ހަމަ އެ މޭރުމުން ފޯނު ނިއްވާލުމަށް ބުނާ އަޑު ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން އިވެއެވެ.

ސަލްމާނަކީ ވަރަށް އަވަހަށް ކަންކަމުގައި ރުޅި އިސްކުރާ އެކްޓަރެއްގެ ގޮތުގައި މީގެ ކުރިން ވެސް ލޭބަލްވެފައިވާ ތަރިއެއްކަމުން ވީޑިއޯކުރި ސަޕޯޓަރު ވަނީ އެ ވަގުތު އެކްޓަރު ގާތު މާފަށް އެދިފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާން ފެށި މި ވީޑިއޯއާ ގުޅިގެން އެކްޓަރަށް ތާއިދުކޮށް ބައެއް ފަރާތްތަކުން ވަނީ ވާހަކަ ދައްކާފައެވެ. ފިލްމީ ތަރިއަކަށް ވިޔަސް ބޭނުން އިރަކު ބޭނުން ތަނަކަށް ދަތުރުކޮށް، އާއްމުންގެ ތެރެއަށް ނުކުމެ އުޅުމުގެ މިނިވަންކަން ކޮންމެ ފިލްމީ ތަރިއަކަށް ވެސް އޮންނަންވާނެ ކަމަށާއި ފިލްމީ ތަރިންގެ އެފަދަ ނިންމުންތަކަށް ސަޕޯޓަރުން އިހުތިރާމު ކުރަން ވާނެކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ފިލްމު "ދަބަންގް"ގެ އެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ދާދިފަހުން ރިލީޒްކުރި ފިލްމު "ޓައިގާ3"އިންނެވެ.

comment ކޮމެންޓް