އިސްރާއީލުން ބަންދު ކޮށްފައި ތިބި ފަލަސްތީނު މީހުންނަށް އަނިޔާކުރި: ރިޕޯޓް

އިސްރާއީލުން ވަނީ ޣައްޒާގެ އުތުރުން ގިނަ އަދަދެއްގެ ފަލަސްތީނު މީހުން ހައްޔަރުކޮށްފައި. ފޮޓޯ/ބީބީސީ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި މިހާރު ހިންގަމުންދާ ހަނގުރާމައިގައި އިސްރާއީލުގެ ބެލުމުގެ ދަށަށް ގެންގޮސްފައިތިބި ފަލަސްތީނު މީހުންނަށް އަނިޔާކުރި ކަމަށް އދގެ ރިޕޯޓަކާ ހަވާލާދީ ބީބީސީން ބުނެފިއެވެ.

ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިޔުއޭ) އިން އެކުލަވާލާފައިވާ އެ ރިޕޯޓުގައި ވަނީ އިސްރާއީލުން ބަންދުކޮށްފައިތިބި ފަލަސްތީނު މީހުންގެ ތަފްސީލީ ހެކިބަސްތައް ހިމަނައިފައެވެ.

އިސްރާއީލުން ދީފައިވާ އަނިޔާތަކުގެ ތެރޭގައި ގައިގައި އޮތް އަންނައޮނު ބޭލުވުމަށްފަހު ތަޅައި، ކުއްތާ ބޭނުންކޮށްގެން ހަމަލާދިނުމާއި، ބަޑިއާއި ބޫޓު ބޭނުންކޮށްގެން ބުރަކަށީގައި ތެޅުން ފަދަ ކަންކަން ހިމެނެއެވެ. އޭގެ ސަބަބުން އެ މީހުންގެ ބުރައްކަޓާއި، ކޮނޑުކަށިގަނޑުފަދަ ތަންތަނަށް ގެއްލުން ލިބިފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓާ ގުޅިގެން އިސްރާއީލުގެ ދިފާއީ ބާރު، (އައިޑީއެފް) އިން ބުނީ ބަންދުގައި ތިބި ދުވަސްވަރު ބަންދުގައި ތިބި މީހުންނާ މެދު ގޯސްކޮށް އަމަލުކުރުމަކީ އައިޑީއެފްގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި އަދި އެއީ މުޅިން މަނާ ކަމެއް ކަމަށެވެ. އަދި ބޯފެނާއި ބޭސް ފޯރުކޮށްނުދޭ ކަމަށް ކުރާ ތުހުމަތު އައިޑީއެފްއިން ވަނީ ދޮގުކޮށްފައެވެ.

އިސްރާއީލުން ހައްޔަރުކޮށް ދޫކޮށްލައިފައިވާ މީހަަކަށް އަނިޔާކޮށްފައި. ފޮޓޯ/ބީބީސީ

އަދި އާންމުކޮށްފައިވާ ނުވާ އެ ރިޕޯޓަކީ މިނިވަންވެފައިތިބި ގާތްގަނޑަކަށް 1000 އެއްހާ ހިމެނޭ ގްރޫޕެއްގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުންނާ ކުރި އިންޓިވުއުތަކަށް ބިނާކޮށް އެކުލަވަލައިފައިވާ ރިޕޯޓެކެވެ.

ރިޕޯޓުގައި ބުނެފައިވަނީ ފަލަސްތީނުގެ ގިނަ ބަޔަކު ޣައްޒާގެ އުތުރުން ހައްޔަރުކޮށްފައި ވަނީ ހޮސްޕިޓަލްތަކުގައި ނުވަތަ ސްކޫލްތަކުގައި ހިމާޔަތް ހޯދައިގެން ތިއްބައި ނުވަތަ ފިލަން އުޅެނިކޮށް ކަމަށެވެ. އަނެއް ބަޔަކީ އިސްރާއީލަށް ވަނުމުގެ ވޯކް ޕާމިޓް ލިބިފައިވާ ޣައްޒާގެ މީހުންނެވެ. ހަނގުރާމަ ފެށުނުއިރު އިސްރާއީލުން ވަނީ އެ މީހުން ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން އެ މީހުން ވަނީ ދޫކޮށްލައިފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 30،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް