"އާޚިރަތަށްޓަކާ ތައްޔާރުވެ ހެޔޮ އަމަލު ގިނަކުރާ އިންސާނާއަށްވުރެ ބުއްދިވެރިއަކު ނުވެއެވެ."

***

ވާހަކަ ތައް މަޑު ޖެހިލައި އެންމެންގެ ނަޒަރު އެއްދިމާއަކަށް ހުއްޓުނެވެ. ވިދާ ވެލިފޮތިތަކުން ޖަރީ ކޮށްފައިވީ މަޑު ފިޔާތޮށި ކުލައިގެ އަބާޔާއެއްގައި ހުރި އިރު ހަމަ އެކުލައިގެ މޫނު ފޮތިކޮޅަކުން މޫނުގެ އެއބައި ފޮރުވިފައި ވީ ނަމަވެސް ކަޅިރަވަ ތޫނު، ޖާދުވީ ލޯ ފެންނަން ހުރީ އެއްވެސް ހުރަހެއް ނެތިއެވެ. ބުމަ އާއި ތަނަވަސް ނިތް ކުރި ފެންނަން ހުރި އިރު އެ ލޮލުގެ ރީތި ކަން އިތުރަށް ފާޅުކުރުވައެވެ.

" ޕްރިންސެސް...." ސޯފިޔާގެ ކުޑަކުޑަ ލޯބި އަޑުން ބުނެލީ އަހެދް އަށް ބަލަހައްޓައިގެން ހުރެއެވެ.

ކައިލްގެ ހިތް އެ ސިކުންތުކޮޅުގައި ހީވީ އެފުށް މިފުށަށް ޖެހުނު ހެންނެވެ. އަހެދް ގެ ދެ ލޯ ވަކިކުރަން މާކަ ގިނަ އިރެއް ނުނަގައެވެ. ހައިރާންވީ ވަރު ބޮޑުކަމުން ފައިން ވާގި ދޫވާ ހެން ހީވެ ހިފުނީ ކައިރީ ހުރި އާސީނާ އަތުގައެވެ. އެ ވަގުތު އާސީނާ އާ ކުޑަދަރިފުޅަށް ބަލައިލެވުމުން ހިތް ހަމަޔަކަށް އެޅެން ފެށިއެވެ. ކައިލް އަށް މާޒީގައި އަހެދް ދެކެ ލޯބިވެވުނަސް އެ ހިތުގައި އެ ލޯތްބެއް މިހާރަކު އެގޮތުގައި ނެތެވެ. އޭނާގެ ހިތުގައި އާސީނާ އަށް ދެވިފައިވާ ލޯތްބާއި އިހްތިރާމް އެހެން އެވެސް މީހަކަށް ދެވިފައިނުވެއެވެ. އަދި އެ ލިބުނު އުފާވެރި ހަޔާތަށްޓަކައި އަބަދުވެސް އެ ހިތް މާތް ﷲ އަށްޓަކާ ޝުކުރުން ފުރިފައިވެއެވެ. އަހެދް އަށް ވެސް ކައިލް ފެނުމުން ލޯ ބޮޑުވެ އަވަހަށް އަނބުރައި އައި ކޮޅަށް ދާން ހިނގައިގަނެވުނެވެ. އަދި އަވަހަށް ކޮޓަރިޔަށް ވަދެ އެނދުގައި އިށީނީ ހިތް ބާރަށް ތެޅެމުން ދިޔުމުންނެވެ.

"ވަޓް...ކައިލް....ސޯފީ....އާސީނާ ގެ....ހަސްބެންޑް...ވާވް...." ހިތާ ހިތުން ހުރިހާ ނުކުތާތައް ގުޅުވާލެވުނެވެ. އަލުން އަނެއްކާ ކައިލް ފެނިދާނެ ކަމަށް އުންމީދުނުކޮށް ހުރެ މިގެއިން ފެނުމުން އަހެދް އަށް ހުރެވުނީ ހައިރާންވެފައެވެ.

" އަހަރެން ނުލިބިއްޖެއްޔާ މަރުވެދާނެ ކަމަށް ބުނި މީހާ އެ. މިހާރު އަންބަކާއި ދަރިއެއް. ދީޒް މެން ވުޑް ސޭއި އެނީތިންގ...." ބޯ ދެކޮޅަށް ހޫރާލަމުން އަހެދް އަމިއްލަ ނަފްސަށް ކުދިކިޔާލިއެވެ. ލަދުން އަނެއްކާ ބޭރަށް ނިކުންނަން ނުކެރިފައި ހުރެވުނު ވަގުތު ދޮރުގައި ޓަކި ޖަހާލައި ވަދެގެން އައީ މާހްޒަބީން އެވެ.

" އަހެދް...އޯކޭތަ؟" މާހްޒަބީނާ އައީ އަހެދް އަށް ވި ކިހިނެއްތޯ ބަލާލުމަށެވެ.

"ލައްބަ....ރަނގަޅު...އަހެދް ގެ ބުރުގާ ރަނގަޅުކޮށްލަން ވެގެން. ޖޫރީ ރެޑީ ވެއްޖެތަ؟" އަހެދް އަވަހަށް ބަހަނާއެއް ދައްކާލައި ވާހަކަ ބަދަލުކޮށްލިއެވެ.

މާހްޒަބީންގެ ފަހަތުން ހަމަ އެވަގުތު ޖޫރީ އައީ ޝޯލް އަތަށް ލައިގެން މާޔޫސްވެފައިހުރެއެވެ.

"މިއޮތް އައީ ނު.....ޖޫރީ އަދިވެސް ތައްޔާރުނުވެ...." މާހްޒަބީން ކަންބޮޑުވުން ފާޅުކުރިއެވެ.

" ދެންންން. ޖޫރީ އަށް ޝޯލް އަޅާކަށް ނޭނގުނޭ. ޖޫރީ ޕްރިޓީ އެއް ނޫން އެއްވެސް ގޮތަކަށް...." ލޯ ކަރުނުން ފުރާލައިގެން ހުރެ ޖޫރީ ބުނެލީ އަހެދް ކައިރި އެނދުގައި އިށީންނަމުންނެވެ.

"އަޅޭ. ޖޫ...ޔޫ އާ ބިއުޓިފުލް. އާދޭ...އަހެދް ހެލްޕް ވާނަން...." އަހެދް އަވަހށް ޖޫރީ އަތުން ޝޯލް އަތުލާފައި އެހިވާން އުޅުމުން ޖޫރީ ގެ ހިތް އުފަލުން ބަންޑުންވިއެވެ. މަންޒަރު ދުށް މާހްޒަބީން އަށް ވެސް ހިތާ ހިތުން އަހެދް އަށް ތަޢުރީފްކުރެވުނެވެ.

" ޕިސް ޕިސް......ޖޫރީ މިއީ ބްރައިޑް ތަ އަޅެ. މި ކިހާ އިރެއް....." އަލްބާން ތައްޔާރުވެ ނިމުނު ކަން އަނގާލި އަޑު އެ ކޮޓަރިޔަށް އިވުނީ ކޮޓަރީގެ ދޮރު ހުޅުވާފައިވުމުންނެވެ. އަހެދް އާއި މާހްޒަބީން އަށް ހެވުނު ނަމަވެސް ޖޫރީ ހުރީ ރުޅީން ތުން ދަމާލާފައެވެ.

"އަލްބާން ތި ވާހަކަ ދައްކަން މާރަނގަޅެއް ނޫން ކަންނޭނގެ.....ޖޫރީ ކޮބާތަ؟މަގޭ ދިގު އުމުރު ކުރުވާނީ މި ދެކުދީންނާއި ހެދި....." ކޮޓަރިޔަށް ވަދެގެން އަންނަމުން އައްޒަހްރާ ބުނެލީ ސަމާސާގޮތަކަށް ނަމަވެސް މާހްޒަބީން ވަގުތުން އައްޒަހްރާ އަތުގައި ހިފާލައި އެހެން ނުބުނުމަށް އެދުނެވެ.

"މަންމާ...ދެން ތިކަހަލަ ވާހަކަ ނުދައްކަބަލަ....މާތް ﷲ މަންމަ އަށް ދިގު އުމުރެއް ދެއްވާށި...." މާހްޒަބީން އަށް ވަގުތުން ބުނެވުނެވެ.

"އާމިން..." އަހެދް އަވަހަށް ދުޢާގައި ބައިވެރިވެލިއެވެ. އައްޒަހްރާގެ ހިތަށް ފިނިކަން އިހުސާސްވީ އަހެދް ފެނުމުންނެވެ. އަދި ޖޫރީ އަށް އެހީވެދޭތަން ފެނުމުން އެކަމަށް ވެސް އުފާކުރެވުނެވެ.

" މުރުތަސިމް ވެސް އައިއްސި. ތި ދެކުދިން އަންނަންވީ ނު އެކާރުގަ. މިހާރު ސަހަރް މެންނަ ލަސްވެފަ ތިބޭނީ.....ޖޫރީ އާއި އަހެދް ހަމަޖެހިލައިގެން އާދޭ އިނގޭ އެ ކާރުގަ...." އައްޒަހްރާ ހުރީ ދާން ލަސްވެފައެވެ. ގަޑި ޖެހިގެން ތަނަކަށް ދިޔުމަކީ އައްޒަހްރާ ވަރަށް ލަދުގަންނަކަމެކެވެ.

"ވަރަށް ލޯބި ދޯ އަހެދް އާއި ޖޫރީ.....ފީރޯޒާ މަތިން ވަރަށް ހަނދާންވެއްޖެ...." މާހްޒަބީން އޭނާގެ މަންމަ އަތުގައި ކޮށްޓާލައި ބުނެލީ ސިއްރުވެރިކޮށެވެ.

" އާނ. އަސްލުވެސް ވަރަށް ހިތްހެޔޮ ކުއްޖެއް. ޖޫރީ ވެސް ފޫހިފިލާނެތާ މިހާރު..." އައްޒަހްރާ ބުނެލީ ވަރަށް ހިތް ހަމަޖެހިފައި ހުރެއެވެ.

" ސުބްޙާނައްﷲ . މީ ކޮންހާ ސާމާނެއް؟ މިހުރިހައި އެއްޗެއް ހިފައިގެންތަ ދާންޖެހެނީ. ޕިކަޕެއްނު ހޯދަންޖެހެނީ....." ކާރަށް ހަދިޔާތައް އަރުވަމުން އަލްބާން ބުނެލީ ހައިރާންކަމާއެކުއެވެ.

" އަލްބާން ޖޭ ވީ ދޯ. އަދި މަޑުކޮށްލާ. އަލް ގެ ފަހަރު އަހަރުމެން ގެންދާނީ ލޮރީއެއް ފުރާ ހަދިޔާ..." ކައިލް ސަމާސާކޮށްލިއެވެ. ހުރިހާ އެންމެންގެ މޫނު މަތީންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ. އައްޒަހްރާގެ ހިތް ޝުކުރުވެރި ޒިކުރުން ފުރާލިއެވެ. ނަމަވެސް މިހުރިހާ އުފަލެއްގައި އޭނާގެ ފިރިމީހާ ޝުކޫރު ހަނދާންވާލެއްވެސް ބޮޑުކުރުވައެވެ.

" ބައްޕަ ހުރިނަމަ ވަރަށް އުފާ ވާނެ......" އާސީނާ އަށް ބުނެލެވުނީ އައްޒަހްރާގެ ހިތުގައިވެސް އޮތް ވާހަކައެވެ. އެންމެންގެ ހިތުގައި ވެސް ޝުކޫރުގެ ހަނދާންތައް އާ ކުރުވިއެވެ.

***

" ނިޤާބް އަޅަންވީ ކަންނޭނގެ ޖޫ ވެސް. ކިހާ ފަސޭހަ. އަހެދް ވަރަށް ލައިކް ވޭތަ ނިޤާބް އަޅައިގެން އުޅެން؟" ޖޫރީ ގެ އަނގަ އެއްފަހަރުވެސް މަތަ ނުވެއެވެ.

" ފަސޭހަ. އެކަމަކު ބައެއް ފަހަރު އުނދަގޫ. އަސްލު ޑަސްޓް އެލާޖީ ވާތީ ނިޤާބް އެޅީ....މިހާރު އެކަމު އެހެން ނުވޭ...." އަހެދް ބުނެލީ ނިޤާބް ނަގަން ބަހަނާއެއް ދައްކަން ބޭނުންވެފައި ހުރެއެވެ.

" ހަހަހަހަހަ...ސޯ ފަނީ...ބައެއް ކުދިން ބުނެ އެއްނު ޑޮކްޓަރ ބުނެގެން ބުރުގާ ނަގާ ވާހަކަވެސް..އެކަމަކު އަހެދް ތި އެޅީ ޑޮކްޓަރ ބުނެގެން ދޯ...." ޖޫރީ ވަރަށް މަޖާވެފައި ބުނެލިޔަސް އަހެދް ތުން ފިއްތާލީ ފޫހިވެފައި ހުރެއެވެ.

" ނޫނޭ. ބައެއް ކުދީން ހަމަ އަސްލުވެސް....." ވާހަކަ މެދުކަނޑާލީ ދޮރުގައި ޖެހި ޓަކީންނެވެ. " ދޮންބެ...." ޖޫރީ އަވަހަށް ތެދުވެ ދޮރު ހުޅުވާލިއެވެ.

މުރުތަސިމް ގެ ނަޒަރު ހުއްޓުނީ އަހެދް އަށެވެ. ބަލަހައްޓައިގެން ހުރެވުނު ގޮތަށް އެސްފިޔަ ޖަހާލަންވެސް ނޭނގިފައި ހުރެވުނެވެ. ޖޫރީ ކަރުކަހައިލުމުން މުރުތަސިމް ސިހުނެވެ.

"އަވަހަށް ހިނގާ ދާން...މަންމަ ބުނި މިހާރު އެގެޔަށް ކައިރި ކުރަނީ އޭ..." ހެވިފައި އިން ޖޫރީ އަށް ލޯ އަޅާލަމުން މުރުތަސިމް ބުނެލީ ޖޫރީ އަސްލު ދިމާ ކުރަނީ ކަން އެނގޭތީއެވެ.

" ތޭންކްސް...އައިމް އޯކޭ..." އެސްފިޔަ ޖަހާލަމުން އަހެދް ބުނެލީ ވަރަށް ތުއި އަޑަކުންނެވެ. އެ ވަގުތު މުރުތަސިމް ހުރީ އަހެދް ވެއްޓެން އުޅުމުން އަތުގައި ހިފަހައްޓާލައިގެންނެވެ. އުސް ފައިވާނަކަށް އަރައިގެން ހުރެ އަރި އަޅައިލާ ކަމަށް ހެދުނީ މުރުތަސިމް ގެ ހިތް ދަމައިގަތުމަށެވެ. މުރުތަސިމް އޭނަ ފެންނަ ކޮންމެ ފަހަރަކު ނަޒަރު ހުއްޓައިލާގޮތުން އަހެދް އަށް އެ ހިތުގައި ކޮންމެވެސް ވަރެއްގެ ޝައުޤެއް ވާކަން އެނގެއެވެ. ޔަގީން ކޮށްލުމުގެ ގޮތުން އެގޮތަށް ކަންކުރީ ވެސް ގަސްތުގައެވެ.

މަންޒަރު ދުށް ޖޫރީ އަށް ހުރެވުނީ ހައިރާންވެ އަނގަ ހުޅުވާލައިގެންނެވެ. މި ވާހަކަ އެހެން މީހުންނަށް ކިޔައިދޭންވެސް ހުރެވުނީ ކެތްމަދުވެފައެވެ.

މުރުތަސިމް ގެ ހިތާ ކުޅެލީ ވަރަށް ތަފާތުގޮތަކަށެވެ. އަހެދް ގެ ލޮލަށް ގެއްލިފައި ހުރުމުން އަތުން ވީއްލަން ހިނދުކޮޅެއް ނެގި ނަމަވެސް އަވަހަށް މީހާ ހަމަޔަކަށް އެޅި ދުރަށް ޖެހިލެވުނެވެ.

" ހިނގާ ދާން..." ފުން ނޭވާ އެއް ދޫކޮށްލަމުން ގަޑި އަށް ނަޒަރު ހިންގާލީ ލަސްވެފައި ހުރެއެވެ.

އަހެދް ގެ މޫނަށް ވެރިވެފައިވީ އޭނަ ބޭނުންވިކަން ހާސިލްވެއްޖެ ކަން ޔަގީން ވެފައިވާ ކަހަލަ ހިނިތުންވުމެކެވެ. އަދި އޭނާގެ ހިތުގައި ވެސް މުރުތަސިމް އަށް ތަފާތު ވިންދެއް ޖަހާހެން ހީކުރެވުނެވެ. ނަމަވެސް އެއީ އެކަންވާން އެދޭގޮތެއް ނޫނެވެ. އަހެދް ގެ ނިޔަތް ތަފާތެވެ.

***

"ޑްރީމްސްވިލް" އަށް ކާރުތައް އައިސް މަޑުކުރި ވަގުތަކީ ޒަވިޔާގެހިތް ބާރަށް ތެޅެމުން ދިޔަ ވަގުތެކެވެ. އޭނާގެ ހަޔާތުގައި އާ ސަފްހާއެއް ހުލުވުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. ބޮޑު ހަވޭލިއެއް ފަދަ އެ ގޭގެ ބަގީޗާ ވަނީ މާމެލާމެލިން ފުރިފައެވެ. ކުލަކުލައިގެ ބޮކިތަކުން ޖަރީކޮށްފައިވާ އެ ގޭގައި ފަޅުކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ. ސަހަރް އާއި ވިލްދާން ގޭޓު ކައިރީ މަރުހަބާ ކިޔަން ތިބި އިރު އެ ގޭގައި މަސައްކަތް ކުރާ ޚާދިމާއިން ހަދިޔާތައް އެތެރެއަށް ވެއްދުމަށް އެހީވެދެން ތިއްބެވެ. ޒަވިޔާގެ ލޯ ހޯދަމުން ދިޔައީ މައިރާ އެވެ.

" މައިރާ ފެންނާނެ އޭ...ހާސް ނުވޭ..." ޒަވިޔާ އަތުގައި ހިފާލަމުން ވިލްދާން ބުނެލި އިރު އެންމެނަށްވެސް ހެވެން ފެށުނެވެ. ޒަވިޔާ އަށް ބުނާނެ އެއްޗެއް ނޭނގި ރަކި ހިނިތުންވުމެއްގައި ހުރެވުނެވެ.

ސަހަރް އާއި އައްޒަހްރާ ދިމާވި އަލަށް ކަމުގައި ވިޔަސް އެ ދެމީހުން ހީވީ ދުވަސްވީ ދެރައްޓެހީންހެންނެވެ. އެހާ ގާތްކޮށެވެ.

މައިރާގެ ހިތް ތެޅެމުންދިޔައީ އާދަޔާ ޚިލާފަށް ބާރަށެވެ. ސަހަރް ބަލައި އަންނަދެން ކޮޓަރީގައި މަޑުކޮށްލައިގެން ހުރީ އެކަނި ތިރިޔަށް ފައިބަން ލަދުންނެވެ. ބުރުގާ އަޅައިގެން ޒަވިޔާ އަށް ފެންނަ ފުރަތަމަ ފަހަރު ކަމުން އެކަމާވެސް މިހާ ހުރީ ވަރަށް ހިތް ތެޅި ތެޅިއެވެ.

ބޮޑު ސިޓިންގރޫމުގައި ވަނީ އަންހެން ފިރިހެން ވަކި ވާނޭހެން ބޮޑު ފަރުދާ އެއް ދަމާފައެވެ. ނަމަވެސް އެ ފަރުދާ ވަކި ކޮށްފައި ނެތީ އާއިލީ ބައްދަލުވުމަކަށް ވާތީއެވެ. މުޅި އެ ބޮޑު ގެ ފަރުމާ ކޮށްފައިވަނި ޝާހީ ކޮށެވެ. ރަން ކުލައިން ޖަރީކޮށްފައިވާ ބޮޑު ނޫ ވެލްވެޓް ސޯފާގައި އެންމެން ހަމަޖެހެލިއެވެ.

"ކޮބާތަ ކަނބުލޮ. ކެތްތެރިކަން ކޮޅުން ލައިފި މިހާރު. ޒަވީ ނުވެސް ދައްކާލާ ފޮޓޮއެއް ހާމިންވަރުވެސް....." އައްޒަހްރާ ކެތްމަދުވެފައި ހުރެ ސަހަރް ކުރެން އަހައިލިއެވެ.

"ގޮވައިގެން މި އަންނަނީ ..." ސަހަރްގެ ހިތް އުފަލުން ފުރުނެވެ.

ސިޑިން ފައިބަމުން އައި މައިރާ ފެނުމުން ޒަވިޔާ އަށް ސޯފާ އިން ވެސް ތެދުވެވުނެވެ.

" ވާވް..." އެސްފިޔަ ވެސް ޖަހައިނުލާ ހުރެވުނީ މައިރާގެ ފުރިހަމަކަށް ތަޢުރީފްކުރެވެމުންނެވެ.

ސޯފި ވެސް ނިދި ނިދި އޮވެފައި މައިރާ ފެނުމުން ލޯ ފޮހެލާފައި ބަލަހައްޓައިގެން ހުރެވުނީ އާޝޯޚުވެފައެވެ.

"މަންމީ....ޕްރިންސެސް...." އާސީނާ އަށް ދައްކާލަމުން ސޯފީ ބުނެލީ ވަރަށް މައުސޫމުގޮތަކަށެވެ.

" ބާރަކައްﷲ... ހާދަ ލޯބި ކުއްޖެކޭ...." އައްޒަހްރާ ގެ ލޯ ތެމުނީ އުފާވެރިކަެމުގެ ކަރުނުންނެވެ، ހަމުގެ ކުލަ އަކީ މަދުން ނަމަވެސް ނުފެންނަ ޒައިތޫނި ކުލަ ފަދަ އިރު އެ މޫނުގެ ސާފު ކަން އިންތިހާއެވެ. މަޑު ފެހި ކުލައިގެ ޖަވާހިރުފަދަ ދެލޯ އެ މުޅި މޫނު ޖަރީކުރުވަނީ ބަލައިލާ މީހެއްގެ ހިތް ދަމައިގަންނަ ފަދަގޮތަކަށެވެ.

" ޒަވީ....އަދި ހަމަޖެހިބަލަ. ކައިވެނި ކުރެވުނު ދުވަހަކުން ތިހާ ވަރަށް ބަލާނީ...." ކަރުކަހާލައިފައި އަލްބާން ބުނެލި ސިއްރުން ނަމަވެސް އެތަނުގައިވީ ހަމހިމޭންކަން އެ އަޑު އެންމެނަށް އިއްވިއެވެ.

" އެ ތެދެއް...." ހުޝާމް ވެސް ދިމާކޮށްލިއެވެ. ހުޝާމް އަދި ވިލްދާން އަކީ ދެބެއިންގެ ދެ ދަރި ކަމުން އެ ދެމީހުންގެ ގުޅުން ވެސް އިތުރަށް ވަރުގަދަ ކުރުވާނެ ގުޅުމަކަށް މި ކައިވެނި ވެގެންދާނެއެވެ.

ރަކިވެ އިސްޖަހާލައިގެން ހުރި މައިރާގެ ކޯތާފަތަށް އަރަމުން ދިޔައީ މަޑު ފިޔާތޮށިކުލައެވެ. އައްޒަހްރާ އަވަހަށް މައިރާ އަތުގައި ހިފައިގެން އައިސް ބޭންދީ ކައިރިގައެވެ. ޒަވިޔާ ބަލާކަން އެނގުނަސް އެނެމެން ތިބުމުން ޒަވިޔާގެ މޫނަށް ބަލައިލާންވެސް ނުކެރިފައި ހުރެވުނެވެ.

" މިހާރު މަންމަ އަށް އެނގިއްޖެ ކީއްވެގެން ކަން ޒަވީ އަށް އުނދަގުވީ ގަހަނާ ސެޓް ހަދަން ޖަވާހިރެއް ޗޫޒް ކުރަން...." އައްޒަހްރާ މައިރާ އަތުގައި ހިފާލަމުން ބުނެލީ ވަރަށް އޯގާތެރިކަމާއެކުއެވެ.

މާހްޒަބީން އާއި އާސީނާ ވެސް މައިރާ އަށް ތަޢާރަފް ވެލައި ވާހަކަ ދައްކަން ތިބި އިރު އެންމެންގެ މޫނުމަތީންވެސް ފެނުނީ އެކުވެރިކަމެވެ.

" މި އަންހެންވެރީންގެ ވާހަކަތަކަށް ނިމުމެއް ނާންނާނެ. އަހަރުމެން ކުޑަކޮށް ސައްލާ ކޮށްލާނަން..." ވިލްދާން އަވަހަށް ފަރުދާ ދަމާލިއެވެ. އެއީ އަންހެން ވެރިންނަށް ވެސް ހަމަޖެހިގެން ވާހަކަ ދައްކަން ފުރުސަތު ދިނުމަށެވެ. ޒަވިޔާރުގެ މޫނަށް ވެރިވި މޮޅިވެރިކަން ފެނި އަލްބާން އާއި ކައިލް ދިޔައީ ޖެއްސުން ކުރަމުންނެވެ.

***

ކާރު ދުއްވަން އިން މުރުތަސިމް އަށް މަގަށް ވުރެ ގިނައިން ބެލެނީ ފަހަތު ސީޓުގައި އިން އަހެދްއަށެވެ. ލޯގަނޑުން ބަލައިލާ ކޮންމެ ފަހަރަކު އަހެދް ވެސް ލޯ އަޅާލައެވެ. ޖޫރީ އަށް ފާހަނގަ ވަމުން ދިޔަ ކަންތައް އަލްބާން އަށް ކިޔައިދޭ ހިތުން ހުރީ ކެތްމަދުވެފައެވެ.

އެ ގެއަށް ކައިރި ކުރުމުން ޖޫރީ އަވަސް އަވަހަށް ދުވެފައި އެތެރެޔަށް ދިޔައީ އަހެދް އާއި މުރުތަސިމް އެކަނި ކޮށްލުމަށެވެ. އެއްވަރެއްގައެވެ. ދެމީހުން އެކީ ހިނގާފައި ވަދެގެން އައި އިރު އެއްވެސް ވާހަކަ އެއް ދެމެދުގައި ބަދަލު ނުވިޔެއްކަމަކު ދެ މީހުންގެ ހިތުގައި ވެސް އުފެދެމުން ދިޔައީ ގާތް ގުޅުމެކެވެ.

" މި އީ ކޮން ދެކުދިންނެއް؟މުރުތަސިމް އާއި އަންހެނުން ދޯ...." ސަހަރްގެ އެ ސުވާލުން އެންމެން ސިއްސުވާލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު