ރޯދަވެރިޔާއަށް ލިބޭ ޘަވާބުގެ މިންވަރު އެނގޭތަ؟

ރޯދައަކީ މުޅި ހަށިގަނޑު އެ އަޅުކަމާ ތަބާވާ ޚާއްޞަ އަޅުކަމެއް -- ފޮޓޯ / އަލްޖަޒީރާ.ނެޓް

ބަރަކާތްތެރި ރަމަޟާންމަހާ އަނެއްކާވެސް ބައްދަލުވަނީއެވެ. މި މާތް މައްސަރުގެ ހުޅެވި ހަނދު ފެނުމާއެކު ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެތައް ސަތޭކަ މިލިޔަން މުސްލިމުންނެއް މަސްދުވަސްވާންދެން ރޯދައިގެ އަޅުކަން އަދާކުރާނެއެވެ. އެ މުއްދަތުގައި ކޮންމެ ދުވަހެއްގެ ފަޖުރުލީއްސުރެ އިރު އޮއްސޭންދެން ކެއުން ބުއިމާ ދުރުހެލިވާނެއެވެ. އެހެން މައްސަރުތަކަށްވުރެ ބޮޑަށް، ވީ އެންމެ ފުރިހަމައަކަށް ފަރުޟު ފަސްނަމާދު އަދާކުރުމަށް ސަމާލުކަންދޭނެއެވެ. ސުންނަތް ނަމާދުތައް ޚާއްޞަކޮށް ތަރާވީޙު ނުވަތަ ދަމު ނަމާދުކުރުމުގައި ގިނަ ވަގުތު ހޭދަކޮށް، ޤުރުއާން ކިޔަވައި ދުޢާކުރުމުގައި އެތައް ގަޑިއިރެއް ހޭދަކުރާނެއެވެ. އަދި، އެބައިމީހުންގެ ވެރިރަސްކަލާނގެ ހަނދުމަކޮށް، އެކަލާނގެއަށް ޝުކުރުވެރިވެ ތައުބާވުމާއެކު އެކަލާނގެއާ ކުއްތަންވުމަށް ގަދައަޅައި މަސައްކަތް ކުރާނެއެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި ދީނުގެ ކަންކަމާމެދު ފަރުވާކުޑަކުރެވިފައިވިޔަސް، ރަމަޟާންމަހުގައި އެހެން ވިޔަ ނުދިނުމަށް ހިތްވަރާއެކު މަސައްކަތް ކުރާނެއެވެ.

ރަމަޟާންމަހަކީ ﷲ ގެ ރަޙުމަތާއި އެކަލާނގެ ފުއްސެވުން ހޯދުމަށްޓަކައި ލިބޭ ރަނުގެ ފުރުޞަތެއް -- ފޮޓޯ / ޕީއެންޖީޓްރީ.ކޮމް

ރޯދައިގެ މަޤުޞަދަކީ ތަޤުވާވެރިވުމެވެ. އެހެންކަމުން މިއީ ﷲ ގެ އަމުރުފުޅުތަކަށް ޢަމަލުކޮށް ނަހީތަކާ ދުރުވެ ވަކި އިމެއްގެތެރޭގައި ނަފުސު ހިފަހައްޓައިލަން ދަސްކޮށްދޭ އަޅުކަމެކެވެ. ހަށިގަނޑާއި ސިކުނޑިއާއި ރޫޙަށް ހަމަޖެހުން ގެނެސްދިނުމުގެ ބާރު ރޯދައިގައި އެކުލެވިގެންވެއެވެ. މިއީ އިސްލާމްދީނުގެ ރުކުންތަކުގެތެރެއިން ރުކުނެއްކަމުން ޢުޛުރުވެރީން ފިޔަވައި، ތަކުލީފު ލިބިގެންވާ ކޮންމެ މުސްލިމަކުވެސް ރޯދަ ހިފުން ވާޖިބުވާނެއެވެ. ރޯދައަށް ހުންނައިރު، ކެއުން ބުއިމާ ދުރުހެލިވުމުގެ އިތުރުން، އެއްދާންކުރުމެއް، ދޮގު ހެދުމެއް، ހުތުރު އެއްޗެތި ކިއުމެއް، އަރައިރުންވުމެއް އަދި ބޮޑައިކަން ދެއްކުމެއް ނުވެއެވެ. ކުރުކޮށް ބުނާނަމަ ރޯދައަކީ މުޅި ހަށިގަނޑު އެ އަޅުކަމާ ތަބާވާ ޚާއްޞަ އަޅުކަމެކެވެ.

ފުރިހަމަ ރޯދައެއް ހިފަން އެދޭނަމަ، ލޮލާއި ކަންފަތާއި އަތާއި ފަޔާއި ދުލާއި ހިތާއި މި ހުރިހައި ގުނަވަންތަކުން ކުރެވޭ ހުރިހައި ނުބައި ޢަމަލުތަކުން ރޯދަވެރިޔާ ދުރުހެލިވާންޖެހޭނެއެވެ.

ރަމަޟާންމަހަކީ ޤުރުއާނުގެ މައްސަރުކަން ދަންނާންވާނެއެވެ. އެފޮތް ކިޔެވުމާއެކު އެއާ ގުޅޭ ޢިލްމުތައް އުނގެނުމަށް މަސައްކަތް ކުރާންވާނެއެވެ. އޭގެ ތެރޭގައި؛ ތަޖުވީދުގެ ޢިލްމާއި ޤުރުއާނުގެ މާނައާއި އޭގެ ތަފުސީރާއި ޤުރުއާނުގައިވާ ތަފާތު މައުޟޫޢުތަކަށް ލިޔެފައިވާ ފޮތްތަކާއި ލިޔުންތައް ކިޔައި ދިރާސާކުރުން ހިމެނެއެވެ. ޤުރުއާނުގައިވާ ޙުކުމަކާ ޚިލާފު ވެވިދާނެތީ ބިރުވެތިވެ އެފޮތުގައިވާ އުފާވެރިކަމުގެ ޚަބަރުތަކާއި ތަޤުވާވެރީންނަށް ހުރި ނިޢުމަތްތަކާމެދު ވިސްނައި އެ ނިޢުމަތްތަކަށް އެދުންވެރިވާންވާނެއެވެ.

މީހަކު މިސްކިތުގައި އިނދެ ޤުރުއާން ކިޔަވަނީ -- ސަން ފޮޓޯ

ޤުރުއާނާ ގުޅޭގޮތުން މުސްލިމުން ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ އެ ފޮތުގައިވާ ހިދާޔަތާ އެއްގޮތަށް ޢަމަލުކުރުންކަން ހަނދާން ބަހައްޓާންވާނެއެވެ.

ރޯދައަށް ހުންނަމީހާ ސަމާލުކަން ދޭންޖެހޭ ސުންނަތް ކަންތައްތަކެއްވެއެވެ. އެގޮތުން؛ ރޯދައަށް ހުއްޓައި މީހަކު ޒުވާބުކޮށް ހުތުރު އެއްޗެތި ކިޔައިފިނަމަ ތިމަން މިހުރީ ރޯދައަށޭ ބުނެ އޭނާއަށް އޯގާތެރިކަމާއެކު ޖަވާބު ދޭންވާނެއެވެ. ރޯދައަށް ހުރުމަށްޓަކައި ހާރު ކެއުމަކީވެސް ސުންނަތެކެވެ. ހަމަ މިއާއެކު، ހާރު ކެއުން ފަސްކުރުމާއި އިރު އޮއްސިއްޖެކަން ޔަޤީންވުމުން ލަސްނުކޮށް ރޯދަ ވީއްލުމާއި ރޯދައަށް ހުންނައިރު ގިނަގިނައިން ދުޢާކުރުންވެސް ހިމެނެއެވެ. ޞަދަޤާތްކުރުމާއި އެހެންވެސް ހެޔޮ ޢަމަލުތައް ގިނަކުރުމާއި އިޢުތިކާފަށް އިނުމަކީވެސް ޘަވާބު ހުރި ޢަމަލުތަކެވެ.

ރޯދަވެރިޔާއަށް ދެއްވާނެ ޘަވާބުގެ މިންވަރު އެނގިގެނެއްނުވެއެވެ. އެއީ، ޙިސާބެއްނެތި ގިނަވެގެންވާ ދަރުމަ ހުރި އަޅުކަމެއްކަން އަންގަވާފައިވާ ޤުދުސީ ޙަދީޘެއްގައިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. "ރޯދައަކީ ތިމަން ﷲ އަށްވާ އެއްޗެކެވެ. އަދި އޭގެ ޖަޒާ ދެއްވާނީ ތިމަންރަސްކަލާނގެއެވެ."(ބުޚާރީ: 1761 ، މުސްލިމް: 1946) ޝައްކެއްނެތް ގޮތުގައި ކޮންމެ އަޅުކަމަކަށްވެސް ޖަޒާ ދެއްވާނީ ﷲ ތަޢާލާއެވެ. ނަމަވެސް ރޯދައިގެ އަޅުކަމާބެހޭ ގޮތުން މި ޚާއްޞަ ބަސްފުޅު ވަޙީކުރެއްވީ އެ އަޅުކަމުގެ މަތިވެރިކަމަށްޓަކައެވެ. އެއީ އެހެން އަޅުކަންތަކާ ޚިލާފަށް ސީދާ އަޅާއާ ﷲ އާ ދެމެދުގައިވާ ސިއްރެއްގެ ގޮތުގައި އަދާކުރެވޭ އަޅުކަމެކެވެ. އެ އަޅުކަން ފުރިހަމަކުރުމަށްޓަކައި، އިންސާނާ އެންމެ ބޭނުންވާ ޣަރީޒާތައްކަމަށްވާ ކެއުން ބުއިމާއި އެއްދާންކުރު ދޫކޮށްލައިގެން ހުންނަނީ ﷲ ގެ އަމުރުފުޅަށް ތަބާވުމުގެ ގޮތުންނެވެ. އެއް މަސް ދުވަސް ވާންދެން، ދުވާލުގެ ވަގުތުގައި މި އެދުންތަކާ ދުރުވެހުރުމަކީ ކެތްތެރިކަމުގެ އިންތިހާއެވެ. ކެތްތެރިކަމަށް ޖަޒާ ދެއްވަނީވެސް ޙައްދެއް ޙިސާބެއްނެތި ކަމަށް އަންގަވާފައިވެއެވެ.(ޒުމަރު: 10)

ވުމާއެކު ދާދި އަވަހަށް އަހުރެމެންނާ މި ބައްދަލުކުރާ، 1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ ދަރުމައާއި ޘަވާބު ހޯދުމަށްޓަކައި އަވަސްވެގަންނަމާ ހިނގާށެވެ. މިއީ މިހާތަނަށް ޙަޔާތުގައި ވޭތުކުރާނެ އެންމެ ފުރިހަމަ ރޯދަ މަހަށް ހެދުމަށްޓަކައި ޢަޒުމު ކަނޑައަޅަމާ ހިނގާށެވެ. ހެޔޮ ކަމުގެ މައިދާނުގައި ކުރިއަރައި ދިއުމަށްޓަކައި އެކަކު އަނެކަކާ ވާދަޖަހައި ކާމިޔާބު ހޯދޭތޯ މަސައްކަތް ފަށަމާ ހިނގާށެވެ.

comment ކޮމެންޓް