ކަސިޔާރުވެފައިވާ މިސްރާބު ހަމަ މަގަށް އަޅުވާނީ މި މެނޭޖްމެންޓްގެ ސަމުގާއިން: އެމްޓީސީސީ

އެމްޓީސީސީގެ ނޫސްވެރިންގެ ބައްދަލުވުން -- އެމްޓީސީސީ

އެމްޓީސީސީގެ ކަސިޔާރުވެފައިވާ މިސްރާބު ހަމަ މަގަށް އަޅުވާނީ މިހާރު އޮތް މެނޭޖްމެންޓުގެ ސަމުގާއިން ކަމަށް އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒިޔާދު ވިދާޅުވީ އެމްޓީސީސީގެ ސަމުގާގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށާއި އެ ސަމުގާއަކަށް ފެނެއް ނޭޅޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ ކުރީގެ މެނޭޖްމެންޓްގެ އިހުމާލުން ކުންފުންޏަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެ ގޮންޖެހުންތަކުން އަރައިގަތުމަށް އެމްޓީސީސީން މަސައްކަތްކުރަމުން އަންނަ ކަމަށާއި ނަމަވެސް، ކުރިން ފަށާފައިވާ މަޝްރޫއުތައް ސްކޯޕްއާ އެއްގޮތަށް ނިންމާނެކަމަށް ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން އެ މައްސަލަތަކުގެ ތަފުސީލްތައް ދެނެގަންނަން އޮޑިޓްތަކެއް ހަދަމުންދާ ކަމަށާއި އެ އޮޑިޓްތަކުގެ ތަފްސީލް ފަހުން ހިއްސާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަރަނީގެ ކަންކަން ހަމައަކަށް އެޅުވުމަށްޓަކައި ލޯނެއް ހަމަޖެއްސުމަށް މާލީ އިދާރާތަކާ ވާހަކަދައްކާފައިވާނެ ކަމަށާއި ވަރަށް އަވަހަށް ލޯނު ހަމަޖެހޭނެކަމަށް ޒިޔާދު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ހުސައިން މުހައްމަދު މަނިކު ވިދާޅުވިގޮތުގައި ކުރީގެ މެނޭޖްމެންޓައިން ކުންފުނީގެ ލޯނުގެ ގޮތުގައި 100 މިލިއަން ލޯނު ނަގާފައިވާކަމަށާއި އާ މެނޭޖްމެންޓް އިން ހަވާލުވިއިރު، 954 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ.

އެމްޓީސީސީގެ ޗީފް ޕުރޮޖެކްޓް މެނޭޖްމެންޓް އޮފިސަރު އަހުމަދު ލަތީފް ވިދާޅުވީ ކުރީގެ މެނޭޖްމެންޓްއިން މަޝްރޫޢުތައް ކުރިއަށްގެންގޮސްފައިވަނީ އެހާ ރަނގަޅަށް ނޫންކަމަށެވެ. އަދި 15 މަސަައްކަތެއް، ހުއްދަ ހޯދަން ޖެހޭ ފަރާތުން ހުއްދަ ނުހޯދައި ގޮތް ނިންމައިގެން ކޮށްފައިވާ ކަމަށާއި މިހާރު ދަނީ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ހުއްދަ ހޯދަމުންކަމަށް އަހްމަދް ލަތީފް ވިދާޅުވިއެވެ.

comment ކޮމެންޓް