ކުރީގެ މެނޭޖްމެންޓްއިން ހެދި ގޯސްތައް މި އަންނަނީ ރަނގަޅު ކުރަމުން: އެމްޓީސީސީ

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ

މޯލްޑިވްސް ޓުރާންސްޕޯޓް އެންޑް ކޮންޓްރެކްޓް ކޮމްޕެނީ (އެމްޓީސީސީ) ހިންގުމުގައި ކުރީގެ މެނޭޖްމެންޓުން ގޯސްތަކެއް ހަދާފައިވާ ކަމަށާއި އެ ގޯސްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެމްޓީސީސީގެ ހިންގުމާއި ހާލަތު އެންގުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ ކުންފުނީގެ ހާލަތު ރަނގަޅަކަށް ނޫންކަމަށެވެ. އެގޮތުން ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި، މަޝްރޫއުތަކުގެ ދުވެލި ވަރަށް ބޮޑަށް މަޑު ޖެހިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޓީސީސީން ފޮރުކޮށްދޭ އާރްޓީއެލްގެ ޚިދުމަތާ ގުޅޭ ގޮތުން ޒިޔާދު ވިދާޅުވީ އުޅަނދުތައް ނެތުމުގެ ސަބަބުން އެ ޚިދުމަތް އެންމެ ފުރިހަމައަށް ނުދެވޭ ކަމަށެވެ.

ކުންފުންޏަށް ދިމާވެފައިވާ ދަތިތަކާ އެކުވެސް، އެ ކުންފުނިން ފަށާފައިވާ ޕުރޮޖެކްޓްތައް ސްކޯޕްއާ އެއްގޮތަށް ނިންމާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ޒިޔާދު ވިދާޅުވީ އެމްޓީސީސީން ހަމައެކަނި ޕުރޮޖެކްޓްތަކަށް ބަރޯސާނުވެ، ޓުރޭޑިން ފުޅާ ކުރުމަކީ ކުންފުނިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ވެސް އެ ކުންފުނިން ދައުރެއް އަދާކުރާނެ ކަމަށާއި އޭގެ ތަފްސީލު ފަހުން ހިއްސާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީ މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ޗީފް ޕުރޮޖެކްޓް މެނޭޖްމެންޓް އޮފިސަރު އަހުމަދު ލަތީފް ވިދާޅުވީ އާ މެނޭޖްމެންޓްއިން ހަވާލުވިއިރު 195 މަޝްރޫއެއް ކޮންޓުރެކްޓް ކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިން ތިން މަޝްރޫއެއް މިދިޔަ ތިން މަސްތެރޭގައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 123 މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާކަމަށާއި 69 ޕުރޮޖެކްޓު ފަށާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު ލަތީފް ވިދާޅުވީ، ކުރީގެ މެނޭޖްމެންޓްއިން 15 މަސަައްކަތެއް، ހުއްދަ ހޯދަން ޖެހޭ ފަރާތުން ހުއްދަ ނުހޯދައި ގޮތް ނިންމައިގެން ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ އަގަކީ 200 މިލިއަނެއްހާ ރުފިޔާ ކަމަށާއި އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ހައްލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީއިން ބުނެފައިވަނީ މެނޭޖްމެންޓާ ހަވާލުވިއިރި އެ ކުންފުނިން ބޭނުންކުރާ ފަސް ބާޖުގެ ތެރެއިން ތިން ބާޖު އަޑިއަށްގޮސްފައިވާކަމަށެވެ. އަދި އެންމެ ދެ ބާޖު ބޭނުންކޮށްގެން ރަށްރަށަށް ތަކެތި އުފުލުން ވާނީ ވަރަށް ބޮޑު ގޮންޖެހުމަކަށްކަން އެ ކުންފުނީގެ ޒިޔާދު ފާހަގަކުރެއްވިއެވެ.

އެކަމަށް ހައްލެއް ހޯދުމަށްޓަކައި މާލީ އިދާރާތަކާ ވާހަކަދެއްކުމަށް ފަހު ލޯނެއް ހަމަޖައްސަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކުންފުނިން ހާމަކުރި ގޮތުގައި، އާ މެނޭޖްމެންޓުން ހަވާލުވިއިރު މަހާޖައްރާފު އޮތީ ރަނގަޅު ހާލަތަކު ނޫންކަމަށެވެ. އެގޮތުން ޖޫން 1، 2022އިން ފެށިގެން މަހާޖައްރާފު އޮތީ އޯވާ ޔޫސް ކުރުމުގެ ސަބަބުން 20 މަސް ދުވަހު ގުރައުންޑް ކޮށްފައި ކަމަށާއި އޭގެ ސަބަބުން ކުރީ މެނޭޖްމެންޓްއިން ކުއްޔަށް ނަގާފައިވާ ޑުރެޖާއަށް ކުލިދައްކަން ހަދައިގެން ކުންފުންޏަށް ލިބެންޖެހޭ ނަފާ ރަގަޅަށް ނުލިބޭކަމަށް އެމްޓީސީސީއިން ބުންޏެވެ.

comment ކޮމެންޓް