އުރީދޫ ނޭޝަން ގޭމާސް ލޭންޑުގެ ހަރަކާތްތައް އިފުތިތާހުކޮށްފި

އުރީދޫ ނޭޝަން ގޭމާސް ލޭންޑު އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ އުރީދޫ

އުރީދޫ ނޭޝަން ގޭމާސް ލޭންޑު 2024ގެ ހަރަކާތްތައް މިރޭ އިފްތިތާހު ކޮށްފިއެވެ.

މި ހަރަކާތް އިފްތިތާހު ކޮށްދެއްވީ މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑަކީ ރާއްޖޭގެ އުފެދިފައިވާ ގޭމިން ކޮމިއުނިޓީއަށް އަދި ގޭމް ކުޅޭ ހުރިހާ މީހުނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ. މުޅި އަހަރަށް ބަހާލައިގެން ބާއްވާ އީއޭއެފްސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ ޓޯނަމަންޓްތަކުގެ ޖުމްލް ޕްރައިޒް ޕޫލްއަކީ 700،000 ރުފިޔާއެވެ.

މިއަހަރުގެ އުރީދޫ ނޭޝަންގައި އިންޓާ ސްކޫލް، އިންޓަ ޔުނިވާސިޓީ އަދި ކޮލެޖު، އިންޓާ އޮފިސް، އިންޓާ ރިސޯޓު މުބާރާތްތައް ހިމެނެއެވެ.

މި މުބާރާތްތަކާ ގުޅިގެން މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ، އުރިދޫއަކީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތަށް އިންގިލާބެއް ގެނެސްދީފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކުގައި އާމްދަނީ ލިބޭނެ ގޮތްތައް ވެސް ފަހިކޮށްދެމުން ދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ޒުވާނުންނަށްވެސް އަދި ގޭމު ކުޅޭ ހުރިހާ ފަރާތްތަކަށްވެސް ޔަގީންވާނެ ކަމަކީ އުރީދޫއިން ރާވާ މުބާރާތްތަކަކީ ފެންވަރު ރަނގަޅު މުބާރާތްތަކެއްކަން. އަދި މި ފެންވަރުގައި އީ ސްޕޯޓްސްއަށް އުރީދޫއިން ދޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހަމާދީ ވިދާޅުވީ، އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024 ލޯންޗު ކުރީ ދިވެހިރާއްޖޭގައި ގޭމު ކުޅުމަށް ޝައުގުވެރިވާ ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށް ކަމަށެވެ. އަދި އުރީދޫއިން އަބަދުވެސް ބަލަނީ އީޖާދީ އަދި ކަސްޓަމަރުންނާ ގުޅިގެން ކުރެވޭ ކަންތައްތައް އިތުރުކުރުމަށް ކަމަށާއި މިއަހަރު މިމުބާރާތް ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް ވެސް ކުރާކަން އޭނަ ފާހަގަ ކުރެއްވިއެވެ.

ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވާކު، އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވައިފައިވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެކެވެ. އަދި މިއަހަރު "އަލްޓިމޭޓް ޕްލޭޔާ" ޓްރޮފީއަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށްވެސް ހުޅުވާލާނެއެވެ.

މިއީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް