ތަފާތު ލޯބީގެ ހާދިސާތަކަށް ބިނާކޮށް "ޑާކްރެއިން އެންޓަޓެއިންމެންޓް"ގެ އެންތޯލޮޖީ ސީރީޒް "ޑާކްރެއިން ކްރޮނިކަލްސް"ގެ ސީޒަން-2 ބައިސްކޯފުން ދައްކަން ފަށައިފިއެވެ.
ޑާކްރެއިންއިން 2022 ވަނަ އަހަރުގެ ތެރޭގައި ވަނީ ޑާކްރެއިން ކްރޮނިކަލްސްގެ ނަމުގައި އެންތޯލޮޖީ ސީރީޒްއެއް ރިލީޒްކޮށްފައެވެ. މި ވޯޑް ސީރީޒްގެ މައިގަނޑު ތީމަކަށް ބަދަލު ހިފުން ކަނޑައަޅައި ތަފާތު ހަ ވާހަކައެއް ކިޔައިދޭ ވޯޑް ސީރީޒްއެއް ވަނީ އާންމުކޮށްފައެވެ.

އެގޮތުން މި ސީރީޒްގެ ހަ އެޕިސޯޑުގައި ވެސް ބަދަލު ހިފުމާ ގުޅޭ މުޅިން ތަފާތު ވާހަކައެއް ކިޔައިދޭއިރު ކޮންމެ އެޕިސޯޑަކުން ވެސް ފެނިގެން ގޮސްފައިވަނީ ތަފާތު ކާާސްޓެކެވެ.
މި ފޯމެޓާއެކު ޑާކްރެއިން ކްރޮނިކަލްސްގެ ދެވަނަ ސީރީޒް ދައްކަން ފަށާފައިވާއިރު މި ސީރީޒްގައި ނުވަ އެޕިސޯޑަކަށް ބަހާލައިގެން ތަފާތު ލޯބީގެ ވާހަކަތައް ކިޔައިދޭނެއެވެ.

ލޯބީގެ އެކި ހަރުފަތާއި ލޯބީގެ އެކި ވާހަކަ ކިޔައިދޭ މި އެޕިސޯޑުތަކުގައި އެކި ކަހަލަ ކަންތައްތަކަށް އަލި އަޅުވާލާނެއެވެ. އޭގެ ތެރޭގައި ކުރީގެ ލޯބީގެ ހަނދާންތަކާއި ލޯތްބާއެކު އުޅޭ އިރު ވެސް ދިމާވާ މައްސަލަތަކުގައި އަމަލު ކުރާ ގޮތްތައް ހިމެނެނޭއެވެ.
އެއާއެކު މި ސީރީޒްގެ އެޕިސޯޑުތަކުން ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ތަރީންގެ ބޮޑު ކާސްޓެއް ފެންނާނެއެވެ. އޭގެތެރޭގައި ޝީލާ ނަޖީބާއި އަހުމަދު ސައީދާއި ހަސަން މަނިކު (ރޯނު) ފަދަ އެކްޓަރުން ހިމެނެއެވެ.
މީގެ އިތުރުން، މި ސީރީޒްގެ އެޕިސޯޑުތަކުން ފެންނާނެ އެކްޓަރުންގެ ތެރޭގައި ނުޒުހަތު ޝުއައިބު، ރަވީ ފާރޫގު، މަރިޔަމް މަޖުދާ، މުހައްމަދު ވިޝާލް (ރޯމަން)، އައިމިނަތު ސުހާ، ޝަރަފް އަބްދުﷲ، އައިޝާ އަލީ، ޝަރާ އާދަމް، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، އާއިޝަތު ޔާދާ، މަލީހާ ވަހީދު (މަލް) އަދި އާނާ ހިމެނެއެވެ.
މި ސީރީޒްގެ އެޕިސޯޑުތައް ޑައިރެކްޓު ކޮށްފައިވަނީ ޝަހުދާ މަހްމޫދާއި އަލީ ޝިފާއުއެވެ.