"ޝައިތާނާ އަބަދުވެސް މަގު ދައްކާނީ ނުބައި އަމަލުތަކާއި ދިމާލަށެވެ. އެ މަޅީގައި ޖެހިއްޖެނަމަ އަބަދުވެސް ވަގުތު ދުއްވައިލެވޭނީ ބޭކާރުގޮތުގައެވެ. ގިނަވަގުތު ހެޔޮ އަމަލުތަކާއި ދުރުގައި ސޯޝަލްމީޑިއާގައި ނޫނީ ނެޓްފްލިކްސްގައި ވަގުތު ހޭދަކުރެވުމުން ފޫހިފިލާހެން ހީވާނެއެވެ. ނަމަވެސް އެއީ ޝައިތާނާގެ ވަސްވާހުގައި ޖެހި ތިމާގެ އަމިއްލަ ނަފުސަށް ދެވޭ އަނިޔާއެކެވެ. އެންމެ ފައިދާހުރީ ހެޔޮ އަމަލުތަކުގައި ވަގުތުތައް ހޭދަކުރުމެވެ. އޭރުން ލިބޭ ހިތްހަމަޖެހުން ދެގުނަ ބޮޑުވާނެއެވެ."

***

" އުވެއިސް އަށް މަދީނާ ދެކެ ލޯބި ވެވުނީ ބާ....." އާދަމް ޝައްކުވެފައި މުޝްރިކާ ކައިރިން އަހައިލިއެވެ.

" ކީކޭ؟ ކަލޭ މޮޔަވީތަ؟ އުވެއިސް އެއީ ކަލޭމެން ފަދަ އިންސާނެއް ނޫން. ކަލޭމެން ތީ ކޮން ބައެއް ލޯބި ވާން....." އެ އަޑުގައިވީ ބިރުވެރިކަން އާދަމްގެ ކަންފަތުގައި ގުގުމާލީ ބާރު ވައިރޯޅިއަކާ އެކީއެވެ.

ފުއްޓަރު ފަރާތު އައްސޭރީގައިވާ ބޯ ޖަންގަލި ތެރޭގައި އާދަމް އެކަނި މާ އެކަނި އިނީ މީހެއްގެ އިންތިޒާރުގައެވެ. މުޝްރިކާ ގެ ސޫރަ އެތަނުން ނުފެނުނު ކަމުގައި ވިޔަސް އޭނަ ހުރީ އާދަމް އާއި އެކީގައެވެ.

" ނޫނޭ ސާހިބާ. ހަމަ އެފަދަ ގޮތެއް ވެދާނެ އެއްނު. އުވެއިސްގެ ކައިވެނި އެހެން ނޫނަސް ހަމަޖެހިފައެއްނު އޮތީ..." އާދަމްގެ މަގުސަދަކަށް ވީ އުވެއިސްގެ ކައިވެނި އަވަހަށް ކުރުވުމެވެ. މަދީނާ ފެނުނީއްސުރެ އޭނަގެ ހިތް އެދެމުން ދިޔައީ މަދީނާ އޭނާގެ މިލްކަކަށް ހެދުމަށެވެ.

" މާ ބޮޑަށް އެނގިގަނެގެން އުޅޭނެ ކަމެއް ނެތް. އެފަދަ ގޮތެއް ދިމާވެދާނެ ކަމަށް ކަލޭ ހިތަށް އެރުވީތީވެސް ކުޅި ދައްކާލާނަން. ކަލެއާއި ނުބެހޭ ކަންތަކާއި މާ ވިސްނަން ހަދަން ތި އީ ކާކު ތަ؟" ޖަންގަލީ ތެރޭގައި ބުޅާތައް ރޯ އަަޑު ގަދަވިއެވެ. މުޝްރިކާ އަނިޔާވެރި ގޮތެއްގައި އާދަމްގެ ފައިގައި ހިފައި ބިމުގައި ކާއްތަމުން ދިޔައެވެ. އާދަމް އެފަދަ ގޮތަކަށް ވިސްނިކަމަށްޓަކާ މުޝްރިކާ އަށް ރުޅި އިސްކުރެވުނީއެވެ. އޭނާއަށް ހަގީގަތުގައިވެސް އުވެއިސް އަށް އިންސާނަކާއި ލޯބި ވެވިދާނެކަމުގެ ބިރު ހީވީއެވެ. އިންސާނުންގެ ތެރެއިންވެސް މާޒްވިލާގެ އިންސާނެއް ދެކެ ލޯބި ވުމެވެ.

މީހެއްގެ ހިލަމެއް ވާހެން ހީވުމުން އާދަމް ގެ ފައިން ވީއްލައި އެތަނުން ފެއްސިގަތީ ނަގޫރޯޅިއެއް ފަދައިންނެވެ. އެ ދިޔަ ވަގުތު މުޅިތަނަށް ވައިބުރައިގެން ދިޔައީ ގަސް ތަކުގެ ފަތްތައް ވެސް ކުނޑިކޮށްލަމުންނެވެ. އެ ނަގޫ ރޯޅި ދިޔައީ މޫދާ ދިމާއަށް ކަމުން އެ މަންޒަރު ފެނުނު ވަގުތު ގައިން ހީބިހި ނަގައިގެން ދިޔަ ޝަބާބު ހުރީ ހިން ދިރުވާލަންވެސް ނުކެރިފައެވެ. ދުވަހަކީ އުޑުމަތި ސާފު އަދި އަވި ދޭ ދުވަހެއް ކަމުން އެފަދަ ވައި ރޯޅިއެއް ޖެހިލުން އެއީ ނާދިރުކަމެކެވެ.

ބިންމަތީގައި އާދަމް އޮތީ ވެއްޔާ މޮޑެވިފައެވެ. މުޅި މޫނު އަޅި ހިރަފުސް ގަނޑަކަށް ވެފައިއޮތް އިރު ގަމީސް ވީދިފައި ވުމުން މޭމަތީގައި ވި ޒަޚަމްތައް އޮތީ ހާމަވާށެވެ. ފިރުކެމުން ތެދުވުނު ވަގުތު މީހާގެ ގައިގައި އަޅަމުން ދިޔަ ވޭނަށް ކުކުރައިލެވުނެވެ. ނަމަވެސް ނުލަފާ ހިނިތުންވުމެއް މޫނަށް ވެރިކުރުވީ އޭނާގެ މަގްސަދު ހާސިލު ވެއްޖެ ކަން އެނގުމުންނެވެ. އެއީ މުޝްރިކާގެ ހިތުގައި އުވެއިސްއާއި މެދު ފިކުރުބޮޑުކުރުވުމެވެ. އަދި މަދީނާ އޭނާއަށް ލިބެން ފަސޭހަ ކުރުވުމަށެވެ.

ޝަބާބު ބިރުން ހިތް ވިރޭވަރުވި ނަމަވެސް ބޯ ގަސްތައް ހެދިފައިވާ ހިސާބަށް ވަންނަމުން ދިޔައީ އާދަމް އާއި ބައްދަލުކުރުމަށެވެ. އާދަމް ފެނުނު ވަގުތު ކަރު ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ބިޔަ ފިރހެނެއް ކަމަކު ހަޅޭއްލަވައިގަތް އިރު އަޑުގައި ވި ތޫލި ކަން ތުނި ބިއްލޫރިތައްޓެއްވެސް ތަޅާލަފާނެއެވެ.

" ޝަބާބޫ. މީ މަށޭ. އަންހެނެއްހެން ހަޅޭއް ނުލަވަބަލަ.. މަގޭ ކަންފަތް ބީރުވެދާނެ....." މޫނުގައިވީ އަޅި ފޮހެލަމުން ފޫހިކަމާއެކު އާދަމް ވާހަކަދެއްކިއެވެ.

" އަ...އާދަމް....ބޭބެ ނޭނގެނީ ނު. ބޫތު ގޮތައް ހުންނަނީމަ...." ލަދުގެންފައި ހުރެ ހަޅޭއްލެވުން ހުއްޓުމަކަށް އައީ އާދަމް ވާހަކަދެއްކުމުންނެވެ. ޝަބާބު އަކީ ވުޑްލޭންޑްސް ގެ ހައުސްކީޕަރެވެ. ވުޑްލޭންޑަކީ ޖައިލަމްގެ އަންހެނުން ފަރީޝާގެ ގެއެވެ.

"ކޮބާ ގެނައިންތަ މަގޭ ހަދިޔާ ކޮތަޅު؟" އާދަމް އަވަހަށް އަހައިލީ އޭނައަށް ގެނައި ރަލާއި މަސްތުވާއެއްޗިހީގެ ވާހަކައެވެ. ޝަބާބު ވަރަށް ޖެހިލުންވެފައި ހުރެ ބޮޑު ކޮތަޅެއް ދިއްކޮށްލީ ފަރާތް ފަރާތް ބަލާލަމުންނެވެ. މީހަކަށް ފެނިދާނެތީ ބިރުގެންފައި ހުރީ އެތަނުން އަވަހަށް ނުދެވިފައެވެ. ޖައިލްމަގެ މިފަދަ ހުރިހާ ސިއްރު ކަމެއް ކުރުމަށް ހަވާލުކޮށްފައިވަނީ ޝަބާބު އާއެވެ. ބިރުގަތަސް ޝަބާބު އަށް އެކަންތައް މަޖުބޫރު ކުރުވަނީ ޖައިލަމް ކޮށްފާނެ ކަމަކަށް ބިރުންނެވެ. ޖައިލަމް އަށް މަސައްކަތްކޮށްދީ އުޅޭ އެންމެންނެކޭ އެއްގޮތައް ޝަބާބު ވެސް ވަނީ އޭނާގެ އަމިއްލަ ނަފްސު ސަލާމަތް ކުރުމަށްޓަކައި ޖައިލަމް ބުނާ ކޮންމެ ކަމެއް ކުރުމަށް މަޖުބޫރުވެފައެވެ.

" ހްމްހްމް.....ވަރަށް ރަނގަޅު.....ކިހާ ދުވަހެއް ރާ ފޮދެއް ނުލިބި އުޅޭތާ...." ރާފުޅިއެއް ކަނޑާލުމަށް ފަހު ފުޅިން ބޯންފެށީ ފެންބޮވައިގެންފައިވާ މީހެއް ހެންނެވެ.

" ބޮސް ބުނަނީ ބޫގަލް ދެނީ ފަރަހް މެޑަމްއަށް....އެ ރެޑީ ވަނީތަ...." ޝަބާބު އަވަސް އަވަހަށް އަހައިލިއެވެ.

" ހޫން....މަމީ މެޝިނެއްތަ؟އަބަދު ކޮންމެވެސް ބޫގަލެއް ހަދަން. މަ ގުޅަނީ ފަހުން. މިއަދު މީ މަ ޕާޓީ ދުވަސް. ކަލޭ ދާންއުޅޭ..." އާދަމް ހުރީ އެކަނި ވެލަން ބޭނުންވެފައެވެ. މުޝްރިކާ އެހާ ރުޅީން ދިޔުމުން އޭނާގެ ފަރާތުން ކަމަކަށް އެދުމަކީ މިވަގުތު އެހާ ފަސޭހަ ކަމެއް ނޫން ކަން އެނގޭތީއެވެ.

***

"ޗި...މުޅި ހެދުން ޚަރާބު. އެކްސްޓްރާ ހެދުމެއްވެސް ނުގެނެވޭ...މިޖެހުނީ ސްކްރަބް ލާން... ހީވަނީ ގޯންޏަކަށް އެރިގެން ހުރިހެން" ރުޅީން މީހާ ރަތް ވެފައި ހުރެ ލޯގަނޑަށް ބަލައިލަމުން ފަރަހްގެ އަތުގައި އޮތް ފޯނުވެސް އެއްލާލައިފިއެވެ.

ފާހާނާ ތަޅުނުލައި ހުރުމުން ވަދެގެން އައި މަސައްކަތު މީހާ އަށްވެސް ހަޅޭއްލަވައިގަންނަން އުޅެފައިވެސް މަސައްކަތު މާހައުލު ކަމުން މީހާ މައިތިރިވިއެވެ. ފަރަހް އޭނާގެ ހިތުގައި ވާ ނުބައި ޚިޔާލުތަށް ފޮރުވާލަނީ މީހުންގެ ރުހުން ލިބިގަތުމަށެވެ. ނަމަވެސް ހަގީގަތަކީ އޭނާގެ ހިތް ވަނީ ކިބުރުވެރިކަމާއި ބޮޑާކަމުން ފޯވެފައެވެ. އަބަދުވެސް އެހެން މީހުންނަށް ބެލެނީ ތިމާ އަށް ވުރެ ދަށް ނިކަމެތި މީހުންގެ ގޮތުގައެވެ. މަސައްކަތު މީހާ އައިސް ބިންމަތީ އޮތް ފަރަހްގެ ފޯނު ނަގައިދީފައި ދިއްކޮށްލީ އޭނާ އަތުގައި އޮތް ބޮޑު ކޮތަޅެކެވެ.

އެމީހާ ދިން ފޯނާއި ކޮތަޅު ހިފަން ބޭނުންނުވެފައި ހުރީ ފަކުރުން ނަމަވެސް ގަދަކަމުން މޫނަށް ހިނިތުންވުމެއް ވެރިކޮށްލަމުން އެ އެއްޗިހީގައި ހިފިއެވެ. އެ ކޮތަޅުގައި ހުރީ ފަރަހް ލައިގެން އައި ކަހަލަ ހެދުންތަކެކެވެ. އަގުބޮޑު އެއްޗިހި ކަމުން ހަމަ ގައިމުވެސް ފަރަހް ވަރަށް ރަނގަޅަށް ދަންނަ މީހެއް ފޮނުވި އެއްޗިހި ކަން އެނގުނެވެ.

" އޯ....މާޒް ސޯ ސްވީޓް.....ހީ ޝުއަ ނޯސް މައި ޓޭސްޓް...." ފަރަހް ގެ މޫނު ދިއްލުނީ އެއީ މާޒިމް ދިން އެއްޗެއް ކަމަށް ހިތާއެވެ.

"މިއީ ޑޮކްޓަރ........." މަސައްކަތު މީހާ ބުނަން ބޭނުންވީ ޑޮކްޓަރ ފަހަދް ދިން އެއްޗެއްކަމުގައެވެ. ނަމަވެސް ފަރަހް އެދުނީ ހެދުން ލުމަށް އެމީހާ ނިކުމެލަން ކަމުގައިވުމުން އެވާހަކަ ބުނާނެ ފުރުސަތެއް ނުލިބުނެވެ.

ހުދު ކުލައިގެ ގަޔަށް ބާރު ގަމީހާއި ކަޅު ސްކާޓް ލައިގެން ހުރެ ލޯގަނޑަށް ބަލައިލުމުން އަމިއްލަ ނަފްސަށް ތަޢުރީފުކުރެވުނެވެ. ތުންފަތުގައި ފޮހެވިފައިވާ ލިޕްސްޓިކް ލުމަށް ފަހު ގަޔަށް ސެންޓު ޖަހައިލީ އެ ފުޅި ހުސްވާވަރަށެވެ.

" ހީ ރިމެމްބަރސް މައި ސައިޒް.....އެހެން ނޫނަސް އަހަރެން ކަހަލަ މީހެއްގެ ހަނދާން ނައްތާލުން އެއީ ފަސޭހަކަމެއް ނޫން...." ވަރަށް ފަޙުރުވެރިކަމާއެކު ހިތަށް ވެރިވަމުން ދިޔައީ މާޒިމް އާއި އެކީ ކުރީން ހޭދަ ކުރެވުނު ދުވަސްތަކެވެ.

ފާޚާނާއިން ނިކުމެގެން އަވަހަށް މިސްރާބު ޖެހީ މާޒިމް އާއި ބައްދަލުކުރަމަށް ނަމަވެސް އިއްތިފާގުން ކުރިމަތީން މާޒިމް އަންނަތަން ފެނުމުން އަވަހަށް ދުއްވައިގަނެވުނީ އެ ދިމާއަށެވެ.

" ތޭންކްސް ސޯ މަޗް މާޒް......އައި ލަވް އިޓް..." މާޒިމްގެ އަތުގައި ހިފާލަމުން ފަރަހް ބުނެލީ ވަރަށް ގާތްވެފައި ހުރެއެވެ.

މާޒިމް އަށް އަވަހަށް ފަރަހް ކޮށްޕައިލާ ދުރަށް ޖައްސާލެވުނީ އުނދަގޫ ވެފައިހުރެއެވެ. މީހުން ގިނަ އެ ވަގުތުގައި އެންމެންގެ ނަޒަރުއެ ދިމާލަށް ހުއްޓިފައިވީ ނަމަވެސް މާޒިމްގެ މޫނު މައްޗަށް ވެރިވެފައި ވީ ނުރުހުންތެރިކަން ފަނޑެއްނުވިއެވެ.

" ކޭން ޔޫ ބިހޭވް.....މީ މަސައްކަތުގެ މާހައުލޭ....އެހެން ނޫނަސް ތޭންކްސް ބުނާ ވަރު ކަމެއް ނޫން...." މީހުން ގެ ނަޒަރު ހުއްޓިފައިވާ ކަން އެނގުމުން ފަރަހް ގާތައް ޖެހިލުމަށްފަހު ބުނެލީ އެހެން މީހުންނަށް އަޑު ނީވޭވަރަށެވެ. މާޒިމް ހީކުރީ ފަރަހް ޝުކުރު އަދާކުރީ މިއަދު ހޮސްޕިޓަލަށް ލައިދިނުމުން ކަމަށެވެ.

މާޒިމް ދުރުކޮށްލުމުން ކިރިޔާ ކައްސާލައި ނުވެއްޓުނީ އެތާ އިން ތަނބެއްގައި ހިފުމުންނެވެ. ފެންކަޅިވެފައި ހުރެވުނު ފަރަހްގެ ހިތަށް ހީވީ އެތައް ސަތޭކަ ޚަންޖަރެއް އެއްފަހަރާ ހަރާލީހެންނެނެވެ.

" އަމް...ސޮރީ...." މޫނު މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކުރަވުމް ހިނގައިގަތީ ގެންފައި ހުރި ލަދެއްގެ ސަބަބުންނެވެ. ވިސްނައިނުގަނެވެނީ މާޒިމް އެގޮތަށް ކަންތައް ކުރަން ޖެހުނީ ކީއްވެކަން ނޭނގިފައެވެ. އެއްވެސް ސަމާލުކަމެއް ނުދީ މާޒިމް ހިނގައިގަތީ ގެޔަށް ދާން ލަސްވެފައި ހުރެއެވެ.

"ހެދުން ރީތި ތަ؟" ފަރަހްގެ ފޯނަށް އައި މެސެޖް ފެނުމުން އަސްލު ކަން ވީގޮތް ވިސްނައިގަނެވުނެވެ.

" ފަހަދް....." ފުން ނޭވާ އެއް ދޫކޮށްލަމުން ފަރަހް އަށް ހިތާ ހިތުން ބުނެވުނެވެ.

***

މާޒިމް އަތުގައި އިތުރު ތަޅުދަނޑިއެއް ވުމުން ވަނީ އުރުޖުވާން އުޅޭ އެޕާޓްމެންޓަށެވެ. ކެތްމަދުވެފައި ހުރެވުނީ ސްވިޓްޒްލޭނޑް އަށް ދާ ދަތުރުގައި އުރުޖުވާން ގޮވައިގެން ދާން ބޭނުންވާ ކަން ހާމަ ކުރުމަށެވެ. ގެޔަށް ވަނުމާއެކު ވެސް މީހާގެ ހިތް އުފަލުން ފުރުނެވެ. ދުވި މީރު ދޮންރިހައިގެ ވަހުންނާއި ސުފުރާ ތަތްޔާރުކޮށްފައި ހުރިލެއް ފުރިހަމަކަމުން ކުޅުދިޔާކުރުވިއެވެ. ބަދިގެއަށް ވަނީ އުރުޖުވާން ހުރިކަމަށް ހިތާ ނަމަވެސް ނުފެނުމުން ކަންބޮޑުވިއެވެ.

ސަބީހާ ކޮޓަރީގައި ދެތިން ޓަކި ޖަހައިލި ނަމަވެސް ޚަބަރެއް ނުވުމުން ދޮރު ހުޅުވާލުމުންވެސް އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. ހާސްކަން ބޮޑުވެފައި ހުރެ އުރުޖުވާން ގެ ކޮޓަރީ ދޮރު ހުޅުވާލެވުނީ ވަރަށް ބާރަށެވެ.

މާޒިމް ގެ ލޯ އުރުޖުވާންގެ މޫނަށް ހުއްޓުނު ވަގުތު ހީވީ ހިތުގެ ހިނގުން ވެސް މަޑުޖެހެލިހެންނެވެ. ފަން އިސްތަށިކޮޅު ވަޔާ ބީހެމުން ދިޔަ މައުސޫމު މޫނު ކޮޅުގެ ސާފު ކަމަށް ހިތް ކިޔަމުންދިޔައެވެ. ވަގުތު ހީވީ ގަނޑުވިފަދައެވެ.

"ދޮންބޭ...." މަދީނާ ގެ އަޑުން ސިއްސުވާލި މާޒިމް އަވަހަށް ދޮރު ލައްޕައިލާ ފަހަތް ބަލާލެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު