ރިއާނާ ޕާފޯމް ކުރަން ހަ މިލިއަން ޑޮލަރު

އަނަންތު އަމްބާނީގެ ޕްރީ ވެޑިން އިވެންޓުގައި ރިއާނާ ޕަފޯމް ކުރަނީ ---

އިންޑިއާގައި ބާއްވާ އެންމެ ބޮޑު ކައިވެނީގެ އިވެންޓުގައި ޕާފޯމް ކުރުމަށްޓަކައި ހޮލީވުޑްގެ އެންމެ ބޮޑު އެއް ލަވަކިޔުންތެރިޔާ ރިއާނާ ގެންދިޔައީ ހަ މިލިއަން ޑޮލަރަށް ކަމަށް ވާހަކަތައް ދެކެވެން ފަށައިފިއެވެ.

މުޅި އޭޝިއާގެ ވެސް އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރި އަނަންތު އަމްބާނީގެ ކައިވެނީގެ އިވެންޓަކީ މުޅި ބޮލީވުޑްގެ ވެސް އެންމެ ބޮޑު އެއް އިވެންޓެވެ. މި އިވެންޓަށް ބޮލީވުޑްގެ އެންމެ ބޮޑެތި ތަރީންތައް ގޮސްފައިވާއިރު އިތުރު އިންޓަނޭޝަނަލް އެކްޓުތައް ވެސް ވަނީ ގެންގޮސްފައެވެ. އޭގެތެރެއިން ހައިލައިޓަކީ ރިއާނާއެވެ.

ތިން ދުވަހަށް ކުރިއަށް ގެންދާ ޕްރީ ވެޑިން އިވެންޓު ނުވަތަ ސަންގީތު އިވެންޓުުގައި ރިއާނާ ޕާފޯމް ކުރުމަށްޓަކައި އޭނާ ވަނީ ބުކް ކޮށްފައެވެ. ކުޑަހިނދުކޮޅެއްގެ ފެނިލުމަކަށް ރިއާނާ އިންޑިއާއަށް ގޮސްފައިވަނީ ހަ މިލިއަން ޑޮލަރަށް ކަމަށް މައުލޫމާތު ލިބެއެވެ.

މި އިވެންޓުގައި ރިއާނާ ވަނީ އޭނާގެ އެންމެ ފާހަގަކުރެވޭ ބައެއް ލަވަތައް ޕާފޯމް ކޮށްފައެވެ. އަދި އޭގެ އިތުރުން ބޮލީވުޑްގެ ބައެއް ތަރީންނާއެކު ވެސް ރިއާނާ ވަނީ އިވެންޓު ތެރޭގައި ބައްދަލުކޮށް ނަށައި ހަދާފައެވެ.

ރިއާނާ އަކީ ހޮލީވުޑްގައި ވެސް މިވަގުތު އެންމެ ޑިމާންޑު ބޮޑު އެއް ތަރިއެވެ. މިއުޒިކް އުފައްދައި އަމިއްލައަށް އިވެންޓުތަކުގައި ޕާފޯމް ކުރުން މެދުކަނޑާލާފައިވާއިރު ރިއާނާ ފެންނަނީ މިފަދަ ބުކް ކޮށްފައިވާ އިވެންޓުންނެވެ. މިއީ އާންމު އޯޑިއަންސްތަކަށް ފެންނާނެ އިވެންޓުތަކެއް ނޫނެވެ.

އެގޮތުން މީގެކުރީން ރިއާނާ ޕާފޯމް ކޮށްފައިވަނީ އެންއެފްއެލްގެ ސުޕަބޯލް ހާފްޓައިމް ޝޯގައެވެ. މި އިވެންޓަށް ވެސް ރިއާނާއަށް ދައުވަތު ދީފައިވަނީ އެތައް މިލިއަން ޑޮލަރުން ފައިސާ ދީގެންނެވެ.

comment ކޮމެންޓް