އޮޕަރޭޝަނެއްގެ ތެރެއިން 20 ފުޅި ބަނގުރާ މުލަކުން ހޯދައިފި

މުލަކުން ބަނގުރާ ފުޅިތަކެއް ފުލުހުން އަތުލައިގެންފި--ފޮޓޯ: ޕޮލިސް

މ. މުލަކަށް ބަނގުރާ އެތެރެކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މުލަކުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މުލަކުގައި ހިންގި އެ އޮޕަރޭޝަނުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ މުލަކު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އެ އޮޕަރޭޝަން ހިންގީ ނިމިދިޔަ ފެބުރުވަރީ 29ވަނަ ދުވަހު ކަމަށެވެ.

އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރާ ދިމާ ހޭޅިފަށް ބަލައިފާސްކުރިއިރު ފޮށިގަނޑެއްގައި ފޮރުވާފައިހުރި 20 ފުޅި ބަނގުރާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އަދި މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އެއާއެކު ފުލުހުން ބުނީ މި މައްސަލަ މުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ނިމިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފުލުހުން ވަނީ އަތޮޅުތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފައެވެ. މި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު މީހުން ހައްޔަރުކޮށްފައިވެއެވެ.

comment ކޮމެންޓް