"ތިބާގެ މައިންބަފައިން ދުނިޔެ ދޫކޮށްފައިވާނަމަ ރުއިމަކުން ކުރާނެ ފައިދާއެއް ނެތެވެ. ލޯބިވާ މައިންބަފައިން ވަކިވުމުން ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ ގިނަގިނައިން ހެޔޮ ދުޢާކުރުމާއި ސަދަގާތް ކުރުމެވެ."

***

" ސިމް އަށް ސަޕްރައިޒެއް ދޭން ކަމަށް...އެކަމު..."ލޮލަށް ޖަމާވެފައިވާ ކަރުނަތަށް ހިފަހައްޓައިލަން މަސައްކަތް ކުރި އެލީޒީއަށް އޭނަގެ ކަރުތެރޭގައި އެއްޗެއް ތާށިވީފަދަ އިހުސާސެއްވެސް ކުރެވުނެވެ. ކަރު ބެދި ވާހަކަ ދައްކަން އުދަގޫވިއެވެ.

"އެލީ....ފޯނު ނުގަގާކަށެއް ނޫން.....އެއީ މިއަދު ބޮލުގަ ރިއްސާތީ...." މުރުތަސިމް ބަހަނާއެއް ދެއްކިއެވެ.

" ބޮލުގައ ރިހުމެއްދޯ މިއީ މިހާރު. އައި ގެޓް އިޓް. ސިމް ރީތި ކޮށް ބުނެލަދީ ބްރޭކް އަޕް ވަންޏާވެސް...." އެލީޒީ ހިތްވަރު ކުރީ ކަރުނަތައް ހިންދައިލައި މުރުތަސިމް ކުރިމަތީ ތިމާގެ ހިތްވަރު ހުރިކަން ދައްކާލުމަށެވެ.

" އެލީ ކީއްވެތަ އަބަދުވެސް ހުރިހާ ކަމެއް ތިހާ ނެގެޓިވް ކޮށް ވިސްނަނީ. އެލީއަށް އަދިވެސް އަހަރެން ދަސްނުވޭ...މި ވީ ފަސް އަހަރުތެރޭގަވެސް..." މުރުތަސިމް ބެލީ އެލީޒާގެ ކުށް ދެއްކޭތޯއެވެ.

" ސިމް. އިޓްސް ފައިން. ފަސް އަހަރު ތެރޭ އަހަންނަށް ސިމް އަކީ ކާކު ކަން ވަރަށް ރަނގަޅަށް އެނގިއްޖެ. އެކަމު މިހާރު ތިއީ އެ ސިމް އެއް ނޫން. އެންޑް ޔޭސް. އަހަރެން ސިމް ފަހަތަކުން ނުދުވާނަން.. އައި ވޯންޓް ބެގް އެނީބަޑީ ޓު ލަވް މީ...." އެލީޒާގެ ހިތުގައި އޮތް ވާހަކަ ބުނެލުމަށް ފަހު ކޮފީ މޭޒުން ތެދުވެގެން ދިޔައީ ހިތް ކުދި ކުދި ވާ ހާލު ނަމަވެސް މޫނު މަތީން އެކަން ފޮރުވަމުންނެވެ.

ދަމުން ފަސް އެނބުރި އެއްފަހަރު ނަމަވެސް ބަލާލެވުނީ މުރުތަސިމް ގޮވާލާނެ ކަމަށް ހިތާއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައި އިސް ޖަހައިލައިގެން މުރުތަސިމް އަށް ހުރެވުނީ އެލީޒީ އެތަނުން ދަންދެންނެވެ.

ހިތް ބުނަމުން ދިޔައީ އެލީޒީ ދެއްކީ ހަމަ ހަގީގަތުގައިވެސް ތެދު ވާހަކައެއް ކަމެވެ. ފަސް އަހަރުތެރޭގައި އެތައް ކަމަކަށް ބަދަލު އައިސް އެ ދެމީހުންގެ މިޒާޖުގައި ހުރި އުނި ކަންތައް ނޫން އެހެން އެއްވެސް ކަމެއް ފެންނާން ނެތް ފަދައެވެ. ހިއްސާ ކުރެވުނު އުފާވެރި ވަގުތުތަކުގެ ވެސް ބުރަދަނެއް ނެތް ފަދައެވެ. ވަކިވާން ޖެހުނަސް މުރުތަސިމް ބޭނުންވަނީ އެލީޒީ އޭނާގެ ދުލުން އެހެން ބުނެ ދިނުމަށެވެ.

ޖެޓީގެ އެކަހެރި ހިސާބުގައި ދުރު ނަޒަރުން ފުން ކަނޑަށް ބަލަހައްޓައިގެން ހުރެވުނު އިރު އެ ދާ އޮޔާ އެކީ ގެނބިގެން ހިނގައިދާން އެތައް ހާސް ފަހަރަކު އެލީޒީގެ ހިތް ބުނަމުން ދިޔައެވެ. ދުނިޔޭގައި މުރުތަސިމް ފިޔަވައި އެހެން އެއްވެސް މީހެއް އެލީޒީގެ ހަޔާތަކު ނެތެވެ. އޭނަ ކުޑައިރުއިރު މައިންބަފައިން ނިޔާވެފައި ވި އިރު ބޮޑުވީ ކުޑަކުދިންގެ ހިޔާގައެވެ. އަމިއްލަ ފައި މައްޗަށް ތެދުވެ އެ ފަގީރު ކަމުން ނިކުމެވުނު ނަމަވެސް ލޯބި އެއީ ކޯޗެއްކަމެއް އެލީޒީ އަކަށް ދުވަހަކު އެނގިފައެއް ނުވެއެވެ. މީގެ ފަސް އަހަރު ކުރިން މުރުތަސިމް އާ ދިމާވުމުން ނޫނީ އެވެ.

***

" ޒަހްރާއްތާ.....އަންނާނަން ގެޔަށް ގޮސްލާފަ....." ބާބިލް ވަރަށް ހާސް ކަމާއެކު ބުނެލި ވަގުތު ކާ މޭޒު ދޮށުގައި ތިބި އެންމެންގެ ނަޒަރުވެސް ވަނީ އޭނާޔަށް ހުއްޓިފައެވެ. ދުވަހަކު އަޑު ހަރުކޮށް ވާހކަ ނުދައްކާ ބާބިލްގެ މޫނު މަތީން ފެންނާމުން ދިޔައީ ހާސް ކަމެވެ.

" ބާބިލް. ކަނބުލޮ. ގޭގަ ހުރިހާ ކަމެއް ރަނގަޅުތަ....ކަމެއް ގޯސް ވީތަ؟" އައްޒަހްރާ ކަންބޮޑުވިއެވެ.

ބާބިލް އޭނާގެ މާމަ ކުޑަކޮށް ހުން އައިސް ބަލި ވެ އުޅެނީ ކަމަށް ބުނެ ދޮގު ހަދަން ޖެހުނީ މަޖުބޫރުވެގެންނެވެ. އަސްލު އެނާގެ ފިރިމީހާ ފައިސާ ހޯދަން ބިރުދައްކައި ގުޅުމުން ގެޔަށް ދާން ޖެހުނީ އެވެ. ފައިސާ ނުދެންޏާ ބާބިލް މަސައްކަތް ކުރާ ގެޔަށް ގޮސް އުނދަގޫ ކުރާނެ ކަމަށް ބުނެ ބިރުދައްކައި ހެދުމުން ބާބިލް އަށް އިތުރު އެހެނ ގޮތެއް ނެތީއެވެ. އައްޒަހްރާއާއި އޭނާގެ އާއިލާއަށް އޭނާގެ ފަރާތުން އެއްވެސް އުނދަގުލެއް ކުރިމަތިވާން ނޭދޭތީއެވެ.

" މި ބާބުލާ މީ ހާދަ މަކަރުވެރި އަންހެނެކޭ.....ކާމް ޗޯރު...." ބާބިލް ދިޔުމުން އެއް ކޮލަށް ޕޭންކެކު ފޮއްޗެއް އޮތް ގޮތައް ލައިގެން ހުރެ ސަކީނާ ބުނެލީ މަލާމާތުގެ ގޮތަކަށެވެ.

" ދައްތާ. އެ ކުއްޖާގެ ނަމަކީ ބާބިލް. ބާބުލާ އެއް ނޫން. މީހުން ތިހާ ދަށްކޮށްފަ ވާހަކަ ދައްކާކަށް ނުވާނެ. އެހެން ނޫނަސް ބާބިލް ކުރާ މަސައްކަތް ކުރެވޭނެ އެހެން އެއްވެސް މީހެއް ނުހުންނާނެ. އެ ކުއްޖާވެސް އަހަންނަކަށް މަކަރެއް ނަހަދާނެ...." ސަކީނާ އާއި ދިމާލަށް އެއްޗެއް ނުބުނާން ހުރެފައިވެސް އައްޒަހްރާ އަށް ބުނެވުނީ ރުޅި އާދެވުމުންނެވެ.

" ހޫން. ވަރަށް ފޫހިވޭ. މަ ނޫނީ އެހެން އެންމެނަކީވެސް ހުދު ކާފޫރުން ވިއްޔާ.....މަ މަރުވި ދުވަހަކުން އެނގޭނީ........... " ސަކީނާ ތުން ދަމާލައި ސައި ތަށި ބޯލުމަށް ފަހު ތެދުވެގެން ދާން އުޅުނަސް ގޮނޑީގައި ތާށި ވެ ނުތެދުވެވުނެވެ.

" ގޮނޑި ވެސް އެބުނަނީ ރުޅީން ނުދާށޭ...." އަލްބާން އަށް ހެވުނު ނަމަވެސް ބެލީ ސަކީނާ އަށް އެހީވުމަށެވެ. ނިދިފައި އޮތް ސޯފިޔާ ކޮޓަރީގަ ބާއްވާލަން ދާން ޖޫރީ އަވަހަށް ދުއްވައިގަތީ މާ ބޮޑަށް ހުނުން ވެސް ކޮންޓްރޯލް ނުވާތީއެވެ.

" މީ ކިހިނެއް ހަދާފަ ހުންނަ ގޮނޑިތަކެއްތަ؟މަ ކަހަލަ ބައްޓަން ރީތި ކޮށް ތިބޭ މީހުންނަށް މި ވައްތަރު ގޮނޑިތަކެއް ރަނގަޅެއް ނުވާނެ. އަލްބާން...ކަލޯ ގައިގަ ނެތެއް ނު ވަރެއްވެސް. ތި ރަނގަޅަށް ނުކާތީ އޭ ގައިގަ ވަރު ނެތީ...." ސަކީނާ ވަރަށް ސީރިޔަސް ކަމާއެކު ބުނެލި ވަގުތު އާސީނާ ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަވަހަށް ތެދުވެ ބަދިގެ އާއި ދިމާލަށް ހިނގައިގަތީ ވެސް އެހެންވެއެވެ.

" ވަޑާން ގެއިން ދައްތަ އަށް ދޭން ރަނގަޅު ގޮނޑިއެއް ތައްޔާރު ކުރާނީ. އެކަމާ ހާސް ނުވޭ....އަލް ބުނިހެން ރުޅީން ދާން އުޅުނީމަ ވީގޮތެއް...." އައްޒަހްރާ އަށް ހެވުނު ނަމަވެސް އަވަހަށް ވާހަކަ ހަމަޖައްސާލަން މަސައްކަތް ކުރީ ސަކީނާ ލަދުނުގަންނަވަން ވެގެންނެވެ.

" ހޭވް ޓު ޓޭކް އާންޓީ ޓު ވަޑާންގެ ފަސްޓް. އަލް ގައިގަ ހުރި ބާރެއް ލައިގެން ވެސް މި ކަމެއް ނުވި ކަންނޭނގެ...." އަލްބާން ގައިގައި ހުރި ބާރެއް ލާފައި މަސައްކަތް ކުރީ އެ ގޮނޑި ނެއްޓޭތޯ އެވެ. ގޮނޑި ނެއްޓުނު ވަގުތު އަލްބާން ވިއްސައިގެން ގޮސް ބިމުގައި ޖެހުނީ މަޖާ ގޮތަކަށެވެ.

ސަކީނާ އަށް މަޖާވީ އަލްބާން އަށް ދިމާވި ގޮތުންނެވެ. އެވަގުތަކީ ސަކީނާ ގެ ދަރި މަރްވާން ވެސް ކާ ކޮޓަރިއަށް ވަދެގެން އައި ވަގުތެވެ. އައްޒަހްރާ އަށް މަރްވާން ފެނުމުން ވަރަށް އުފާ ވެ އަވަހަށް ކާން އިށީނުމަށް ތަން ދެއްކިއެވެ. މަރްވާން އަކީ ސަކީނާ އަށް ލިބިފައި ހުރި ހަމަ އެކަނި ފިރިހެން ދަރިއެވެ. މަރްވާން އަސްލު އައީ ގަހަނާ ސެޓް ހިފައިގެން ނަމަވެސް އަތުގައި އޮތް ކޮތަޅު ފޮރުވީ އޭނާގެ މަންމައަށް ފެނިދާނެތީއެވެ. އަދި ސިއްރު ސިއްރުން މޭޒު ދަށުން އައްޒަހްރާ އަށް އެ ކޮތަޅު ހަވާލު ކުރީވެސް އެހެންވެއެވެ. މަރްވާން އަށް އޭނާގެ މަންމަ ގެ ގޮތް ރަނގަޅަށް އެނގޭތީއެވެ.

މަރްވާން އަކީ ގަހަނާ ޑިޒައިން ކުރުމުގެ ފަންނު ކިޔަވައިގެން ޖަވާހިރު ވިޔަފާރީގައި މަސައްކަތް ކުރާ ޒުވާނެކެވެ. އޭނާ އަކީ ބަސްއަހާ ރަގަޅު އަޚުލާގެއްގެ ވެރި އިތުބާރު ހިފޭ ޒުވާނެއް ކަމުން އައްޒަހްރާ އަށް އެ ވިޔަފާރިގައި އެންމެ ބޮޑަށް އެހީތެރިވާ އެއް ފަރާތަކީ މަރްވާންއެވެ.

***

ފޮށީގައި ހުރި ހެދުންތައް މުޅީން އަލަމާރިއަށް ނުލެވޭތީ އަހެދް އެ މަސައްކަތް ކުރަން ހުރިއިރު އޭނާގެ މާމަ ގެ ހެދުންތައް ފެނި ލޯ ކަރުނުން ތެންމާލިއެވެ. މާމަ ގެ ބަލި ހާލު ގޯސް ވި ނަމަވެސް އެހާ އަވަހަށް މި ދުނިޔެ ދޫކުރާނެ އޭ ހިތަކަށްވެސް ނާރައެވެ.

"ކަނބުލޮ.....ޒަހްރާއްތަ ވަދެލަންތަ؟" ދޮރުގައި ޓަކިޖަހާފައި ގޮވާލީ އައްޒަހްރާއެވެ. އަހެދް އަވަހަށް ކަރުނަތައް ފޮހެލާފައި ދޮރު ހުޅުވާލަދިނެވެ. އަދި ގަދަކަމުން ހިނިތުންވެލިއެވެ.

އަހެދްގެ މޫނު މައްޗަށް ވެރިވެފައިވީ ކުލައިން އެހިތުގައި އަޅާ ވޭން އައްޒަހްރާއަށް ރަނގަޅަށް އެނގުނެވެ. ނަމަވެސް އެ ލޯބި މޫނަށް ހިތުން ތަޢުރީފު ކުރެވެނީ ރީތި ކަމުންނެވެ.

" ޒަހްރާއްތަ މިއައީ ވާހަކއެއް ބުނަންވެގެން..... ޒަވީގެ ކައިވެނީގެ ވާހަކަ..." އައްޒަހްރާ އެ ކޮޓަރިޔަށް އައި އަސްލު ސަބަބު ބަޔާންކުރިއެވެ. އަދި އަހެދް އަށް އަތް ގާތް ކޮށްލަދޭން ހެދުންތައް ވެސް އަލަމާރީގައި އެޅުވުމަށް އެހީވާންފެށީ އަހެދް އެކަމަށް ނޭދުނަސްމެއެވެ.

"ޒަހްރާއްތަ....ބަލިވާނެ. އަހެދް ކޮށްލާނަމޭ...ޒަހްރާއްތަ އަވަހށް އިށީނދޭ....." އަހެދް ހަގީގަތުގައިވެސް ލަދުގަތީ އޭނާގެ ބާ ހެދުންތަކުގައި އައްޒަހްރާ ކަހަލަ މީހަކު އަތްލުމަށް ނެދޭތީއެވެ. އައްޒަހްރާ ކަހަލަ ޝާހީ ދިރިއުޅުމެއް އުޅޭ މީހަކު އެހާ ހިތްހެޔޮ ވާނެ އޭ އަހެދް ހީވެސް ނުކުރެއެވެ. އައްޒަހްރާ އަށް ނަފްރަތު ކުރަން ބޭނުން ވި ކަމުގައި ވިޔަސް އަހެދް ގެ ހިތް އެކަމާއި ދެކޮޅު ހަދާ ފަހަރު ގިނަވަނީ އައްޒަހްރާގެ ހިތްހެޔޮ ކަންފެނިއެވެ. އައްޒަހްރާ ތަކުރާރުކޮށް އައި ސަބަބު ބަޔާންކޮށްލަދޭން ޖެހުނީ އަހެދް އަށް ރަނގަޅަށް އަޑު ނީވުނީމައެވެ. އަހެދް ގެ ކޯތާފަތް ރަތް ވީ ޒަވިޔާ އާއި ކައިވެނި ކުރަން ހުށަހަޅަނީ ކަމަށް ހިތާއެވެ. ނަމަވެސް އައްޒަހްރާ އިތުރަށް ވާހަކަ ބަޔާން ކުރުމުން ލަދުން މަރުވާ ވަރު ނުވީ ކިރިޔާއެވެ. އައްޒަހްރާ އަށް އަހެދް ގެ ހިތައް އެރީ ކީކަން ނޭނގުނު ކަމަށްޓަކާ ހާސް ފަހަރު ހިތް ޝުކުރުކުރާފަދައެވެ.

" މިރޭ އެގެޔަށް ދާއިރު ކަނބުލޮ ވެސް ގެންދަން ވެގެން....މިގޭ އެންމެނަށް ދައުވަތު ދީފަވީ އެހެނެވީމަ ކަނބުލޮ ވެސް ދާންވާނެ. އެހެން ނޫނަސް މިހާރު ތިއީ ވެލްވެޓް މެންޝަންގެ ކުއްޖެއް..." އައްޒަހްރާ ބޭނުންވީ އަހެދް އެކަނި ކޮށްނުލުމަށެވެ.

"އެކަމް...ޒަހްރާއްތަ.....އަހެދް ނިޤާބް އަޅައިގެން އުނދަގު ވާނެ ތަންތަނަށް ގޮސް...." އަހެދް ބޭނުންވީ ނިޤާބް ނަގަން ވާހަކަ ދެއްކުމަށެވެ.

" އެއީ އެއްވެސް މައްސަލައެއް ނޫން. ސަހަރް ވެސް ހުންނަނީ ނިޤާބް އަޅާފަ....އަންހެން ފިރިހެން ވަކި ކޮށް އެގޭގަ ކެއުންވެސް ތަތްޔާރުކޮށްފަ ހުންނާނީ. އެހެން ނޫނަސް ދަޢުވަތު ދިނުމުން އެ ގަބޫލު ކުރަންވާނެ. ޒަހްރާއްތަ ހާދަ އުފާ ވެޔޭ ކަނބުލޮ ނިޤާބް އަޅާތީ. އިތުރަށް ރީތި...." އައްޒަހްރާގެ ހިތް އަހެދް އަށްޓަކާއި ތަޢުރީފުން ފުރުނެވެ.

އައްޒަހްރާގެ ވާހަކައިން އިތުރަށް ފޫހި ކުރުވި ނަމަވެސް މޫނު މަތީން އެ ނުތަނަވަސްކަން ފާޅު ނުކޮށް ހުރީ އައްޒަހްރާ އެ ކޮޓަރިން ނިކުންނާންދެނެވެ.

"ހޫން. ހާދަ ފޫއްސެއްވެޔޭ. އަހަރެން ނުގެންދިޔަޔަސް ވާނެ ނު. ހުރިހާ އެނެމެން ރީތި ވެގެން ދާއިރު...ހުންނަން ޖެހޭނީ ބާ ހެދުން ގަނޑެއް ލައިގެން ވިއްޔާ. މިގޭގަ އުޅޭ ބާބިލް ވެސް މާ ރީތި ހެދުން ލައި އުޅޭ..." ހިތާ ހިތުން ކުދި ކިޔާލެވުނެވެ.

އައްޒަހްރާ އަނެއްކާވެސް އިރުކޮޅަކުން އެ ދޮރުގައި ޓަކި ޖެހުމަށް ފަހު ގެނެސްދިނީ ހަތަރު އަބާޔާ ސެޓާއި ނިޤާބް އެވެ. އަހެދް ހައިރާންވެ އަންތަރީސްވިއެވެ.

" ކަނބުލޮ ކުލަ ހެދުން ލައި އުޅޭ ކަން މި އެނގުނީ ދެންމެ ހެދުންތައް ފެނުމުން. ޒަހްރާއްތަ މިފަހުން ދުބާއީން ގަނެފަ ހުރި ހެދުންތަކެއް މިއީ. ކަނބުލޮގެ ސައިޒް ހަމަ. ޖޫރީ ތަރާވީހަށް މަސްޖިދަށް ދާންވެގެން ގެނައި ހެދުން ތަކެއް އެކަމަކު ޖޫރީ އަށް މާ ބޮޑު...." އައްޒަހްރާ ގެ އަޑުގައިވީ ކުލުނާއި އޯގާތެރިކަމެވެ.

" އަޅޭ. ތޭންކިއު ސޯ މަޗް ޒަހްރާއްތަ. ވަރަށް ރީތި މިހުރިހާ ހެދުމެއްވެސް...." އަހެދް ގެ ލޯ ދިއްލުނީ ގެނައި ހެދުންތައް ރީތި ކަމުންނެވެ. މަޑު ފިޔާތޮށި ކުލައިގެ ސެޓު ހެޔޮވަރުތޯ ބަލައިލަން ހުރެވުނީ އައްޒަހްރާ އެ ކޮޓަރީން ނިކުންނަންދެން ކެތް ނުކުރެވިފައެވެ.

***

" ބައްޕި...ޕްރިންސެސް...." ސޯފިޔާ ވާހަކަ ދެއްކީ އޭނާގެ ބައްޕަ ކައިލް އާއެވެ.

" މަންމި އަކީ ދޯ..." އާސީނާ އަށް އިޝާރާތް ކޮށްލަމުން ސޯފީ ކައިރިން އަހައިލީ ވަރަށް ލޯބިންނެވެ.

"ނޫނޭ. އެއީ...ބުނީމެއްނު މިގެޔަށް މިހާރު އައިސް ހުރެޔޭ ކުއްޖެއް....ނަން ހަނދާން ނެތިއްޖެ މިހާރު....." އާސީނާ ބޯކަހައިލާ ވަރަށް ގަދަޔަށް ވިސްނަން ހުރެވުނީ އަހެދް ގެ ނަން ހަނދާނަށް ނުގެނެވިގެންނެވެ.

" މަންމި ހާ ރީތި ޕްރިންސެސް އެއް މި ދުނިޔޭގަ ވެސް ނުހުންނާނެ.... ސޯފީ ފިޔަވާ..." ކައިލް ލުއި ހިނިތުންވުމެއް އާސީނާ އާއި ބަދަލުކޮށްލުމަށްފަހު ސޯފި ގައިގަ ބައްދާލީ ވަރަށް ލޯބިންނެވެ. ކައިލް އަށް އޭނާގެ އެ ކުޑަ ކުޑަ އާއިލާ އަކީ ހުރިހާ އުފަލަކެވެ. އާސީނާ ލަދުން ރަކި ވި ނަމަވެސް އަވަހަށް މައުޟޫ ބަދަލު ކުރީ ޒަވިޔާގެ ކައިވެނީގެ ވާހަކައަށެވެ.

" ޒަވީ މެރީ ކުރާނެއޭ ދުވަހަކު ހިތަކަށް ނާރާ. އެކަމު ސޯ ހެޕީ އަވަހަށް ވިސްނުނު ކަން...." އާސީނާ އޭނާ އުފާވެފައިހުރިވަރު ހިއްސާކުރިއެވެ.

" އަލްޙަމްދްލިއްﷲ.....ﷲ ގެ އިރާދަ....ލިޔެވިފައި ވާ މީހަކު ލިބޭނެ ކޮންމެ މީހަކަށް ވެސް.....ކައިވެނި ކުރެވުމުން ނޫނީ އައި ވިލް ނޮޓް ސެލެބްރޭޓް..." ކައިލް އޭނާގެ މާޒީގައި ހިނގާދިޔަ ތަޖުރިބާ ހަނދާންކޮށްލިއެވެ.

" އިންޝާﷲ ހުރިހާ ކަމެއްވެސް ދާނީ އެންމެ ރަނގަޅަށް...." އާސީނާ ޖަވާބުގައި ބުނެލީ ލުއި ހިނިތުންވުމަކާއެކީއެވެ.

***

"ކޮބާތަ...އެންމެން....ހާދަ ގިނަ އިރެކޭ...ޖޫރީ ...އަލްބާން...." އައްޒަހްރާ ކޮންމެ ކުއްޖެއްގެ ދޮރުގައި ޓަކި ޖަހަމުން ދިޔައެވެ.

ވެލްވެޓް މޭންޝަނަށް މާހްޒަބީން ގެ ދެމަފިރިންވެސް އައީ ހަމަ އެވަގުތުއެވެ. މާހްޒަބީން އަށް އާސީނާ އާއި ސޯފިޔާ ފެނުމުން އަވަހަށް ދުވެފައި ގޮސް ބައްދާލެވުނީ އެހާ ދުވަސް ފަހުން ދިމާވުމުންނެވެ. ކައިލް އަދި މާހްޒަބީން ގެ ފިރިމީހާ ހުޝާމް ވެސް ސަލާން ބަދަލުކުރިއެވެ.

"ކޮބާ މައި ޓްވިންސް ކޮޅު....ހަމްޒާ އާއި އަނުމް...." އާސީނާ ދުރު ހޯދާލަމުން ބުނެލީ އެ ދެކުދީން ފެނިލަން ބޭނުންވެފައި ހުރެއެވެ.

" މާދަން ފަހު އިމްތިހާން ވީމަ ނާދެވުނީ....އިމްތިހާން ނިންމާލާފަ މިގެއަށް ދުވަސްކޮޅަކަށް ބަދަލުވާންނަ....ހުޝާމް ވެސް ސިންގަޕޫރަށް ދާން އުޅޭތީ.....އާސީނާ އައުމުން ދޮންތަ ހާދަ އުފަލެއް ވެއްޖެއޭ...." މާހްޒަބީން ގެ ލޯ އުފާވެރިކަމުގެ ކަރުނުން ތެންމައިލިއެބެ.

" ދަނީން އަށް ވިޒިޓް ކޮށްލަން ދޯ...މިހާރު ދަނީން ކޯސް ނިމެން ކައިރިވަނީ ދޯ..." ކައިލް އަހާލީ ހުޝާމް ގަތުންނެވެ. ދަނީން އަކީ ހުޝާމް އާއި މާހްޒަބީން ދެ ދޮށީ އަންހެން ދަރިއެވެ. ކަލިނަރީ އާޓސް ކިޔަވަން ހުންނަނީ ސިންގަޕޫރުގައެވެ.

"އާނ....ރާއްޖެ ނާދެވިފަ ހުންނަނީ...އަދި މިހާރު ސޯފީ ދެކެލަން ބޭނުންވާ ތި ހުރެވެނީ އެއް ނޫނޯ..." ހުޝާމް ޖަވާބު ދިނީ ހިނިތުންވުމާއެކީ އެވެ.

ވާހަކަ ތައް މަޑު ޖެހިލައި އެންމެންގެ ނަޒަރު އެއްދިމާއަކަށް ހުއްޓުނެވެ. ވިދާ ވެލިފޮތިތަކުން ޖަރީ ކޮށްފައިވީ މަޑު ފިޔާތޮށި ކުލައިގެ އަބާޔާއެއްގައި ހުރި އިރު ހަމަ އެކުލައިގެ މޫނު ފޮތިކޮޅަކުން މޫނުގެ އެއބައި ފޮރުވިފައި ވީ ނަމަވެސް ކަޅިރަވަ ތޫނު، ޖާދުވީ ލޯ ފެންނަން ހުރީ އެއްވެސް ހުރަހެއް ނެތިއެވެ. ބުމަ އާއި ތަނަވަސް ނިތް ކުރި ފެންނަން ހުރި އިރު އެ ލޮލުގެ ރީތި ކަން އިތުރަށް ފާޅުކުރުވައެވެ.

" ޕްރިންސެސް...." ސޯފިޔާގެ ކުޑަކުޑަ ލޯބި އަޑުން ބުނެލީ އަހެދް އަށް ބަލަހައްޓައިގެން ހުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު