ދެމީހުން ތިރިއަށް ގޮސް ވަނީ ކޮޓަރިއަށެވެ. މައާލް ފިނިވެފަިއ ހުރުމުން ރާދިން އޭސީ މަޑުކޮށްލަން ރިމޯޓް ހޯދާލިއިރު އޮތީ ސައިޑް ކަބަޑު މަތީގައެވެ. އޭނާ އެ ދިމާލަށް ގޮސް ރިމޯޓް ނަގަން ވެގެން އުޅުނު ވަގުތު އެތަނުގައި އޮތް އޭފޯ ސައިޒް ކަރުދާސްތައް ލޮލުގައި އަޅައިގަތެވެ. އެ އަށް ބަލައިލުމާއެކު އޭގައި ލިޔެފައިވާ އެއްޗެއް އޭނާ ކިޔައިލުމާއެކު، މައާލްއަށް ބަލައިލެވިއްޖެއެވެ.

ރާދިންގެ އަތުގައި އޮތް ވަރީގެ ފޯމަށް މައާލްއަށް ވެސް ބަލައިލެވުނެވެ.

"އަދިވެސް މިގޮތްތަ މައާލް ބޭނުންވަނީ؟" ރާދިންއަށް ސުވާލުކޮށްލެވުނުއިރު އޭނާގެ އަޑުގައި ވޭން ވެއެވެ. ކީއްވެކަމެއް ނޭނގެއެވެ. މިހާރު އެ ދެެމެދުގައި ވީ މައްސަލަ ހައްލުވެ، ކަންތައްތައް ހާމަވެފައި ވީނަމަވެސް، މައާލް ވަރީގެ ފޯމު ނެގިކަން އެނގުމުން އޭނާގެ ހިތަށް ތަދުވީއެވެ. އަދި މިރޭ އެ ހަޤީގަތް މައާލްއަށް ނޭނގުނު ނަމަ މައާލް އެ ފޯމު ކޯޓަށް ހުށައަޅާނެކަން އެނގުމުން އެކަމުގެ ހިތްދަތިކަންވެސް ރާދިންގެ ވެއެވެ.

"ނޫން… އަހަރެން ބޭނުމެއް ނޫން." އެ އައި ގޮތަށް އައިސް މައާލް ރާދިންގެ އަތުން އެ ފޯމު އަތުލިއެވެ. އަދި އޭނާ އެ ފޯމަށް ބަލާލުމަށްފަހު، ރާދިންއަށް ބަލާލިއެވެ.

"ސޮރީ… " އެހެން ބުނެލާފައި މައާލް އެ ފޯމު ވީދާލުމަށްފަހު، ގޮސް ޑަސްބިނަށް ލިޔެވެ. މައާލްގެ އެ އަމަލުން ރާދިންއަށް ހިނިތުންވެވުނެވެ. އެ ދެމެދުގައިވީ ނުތަނަވަސްކަމާއި ދުރުކަން އެކީ ނެތިގެން ގޮސްފިކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. މައާލް އައިސް އޭނާގެ ގާތަށް ހުއްޓުމާއެކު ރާދިން، އިސްވެ މައާލްގެ ގައިގައި ބައްދާލިއެވެ.

"އައި އެމް ސޯ ހެޕީ… ވަރަށް އުފާވެއްޖެ މިއަދު. ދެން ދުވަހަކުވެސް މި އުފާވެރިކަމަށް އެއްވެސް ކަހަލަ ހުރަހެއް އެޅޭކަށް ބޭނުމެއް ނޫން. އަހަންނަށް އެނގޭ އަލުން އަހަންނަށް އިތުބާރުކުރަން މައާލްއަށް ފަސޭހަ ނުވޭނެކަން އެކަމަކު އައި ޕްރޮމިސް ޔޫ، ދެވަނަ ފަހަރަށް އެއްވެސް ޝަކުވާއެއް ކުރުމުގެ ފުރުސަތެއް އަހަރެން މައާލްއަކަށް ނުދޭނަން. އަހަންނަށް އިތުބާރުކުރަން ބުނެ އަހަރެން އާދޭހެއް ވެސް ނުކުރާނަން. އެކަމަކު އަމަލުން އަހަރެން ޔަޤީންކޮށްދޭނަން، މައާލްއަށް އަދިވެސް އަހަންނަށް އިތުބާރުކުރެވިދާނެކަން. ޓު ބީ އޮނެސްޓް އަހަންނަށް ހަޤީޤީ ލޯބި ވެވުނު ހަމަ އެކަނި އަންހެން ކުއްޖަކީ ތީ. މައާލް އަހަރެން ދެކެ ތިވާ ލޯބީގެ ބަދަލު އަހަރެން ދޭނީ ލޯބިން." މައާލްގެ ނިތަށް ރާދިން ބޮސް ދިނެވެ.

މައާލްއަށްޓަކައި ރާދިން ވަމުން ދިޔަ ކޮންމެ ވައުދަކީ އޭނާ އަމިއްލަ ނަފްސަށް ވަމުންދިޔަ ވަޢުދެކެވެ. މައާލްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލުގެ ސަބަބުން އެކަނިވެސް އެ އަންހެން ކުއްޖާއާ މެދު ރާދިންގެ ހިތުގައި އޮތް ޤަދަރުވަނީ އެތަކެއް ތަނެއް އުފުލިފައެވެ. ހަޤީގަތުގައި އޭނާއަށް މައާލްގެ ކޮންމެ ނިންމުމެއް މިހާރު މުހިންމެވެ. މައާލް އެކަމަކާ ދެކޭ ގޮތް އެނގުންވެސް މުހިންމެވެ. އޭނާއަށް ނުރަގަޅު އާދަތަކާ ދުރުވާން ލިބުނު އެންމެ ބޮޑު ހިތްވަރަކީ އެއީއެވެ.

"އައި ޓްރަސްޓް ޔޫ…"ރާދިން އޭނާއާ ދުުރުވެލުމުން، މައާލް ރާދިންއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"އިރާދުކުރެއްވިއްޔާ އަހަރެން ދުވަހަކު ތި އިތުބާރު ގެއްލުވައެއް ނުލާނަން." ރާދިންވެސް ޔަޤީންކަން ދިނެވެ. އޭނާ އަނެއްކާވެސް މައާލްއަށް އޭނާގެ އަތުގެ ހިމާޔަތް ދިނެވެ. މައާލް ގެނެސް މޭގައި ޖައްސާލުމާއެކު، އޭނާއަށް ބުނެދޭން ނޭނގޭ ފަދަ ފިނިކަމެއް ހިތަށް ލިބި މީހާގެ މުޅި ނަފްސަށް ވެސް ތަސައްލީއެއް ލިބިގެން ދިޔައެވެ. މައާލްއަށްޓަކާ އޭނާގެ ހިތުގައިވާ ޤަދަރާ އިޙްތިރާމް އެތަކެއް ގުނައެއް އުފުލިގެން ދިޔައެވެ.

"ތެންކިއު… ތެންކިއު ފޯ ފޮގިވިން މީ…" ރާދިންގެ އަޑުގައިވި އަސަރުން މައާލްއަށް ރާދިންގެ މޭގައި ބޮޑަށް ބޮނޑިވެލެވުނެވެ. އެހާ ދުވަސްފަހުން އެހާ ގާތުގައި ތިބެން ވުމުން ދެމީހުންގެ ހިތުގެ ތެޅުންވެސް ބާރުވަމުން ދިޔައެވެ. އެތަކެއް އިރަކު އެ ދެމީހުންނަށް އެގޮތުގައި ތިބެވުނެވެ. ހީވަނީ ދުރުވާން ވެސް ބޭނުންނުވެފައި ތިބެވުނުހެންނެވެ. ރާދިން މައާލްގެ ކޯތާފަތުގައި ހިފައްޓާލަމުން މައާލްގެ "އެންބަރ" ކުލައިގެ އެ ފުން ކަނޑެއްފަދަ ދެލޮލަށް ބަލައިލިއެވެ. މައާލްގެ ދެލޮލުގެ މަހިނޫރުގެ ޖާދޫގައި ރާދިން ހަމަ ރަނގަޅަށްވެސް ޖެހި ގައިދުވެއްޖެއެވެ. އެ ރީތިކަމާ ފުރިހަމަކަމަށް ރާދިންއަށް ތަޢުރީފް ކުރެވެން ފެށިއެވެ. ދެމީހުންގެ ހިތުގެ ތެޅުން ބާރުވަމުން ދިޔަކަން އެކަކު އަނެކަކަށް ވެސް އިޙްސާސްކުރެވެމުން ދިޔައެވެ. މައާލް ލަދުން ގޮސް މޫނު ރަތްވިއެވެ. އެތުންފަތް މައްޗަށް ވެރިވި ލަދުވެތި ހިނިތުންވުމާއެކު އޭނާ ރާދިންއާ ނަޒަރު ވަކިކޮށްލަން އުުޅުނީ މާ ގިނައިރު އެ ދެލޮލަށް ބަލަން ނުކުޅެދުމުންނެވެ. އެހެންނަމަވެސް، ރާދިން ހުރީ މައާލްއަށް އެ ފުރުސަތު ދޭގޮތަކަށް ނޫނެވެ. އޭނާ މައާލްގެ ދަތް ދޮޅީގައި ހިފާ އިސް އުފުލާލިއެވެ. އެއާއެކު ރާދިންގެ ނަޒަރު ހުއްޓުނީ މައާލްގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތަށެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔުމާއެކު، ރާދިން މައާލް އޭނާއާ އިތުރަށް ގާތްވެލިއެވެ. ދެމީހުންގެ ނޭވާ އެކަކު އަނެކަކަށް އިޙްސާސްވާހާ ކައިރިއަށެވެ.

ރާދިންއާ އެހާ ގާތުގައި ހުންނަން ވުމުން މައާލްގެ މުޅި ހަށިގަނޑުވެސް ފިނިވަމުން ދިޔައެވެ. ރާދިންގެ އަތުގެ ބީހުން މައާލްގެ ކަދުރާއަށް އިޙްސާސްވުމާއެކު، އޭނާގެ މުޅި ހަށިގަނޑުގައިވެސް ހީވީ ކަރަންޓްގެ އޮއިވަރުތަކެއް ދަތުރުކޮށްލިހެންނެވެ. ރާދިން މައާލްއާ އިހުނަށްވުރެ ގާތްވެލާފައި މައާލްގެ ތުންފަތަށް ލޯބިވެތި ހަދިޔާއެއް ދިނެވެ. މައާލްވެސް ރާދިންއާ ދުރުވާކަށް ނޫޅުނެވެ. އޭނާ ހުރީ ރާދިންއަށް ފުރުސަތު ދީގެންނެވެ. ރާދިންގެ ކޮންމެ އަމަލަކަށް މައާލް މަރުހަބާ ކިޔަމުން ދިޔައީ އުފަލާއެކުގައެވެ. މިރޭ އެހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އެއްވެސް ޝައްކެތް ނެތެވެ. އޭނާގެ ހިތާ ރޫޙާ ޖިސްމުވެސް އެދިގޮވަނީ ރާދިންއާއެކުގައި ވުމަށެވެ. އިޝްޤީ ޖަޒުބާތުގައި ގެނބެމުން ދެ ހިތް ދިޔައީ އެ އުފާވެރިކަމަށް ބޭނުންވެފައިވާ ޙާލުގައެވެ. ދުވަހަކު ވަކި ނުވާން އެކަކު އަނެކަކަށް ވަޢުދު ވާ ޙާލުގައެވެ.

*****

ރާދިންއަށް ހޭލެވުނީ ފަތިސްނަމާދަށް ގޮވަނިކޮށެވެ. އޭރު ބޯކޮށް ވާރޭ ވެހޭ އަޑު ކޮންމެވެސް ވަރަކަށް ކޮޓަރިތެރެއަށްވެސް އިވެމުން ދިޔައެވެ. ކުޑަކޮށްތެދުވެލާ ސައިޑް ކަބަޑުމަތީގައި ހުރި ލޭމްޕް ދިއްލާކުމާއެކު، އޭނާ މައާލްއަށް ރަނގަޅަށް ބަލާލިއެވެ. މައާލް އޮތީ ގަދަޔަށް ނިދާލާފައެވެ. އެ މައުސޫމް މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތްކޮށްލުމާއެކު، ރާދިން މައާލްގެ ކޯތާފަތުގައި އަތް ޖައްސާލިއެވެ. އިރުކޮޅަކު އެހެން އިނދެފައި ރާދިން އެނދުން ތެދުވެފައި ގޮސް ވަނީ ފާޚާނާއަށެވެ. ފެންވަރާ ތާޒާވެލައިގެން ނުކުތުމަށްފަހު އޭނާ މައާލްއަށް ގޮވާލިއެވެ. އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލި މައާލްއަށް އޭނާއާ ދިމާލަށް ކުޑަކުޑަކޮށް ގުދުވެލައިގެން އޮތް ރާދިން ފެނި ދިޔައީ ސިއްސައިގެންނެވެ. ރާދިން ބަލަން ހުރި ގޮތުން، ދެވަނަ ސިކުންތުގައި އޭނާއަށް ކުއިލްޓުން މޫނު ނިވާކޮށްލެވުނީ ގަތްލަދުންނެވެ.

"ބަންގި ގޮވައިފި." މައާލްއަށް ވީގޮތް ރާދިންއަށް މަޖާވުމާއެކު، އޭނާގެ ތުންފަތް މައްޗަށް މަޢުނަވީ ހިނިތުންވުމެއް ވެރިވިއެވެ. އިރުކޮޅަކު ރާދިން އެ ހުރިތާ މަޑުކޮށްލިއެވެ. މައާލް ކުއިލްޓު ދުރުކޮށްލަމުން އަނެއްކާވެސް ރާދިންއަށް ބަލާލިއެވެ. ރާދިން ހީނލައިގެން ހުރި ގޮތުން، މައާލް އިތުރަށް ލަދުގަންނަ ގޮތްވިއެވެ. ހަމައެކަނި ތުވާލި އޮޅާލައިގެން ހުރިއިރު، އޭނާގެ އެ ކަސްރަތީ ހަށިގަނޑު ވަނީ ހާމައަށެވެ. އޭރުވެސް ބޮލުގައި ފެންތިކިތައް މުތީތަކެއްފަދައިން ވިދަމުން ދިޔައެވެ.

"ކީއްވެތަ ބަލަނީ…" މައާލްއަށް ބުނެވުނެވެ.

"އަހަންނަށް އަހަރެންގެ އަންހެނުންނަށް ބޭނުންވަރަކަށް ބެލޭނެއެއް ނޫންތަ؟" ރާދިން، ލާނެތްގޮތަކަށް ބުނެލިއެވެ.

"ދެން ރާދިން…" އެ އަޑުގައިވީ ސަމާސާ ގޮތުން މައާލް އުފާވީނަމަވެސް، ލަދުވެތިކަމާއިއެކު، ތުއިވެލާ އޭނާ އެހެން ބުނެލިއެވެ.

"އޯކޭ އޯކޭ… ދޭ ދެން. ބަންގިގޮވައިފި." ހީނލާފައި ރާދިން ގޮސް ދޮރުފޮތިތައް ކަހާލިއެވެ. އެއަށްފަހު، އޭނާ ދޮރު ހުޅުވާލިއެވެ. ބޯ ވާރޭގެ ތިކިތައް އޭނާއަށް ހަމަލާދޭން ފެށުމާއެކު އަވަސް އަވަހަށް ކުޑަ ދޮރު ލައްޕާލިއެވެ. ގުގުރާ ވިދަން ފެށުމާއެކު މިސްކިތަށް ދާން އުޅެފައިވެސް ރާދިން ޚިޔާލު ބަދަލުކޮށްލިއެވެ. މައާލް ފާޚާނާއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން ނުކުމެލިއިރުވެސް ރާދިން ކޮޓަރީގައި ހުއްޓެވެ.

"މިސްކިތަށް ނުދަން؟ ނަމާދުކުރީ؟" މައާލް ސުވާލުކޮށްލިއެވެ.

"ނޫނޭ… ގުރުރާ ވިދާ އެބަ ވަރަށް ބޮޑަށް. ގޭގަ ނަމާދު ކޮށްލާނީ މިރޭ…" ރާދިން ބުނެލިއެވެ. އެއަށްފަހު، އޭނާއާއެކު ނަމާދުކުރުމަށް އައުމަށް ރާދިން މައާލް ގާތު ބުނެލިއެވެ. ހިނިތުންވެލާފައި ނަމާދު ދޮޅިއާ އެއްޗެހި ހިފައިގެން މައާލް ވެސް އައެވެ. ފަތިސްނަމާދުކޮށް ނިމިގެން މުސައްލަތައް ނަގަމުން މައާލް ވާހަކަ ދެއްކިއެވެ.

"ކޮފީއެއް ބޭނުންތަ؟ ވިއްސާރައިރު ވަރަށް މީރުވާނެ ހޫނު ކޮފީއެއް." މައާލް ބުނެލިއެވެ.

"ހޫމް ބޭނުން. ވިއްސާރަ ނޫނަސް ކޮފީއަކީ ހަމަ މައި ފޭވަރިޓް." ރާދިން ހީނލަމުން ބުނެލިއެވެ.

"އަސްލުކޮށޭ… ވިއްސާރައިރު ވާރޭ ވެހޭމަންޒަރު ބަލަން ތިބެ ހޫނު ކޮފީއެއް ބޯލުމަކީ ވަރަށް ވަަރަށް ހިތްހަމަޖެހޭކަމެއް ކަމަށްވަނީ… އޭރަށް ކުރެވޭ އިޙްސާސް ވެސް މާ ތަފާތޯ." ރާދިންގެ އެ ވާހަކައަށް މައާލް ރައްދުދިނެވެ.

"ކޮފީއަކީވެސް ވަކި ވަގުތުތަކެއްގައި ޚާއްސަ އެއްޗަކަށް ވާނެޔޭ ދޯ ތި ބުނަނީ. އެހެންވެއްޖެއްޔާ މިއަދުގެ ކޮފީ ވަރަށް ޚާއްސަވާން އަހަރެން ބޭނުން. މައާލްގެ އަތުން އަހަންނަށް ކޮފީއެއް ގިރައިދީ. އޭރުން އަދި މާ ޚާއްސަވާނެ." މުސައްލައާ އެއްޗެހި ބަހައްޓާފައި އެނބުރިލަން އުޅުނު މައާލްގެ ގައިގައި ފަހަތުން ބައްދާލާފައި ރާދިން ބުނެލިއެވެ. ނުވިސްނާ ހުރި މައާލްއަށް ސިހުން ލިބުނު ނަމަވެސް، ރާދިންގެ އެ އަމަލުން އޭނާގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ.

"އެހެންވިއްޔާ އަހަރެން މިއަދު އަހަރެންގެ ފިރިމީހާއަށް ކޮފީ ގިރައިދޭނީ…" ރާދިން އޭނާ ދޫކޮށްލުމުން އެނބުރިލާ މައާލް ރާދިންގެ ކަނދުރާގައި އަތް އަޅުވާލިއެވެ. ރާދިން ދިގުކަމުން އޭނާ ހުރީ ކުޑަކޮށް ކޮރާލައިގެންނެވެ.

"މައާލްގެ އަތުން ކޮފީ ގިރައިފިނަމަ މީރުވާނެ." ރާދިން ބުނެލިއެވެ.

"މީރު ނުވިއްޔާ؟" މައާލް އަނގަޔަށް ގޮތެއް ހަދާލިއެވެ.

"ލޯތްބާއެކު ހަދާ ކޮންމެ އެއްޗެއްވެސް މީރުވާނެ." ރާދިން އެހެން ބުނެލާފައި މައާލްގެ ނިތުގައި ކުޑަކޮށް ފުއްޓަތްކެއް ޖަހާލިއެވެ.

"ހިނގާ ދާން." ރާދިން އަތުގައި އަތް އަޅުވާލާފައި މައާލް ބުނެލިއެވެ. އެކުގައި ދެމީހުން ދިޔައީ ބަދިގެ ފަރާތަށެވެ. އޭރު އެއްވެސް މީހަކަށް ފެންނާކަށް ނެތެވެ. މައާލް ކޮފީ މެޝިނުން ރާދިންއަށް ކޮފީއެއް ހަދައިދޭން އަވަސްވެގަތެވެ.

"ކޮފީ މެޝިނަކުން ނޫން. މައާލްގެ އަތުން ކޮފީތައްޓެއް ގިރައިދޭންވީ…" ވިސްނާލަމުން ރާދިން ބުނެލިއެވެ. މައާލް ވެސް ހީނލާފައި ރާދިން އެބުނި ގޮތަށް ކޮފީތައްޓެއް ގިރައިދޭން އަވަސްވެގަތެވެ. އޭނާ އެ މަސައްކަތުގައި އުޅުނުއިރު، ރާދިން އިރުއިރުކޮޅަކާ އޭނާއަށް ގޯނާއެއް ކޮށްލައެވެ. އެ ފަދަ ލުއި ސަމާސާއެއް ރާދިން ކޮށްލާ ކޮންމެ ފަހަރަކު މައާލްގެ ލުއި ހުނުމުގެ އަޑުން ބަދިގެތެރެ ގުގުމާލައެވެ.

ދެ ތަށި ކޮފީ ހަދާ ނިންމާލާފައި މައާލް ރާދިންއަށް ކޮފީ ތަށި ދިއްކޮށްލިއެވެ.

"ވަރަށް މީރު އިނގޭ…" ރަހަބަލާލަމުން ރާދިން ބުނެލިއެވެ. މައާލްވެސް އޭނާގެ ތަށިން އެތި ފޮދެއް ރަހަ ބަލާލިއެވެ. އެއަށްފަހު އޭނާ ހިނިތުންވެލިއެވެ. ރާދިންއާ ދެމީހުން ބޮޑު ކޮޓަރިއަށް ނުކުމެލިއެެވެ. ފޮތިގަނޑު ކަހާލަމުން ދެމީހުން ބިއްލޫރިގަނޑު ކައިރީގައި ތިބެ ބޭރު ބަލަމުން ކޮފީ ބޮމުން ދިޔައެވެ.

"އަޅެ ބުނެބަލަ! ވާރޭ ވެހޭ މަންޒަރު ބަލަމުން މިހާ ފިނިދުވަހެއްގަ، ހޫނު ކޮފީއެއް ބޯލުމުން ހިތްހަމަ ނުޖެހޭތަ؟" މައާލް އެ ސުވާލު ރާދިންއާ ކޮށްލުމާއެކު، ރާދިން މައާލްއަށް ބަލާލިއެވެ.

"ހިތްހަމަޖެހޭ. އެކަމަކު އަހަންނަށް އިޙްސާސްވި ގޮތުގަ މިއީ ވަރަށް ރޮމޭންޓިކްވެސް ކަމެއް. އަނބިމީހާއާއެކު މިފަދަ ދުވަހެއްގަ ކޮފީއެއް ބުއިން." މައާލްގެ އުނަގަނޑުގައި އެއް އަތުން ހިފާ އޭނާއާ ގާތްކޮށްލަމުން ރާދިން ބުނެލިއެވެ.

"ކީއްވެ ފިރިހެނުން އެހާ ކޮފީ ބޮނީ؟ ހިތަށް އަރާ ހަމަ މިރުވީމަބާއޭ. ދުވާލު ފަސްވަރަކަށް ފަހަރު ކޮފީ ބޯ މީހުންވެސް އުޅޭ…ދިހަފަހަރުވެސް، ނޫނީ ވިއްސަކަށްފަހަރުވެސް... ނޫންތަ؟" މައާލް އެހުރިގޮތަށް ހުރެ ބުނެލިއެެވެ. އެއާއެކު ރާދިންގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ. އެއާއެކު މައާލްއަށް ވެސް ހީނލެވުނެވެ. ކޮފީ ބޯލައިގެން ތަށިހިފައިގެން ދެމީހުން ގޮސް ބަދިގެ ބަޔަށް ވަތްއިރު އޭވާ އާއި އިތުރު ނޯކަރު ކުއްޖަކުވެސް އެތަނުގައި ތިއްބެވެ. ރާދިންއާ މައާލްއާ ދެމީހުން އެކުގައި އެހާ އުފާވެފައި ތިބިތަަން ފެނުމުން އެ ދެމީހުންނަށްވެސް ކުޑަ ހައިރާންކަމެއް ލިބުނެެވެ. އެހެންނަމަވެސް ހިނިތުންވެލުން ފިޔަވާ އިތުރު އަސަރެއް މޫނުމަތިން ނުދައްކާ ވޭތޯ އެ ދެމީހުންވެސް މަސައްކަތް ކުރަމުން ދިޔައެވެ.

ރާދިންއާ މައާލްއާ ނުކުމެގެން ދިޔައީވެސް އެކުއެކީގައެވެ. ކޮޓަރިއަށް ވަދުމުގެ ބަދަލުގައި އެ ދެމީހުން ދިޔައީ، މައާލްގެ ކުރަހާ ކޮޓަރިއަށެވެ. އެތަކަށް ވަދެފައި މައާލް ރާދިންއަށް އޭނާ އެންމެފަހުން ކުރެހި ކުރެހުން ދައްކާލިއެވެ. އެއާމެދު ވާހަކަ ދައްކަން ތިބެފައި މައާލް ރާދިންގެ އަތުގައި ހިފައްޓާލިއެވެ.

"ތެންކިއު ސޯ މަޗް ފޯ އޯލް ދިސް އެގެއިން… އައި ޖަސްޓް ލަވް ދިސް…" މުޅި އެ ކޮޓަރިތެރެއަށް ވަށައިގެން ބަލާލުމާއެކު މައާލްއަށް ބުނެވުނެވެ. ރާދިން މައާލްއަށް ބަލާލާ، އޭނާ މައާލް ދެކެ ލޯބިވާވަރު ބަޔާންކޮށްދިނެވެ.

"އަހަރެން ބޭނުން މައާލްއާ އިތުރު ވާހަކައެއް ވެސް ދައްކަން." ރާދިން މައާލްގެ ދެކޮނޑުގައި ހިފާ އޭނާއާ ދިމާލަށް އަނބުރާލިއެވެ. އެއަށްފަހު، އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު، މައާލް ގޮވައިގެން ގޮސް އެތަނުގައި ހުރި ސޯފާ ގޮނޑީގައި ބެއިންދިއެވެ. އެއަށްފަހު، އޭނާ ތިރީގައި އެއްކަކޫ ޖައްސާލައިގެން އިނީނދެލާ މައާލްގެ ދެ އަތުގައި ހިފާލިއެވެ.

"މާލް…" އެތައް ދުވަހަކަށްފަހު، ރާދިން އެ ނަމުން އޭނާއަށް ގޮވާލުމާއެކު، މައާލްއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްއެކެވެ. އޭނާ ބޯ ޖަހާލަމުން ރާދިންއަށް ހުރިހާ ސަމާލުކަމެއް ދިނެވެ.

"އަހަރެން ވަރަށް ވިސްނައިފިން މިކަމާ… މައާލްގެ ލޮލަށް ފެންނަން ފެށި ހިސާބުން ބައްޕަލައްވާ މި ވާހަކަ ދައްކުވަން ވެސް އެތަކެއް ފަހަރަކު އުޅުނިން." ރާދިން މައާލްއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.

"ރާދިން!... ކޮން ވާހަކައެއް އަނެއްކާ؟" މައާލްއަށް ނުތަނަވަސްކަމާއެކު، ސުވާލުކޮށްލެވުނީ އެހާ ސީރިއަސްކަމާއެކު ރާދިން ދައްކަން ޖެހޭނެ ވާހަކައެއް އޭނާގެ ސިކުނޑިއަށް ނައުމުންނެވެ.

"އައި ވޯންޓް ޔޫ ޑު ކޮންޓިނިއު ޔުއަރ ސްޓަޑީސް އެގެއިން." ރާދިން އެހެން ބުނެލުމާއެކު، މައާލްއަށް ހިނދުކޮޅަކު އެއްޗެއް ނުބުނެ އިނދެވުނެވެ. އެހެންނަމަވެސް، އޭނާއާ މެދު ރާދިން ވިސްނާވަރު އެނގުމުން މައާލް އުފާވިއެވެ.

"އަހަރެން ބޭނުން މާލް، މާލްގެ ހުފަވެންތަށް ޙަޤީގަތަކަށް ހަދަން. އެކަމަށްޓަކާ މަސައްކަތް ކުރަން. އެ ފުރުސަތު މައާލްއަށް ގެއްލުނީތީ، އަދި މަޖުބޫރުން ކިޔެވުން ހުއްޓާލަން ޖެހުމުން އެކަމާ ހިތާމަކުރި ވަރު އަހަންނަށް އެނގޭ. މިހާރު އެކަމަށް އެއްވެސް ހުރަހެއް ނެތް. ވެވެން އޮތް ކޮންމެ ގޮތަކަށް އަހަރެން މާލްއަށް އެހީތެރިވާނަން. އައި ވިލް ސަޕޯޓް ޔޫ… ޕްލީޒް ސޭ ޔެސް…" މައާލް އެއްބަސްވާނެކަމުގެ ޔަޤީންކަން ރާދިންއަށް އޮތެވެ.

"ރާދިން! އަހަރެންވެސް ތިކަމާ ވިސްނިން. އެކަމަކު ކިޔެވުން ފުރިހަމަ ކުރަން އެކޮޅަށް ދިޔުމުގެ ކުރިން އަހަރެން ބޭނުން އަހަރެންގެ ބައްޕައާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން. ބައްޕަގެ ރަށަށް ގޮސް އާއިލާ މީހުންނާ ދިމާކޮށްލަންވެސް. ކިޔަވަން ފުރަން ބޭނުންވަނީ އޭގެ ފަހުން. ދެން ރާދިން.... އޭރުން..." މައާލް އޭނާގެ ހިތުގައިވާ އެއްޗެއް ރާދިންގެ ކައިރީގައި ހާމަކޮށްލި ނަމަވެސް، ފަހުން އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރާނެގޮތެއް ނޭނގުނެވެ.

"ޓޭކް ޔުއަރ ޓައިމް…. ބޭނުން ވަރަކަށް ބައްޕައާއެކު ވަގުތު ހޭދަކުރަންވީ. އަހަންނަށް އެނގޭ އެކަމަށް މާލް ބޭނުންވާނެކަން. ތިކަމަށް އަހަރެން އެއްޗެއް ނުބުނާނަން. މައާލް ބޭނުން ވީމަ ކިޔަވަން ފަށަން އަހަރެންގެ ކައިރީގައި ބުނޭ. އަހަރެން ދާނަން މާލްއެކު އެކޮޅަށް. އައި ވިިލް ބީ ދެއަރ ވިތް ޔޫ…" ރާދިން ޔަޤީންކަން ދިނެވެ.

"ތެންކިއު ރާދިން." މައާލް ހިނިތުންވެލިއެވެ.

އެދުވަހު ރާދިން އޮފީހަކަށް ވެސް ނުދެއެވެ. މުހިންމު ކަންތައްތަކުގެ ވާހަކަ މާހިލްގެ ކައިރީގައި ބުނެފައި އޭނާ ގޭގައި މަޑުކުރީއެވެ. ހެނދުނު ސައި ބޮއިގެން ދެމީހުން ބޭރަށް ނުކުމެލިއިރު، ވާރޭ ތުނިކޮށްލި ނަމަވެސް ހިމަ ފޮދު ވާރޭ ވެހެމުން ދިޔައެވެ. ގޮނޑީގައި އިށީނދެލުމަށްފަހު، އެކި އެކި ވާހަކަތައް ދައްކަން އެ ދެމީހުން ތިއްބާ، ސިހުން ލިބުނީ، މުނީރުގެ ކާރު އެތެރެއަށް ވަނުމުންނެވެ. ގުޅާވެސް ނުލާ، އޮފީސް ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މުނީރު އައުމުން އެމީހުން ކުޑަކޮށް ހައިރާންވި ނަމަވެސް، ޒުހުރީވެސް ހުރުމުން މުނީރު ފަހަރުގައި ޗުއްޓީއެއް ނެގީކަމުގައި އެމީހުން ހީކުރިއެވެ.

މުނީރު ފޭބުމާއެކު އެމީހުން ހީކުރީ ޒުހުރީވެސް ފައިބާނެކަމަށެވެ. އެހެންނަމަވެސް، ޑްރައިވަރު ގޮސް، ފަހަތު ސީޓު ހުޅުވާލުމާއެކު، ފޭބީ ޒުހުރީއެއް ނޫނެވެ. ކާރުން ފޭބީ އަންހެނެކެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު