"މާފުކުރުމަކީ ރީތި ސިފައެކެވެ. އަދި ތިބާގެ ހިތަށް ހަމަޖެހުން ލިބި ނަފްރަތާއި ހަސަދައިން ހިތް ސާފުކޮށްދޭ ކަމެކެވެ."

***

" މި އޮތީ ގަމީސް..." ފަހުތުން މާޒިމް ގެ އަޑު ކަންފަތުގައި ޖެހުނު ވަގުތު އުރުޖުވާން ލަދުން މަރުވާ ވަރުވިއެވެ. މަދީނާ އަވަހަށް ސިންކު ދޮށަށް ތަށި ދޮންނަން ކަމަށް ހަދައި ޖެހިލީ މާޒިމް އަތުން ގަމީސް ހޯދުމަށް އުރުޖުވާން އަށް ފުރުސަތު ދިނުމަށެވެ.

އަތުގައި ފުށް ހުރި ކަމެއް ނޭނގި އުރުޖުވާންއަށް ނިތުގައި އަތުން ޖަހާލެވުނީ އެހެން ބުނެވުނު މޮޔަ ހިތަށް ވެރިވުމުންނެވެ. އެނބުރުނު ވަގުތު މާޒިމް ފެނުމުން ލޯ ބޮޑުވެފައި ހުރެވުނީ ހުއްޓުން އަރާފައެވެ. މާޒިމް ގެ މޫނަށް ވެރިވެފައި ވީ ލާނެތް ނުސިޔާނު ހިނިތުންވުމެކެވެ. އުރުޖުވާން ގެ ނިތްކުރީގައި ހޭކިފައި ހުރި ފުށް ފެނުމުން އިތުރަށް ހެވެން އުޅުނު ނަމަވެސް ކޮންޓްރޯލް ކުރީ މަދީނާ ހުރުމުންނެވެ. އުރުޖުވާން އަތުގައި ފުށް ހުރި ކަން އެނގުމުން އޭނަގެ ގަމީސް އުޖުވާންގެ ކޮނޑުމަތީގައި ބާއްވާލަދިނުމަށް ފަހު މާޒިމް ދިޔައީއެވެ. އެހުރިހައި ކަމެއް ވީ ހިނދުވެސް އުރުޖުވާން އަށް ހުރެވުނީ ބުދެއްހެން ހުއްޓުން އަރާފައެވެ.

" އުރޫޖް....." އުރުޖުވާންގެ ކުރިމައްޗަށް އަރައި އަތުން ހަނާ އަޅާލީ މަދީނާއެވެ.

" އަ...އޯ..." ކުޑަކޮށް ސިހިފައި ކަހަލަ ގޮތަކަށް އުރުޖުވާން ޖަވާބު ދިނެވެ.

" ހަހަހަ...ގެނޭ އިސްތިރިކޮށްލަދޭނަން.....އުރޫޖް މޫނުގަވެސް ޕޭންކޭކް މިކްސް އެއްނު...."މަދީނާ ހެމުން ބުނެލީ އުރުޖުވާން އަށް ވެފައި ހުރި ވަރު ފެނިފައެވެ. އަދި އުރުޖުވާންގެ ކޮނޑުމަތީ އޮތް ގަމީސް ނެގިއެވެ.

"ނޯ... ނޯ...އައި ވިލް ޑޫ އިޓް...." އަވަހަށް އަތް ދޮވެލުމަށް ފަހު ޓިޝޫ އިން އަތް ފޮހެލައި ގަމީސް ހޯދައިގެން އޭނަ ހިނގައިގަތީ އިސްތިރިކޮށްލަދިނުމަށެވެ.

އުރުޖުވާންގެ އަވަސް ހަރަކާތްތައް ފެނި މަދީނާގެ ހިތް އުފަލުން ފުރުނެވެ. މި މަންޒަރު ދެކެން ސަބީޙާ ހުރި ނަމައޭ ހިތަށް ވެރިވެ ލޮލަށް ކަރުނަތައް ޖަމާވީ ނަމަވެސް ހިތުން ޝުކުރުކުރެވުނީ ކޮންމެ ކަމެއްގައި ވެސް ހިކުމަތެއް ވާނޭ ކަން ހަނދާނަށް ގެނެވިފައެވެ.

އިސްތިރިކޮށް ނިމުނު އިރު އެ ގަމީހުގައި އެންމެ ރުލެއްވެސް ނެތެވެ. އުރުޖުވާން ހުރީ މާޒިމް އެ ގަމީސް ބަލައި އަންނާނެ އިންތިޒާރެއްގައެވެ. އެ ވަގުތު ފޯނަށް އައި މެސެޖަށް ނަޒަރު ހިންގައިލެވުނެވެ.

" ގަމީސް ޕްލީޒް..... ނޫނީ....މީޓިން އަށް ލަސްވެދާނެ.." މާޒިމްގެ މެސެޖް ކިޔައިލުމުން ރަކި ވީ ދިމާ ކުރަނީ ކަން އެނގޭތީވެއެވެ. މަދީނާ އަށް އާދޭސް ކުރުމަށް ވުރެ ގަމީސް ހިފައިގެން ދިޔައިއްޔާ މާ ރަނގަޅުވާނެ ކަމަށް ނިންމައި އެ އެޕާޓްމެންޓް ދޮރު ކައިރިޔަށް ދިޔައެވެ.

"ގަމީސް ޑެލިވަރީ އެޓް ޔޯ ޑޯސްޓެޕް...."

އުރުޖުވާން ގެ ޖަވާބު އައުމަށް އިންތިޒާރުގައި ހުރި މާޒިމް އަވަސް ފިޔަވަޅުތައް ހުރީ ދޮރާ ދިމާއަށެވެ. މޫނަށް އެޅިފައިވާ ތެތް އިސްތަށިކޮޅުތަކުން މީހާގެ ރީތިކަން އިތުރުކޮށްލަދިން އިރު އުރުޖުވާން ފެނުމުން އެ ތުންފަތަށް ވެރިވި ހިނިތުންވުން ދުލުން ނުބުނެވޭ އެތައް އިހުސާސްތަކެއް ފާޅުކޮށްދިންފަދައެވެ. މާޒިމް ފެނުމުން އުރުޖުވާން ގެ ހިތުގައި ޖަހާ ވިންދު ތަފާތުވެ ބެލުން ތިރި ކުރެވެނީ އަމިއްލަ ނަފްސު އެކަމާ ހައިރާން ކުރުވާ ސުވާލުމާކް ޖައްސަމުންނެވެ.

" ބްރެކްފާސްޓް ރެޑީ ވާނެ އިން ޓޫ މިންޓްސް.....ކައިގެން ދާން ވާނީ...." ހިނގައިގަންނަމުން އުރުޖުވާން ބުނެލިއެވެ.

" ޔެސް.....ވައިފް..." މާޒިމް ސަމާސާ ރާގެއްގައި ބުނެލީ އުރުޖުވާން ރަކި ވާކަން އެނގޭތީއެވެ. އެހެން ބުނެލެވުނު އިރު ނޭނގޭ ކަހަލަ ލުޔެއް ހިތަށްވެސް ވެރިކުރުވިއެވެ. އެއީ އަންހެނުންކަން ދުލުން ފާޅުކޮށްލެވެމުން ވީ ކަމެއް ކަންނޭނގެއެވެ.

އުރުޖުވާންގެ ކަންފަތުގައި އެ ލަފުޒުތައް ޖެހުމުން ހިނިތުންވެލެވުނީ ހުދު މުތީތަކެއް ފަދަ ދަތްތައްވެސް ފެންނަ ވަރަށެވެ. ބާރު ހިނގުމުގައި އަވަހަށް މިސްރާބު ޖެހުނީ ގެއަށް ވަނުމަށެވެ. އަވަހަށް ބަދިގެއަށް ވަދެ މަދީނާ ގައިގާ އޮޅުލައިގަނެވުނީ ވެފައި ހުރި އުފަލެއްގެ ބޮޑުކަމުންނެވެ.

" އޯލް... އޯކޭ؟" ކަންބޮޑުވެފައި މަދީނާ އަހައިލިއެވެ.

" އަލްޙަމްދުލިއްﷲ......ޔެސް......." އުރުޖުވާން ހިނިތުންވެލިއެވެ. އަދި މޭޒަށް ކާއެއްޗިހި އެރުވުމަށް އަވަސްވެގަތެވެ. މާޒިމް ތައްޔާރުވެލައިގެން އައި އިރު މުޅި ހިސާބު ސެންޓުވަހުން އެއްވަސްވެލިއެވެ.

" ކުޑަ ބެ ގެ ސެންޓު ފުޅި ހުސްކޮށްލައިގެން ދޯ......" މަދީނާގެ ނޭފަތަށް އުދަގޫވިއެވެ.

" ނުބުނައްޗޭ...." މާޒިމް އަވަހަށް އަވަސްއަވަހަށް އެދުނީ ކެނާންއަށް ސިއްރުކުރުމަށެވެ. ކެނާން ގެ އަތުގައި ހުންނަ އަގުބޮޑު ސެންޓުތަކަކީ އޭނާ ވަރަށް ލޯބިން ގެންގުޅޭ އެއްޗިހި ކަމުން އޭގައި އަތްލައިފިކަން އެނގިއްޖެއްޔާ ވެސް އެހާ މައްސަލަ ބޮޑުކުރާނެއެވެ. ކާން އިށީނުމަށް ފަހު އުރުޖުވާން ފެންނަތޯ އެކި ދިމަ ދިމާ ބަލާތީ މަދީނާއަށް ފާހަނގަވިއެވެ. އޭނަ ލާނެތްގޮތަކަށް ބުނެލީ އުރުޖުވާން ދިޔައީ ފެންވަރައިލުމަށް ކަމަށެވެ. ކާން ނުފަށައި މަޑުކުރަން ބޭނުންވި ކަމުގައި ވިޔަސް ބައްދަލުވުމަށް ލަސްވާނެތީ ނާސްތާ ކުރަން މަޖުބޫރުވިއެވެ.

އުރުޖުވާން އަށް ނިކުމެވުނު އިރު މާޒިމް މީޓިން އަށް ލަސްވާތީ އޭނަގެ އިންތިޒާރުގައި ނެތި ދިޔައީ ކަން އެނގުނެވެ. މަދީނާ އާއި އެކީ ނާސްތާ ކޮށްލުމަށް ފަހު ސޯފާގައި ޖައްސާލީ ގުރުއާން އަޑުއެހުމަށެވެ. ދެމީހުންގެ ލޮލަށް ވެސް ނިދި ސަވާރުވިއެވެ.

***

ހެނދުނުގެ ގަޑި ވީމަ ސައިކަލުން ހޮސްޕިޓަލަށް ދާން މާޒިމް ނިންމީ ކާރުގަ ދިޔައިއްޔާ ޓްރެފިކް ބޮޑުކަމުން ދުއްވަން އުނދަގޫ ވާނެތީއެވެ. ހެނދުނުގެ ނާސްތާ އަށް ތައުރީފް ކުރުމަށް އުރުޖުވާންއަށް މެސެޖެއް ފޮނުވާލަން އުޅުނު ވަގުތުގައި ފަރަހްގެ ފޯނެއް އައުމުން އޭނަގެ ހިތަށް ފޫހިކަމެއް ވެރިވިއެވެ. ފޯނު ސައިލެންޓަށް ލުމަށް ފަހު ޖީބަށް ލީވެސް އެހެންވެއެވެ.

މަގުމަތީން ދާ ގިނަ ފިރިހެނުންގެ ބެލުންތައް އަމާޒުވެފައިވަނީ ފަރަހް އަށެވެ. ޖަހައިގެން ހުރި ސެންޓު ގެ ގަދަ ވަހުން މީހުންގެ އެ ސަމާލުކަން ހޯދުމަށް އިތުރަށް ފަސޭހަވިއެވެ. ލައިގެން ހުރި ގަމީސް ކުރުވެފައި ކަކުލާއި ހިސާބަށް ފޯރާ ވަރުގެ ސްކާޓެއް ލައިގެން ހުރި އިރު ހަށިގަނޑުގެ ވަނާތައް އެނގޭހާ ވަރަށް ހެދުން ވަނީ ގަޔަށް ހިފާލާފައެވެ. އިންތިޒާރުކޮށްގެން ހުރީ ގޯޅީން ލަނބައިލާ ސައިކަލަކަށެވެ. މާޒިމް އަށް ގުޅުމުން ޖަވާބެއް ނުދިނުމުން ދިމާވާން އޮތް ހަމަ އެކަނި ގޮތަކީ އެ ގޯޅި ކަންމަތީ މަޑުކުރުން ކަން ފަރަހް އަށް އެނގެއެވެ. ވީވެސް ހަމަ އެހެންނެވެ.

" މާޒް.....ހެއި...." އަތުން ހަނާ އަޅަމުން މާޒިމް އަށް ގޮވާލެވުނީވެސް ބާރަށެވެ.

" ޝިޓް..." ފަރަހް ގޮވާލުމުން ސައިކަލް މަޑުކުރުމުގެ ކުރީން މާޒިމް އަށް ހިތާ ހިތުން ކިޔާލެވުނެވެ.

"އައި ނީޑް އަ ލިފްޓް...ޕްރިޓީ ޕްލީޒް ....."އޭނަ ތުއި ގޮތަކަށް އާދޭސްކުރީ މާޒިމްގެ އަތުގައި ހިފާލަމުންނެވެ. ތުންފަތުގައި ހާކާލާފައި ހުރި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ދަތުގައި ހުރިކަމެއް ފަރަހް އަކަށް ރޭކާވެސް ނުލައެވެ.

ފަރަހް އަތްލުމުން މާޒިމް އަށް ފޮޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ވަގުތުން ހިތައް ގެނެވުނީ އުރުޖުވާންގެ މިޒާޖެވެ. އުރުޖުވާންގެ ހުންނަ ލަދުވެތިކަމެވެ. ފަރަހްގެ ކިބައިން އޭގެ ޒައްރެއްގެ މިންވަރެއްވެސް ނެތެވެ. ނަމަވެސް މަގުމަތީ މީހުން ގިނަ ކަމުންނާއި އަދި ފަރަހް ލަދުގަންނަވާނުލަން އެއްބަސްވީ ހިތާއި ދެކޮޅަށެވެ. ފަރަހް ސައިކަލަށް އަރާފައި ވަގުތުން އެދުނީ ހެނދުނު ނާސްތާ އަކަށް ދިޔުމަށް ނަމަވެސް މާޒިމް ކައިގެން ކަމަށް ބުނުމުން ތުން ފިތާލިއެވެ. ސައިކަލުގައި އިށީނދެލައިގެން އިން އިރު ފަރަހްގެ އަތް އަޅުވާލާފައި ވަނީ މާޒިމްގެ ކޮނޑުގައެވެ. އޭނަ އިނީ އެކަމާއި އުދަގޫވީވަރުން ހޮސްޕިޓަލަށް ފޯރާނޭ ވަގުތަކަށް ލަސްވެފައެވެ. ފަރަހް ފޮނިވެފައި ސައިކަލު ފަހަތުގައި އިނަސް މާޒިމް ދޭ ރުންކުރު ޖަވާބުތަކުން ތުން އޫކޮށްލެވުނެވެ.

" ހައު އިޒް ޔޯ މެރިޑް ލައިފް؟" ނާހަން ހުރެފައި ވެސް ފަރަހް އަހައިލީ އެ ކައިވެނީގެ އަސްލު ދަނެގަތުމަށެވެ. ސަބީހާ ގެ މަރާއި މާޒިމް ގެ ކައިވެންޏާއި އޮތް ގުޅުން ވެސް އެނގެން ބޭނުންވާތީއެވެ. އެހާ ކުއްލިގޮތަކަށް އެއްވެސް ސަބަބަކާއި ނުލާ މާޒިމް ކައިވެންޏެއް ނުކުރާނެކަން ފަރަހް އަށް އެނގެއެވެ.

" ހަމަ ރަނގަޅު...." މާޒިމް ދިނީ ކުރު ޖަވާބެކެވެ. ހޮސްޕިޓަލާއި ހަމަވީ ވެސް އެވަގުތު ކަމުން މާޒިމް އަށް ހަމަ ނޭވާއެއް ދޫކޮށްލެވުނެވެ.

"އީއީއީ........ޗީ......އެ ކޯޗެއްތަ؟ ކަޅު ދޫންޏެއް....." ސައިކަލުން ފޭބި ވަގުތު ކޮތަރެއް ކުޑަކަމުދިޔައީ ފަރަހްގެ ގަޔަށް ކަމުން އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. މަންޒަރު ދުށް އެންމެނަށް މަޖާވި އިރު މާޒިމް އަށް ވެސް ހެވުނީ ފަރަހް އަށް ވެފައި ހުރި ވަރު ފެނުމުންނެވެ. މުޅި އިސްތަށިގަނޑާއި ލައިގެން ހުރި ގަމީސް ވެސް މުޅިން ޚަރާބުވެފައެވެ. ފަރަހް ގެ ދަތްޕިލައިގައި ހޭކިފައި ހުރި ލިޕްސްޓިކް ފެނުމުން އިތުރަށް ހެވުނެވެ. ރުޅި އައިސް ރަތް ވެފައި ހުރި ފަރަހް ހީކުރީ މާޒިމް އޭނާއަށް އެހީ ވުމަށް އަންނާނެ ކަމަށެވެ. ނަމަވެސް ގަޑި ބަލާލުމަށް ފަހު މާޒިމް ދުއްވައިގަތީ މީޓިން އަކަށް ލަސްވަނީ ކަމުގައި ބުނެއެވެ.

" ދައްތާ.....ހެލްޕް ބޭނުންވަނީ ތަ؟" ޕާކިން އޭރިއާ ސާފު ކުރަން ހުރި ބިދޭސީ އެއް ފަރަހް ކައިރިން އަހައިލީ ހަގީގަތުގައިވެސް އެ ހިތުގައި ހަމްދަރުދީ އުފެދިގެންނެވެ. އެއީ އެތާ ތިބި އެންމެންވެސް ފަރަހް އާ ދިމާ އަށް ހޭތަން ފެނުމުންނެވެ. އަދި ފެން ފުޅި އެއްވެސް ދިއްކޮށްލަދިނީ އެހީ ވުމުގެ ގޮތުންނެވެ.

" ހޫންން....މި ކާކުތަ.....ދޭ ދުރަށް..." ފެން ފުޅި ވެސް ހޫރާލައި އެ ބިދޭސީ މީހާއާއި ދިމާއަށް ފެއްސިގަތުމަށް ބުނެލިއެވެ. އަދި ބާރު ހިނގުމުގައި ފަރަހް ހިނގައިގަތް ވަގުތު އަރައިގެން ހުރި އުސް ފައިވާނުން އަރި އަޅާނުލީ ވެސް ކިރިޔާއެވެ. ބިދޭސީ މީހާއަށްވެސް އެވަގުތުގައި ހެވުމުން އެމީހާއާއި ދިމާލަށް ލޯ އަޅާލީ އެ ފަކީރުވެސް ބިރުން ފިތްކަނޑައިގެންދާ ފަދަ ގޮތަކަށެވެ.

***

އަރާމު ނިންޖަކަށް ގެނބިފައި އޮތް މަދީނާ އަށް ބަލަހައްޓައިގެން ތަންކޮޅެއް ދުރުގައި އުވައިސްއަށް ހުރެވުނީ އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. ހިތުގައި ވީ އެންމެ ސުވާލެކެވެ. މަދީނާ ގެ ކުށަކީ ކޮބައިހެއްޔެވެ؟

އެހާ ބައިވަރު އަނިޔާތައް މަދީނާ ތަހައްމަލު ކުރަން ޖެހުނީ ހަގީގަތުގައިވެސް މަދީނާ ގެ އެއްވެސް ކުށެއް ނެތިއެވެ. އުވެއިސް ގެ ހަރު ހިތް މަޑު ވަމުން ދިޔައީ މަދީނާގެ މައުސޫމުކަން ފެނިއެވެ. އަދި އަތް މުށްކަވާލެވުނީ އާދަމް އެދުނު ކަންތައް ހަނދާނަށް ގެނެވުމުންނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް މަދީނާ އެ އާދަމްގެ ކިބައިން ހިމާޔަތް ކުރުމަށް އުވެއިސް ބޭނުންވިއެވެ. އެއީ އޭނާގެ ބައްޕަ އާއި ދެކޮޅަށް ނަމަވެސް މެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު