އެންމެން ބަލަން ތިއްބައި ގެދޮރު ސުންނާފަތިކޮށް ބިމާހަމަކޮށްލަނީ

އިރުމަތީ ގުދުސްގެ ޝެއިޚް ޖަރާހް ސަރަހައްދުގައި ހުންނަ ފަލަސްތީނު މީހެއްގެ ގެއެއް އިސްރާއީލުން ބިމާ ހަމަކޮށްލަނީ. ފޮޓޯ/އަލްޖަޒީރާ

ހައްދު ފަހަނައަޅައިފައިވާ އިސްރާއީލުން ހިފައިފައިވާ ފަލަސްތީނުގެ އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަޚްރީ އަބޫ ދިއާބަށް މިއޮތް ހުރިހާ ދުވަހު އޭނާ ދިރިއުޅުނު ގެއިން ނެރެން އެކައްޗެއް ވެސް ނުލިބުނެވެ.

އެ ގޭތެރެއިން އެއްޗެއް ނެރެނޭ ވަގުތެއް ވެސް ނުދީ އިސްރާއީލު ފައުޖުތަކުން ވަނީ ބުލުޑޯޒަރަކުން އޭނާގެ ގެ ސުންނާފަތިކޮށް ބިމާ ހަމަކޮށްލައިފައެވެ. މިއީ މި މަހުގެ 14 ވަނަ ދުވަހު ހިނގި ހާދިސާއެކެވެ.

"އަހަރެންގެ ހުރިހާ ހަނދާންތަކެއް ހުރީ އެގޭގައި،" އެ ގެއަށް އުފަންވެ އެގޭގައި މިހާތަނަށް މުޅި އުމުރު ހޭދަކުރި، އުމުރުން 62 އަހަރުގެ އަބޫ ދިއާބް ބުންޏެވެ.

"އަހަރެންގެ ކުޑައިރު މަންމަ އަހަރެން އުރައިލައިގެން ހުރި ފޮޓޯއެއް ވެސް އޮތް. އެ ފޮޓޯ ހުންނާނީ ފާރުގައި ހަރުކޮށްފައި. ނަމަވެސް މިހާރު އެވެސް އެ ދިޔައީ," އަސަރާއެކު ދިއާބް ބުންޏެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ހިފައިފައިވާ އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަލަސްތީނަށް ނިސްބަތްވާ އާންމުންނަށް ގެއްލުންދީ ގެދޮރު ސުންނާފަތިކުރުން ވަނީ އިތުރުކޮށްފައެވެ.

އެ ސަރަހައްދުގައި ފަލަސްތީނުގެ ގާތްގަޑަކަށް 362،000 މީހުން ދިރިއުޅެއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ ޖުމްލަ 97 ގެއެއް ތަޅައިލާފައެވެ. ނަމަވެސް އޭގެފަހުން އޮކްޓޫބަރު ހަތް ވަނަ ދުވަހު ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމައިގައި ޖުމްލަ 87 ގެއެއް ސުންނާފަތިކޮށްލައިފައިވާ ކަމަށް ފަލަސްތީނުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

އިސްރާއީލުން ބުނާ ގޮތުން ފަލަސްތީނު މީހުންގެ ގެތައް ތަޅައި ސުންނާފަތިކުރަނީ އެއީ ހުއްދަ ނުނަގައި އަޅައިފައިހުރި ގެތަކަށް ވާތީއެވެ. އާ އިމާރާތްތައް އެޅުމަށް ގުދުސްގެ މުނިސިޕަލްޓީން ހުއްދަ ދީފައިވަނީ ހަމައެކަނި އެ ސަރަހައްދުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންނަށެވެ.

ގާނޫނީ ތަފާތުކުރުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ހުއްދަ ނެތި އިމާރާތް ކުރަން މަޖުބޫރުވެފައިވާއިރު، އިރުމަތީ ގުދުސްގައި ހުންނަ ފަލަސްތީނުގެ ގެތަކުގެ 28 އިންސައްތަ ގެއަކީ ގާނޫނާ ހިލާފަށް އަޅައިފައިވާ ގެތައް ކަމަށް އިސްރާއީލުން ބުނެއެވެ.

އަސްކަރީ އޮޕަރޭޝަންތަކަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ގެދޮރު ތަޅައި ސުންނާފަތިކުރުމަކީ މަނާ ކަމެކެވެ.

ނަމަވެސް އިސްރާއީލުން ވަނީ އެ ގާނޫނަށް ގޮންޖަހައި ފަލަސްތީނު ރައްޔިތުންނަށް ނިސްބަތްވާ މީހުންގެ ގެދޮރު ނައްތައިލުމަށް ހުއްދަ ލިބޭ ގާނޫނެއް އަމިއްލައަށް އެކުލަވައިލައިފާ ކަމަށް ހިއުމަން ރައިޓްސް ވޮޗްގެ އިސްރާއީލް-ފަލަސްތީން ޑިރެކްޓަރު އުމަރު ޝާކިރު ވިދާޅުވިއެވެ.

އިސްރާއީލުގެ ވަކީލެއް ކަމަށްވާ، ޑޭނިއަލް ސައިޑްމޭން ބުނީ އިރުމަތީ ގުދުސްގައި ހުރި ފަލަސްތީނު މީހުންގެ ގެދޮރު ސުންނާފަތިކޮށްލުމަށް އިސްރާއީލު އޮތޯރިޓީތަކުން ވަނީ އަންގައިފައެވެ.

އެއާއެކު އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް