އާސެނަލްއިން ފަސޭހަކަމާއެކު ނިއުކާސަލް ބަލިކޮށްފި

ނިއުކާސްލް އާއި ދެކޮޅަށް ސާކާ ކާމިޔާބު ކުރި ލަނޑަށްފަހު އުފާފާޅު ކުރަނީ / ފޮޓޯ: ޔޫރޯސްޕޯޓް

އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލު ކުރި މެޗު އާސެނަލް ފަސޭހަ ކަމާއެކު ކާމިޔާބުކޮށް ލީގަށް ވާދަކުރާ ޓީމުތަކުގެ ލިސްޓްގައި އެ ޓީމު އަދިވެސް އުޅޭކަން ހާމަކޮށްދީފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މި ގޮތުން ފުރަތަމަ ކަށިގަނޑާއެކު އެކު ފެނިގެންދިޔައީ އާސެނަލްއިން ނިއުކާސަލްގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ. މި ގޮތުން ގިނަ ހަމަލާތަކެއް ފުރަތަމަ ހާފުގައި އާސެނަލްއިން އުފައްދާފައިވެއެވެ. އަދި މެޗުގެ ކުރީކޮޅު ފެނިގެންދިޔައީ ނިއުކާސަލްއަށް އާސެނަލްގެ ހަމަލާތައް ހިފެހެއްޓުމުގައި އުނދަގޫތަކާއި ކުރިމަތިވަމުންދިޔަ ތަނެވެ.

މި މެޗުގައި އާސެނަލްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 18 ވަނަ މިނެޓްގައެވެ. ނަމަވެސް މި ލަނޑަކީ އެ ޓީމަށް ލިބުނު ކޯނަރެއްގައި ގެބްރިއެލް ނިއުކާސަލްގެ ގޯލަށް ބޮލުން ފޮނުވާލި ހަމަލާ ނިއުކާސަލްގެ ކީޕާ ލޮރިސް ކާރިއަސް އަތުގައި ޖެހިފައި ބޭރަށް ނިކުން ވަގުތު ނިއުކާސަލްގެ ޑިފެންޑާ ސްވެން ބޮޓްމަން ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި މި ލަނޑު ޖެހިތާ ހަ މިނެޓް ފަހުން ކައި ހަވާޓްޒް ވަނީ އާސެނަލްގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި އާސެނަލްގެ ތިންވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބުކާޔޯ ސާކާއެވެ. އަދި އެ ޓީމުއެ ޓީމުގެ ފަހު ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ޖަހައިދިނީ ޖޭކުބް ކިވިއޯއެވެ.

މި މެޗުގައި ނިއުކާސަލްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 84 ވަނަ މިނެޓްގައި ޖަހައިދިނީ ޖޯ ވިލޮކްއެވެ. މި މެޗުގައި ނިއުކާސަލްގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެންނަ ގޮތެއްނުވިއެވެ. މިގޮތުން މިއީ 2014 ވަނަ އަހަރަށް ފަހު މެޗެއްގެ ފުރަތަމަ ހާފުގައި ނިއުކާސަލްއަށް ހަމަލާއެއް ނުއުފެއްދި ދިޔަ ފުރަތަމަ މެޗަށެވެ.

މި ކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ ކުޅުނު 26 މެޗުން ލިބިފައިވާ 58 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ. އެއީ ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލަށްވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާ އެއް ޕޮއިންޓް ފަހަތުންނެވެ. މި މެޗުން ބަލިވުމުން ނިއުކާސަލް އުޅެނީ 37 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު