ސިޓީއިން ބޯންމޯތު ބަލިކޮށް ލިވަޕޫލާ އެއް ޕޮއިންޓް ގާތަށް

މިމެޗްގެ ހަމައެކަނި ލަނޑު ޖަހާދިން ފިލް ފޯޑެން / ފޮޓޯ: ޔޫރޯސްޕޯޓް

އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އޭއެފްސީ ބޯންމޯތު ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބުކޮށްފިއެވެ.

ބޯންމޯތުގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީއިން ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ފުރުސަތު ތަކެއްވެސް ވަނީ ތަނަވަސްކޮށްފައެވެ. ނަމަވެސް މި ހާފުގައި އެ ޓީމަށް ލިބުނު ގިނަ ފުރުސަތު ތަކުގެ ބޭނުން ހިފޭގޮތެއްނުވިއެވެ.

މި މެޗުގެ ހަމައެކަނި ލަނޑު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 24 ވަނަ މިނެޓްގައެވެ. ސިޓީގެ ފޯވަޑް އާލިން ހާލަންޑަށް ލިބިގެންދިޔަ ފުރުސަތެއްގައި ގޯލަށް ފޮނުވާލި ބޯޅަ ބޯންމޯތުގެ ކީޕާ ނެޓޯ ދިފާއުކޮށް ބޭރަށް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފިލް ފޯޑެންއެވެ. މިއީ އޭނާ މި ސީޒަންގައި ކާމިޔާބުކުރި 16 ވަނަ ލަނޑެވެ.

ސިޓީއިން މި ލަނޑު ކާމިޔާބު ކުރުމުގެ ކުރިން ހާލަންޑަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއްް ލިބިގެންގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލަށްވެސް އަމާޒުވާ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފު ވެގެންދިޔައީ ސިޓީގެ ޑިފެންސަށް ވަރަށް ބާރު ބޮޑުވެގެން ދިޔަ ހާފަކަށެވެ. މި ގޮތުން މި ހާފުގައި ބޯންމޯތުން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ. ނަމަވެސް މި މެޗުގައި ސިޓީގެ ޑިފެންސް ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. މި ގޮތުން ބޯންމޯތުން އުފެއްދި ހުރިހާ ހަމަލާއެއްވެސް ކާމިޔާބުވިޔަ ނުދީ ސިޓީއިން ވަނީ ބޭކާރުކޮށްލާފައެވެ.

މި ހާފުގައި ސިޓީއަށްވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ތަނަވަސް ކުރެވުނު ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލު ކުރެވޭގޮތެއްނުވިއެވެ.

މި ކާމިޔާބީއާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު 26 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި އެއްވަނައިގާ އުޅޭ ލިވަޕޫލާއި ދެމެދުގައިވާ ތަފާތު މިހާރުވަނީ އެއް ޕޮއިންޓަށް ކުޑަވެފައެވެ. އަދި ބޯންމޯތު އުޅެނީ 25 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައަށް ވެއްޓިފައެވެ.

މި އަހަރު އަދި ފެންނަމުންދަނީ ބޯންމޯތަށް އެހާ ކާމިޔާބު އަހަރަކަށް ނޫނެވެ. މި ގޮތުން މި އަހަރު މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވެފައިވާއިރު އަނެއް ތިން މެޗުން ވަނީ ބަލިވެފައެވެ. ނަމަވެސް ވޭތުވެދިޔަ ދެތިން މެޗުގައި އެ ޓީމުގެ ފަރާތުން ދައްކަމުންދާ ކުޅުމުގެ ސަބަބުން މިކަން ވަރަށް އަވަހަށް ބަދަލުވެގެންދާނެކަމަށް ބެލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު