ސާދާގެ ފަހަތުން ފެނުނު މީހެއްގެ ސަބަބުން ރާދިންއަށް ލިބުނު ސިހުމާއެކު ކޮޅަށް ތެދުވެވުނެވެ.

ދެވަނަ ސިކުންތުގައި އޭނާގެ ދެބުމަ ގޮށްޖެހިގެން ގޮސް ރުޅިވެރިކަން އޭނާގެ ނަފްސު ހިޞާރުކުރަން ފަށައިފިއެވެ. ސާދާގެ ފަހަތުގައި ހުރީ ސަޖާގެ ލޯބިވެރިޔާ ރަޒާންއެވެ.

"ސަޖާ މަގޭ ދިރިއުޅުން ބަރުބާދުކޮށްލި ވަރު ކުޑަވެގެންތަ ތިއައީ؟' ރުޅިވެރިކަމާއެކު، ރާދިންއަށް ސުވާލުކޮށްލެވުނުއިރު، އޭނާއަށް ސާދާއަށްވެސް ބަލާލެވުނެވެ.

"ސާދާއާ މީނައާ އޮތީ ކޮން ގުޅުމެއް؟" ދެވަނަ ސުވާލު ރާދިން ސާދާ އާ އަމާޒުކޮށްލިއިރު، ރާދިންގެ އަޑުން އޭރުވެސް ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ.

"ރާދިން! ހަމަޖެހިލާފަ އަހަރެން މި ދައްކާ ވާހަކަ އަޑު އަހާލަބަލަ!" ސާދާ މަޑުމައިތިރިކަމާއެކު ބުނެލުމަށްފަހު، އޭނާއާއެކު ރަޒާން އަންނަން ޖެހުނު ސަބަބު އޮޅުން ފިލުވައިދޭން އުޅުނު ނަމަވެސް، ރާދިންގެ ރުޅިގަނޑު ފެނި އެއީ ފަސޭހަކަމެއް ނޫންކަން އޭނާއަށް އެނގުނެވެ.

"ރަޒާންއާ އަހަންނާ އެއްވެސް ގުޅުމެއް ނެތް. ރާދިން! އަހަންނަށް އެނގޭ ރާދިން ތި ހުންނަނީ ހަދާނެގޮތް ހުސްވެފައިކަން. ސަޖާ ދެކެ އައިސްފައި ހުރި ރުޅި އެންމެނަށް ބޭލުމަކީ ވެސް ހައްލެއް ނޫން ދޯ! އެންމެ ފަހަރަކު އޭނަ އައި ބޭނުން އަހާލާނަމަ ރާދިންއަށްވެސް އެނގޭނެ." ރާދިންގެ ޖަޒުބާތުތައް ސާދާއަށް ފަހުމްވެއެވެ. އޭނާ ހަރުކަށިކޮށް ނަމަވެސް، ރާދިންއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔައެވެ.

"ވައި އާރ ޔޫ ހިޔަރ؟" ސަޖާގެ ވާހަކަތަކާމެދު ފުންކޮށް ވިސްނައިލި ރާދިން ރުޅިވެރިކަން އެއްފަރާތްކޮށްލިއެވެ.

"އަހަރެން ރާދިންއާ ދައްކަން ބޭނުން ވަރަށް ބޮޑު ވާހަކައެއް އެބައޮތް. ސަޖާއަކީ މަކަރުވެރިއެއް. ދޮގުވެރިއެއް. ކެހިވެރިކަމާ މަކަރުވެރިކަމަކީ އޭނާއަށް ލިބިފައިވާ ހުނަރެއް ފަދަ. އަހަރެން މިއަދު މިއައީ ސަޖާގެ މަކަރުވެރިކަން ރާދިންއާ ހިއްސާކުރަންވެގެން." ރަޒާންގެ ވާހަކައިން ރާދިންއަށް ހައިރާންކަން ލިބިގެން ދިޔައެވެ.

"ސަޖާއާ ގުޅުމެއް ވާނަމަ އަހަރެން މިއަދު ކީއްވެ މިތަނަށް އަންނަން ވީ؟ އަހަރެން ސަޖާ ދެކެ ލޯބިވީން. ވަރަށް ބޮޑަށް ލޯބިވީން. އެކަމަކު އެ ލޯބީގެ ބަދަލު ސަޖާ އަހަންނަށް ދިނީ ކެހިވެރިކަމާ މަކަރުވެރިކަމުން." ރަޒާން ހުރީ ދެރަވެފައެވެ. ރާދިން ހަމަޖެހިލިތަަން ފެނި ހަމަޖެހުމުގެ ނޭވާއެއް ރަޒާންއަށް ދޫކޮށްލެވުނެވެ.

"ރާދިން. ރަޒާން ދައްކާ ވާހަކަ ހަމަޖެހިލައިގެން އަޑު އަހާ. މައާލްއާ ރާދިންގެ ގުޅުމަށް ތިއައިސްފައިވާ ހީނަރުކަން ހައްލުވާނެ ހަމަ އެކަނި ގޮތަކީ އެއީ."

ސާދާ އެގެއަށް ވަންނަން އައިއިރު، ރަޒާން ހުރީ ގޭޓު ކައިރީގައެވެ. ދޮރުވާނަކަށް ހުރި މީހާ ކައިރީގައި ރާދިންއާ ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ބުނެ އާދޭސްކުރި ނަމަވެސް، އޭނާ ރަޒާން އެތެރެއަށް ވައްދާ ޚިޔާލެއް ނުކުރެއެވެ. ސާދާ އައިސް ސުވާލުކުރުމުން ރަޒާން އޭނާ ރާދިންއާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. ދޮރުވާނަކަށް ހުރި މީހާއާ ސާދާ ސުވާލުކުރުމުން އޭނާ ބުނީ ހުއްދަ ލިބިފައިވާ މީހުންގެ އިތުރުން އިތުރު އެއްވެސް މީހަކަށް އެގެއަށް ވަނުމުގެ ހުއްދަ ދިނުން ރާދިން މަނާކޮށްފައި ވާކަމުގައެވެ. ސާދާ ރަޒާންއާ ސުވާލުކުރުމުން ރަޒާން ސާދާއަށް އޭނާ އައި ބޭނުމާ ހުރިހާ ވާހަކައެއް ކިޔައިދިނީއެވެ. އަޑު އިވުނު ވާހަކަ ތަކުން ހައިރާންވި ސާދާ ރަޒާން ގޮވައިގެން އެތެރެއަށް ވަންނަން އުޅުމުން އެކަމަށް ދޮރުވާނަކަށް ހުރި މީހާ މަނާކުރިނަމަވެސް، ސާދާއަށް އިތުބާރުކުރެވޭތީ އޭނާ ޖެހިލުންވެ ހުރެވެސް ދޫދިނީއެވެ.

"ޓެރެސްއަށް ގޮސްލަމާ…" ސާދާއަށް އިތުބާރު ކޮށްފައި، ރާދިން ބުނެލިއެވެ. ސާދާއަކީ މައާލްއަށް ހެޔޮ އެދޭ ރަޙްމަތްތެރިއެއްކަން އޭނާއަށް އެނގެއެވެ. މައާލްއަށް ދެރަގޮތެއް ވާން ސާދާ ނޭދޭނެކަން ވެސް ރާދިންއަށް އެނގެއެވެ.

އޭނާ ރަޒާން ގޮވައިގެން ޓެރަސް އަށް އެރުމަށް ހިނގައިގަތެވެ.

ސާދާ ގޮސް މައާލްމެން ކޮޓަރިއަށް ވަތްއިރު، ދެފައި ވަށްކޮށްލައިގެން މައާލް އިނީ އެނދުމަތީގައެވެ. ސާދާ ފެނުމާއެކު ވެސް މައާލްގެ މޫނުމައްޗަށް ހިނިތުންވުމެއް މިފަހަރަކު ވެރިއެއް ނުވިއެވެ. ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރިނަމެސް، ހިތުގެ ނުތަނަވަސްކަން އެކަމަށް ތަނެއް ނުދިނެވެ. ލޯ ރަނގަޅުވިފަހުން ލަންޑަންގައި ހުރި ދުވަސްތަކުގައި ވީޑިއޯ ކޯލް ކޮށްގެން ދެމީހުން ވާހަކަ ދެއްކިއެވެ. އެހެންކަމުން އެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.

"ސާދާއާތަ ރާދިން އެ ވާހަކަ ދެއްކީ؟" ރާދިންގެ އަޑު ތަންކޮޅެއް ބާރަށް މީގެ ކުޑަ އިރުކޮޅެއް ކުރިން އިވުނު ނަމަވެސް، ކީ އެއްޗެއް މައާލްއަށް ސާފު ނުވުމާއެކު އޭނާ ސުވާލުކޮށްލިއެވެ.

"ހޫމް. މައާލް ކީކުރަނީތަ؟" އެނދުމަތީގައި ހުރި އޭފޯސައިޒް ގަނޑުތަކަށް ބަލާލުމާއެކު ސާދާ ސުވާލުކޮށްލިއެވެ. މައާލް އަވަސް އަވަހަށް އެ ގަނޑުތައް ފޮރުވި ނަމަވެސް ސާދާއަށް އޭގައި ވި އެއްޗެއް އޭރު ފެނިއްޖެއެވެ. އެކަމާ އަޅާނުލާ އޭނާ މައާލްއަށް ބަލައިލި ނަމަވެސް ނަމަވެސް، އެ މޫނުމަތިން ހައިރާންކަމެއް ނުފެނެއެވެ. ވީ ހުރިހާކަމެއް ވެސް ސާދާއަށް ފަހުމްވެއްޖެއެވެ. ހަމައެއާއެކު މައާލްގެ ހިތުގައި އަޅާނެ ވޭން ވެސް އޭނާއަށް އަންދާޒާކޮށްލެވުނެވެ.

"މައާލް! އަހަންނާއެކު މިގެއަށް ދެންމެ ސަޖާގެ ލޯބިވެރިޔާ އައި. ރާދިންގެ އަޑު އެހާ ބާރުވީ އެހެންވެ." ސާދާ އެެހެން ބުނެލުމާއެކު މައާލްއަށް ސާދާއާ ދިމާލަށް ބަލައިލެވުނީ ސުވާލުތަކުން ފުރިގެންވީ ގޮތަކަށެވެ.

"އެ ކީއްވެ؟ ސާދާ، ކިހިނެއްވީ؟" މައާލްއަށް އެއްފަހަރާ އެތަކެއް ސުވާލެއްކޮށްލެވުނެވެ.

"މައާލް! ރާދިންއާ މައާލްއާ ދެމެދަށް ސަޖާ ވަނީ ގަސްތުގަ." ސާދާ މައާލްގެ އަތުގައި ހިފާލިއެވެ.

"ކީކޭ ސާދާ ތިކިޔަނީ؟ ކިހިނެއް ސާދާއަށް އެނގުނީ؟ އަހަންނަށް ކިޔައިދީބަލަ. ކޮބާ އޭނައާ ރާދިން؟"" މައާލްއަށް އަވަސް އަވަހަށް ބުނެވުނެވެ.

"ޓެރެސްއަށް ދިޔައީ…" ސާދާ ބުނެލިއެވެ. ހަޤީގަތުގައި މައާލްއަށް ލިބިފައި އެވާ ވޭނާ ތަކުލީފު އެންމެ ހިނދުކޮޅަކަށްވެސް ދިގުދެމިގެންދާން ސާދާ ބޭނުމެއް ނުވެއެވެ. އެ ވާހަކަތައް މައާލްއާ އޭނާއަށް ހިއްސާކުރެވުނީ އެހެންވެގެންނެވެ.

***

ޓެރެސްއަށް އަރާ އެތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ރާދިންއާ ރަޒާންއާ ދެމީހުން އިށީނެވެ. ރޭގަނޑުގެ ހަމަހިމޭންވަގުތު، ޖެހެމުން ދިޔަ ވައިރޯޅިތަކުން އަރާމުވަމުން ދިޔަނަމަވެސް، ރާދިންއަކަށް އެއިން އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ނުލިބެއެވެ. ރަޒާންގެ ފަރާތުން އިވިދާނެ ހަޤީގަތަކަށް އޭނާ ދިޔައީ ސިކުނޑި ތައްޔާރުކުރަމުންނެވެ.

ރަޒާން އޭނާއާ ސާދާއާ ދިމާވިގޮތް ރާދިންއަށް ކިޔައިދިނެވެ. އެއަށްފަހު އެނާ ހުރިހާ ހަޤީގަތެއް ރާދިންގެ ކުރިމަތީގައި ނިއުޅާލިއެވެ.

"ރާދިން! ސަޖާ ބަނޑުބޮޑެއް ނޫން." ރަޒާންގެ ޖުމްލައާއެކު، ރާދިންއަށް ލިބުނު ޝޮކާއެކު، އިވުނު އަޑުވެސް ގަބޫލެއް ނުކުރެވުނެވެ.

"ކީކޭ؟ އަދި އެއްފަހަރު ބުނެބަލަ!" ރާދިންއަށް ހަށިގަނޑު ސީދާކޮށްލެވުނެވެ.

"ތި އަޑު އިވުނީ ރަނގަޅަށް! ސަޖާ ބަނޑުބޮޑެއް ނޫނޭ!" ރަޒާން ދެވަނަ ފަހަރަށްވެސް ތަކުރާރުކޮށްލިއެވެ.

"ދެން އެ ރިޕޯޓްތައް…." ވާނުވާ ނޭނގިފައި އިން މީހެއްފަދައިން އިނުމަށްފަހު، ރާދިން ސުވާލުކޮށްލީ އެންމެ ފުރަތަމަ އޭނާއާ މައާލްއާ ދެމެދު ދުރުކަން އުފެދުނު ދުވަހުގެ ހަނދާން އާވުމުންނެވެ.

"އޭރު… އޭރު އޭނަ ބަނޑުބޮޑު. އެކަމަކު މިހާރަކު ނޫން!" ރަޒާންއަށް ބުނެވުނެވެ. އޭނާ ރާދިންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ދިރާސާކުރަމުން ދިޔައެވެ. ރާދިން ދުރުބަލާލުމާއެކު، އޭނާ އެއްމިޔަކަށް ހިނިތުންވެލިއެވެ. އޭނާގެ މަޤްސަދު ހާސިލްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރަޒާންއަށް އޮތްފަދައެވެ. އޭނާ ސަޖާދެކެ އިންތިހާއަށް ލޯބިވިއެވެ. އެ ލޯތްބަށްޓަކާ ކޮންމެ ފަދަ ކަމެއް ވެސް ކުރަން އޭނާ ހުރީ ތައްޔާރަށެވެ. ސަޖާއަށްޓަކާ އޭނާ ނުކޮށްދެނީ ކީއް ހެއްޔެވެ؟ އެހެންނަމަވެސް، ސަޖާ އޭނާގެ ލޯބީގައި ކޮޅުފައިން ޖެހީއެވެ. ސަޖާ ހީކުރީ ދޮގާ މަކަރުވެރިކަމުން ރާދިންއާ ކައިވެނި ކުރެވިދާނެކަމަށް ހެއްޔެވެ؟ އޭނާއަށް ދެރައެއް ދީފައި އުފަލުގައި އުޅެވިދާނެކަމަށް ހެއްޔެވެ؟. އޭނާ ސަޖާ އުޅޭ އެޕާރޓްމެންޓަށް ދިޔަ ދުވަހު އަޑު އިވުނު ވާހަކަތަކަށްފަހު، ރަޒާން ހިތުލީ އެންމެ ކަމަކަށެވެ. ސަޖާގެ ކިބައިން ބަދަލު ހިފުމަށެވެ. ސަޖާ އޭނާ ގޭންގުޅުނީ ބޭނުން ޖެހުނީމާ ބޭނުން ހިފާލާފައި ބޭނުން ކެނޑުމުން އެއްލާލާ ބުދެއްގޮތަށެވެ. ސަޖާ އަބަދުވެސް ބޭނުންވީ ރާދިންއެވެ. ސަޖާގެ މަކަރުވެރިކަމުގައި އޭނާ ޖައްސާ ސަޖާ ދިޔައީ ރާދިން ހާސިލް ކުރާނެ ގޮތަކާ މެދު ވިސްނަމުންނެވެ. އޭނާއަށް ނުލިބުނު އުފަލެއް އޭނާ ސަޖާއަކަށް ވެސް ލިބުނަކަ ނުދޭނެއެވެ. ރާދިންއަށް ހުރިހާ ހަޤީގަތެއް ކިޔައިދީގެން ނަމަވެސް، އެކަންތައް އޭނާ ހުއްޓުވާނެއެވެ.

"ބައިގެން ދިޔަ ނަމަވެސް، އެއީ އަހަރެންގެ ދަރިއެއް ނޫންކަމަކަށް ވާނެތަ؟ އަހަންނާ ސަޖާއާ ދެމެދު ކަމެއް ނުހިނގާ ކަމަށްވާނެތަ؟ މައާލް އަހަންނަށް މާފުކުރާނެތަ؟ އަހަރެމެން ދެމީހުންގެ ގުޅުން އިހު އޮތް ގޮތަށް އިއާދަވާނެތަ؟" އެ އިން ގޮތަކަށް ދުރުބަލަން އިނދެފައި ރާދިން އަމިއްލަ ނަފްސާ ސުވާލު ކުރަމުން ދިޔައެވެ.

"ކޮން އިރަކު އެ ދަރިފުޅު ބައިގެން ދިޔައީ؟" ރާދިން ރަޒާންއަށް ބަލާލިއެވެ.

"ކިތަންމެ ދުވަހެއް. ސަޖާ ބަނޑު ބޮޑުކަން އެނގުނުތާ މާގިނަ ދުވަހެއް ނުވެ ބައިގެން ގޮސްފި. އެކަމަކު އެކަން އޭނަ ސިއްރުކުރީ އޭނަގެ ހިތުގެ އެދުން ހާސިލްކުރުމަށް." ރަޒާން ބުނެލިއެވެ. ސަޖާގެ މަކަރުވެރިކަން ހާމަވަމުން ދިޔަ ވަރަކަށް ރާދިންގެ ހިތުގައި ސަޖާއާ މެދު އުފެދިފައިވީ ނަފްރަތު އިތުރުވަމުން ދިޔައެވެ.

"ރާދިންއަށް ގަބޫލުނުކުރެވެންޏާ މިއޮތީ ހެކިވެސް." ރަޒާން އޭނާގެ ވޮލެޓުން ނެގި ކަރުދާސްގަނޑު ރާދިންއަށް ދިއްކޮށްލިއެވެ. އެއީ އޭނާ ސަޖާމެން ގެއަށް ދިޔަ ރޭ ފެނުނު ރިޕޯޓެވެ. ސަޖާ އެ ރިޕޯޓް އަތުލަން އުޅުނު ނަމަވެސް، އޭނާ އެ ރިޕޯޓް ގަދަކަމުން އަތުލީ، މިކަން މިގޮތަށް ކުރުމުގެ ބޭނުމުގައެވެ.

ސަޖާގެ ދަރިފުޅު ބައިގެން ދިޔަ ކަމުގެ ރިޕޯޓު ފެނުމާއެކު ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއްވެސް ރާދިންއަކަށް ނޭނގުނެވެ. އޭނާގެ މޫނުމަތިން އެއްވެސް އިޙްސާސްއެއް ފާޅެއް ނުވެއެވެ. އެއަށް ބަލަހައްޓައިގެން އެތަކެއް އިރަކު ރާދިންއަށް އިނދެވުނެވެ. ސަޖާ ބަނޑުބޮޑު ނޫންނަމަ، އޭނާއަށް އެ ޒިންމާ ނަގާކަށް ނުޖެހޭނެއެވެ. ސަޖާއާ ކައިވެނި ކުރާކަށް ވެސް ނުޖެހޭނެއެވެ. އެހެންނަމަވެސް، ދެރައީ މާފު ނުލިބޭނެ ވަރުގެ ކުށެއް އޭނާއަށް ކުރެވިފައިވާތީއެވެ. މައާލްއާ އިނދެގެން ހުރެ އެހެން އަންހެނަނާ ގުޅުން ބޭއްވިފައިވާތީއެވެ.

"ކޮންމެ ގޮތެއް ވިނަމަވެސް، އަހަންނާ މައާލްގެ ދިރިއުޅުމަށް ދެނެއް ކުރިން އޮތް އުފާވެރިކަމެއް ނާންނާނެ." ރާދިންގެ ހިތަށް އަރަމުން ދިޔަ ޝަކުވާތައް އޭނާއަށް ދުލުން ބޭރުކުރެވުނުކަން ރޭކާލީ ރަޒާން ވާހަކަ ދެއްކުމުންނެވެ.

"ނޫން ރާދިން! އަހަރެން މިއުޅެނީ އަދިވެސް އިތުރު ހަޤީގަތެއް ރާދިންއަށް ކިޔައިދޭންވެގެން." ރަޒާން އަނެއްކާވެސް ރާދިންގެ ސަމާލުކަން ހޯދާލިއެވެ.

"ސާފުކޮށް ބުނެދީބަލަ…" ރާދިންއަށް ބުނެވުނެވެ.

"ސަޖާ… ސަޖާ ބަނޑު ބޮޑުވީ ރާދިންގެ ދަރިއަކަށް ނޫން." ރަޒާން ދެން ހާމަކޮށްލި ހަޤީގަތާއެކުވެސް ރާދިންއަށް ލިބުނީ ސިހުމެކެވެ. ވިއިރު އެރޭ ސަޖާއާ އޭނާއާ ދެމެދު އެއްވެސް ކަމެއް ނުހިނގަނީ ހެއްޔެވެ؟ އެއީ ސަޖާގެ މަކަރުވެރި ރޭވުމެއްހެއްޔެވެ؟

"އެހެންވީއިރު އެއީ ކަލޭގެ ދަރިއެއްތަ؟" ރާދިން ރަޒާންއަށް ބަލާލަމުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ސަޖާ އޭނާއަށް އޮޅުވާލާފައިމިވަނީ ކޮންފަދަ މިންވަރަކަށް ހެއްޔެވެ؟ އަންހެނަކަށްވެ ހުރެ ސަޖާ އެ ކުރީ ހާދަ ދަށު ދަރަޖައިގެ އަމަލެކެވެ. ކޮން ފަދަ ހުތުރު އަމަލެއް ހެއްޔެވެ؟ ނަސަބު އޮޅުވާލަންވެސް ސަޖާ ފަސްނުޖެހުނީ ކޮންފަދަ ގޮތެއް ނެތް އަންހެނަކަށް ވީމަ ހެއްޔެވެ؟

"ސަޖާ އެހެން މީހަކާ ގުޅުން ނުބާއްވާނަމަ ޔަޤީނަށް އަހަންނަށް ކެރެން ބުނޭ އެއީ އަހަރެންގެ ދަރިއެއްކަން. އެކަމަކު މިހާރު އެކަމެއްވެސް ޔަޤީނެއް ނޫން.... އަހަންނާ އެކު އުޅެމުންވެސް ސަޖާ އިތުރު ބަޔަކާ ގުޅުން ނުބާއްވާކަމެއް ޔަޤީނެއް ނޫން.... އެހެންވީމަ އަހަންނަކަށް ނޭނގެ." ރަޒާން ބުނެލިއެވެ.

"އެރޭ ވީ އެއްވެސް ކަމެއް އެނގޭތަ؟" ރާދިން އެ ބުނަނީ ކޮން ރެއެއްގެ ވާހަކަކަން ރަޒާންއަށް އެނގެއެވެ.

"އެރޭ…. ރާދިން އައުމުގެ ކުރިން ގޭތެރެ އެ ޙާލަތަށް ގެނައީ އަހަންނާ ސަޖާ. ސެންޓު ފުޅި ތަޅާލީ ރާދިންއަށް އުނދަގޫވާނެކަން އެނގޭތީ ސަޖާ… ޝީ ޑްރަގްޑް ޔޫ ރާދިން. ފެންތައްޓަށް އަޅާފަ އެރޭ ސަޖާ ރާދިންއަށް އެ ދިނީ. އެ... އެ ޑްރަގް ހޯދައިދިނީ އަހަރެން. ސަޖާ ބުނީ ރާދިން އޭނަ ދޫކޮށްލީމަ އެކަމުގެ ބަދަލު ހިފަން ކުރާ ކަމެއްކަމަށް. ރާދިންއާ ރާދިންގެ އަނބިމީހާގެ ދިރިއުޅުން ހަލާކުކޮށްލަންކަމަށް. ހުރިހާކަމެއްގެ ފަހަތުގައި ހުރީ ސަޖާ… އެއީ ސަޖާގެ ރޭވުން. ސަޖާގެ މަކަރުވެރިކަން ނޭނގި އެ ހުރިހާކަމެއްގައި އޭނާއަށް އެހީތެރިވީ އަހަރެން. އަހަރެން ހީކުރީ ސަޖާގެ ކަރުނަތަކުން، ސަޖާ ހަޤީގަތުގައިވެސް ރާދިން އޭނާއަށް ކަންތައްކުރި ގޮތުން ބަދަލު ހިފަން ބޭނުންވީކަމަށް. އަދި ފުރުސަތު ލިބުނީމަ އޭގެ ބޭނުން ހިފީކަމަށް." ރަޒާންގެ ޖުމްލަ މެދު ކަނޑާލީ ރާދިންއެވެ.

"ކޮންފަދަ ނުބައި އަންހެނެއް." ރާދިންއަށް ބުނެވުނެވެ.

"އެރޭ ފޮޓޯތައްވެސް ނެގީ އަހަރެން. އެ ފޮޓޯތަށް ރާދިންގެ އަނބިމީހާއަށް ދައްކާ ހިސާބުން ރާދިންގެ ދިރިއުޅުން ހަލާކުކޮށްލެވޭނެކަމަށް ސަޖާ ބުނީ. އެކަމަކު އޭގެ ފަހުން އަހަންނަށް އެނގުނީ ރާދިންގެ އަންހެނުންގެ ލޮލަށް ނުފެންނަކަންވެސް. އެހެންވީމަ ސަޖާ އެ ފޮޓޯތައް ނެގީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ރާދިން ހާސިލްކުރުމުގެ ނިޔަތުގަ. އަހަރެންގެ ވެސް ގަމާރުކަމުން އޭނާގެ ފަށުވި ދޮގުތައް ގަބޫލުކުރެވުނީ…" ރަޒާން އިރުކޮޅަކަށް ވާހަކަ މެދު ކަނޑާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.

"ތި ބުނާ ރޭ ހަތަރު ދަމު ވެސް ސަޖާ އޮތީ އަހަރެންގެ ކައިރީގައި، ރާދިން ހޭލާހާއިރު ކޮށްފަ އޭނަ ރާދިންގެ ކައިރިއަށް ދިޔައީ. ސަޖާގެ ބުނުމަށް އެ ހުރިހާކަމެއް ކުރުމަށް އަހަރެން ސަޖާއަށް އެހީވީ." ރަޒާން ޖެހިލުމެއްނެތި ކިޔައިދެމުން ދިޔައެވެ. އޭނާ ހުރީ ކޮންމެ ގޮތަކުންވެސް ސަޖާގެ ރޭވުން ނާކާމިޔާބު ކުރަން ނިންމައިގެންނެވެ. އޭނާއަށް ނުލިބުނު ހިތްހަމަ ޖެހުމެއް ސަޖާއަކަށްވެސް ނުލިބޭނެއެވެ. ރަޒާންގެ އެވާހަކަތައް އަޑު އިވި ރާދިންއަށް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދުނިޔޭގެ އުސޫލާ ކަންހިނގާ ގޮތް ނިކަން ދެކިބަލާށެވެ. ﷲ އިރާދުކުރައްވައިފިނަމަ ކިތަންމެ ބޮޑު ސިއްރެއްވެސް އެކަލާނގެ ފާޅުކުރައްވައެވެ. އަނެކާކަށް ދެރައެއް ދިނުމުގެ ނިޔަތުގައި ކިތަންމެ ވަރަކަށް ހަޤީޤަތަށް ފަސްއަޅާ ފޮރުވިނަމަވެސް، އެ ސިއްރު ފާޅުކުރުމަށް ﷲ އަމުރު ކުރައްވައިފިނަމަ، ހީވެސް ނުކުރާ ގޮތަކަށް ކަންތައްތައް ނިއުޅިގެން ދެއެވެ. މިއީ އޭނާ އަބަދާ އަބަދު ކުރި ދުޢާގެ ނަތީޖާއެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ކުރި ދުޢާގެ ނަތީޖާއެވެ. އޭނާ ދުޢާ ކުރީ ވަންހަނާވެ ފޮރުވިފައިވާ ހަޤީގަތް ކޮންމެވެސް ގޮތަކުން އޭނާއަށް ހާމަކޮށްދެއްވުން އެދިއެވެ.

އިވުނު ވާހަކަތަކުން ރާދިންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ބައެއް އިންސާނުން އެމީހުންގެ ހިތުގެ މުރާދު ހާސިލްކުރުމަށް ކޮށްފައި ނުކުރާނީ ކީއްހެއްޔެވެ؟ އަމިއްލަ ނަފްސުގެ އިއްޒަތާއި އަބުރަށް ބެލުމެއްނެތި ކޮންމެ ފަދަ ދަށު ދަރަޖައަކަށްވެސް އެމީހުން ވެއްޓިދާނެއެވެ. އެފަދަ މީހުން ދުނިޔަވީ ޙަޔާތުން އެ ލިބޭ ވަގުތީ އުފަލާއި އަރާމަށް އަމިއްލަ ނަފްސު ވިއްކާލަކީ ހިތުގައިވާ ބޮޑާކަމާއި ކިބުރުވެރިކަމުންނެވެ. ހިތުގެ ސާފުކަމަކީ ހިތެއްގެ ހަމަޖެހުމަށާއި އުފާވެރިކަމަށް ކިހާ މުހިންމު އެއްޗެއްކަން އެމީހުންނަށް ނޭނގެނީއެވެ. ރަޒާންއަށް ބަލަން އިން ރާދިންއަށް އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިފަހަރު ހަަމަޖެހުމުގެ ނޭވާއެކެވެ. އޭނާގެ ލޮލުގެ ތެރެއަށް ކޮންމެވެސް ވަރަކަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. ދެން އޭނާއާ މައާލްއާ ދެމީހުންގެ ދެމެދުގައިވީ ދުރުކަން އިސާހިތަކު ނެތި ހިނގައިދާނެއެވެ. އެހެންނަމަވެސް، ހިތަށް އެެރި އެއްޗަކުން އޭނާގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފަނޑުވާ ގޮތްވިއެވެ. އެފަދަ ގުޅުމެއް ނުހިނގި ނަމަވެސް، އޭނާ ސަޖާއާ ގުޅުން ބޭއްވިކަމަކީ ހަޤީގަތެކެވެ. އެކަމަށް މައާލް އޭނާ އޭނާއަށް މާފުކޮށްފާނެހެއްޔެވެ؟

"އަހަރެން މިއައީ ހުރިހާ ހަޤީގަތެއް ރާދިންއަށް ކިޔައިދޭންވެގެން.... އަހަރެން ގޮސްލަނީ ދެން.." ރަޒާން ބުނެލިއެވެ. އޭނާ ތެދުވުމާއެކު ރާދިން ވެސް ތެދުވެލިއެވެ. އޭރު އޭނާގެ ބޮލުގައި ބަރުކަމެއް ވިއެވެ. ހީވީ އެއްފަހަރާ އެނގުނު ހަޤީގަތްތަކެއްގެ ސަބަބުން އެ ހުރިހާކަމެއް ސިކުނޑީގެ ތެރޭގައި "ޕްރޮސެސް" ކުރަން އުނދަގޫވިހެންނެވެ. ރަޒާން ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު، ރާދިން ގޮސް ރެއިލިންގެ ކައިރިއަށް ހުއްޓުނެވެ. އައިސްފައިހުރި ރުޅިން ގޮށް މުށްކަވާފައި، އޭނާ ރެއިލިންގައި ޖެހިއެވެ.

ޖެހެމުންދިޔަ ވައިރޯޅިތައް އޭނާގެ އިސްތަށިގަނޑާ ސަމާސާކުރަމުން ދިޔައެވެ. ރާދިން ސިއްސައިގެން ދިޔައީ އޭނާގެ ކޮނޑުގައި މީހަކު އަތް ޖައްސާލުމުންނެވެ.

" ރާދިން…"

ރާދިން ފަސްއެބުރި ބަލާލުމާއެކު، އޭނާގެ ލޮލުގައި އަޅައިގަތީ އޭނާއަށް ބަލަހައްޓައިގެން ހުރި މައާލްއެވެ. މައާލްގެ ލޮލުގައި ވަނީ ކަރުނައެވެ. އެ މޫނުމަތިން ފެންނަނީ ހިތްހަލާކު ވާ ފަދަ އަސަރުތަކެކެވެ. ކަރުނުން ފުރިފައިވީ ދެ ލޮލަށް ބަލައިލުމާއެކު، ރާދިންއަށް އެތަކެއް އެއްޗެއް ފަހުމްވެއްޖެއެވެ. މައާލްއަށް ހަޤީގަތް އަޑު އިވުނީކަން އޭނާއަށް ޔަޤީންވިއެވެ.

"މައާލް…" މައާލްގެ ނަން ރާދިންގެ ދުލުން ބޭރުވީ ހިނދު ކެތްކުރަން މައާލްއަށް ދަތިވިއެވެ. އެހިތަށް ފިނިވެގެން ދިޔައެވެ. ރާދިންްއަށްޓަކައި އެހިތުގައިވާ ޖަޒުބާތުތައް ހޭލަން ފަށައިފިއެވެ. ރާދިންއަށްޓަކައި އެ ހިތުގައި ޖަހެމުން ދިޔަ ވިންދުގެ އަޑު ވެސް ބާރުވެލައިފިއެވެ. ރާދިން މައާލްގެ ކޯތާފަތުގައި ދެ އަތުން ހިފައްޓާލަމުން އެ ދެލޮލަށް ފުންކޮށް ބަލާލިއެވެ.

"އައި ހާރޑް އެމްރީތިންގ." މައާލް އޭނާގެ ކޯތާފަތުގައި ޖައްސާލާފައިވާ ރާދިންގެ އަތުގައި މަޑުމަޑުން އަތް ޖައްސާލިއެވެ.

"އެކަމަކު އަހަރެން ކުށް ނުކުރާކަމަކަށް ނުވާނެ! އައި ޑިޑް ޗީޓް އޮން ޔޫ. މިގޭގައި… މައާލްގެ ކުރިމަތީގައި… އަހަރެން އޭނަ… އެކަމަކު… އައި ރިގްރެޓް އިޓް. އެކަމަށް އަހަރެން ލަދުވެތިވަން. ދެރަވަން." ރާދިން މައާލްގެ ދެލޮލުން ނަޒަރު ވަކިކޮށެއް ނުލައެވެ. އޭނާ ވާހަކަ ދެއްކީ އެ ދެލޮލާ ނަޒަރު ސީދާކޮށްލައިގެން ހުރެއެވެ.

"ރާދިން…." މައާލް އެއްޗެއް ބުނަން އުޅުނު ނަމަވެސް، ރާދިން މައާލްގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސާލަމުން އެކަން މަނާކުރިއެވެ.

"އައި އެމް ސޮރީ. ކިތަންމެ ވަރަކަށް މާފަށް އެދުނު ނަމަވެސް، އެއީ މައާލްގެ މާފު ހައްޤުވާވަރު ކުށެއް ނޫން. އަދި މައާލް ކުރިން އަހަންނަށް ކުރި ފަދަ އިތުބާރެއްވެސް އަލަކުން ނުލިބޭނެ. އިޓްސް އޯލް ބިކޯޒް އޮފް މީ." ރާދިންގެ އަޑުން ފާޅުވަމުން ދިޔަ ވޭނަށް ތަސައްލީއެއް ދޭން މައާލް ބޭނުންވިއެވެ. އެ ހުރިގޮތަށް ހުރުމަށްފަހު، ކުއްލިއަކަށް އޭނާ ރާދިންގެ ގައިގައި ބައްދާލިއެވެ. އިރުކޮޅަކު ހުރުމަށްފަހު، ރާދިންވެސް އޭނާގެ އަތުގެ ހިމާޔަތް މައާލްއަށް ދެމުން ލޯ މަރާލިއެވެ.

"އަހަންނަށް މާފުކުރާނަންތަ؟" އެ ހުރި ގޮތަށް ހުރެ ރާދިން ބުނެލިއެވެ.

"އަހަރެމެން ދެމީހުން ކައިވެނިކުރި ޙާލަތު އަހަންނަށް އެނގޭ. އެކަމަކު އޭގެ ފަހުން ރާދިން އައި ބަދަލުތަކާ އަހަރެންގެ ކުރި ކުދި އުފާތަކަށް އިސްކަން ދިން މިންވަރުވެސް އަހަންނަށް އެނގޭ. ސަޖާއާ ރާދިންއާ އޮތް ގުޅުން އަހަންނާ އިން ފަހުން މަޑުމަޑުން ކެނޑެމުން ދިޔަކަން ރާދިންގެ އަމަލުތަކުން އެކަނިވެސް އަހަންނަށް އެނގުނު…. އެ ހުރިހާކަމެއް ގަބޫލުކުރަން އަހަރެން ދެކޮޅު ހެދީ، ރާދިންއާ މެދު ހީކުރެވުނު ކުށްހީތަކެއްގެ ސަބަބުން. އަހަންނެކޭ އެއްގޮތަށް ރާދިން ތަހައްމަލް ކުރަމުންދިޔަ ވޭން އަހަންނަށް ވެސް އިޙްސާސްއެބަވޭ." ހިތުގެ އިޙްސާސްތައް ރާދިންގެ ކުރިމަތީގައި ފާޅުކުރަމުން މައާލް ދިޔައެވެ.

"އަހަންނަށް މާފުކުރީތަ؟" މައާލްގެ ދުލުން އެހެން ބުނާ އަޑު އަހަން ރާދިން ބޭނުންވާފަދައެވެ.

"ޔެސް…" މައާލް ބުނެލިއެވެ.

"އަސްލުވެސްތަ؟" ރާދިންއަށް ގަބޫލެއް ނުކުރެވުނެވެ.

"އާނ. އަހަރެން މާފު ކޮށްފިން." މައާލްގެ އަޑުގައިވީ ޔަޤީންކަމާއެކު ރާދިންއަށް ހިނިތުންވެވުނެވެ.

"ތެންކިއު ބޭބީ. ތެންކިއު ސޯ މަޗް. އަހަރެން ދުވަހަކުވެސް ދެނެއް އިރާދުކުރެއްވިއްޔާ މައާލްއަށް ދެރައެއް ނުދޭނަން." ރާދިން ވައުދުވީ މައާލްއަށް އެކަންޏެއް ނޫނެވެ. އޭނާގެ އަމިއްލަ ނަފްސަށް ވެސް މެއެވެ. މާޒީގައި އޭނާއަށް ކުށެއް ކުރެވިއްޖެއެވެ. އެކަމަކު މުސްތަގްބަލުގައި ދެން އިރާދުކުރެއްވިއްޔާ އޭނާ އެފަދަ ކުށެއް ތަކުރާރެއް ނުކުރާނެއެވެ.

"ފިނިވަނީތަ؟" ރާދިންއާ ދުރުވެލާ މައާލް ދެއަތް ހުރަސްކޮށްލުމާއެކު، ރާދިން ސުވާލުކޮށްލިއެވެ.

"ހޫމް. "ޖެހެމުން ދިޔައީ ތެތްފިނި ވައިރޯޅިތަކެކެވެ.

"ވިއްސާރަ ވައްތަރަކަށް އެ އޮތީ." އުޑުމައްޗަށް ބަލާލަމުން އެހެން ބުނެލުމާއެކު ރާދިން މައާލްގެ އުނަގަނޑުގައި ހިފާ އޭނާއާ ކައިރިކޮށްލިއެވެ.

"ހިނގާ ތިރިއަށް ދާން." އެހެން ބުނެލާފައި އޭނާ މައާލް ގޮވައިގެން ތިރިއަށް ދާން މިސްރާބުޖެހިއެވެ.

"ކޮބާ ސާދާ؟" ކަމެއް ހަނދާންވާ ފަދައަކުން ރާދިން ސުވާލުކޮށްލިއެވެ.

"ގޮސްފި. އަހަރެމެން މިތަނުގައި ތިއްބާ އެ ރަޒާން ނުކުތީ. އޭނައާ ދިމާލަށް އަހަރެން ބަލާލުމުން ހައިރާންވެފައި އަހަންނަށް ފެނޭހޭ އެހީ. ސާދާ ބުނީ އޮޕަރޭޝަނަށް ފަހު ފެނެޔޭ. އެހެން ކިޔާފަ އޭނަވެސް ރަޒާންއާއެކު ދިޔައީ…މޭބީ ޝީ ވޯންޓްސް ޓު ގިވް އަސް ސަމް ޓައިމް." މައާލް ވީ ގޮތް ތަފްސީލްކޮށްލަދިނެވެ.

ދެމީހުން ތިރިއަށް ގޮސް ވަނީ ކޮޓަރިއަށެވެ. މައާލް ފިނިވެފަިއ ހުރުމުން ރާދިން އޭސީ މަޑުކޮށްލަން ރިމޯޓް ހޯދާލިއިރު އޮތީ ސައިޑް ކަބަޑު މަތީގައެވެ. އޭނާ އެ ދިމާލަށް ގޮސް ރިމޯޓް ނަގަން ވެގެން އުޅުނު ވަގުތު އެތަނުގައި އޮތް އޭފޯ ސައިޒް ކަރުދާސްތައް ލޮލުގައި އަޅައިގަތެވެ. އެ އަށް ބަލައިލުމާއެކު އޭގައި ލިޔެފައިވާ އެއްޗެއް އޭނާ ކިޔައިލުމާއެކު، މައާލްއަށް ބަލައިލެވިއްޖެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު