"ދަތި އުދަގޫ އިމްތިހާނުތަކަށްވެސް ކެތްތެރިވެގެން ތިބުމުން ކޮންމެވެސް ދުވަހަކުން ރަގަޅު މުސްތަގުބަލެއް ލިބިދާނެއެވެ. އެހުރިހާ ކަމަކަށްވުރެ ފައިދާ ބޮޑީ ދުނިޔެއަށްވުރެ އާޚިރަތަށް މަސައްކަތްކުރުމުންނެވެ. ވީމާ ކެތްތެރިވެ ދިރިއުޅުމުގެ އިމްތިހާނުތަކާއި ކުރިމަތިލާށެވެ. ﷲގެ ގަދަރަށް ރުހޭ ބަޔަކަށް ވާށެވެ."

***

" އެއީ...ވެއްޓުނީ...އޯކޭ ވާނެ...." ބާބިލް އަވަހަށް ވާހަކަ އޮޅުވާލިއެވެ. ޖޫރީ އަށް ވެސް ބާބިލް އެ ހެދީ ދޮގެއް ކަމެއް ނޭނގުނެވެ. އެ ޒަޚަމްތައް އޭނާ އަށް ލިބެމުން ދަނީ އޭނާގެ އަލަތު ކައިވެނިންނެވެ. ބާބިލް ފަކީރަށް ޖެއްސި ހާލު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ. ފުރަތަމަ ރޭގައިވެސް ތަޅާ އަނިޔާ ކުރިއިރު ގޭގައިވެސް ގެންގުޅެނީ އަޅެއް ފަދައިންނެވެ. އެހުރިހާ އަނިޔާއެއް ލިބުނު ކަމުގައިވިޔަސް ބާބިލް ގެ ހިތް އަދިވެސް އެދެމުންދަނީ ކެތްތެރިވެ ﷲ އަށް ވަކީލުކުރުމަށެވެ. އަދިވެސް އުންމީދު ކުރެވެނީ އޭނާގެ ފިރިމީހާ ހެޔޮމަގަށް ރުޖޫއަ ވޭތޯއެވެ.

ޖޫރީ ބޭސް އަޅައިދޭން ކިޔާވަރުން އެންމެފަހުން ބާބިލް އެއްބަސްވެލިޔަސް އެ ޒަޚަމްތައް އެއްވެސް މީހަކަށް ފެންނާން ބާބިލް ނޭދެއެވެ. އަދި އެވާހަކަތައް އެއްވެސް މީހާކާއި ހިއްސާކުރުމަށްވެސް ނޭދެއެވެ.

***

ދޮރު ހުޅުވާލުމާއެކު ނޭފަތުގައި ބީހެމުންދިޔަ ލުއި ވަހުން ސިކުނޑި ފުރިގެންދިޔައެވެ. އަޅާ ކޮންމެ ފިޔަވަޅާއެކު ދިއްލެމުން ދިޔަ ބޮކިތަކުން މުޅި ކޮޓަރި އަލި ވަމުން ދިޔަޔަސް އެ އަލިކަމާއި ވާދަ ކުރަމުން ދިޔައީ ވިދަމުން ދިޔަ ޖަވާހިރުތަކެވެ. ގަހަނާތަކުގެ ހިތްގައިމު ރީތިކަމުގެ ތެރެއަށް ނަފްސު ގެއްލުވާލުމަށް ދަޢުވަތުދޭފަދައެވެ. އެ ކޮޓަރީގެ ފާރުތަކާއި ބިންމަތި ޒީނަތްވެފައިވަނީ ހުދު މާބަލް މުށީންނެވެ. ފިނި ހޫނު މިން އެކި ދިމަ ދިމާގައި ތަފާތު ކޮށް ހުރި އިރު ކޮޓަރީގެ ފާރުތަކުގައިވާ ބިއްލޫރި ކޭސްތަކުގައި ބެހެއްޓިފައިވަނީ އަލިގަދަ ގަހަނާތަކަކެވެ. ރަނުން ފަށަލަ އެޅިފައިވާ މި ކޭސްތަކުގެ ތެރޭގައި ޖަވާހިރު، ޔާގޫތު، ރަންމުތް އަގީދު، ނީލަމް އަދި މި ނޫނަސް އެތައް އަގުބޮޑު މައުދަން ތައް ވިދަމުން ދިޔައިރު، މުޅި ކޮޓަރިއަށް އުކަމުން ދިޔަ ހިތްގައިމު ކުލަތަކުން ބަލައިލި ކޮންމެ މީހެއް އާޝޯހުކުރުވާނެއެވެ. ނަމަވެސް އައްޒަހްރާގެ ކުދީން ފިޔަވައެވެ. އެކުދީންނަށް ޖަވާހިރުތަށް އަބަދު ފެންނާތީ އެއީ މާ ބޮޑު ކަމަކަށް ނަހަދައެވެ. ޖޫރީ ނޫނީ އެ ކޮޓަރިޔަށް އައްޒަހްރާ އާއި އެކު ވަދެލަން ދާނެ ކުއްޖެއްވެސް ނުހުންނާނެއެވެ. ކުދީންނަށް މިކަމުގެ ފަންނު ވެރިކަން ދަސްކޮށްދީ ވިޔަފާރީގައި ބައިވެރިވުމަށް އައްޒަހްރާގެ ހިތް އެދުނު ނަމަވެސް އެވެ.

"ޒަވީ ބޭނުން އެއްޗެއް....." އައްޒަހްރާ ބުނެލީ ޒަވިޔާގެ ބުރަކަށީގައި ފިރުމާލަމުންނެވެ.

" މަންމަ ޗޫޒް ކޮށްދޭންވީނު...މައިރާ އަށް އޯކޭ ވާނެ ކޮންމެ އެއްޗެއްވެސް...އެހާ ގޮތް ބޮޑު ނޫނިއްޔާ ......................" ޑިސްޕްލޭގައި ހުރި ޖަވާހިރުތަކަށް ލޯ ހިންގާލަމުން ޒަވިޔާ ބުނެލިޔަސް ހަގީގަތުގައި މައިރާ އަށް ކަމުދާނޭ ފަދަ އެއްޗެއް ލޮލުގަ އަޅައެއް ނުގަތެވެ.

" ބްލޫ ޑައިމަންޑް އެއް....މީ ޑައިމަންޑު ތަކުންވެސް ފާހަގަ ކޮށްލެވޭ އެއްޗެއް....ވަރަށް މަދުން ނޫނީ ނުލިބޭނެ މި ވައްތަރު......" އައްޒަހްރާ ދައްކާލީ އެތަނުން އެންމެ ވިދާ އެއް ޖަވާހިރެވެ.

" ލޯ އަނދިރި ވާނެ އެއްނު ތިހާ ވިދުން ގަދަ ވީމަ...." ލާނެތް ހިނިގަނޑަކާއެކު ޒަވިޔާރު ބުނެލިއެވެ.

އައްޒަހްރާ ދައްކާ ކޮންމެ އަގުބޮޑު ޖަވާހިރަކަށް ޒަވިޔާރު އަށް އެއިން އުނި ކަމެއް ފާހަގަ ނުވެ ނުދެއެވެ.

" މަންމަ ހަމަ ހައިރާންވެއްޖެ.... މި އިން އެއްވެސް އެއްޗެކާ ހިތްޕުޅާ ހަމަ ނުވީމަ....މިހާރު މަންމަ ވަރަށް ބޭނުން މައިރާ ދެކެލަން....ވަރަށް ހާއްސަ ކުއްޖެއް ވީމަތާ މި ހުރިހާ ޖަވާހިރުތަކުން ވެސް ކަމުދާނެ އެއްޗެއް ނުފެންނާނީ..." އައްޒަހްރާ ލުއި ހިނިތުންވުމަކާއެކު ޒަވިޔާ އާއި ދިމާކޮށްލިއެވެ.

" މަންމަ ވެސް ދޯ ދެންން....އަސްލު މަންމަ އަށް ނުދައްކަން ވެގެންނޫނޭ...މައިރާ ވައުދު ކުރުވީ މަންމަ އަށް މައިރާ ފެންނަންވާނީ އެގެއަށް ދާ ދުވަހަކުން ކަމަށް....." ލަދުގެންފައި ހުރި ޒަވިޔާރު އޭނާގެ މަންމަގެ އަތުގައި ހިފާލަމުން ބުނެލީ ވަރަށް ލޯބިންނެވެ.

" އަލްޙަމްދުލިއްﷲ....ތިހެން ބުނުމުން މަންމަ އަދި އިތުރަށް މައިރާ އާއި ބައްދަލުކޮށްލަންދާ ހިތްވެއްޖެ. މައިރާ އަށް ރީތި ވާނެ ކަހަލަ ޖަވާހިރެއް ހޯދީމައެއްނު ގަހަނާ ސެޓެއް ހެދޭނީ ވެސް....މާދަމަޔަށް ނިމޭ ވަރުވެސް ވާނީ އެއިރުން...." އައްޒަހްރާ ކަންބޮޑުވިއެވެ.

"ގަހަނާ ސެޓެކޭ؟އަނގޮޓިއެއް އެކަނި ކަމަށް ޒަވީ ހީކުރީ....އަސްލު ވާގޮތަކީ....މައިރާ އަކީ އެހާ ގަހަނާ އަޅާ ކުއްޖެއްނޫން....ވަރަށް ސިމްޕަލް އެއްޗިހި ކަމުދާނީ...." ޒަވިޔާ ބުނެލީ ޖެހިލުންވެފައި ހުރެ ބުނެލިއެވެ. އެއީ އޭނާގެ މަންމަ ދޭނެ ޖަވާބު އެނގޭތީއެވެ. ވީ ވެސް ހަމަ އެހެންނެވެ. އައް ޒަހްރާ ނުރުހުން ފާޅު ކުރީ އަންހެން ކުއްޖާ އަށް ރަން ކިޔަން ދާ އިރު އެންމެ އަނގޮޓީ އަކުން ނުފުދޭނެކަމެވެ. ގާތް ގަނޑަކަށް ހުރިހާ ޖަވާހިރުތަކެއް ބަލައި ނިމުމުން ޒަވިޔާރުއަށް ރީތި ވީ އެތަނުން މުތީ އެކެވެ.

***

އަހެދް ގެ ކުދި ފިޔަވަޅުތައް މިސްރާބު ޖެހީ ހުޅުވިފައި އިން ލައިބްރަރީ އެއް ކަހަލަ ކޮޓަރިއަކަށެވެ. ދަން ގަޑިއެއްގައި މުޅި ގެ ބަލައިލަން ބޭނުންވީ އެންމެން ނިދާފައި ތިބޭނެ ކަމަށް ހިތާއެވެ. އެ ކޮޓަރީގެ ތެރެއަށް ވަދެވުމާއެކު އިތުރު ދޮރެއް ހުޅުވިފައި ހުއްޓެވެ. އެ ދޮރު ފަރުމާ ކޮށްފައި ހުރީ ފޮތް ހަރެއްގެ ސިފައިގައެވެ. މީހަކު އުޅޭ ކަމުގެ ހިލަމެއް ވާހެން ހީވުމުން ކައިރި ވާން ޖެހިލުން ވިޔަސް ފެންނަމުން ދިޔަ މުތީ ތަކުގެ އަލީން އެ ދިމާ އަށް ދެވުނެވެ. މީހާ ހައިރާންވެ އާޝޯޚު ކުރުވީ ފެންނަމުން ދިޔަ ޖަވާހިރުތަކުނެނެވެ. ދުނިޔެ މަތީން ދުވަހަކު ނުދެކޭ ފަދަ އަޖާއިބެކެވެ.

" ކާކު އައީ؟" އެއްޗެއް ވެއްޓުނު ކަހަލަ އަޑެއް އިވުމުން ދޮރާ ދިމާއަށް ހިނގައިގަންނަމުން އައްޒަހްރާ ސުވާލުކޮށްލިއެވެ.

އަހެދް ހައިރާންވިވަރުން އެތަނުން ފޮތެއްގައި އަތުން ޖެހި ބިންމައްޗައް ވެއްޓުނީއެވެ. އަވަހަށް ދުވެފައި އެ ކޮޓަރީން ނިކުންނަނިކޮށް ހޯލު ތެރެއިން މުރުތަސިމް ފެނުނެވެ. އެއާއެކު ފިޔަވަޅުތައް މަޑުޖެހިލައި އެ ތަނުން ދޮރެއްގެ ފަހަތަށް ވަދެ ފިލީއެވެ. މުރުތަސިމް ކުރި ކަނޑައިލާ ދަންދެން އެ ދޮރުގެ ފަހުތުގައި ފިލައި ހުރި އިރު ޒަވިޔާރުގެ އަޑުވެސް ކަންފަތުގައި ޖެހުނެވެ.

" އެއީ ފޮތެއް ވެއްޓުނީ....." ބިންމަތީން ފޮތް ނެގުމަށް ފަހު ޒަވިޔާ އެ ފޮތް ހަރުގައި ޖަހަމުން ބުނެލިއެވެ.

ހިތް ބާރަށް ތެޅެމުން ދިޔަ އަހެދް ވީ ހާ އަވަހަކަށް ބެލީ ކޮޓަރިޔަށް މިސްރާބު ޖެހޭތޯ އެވެ. ސިޑީން ފައި އަރި އަޅައި ނުލީވެސް ކިރިޔާއެވެ.

"މިއޮތް ދަން ގަޑީގަ އެ ކާކުތަ؟ ފެން ފޮދެއް ބަލައި ބަދިގެއަށް ދާން ނިކުތް އަލްބާން އަށް ދުރުން އަހެދް ފެނުނު ނަމަވެސް ވަކި ކުރާން ނޭނގުނެވެ. އޭނަ ލޯ އުނގުޅައިލިއެވެ.

"އަނެއްކާ ހަންޑި އެއްތަ؟ކަޅު އެއްޗެއް އެހާ ބާރަށް...." އަލްބާން ބިރުން އަވަހަށް ކޮޓަރިއަށް ވަދެލީ ހަގީގަތުގައިވެސް ހިތް ބިރުގެންފައި ހުރުމުންނެވެ. ކަރު ހިއްކުންވެސް ހީވީ އެއްކޮށް ފިލައިފި ހެންނެވެ.

"ނަސީބެއް.....ހަމަ ކިރިޔާ މިސަލާމަތްވީ....." ހިތަ ބާރަށް ތެޅެމުން ދިޔަ އަހެދް އަށް ކޮޓަރި ތެރެޔަށް ދެވުމުން އަމާންކަން އިހުސާސް ކުރެވުނެވެ. އަދި ފެނުނު ޖަވާހިރުތަކާއި މެދު ވިސްނެންފެށިއެވެ. އަދި އެއްފަހަރު ނަމަވެސް އެ ބަލައިލަން ދާން ހިތް އެދެމުން ދިޔައެވެ.

***

އާ ހެނދުނަކަށް އަލި ވިލުނީ އާސީނާ ގެއަށް އައުމުގެ އުފަލާއެކުއެވެ. ބޮލުގައި އެނބުރެމުން ދިޔަ ޚިޔާލުތަކުން އަހެދްއަށް ރޭ ހަމަނިދިވެސް ނުލިބުނެވެ. މާމަ މަރުވިއެއް ކަމަކު އޭނާގެ ޚިޔާލުތަކުގައި އެނބުރެމުން ދިޔައީ ފެނުނު ޖަވާހިރުތަކެވެ. ބޭރުން އިވޭ އުފާވެރި ކަމުގެ ހުނުމުގެ އަޑު އިވުމުން އަހެދް ފޫހިވިއެވެ. މިގޭގައި އުފާވެރި ކަމާއި ހަމަޖެހުން އޮންނަން އަހެދް ގެ ހިތް ނޭދެއެވެ. ވިދާ ރަން ކުލައިގެ އިސްތަށިކޮޅުގައި ފުނާ އަޅަމުން ދިޔައީ އަމިއްލަ ސޫރައިގެ ފުރިހަމަ ކަމަށް ހިތާ ހިތުން ތަޢުރީފު ކުރެވެމުންނެވެ. ނިޤާބް އަޅައި ފޮރުވިގެން އުޅުނަސް ހަގީގަތުގައި އެ އަޅަން މަޖުބޫރު ކުރުވީ އެ ރަށުގައި އުޅޭ އަދީނާގެ ފިރިމީހާ ގެ ކަންތައް ހުންނަގޮތުންނެވެ. ނިޤާބް އެޅުމުން މީހާ ދީނާ އި ކައިރިވި ނަމަވެސް މިކޮޅަށް އާދެވުމުން އެހާ ފޮރުވިގެން އުޅެން އުނދަގޫވެއެވެ. އިންތިޒާރު ކުރެވެނީ ނިޤާބް ނަގައިލެވޭނެ ދުވަހަކަށެވެ. ޚިޔާލުތަކުން ސިއްސުވާލީ ދޮރު ހުޅުވުމާއެކުއެވެ.

" ވާވް.....ޕްރިންސެސް އެއް....މަންމީ.....ލުކް އަ ޕްރިންސެސް..." ތޫލި އަޑަކުން ކުޑަކުއްޖަކު ކިޔައިލި އަޑު އިވުނެވެ. އަހެދް އެނބުރުނު ވަގުތު މުރުތަސިމް ގެ ލޮލާ ލޯ ދިމާވި ކަމަކު ޖަހާލި ވިދުވަރެއް ހެން އެތަނުން މުރުތަސިމް ހިނގައިގަތީ ބޮޑު ބިރެއް ފެނުނު ފަދައިންނެވެ. އަހެދް އަށް އަވަހަށް މޫނު އަނބުރާލައި ބެލުނީ ލޯގަނޑަށެވެ. މޫނުމަތީގައި އައިބެއް ހުރީތޯ ބެލުމަށެވެ. އައްޒަހްރާ އާއި އެކު ކުރީން ނުފެންނަ އަންހެނެއް އެ ކޮޓަރީ ދޮރާ ހަމަ ކުރި އިރުވެސް އަހެދް ހުރީ ލޯގަނޑަށް ބަލަހައްޓައިގެންނެވެ.

"ކަނބުލޯ....ހޭލާތަަ؟އަދި ނާސްތާ ނުކޮށެއް ނު...ހިނގާ އަވަހަށް ކާން ދާން...." އައްޒަހްރާ އާއި އެކީ ހުރީ އާސީނާއެވެ. އާސީނާ ކައިރީ ހުރީ އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ސޯފިޔާ އެވެ.

"މިއީތަ އަހެދް އަކީ.....މާޝާﷲ ވަރަށް ރީތި.....އަސްލުވެސް ޕްރިންސެސް އެއް ދޯ...." ސޯފިއާ އަށް ބަލައިލަމުން އާސީނާ އެއްބައިވެލިއެވެ.

އަހެދް އަށް އެ ތައުރީފުތައް އަޑުއިވުމުން ލިބުނު އުފާވެރިކަމާއި ހިތްހަމަޖެހުން މޫނު މަތީން ފާޅު ކޮށްލީ ލަދުގަތްކަމަށް ހެދެމުންނެވެ. އައްޒަހްރާމެން ދިޔުމުން އަވަހަށް ބުރުގާ އަޅައި ނިޤާބް އެޅީ ނާސްތާ އަށް ކާކޮޓަރިއަށް ދިޔުމަށެވެ.

ހެނދުނު ނާސްތާ ހުރީ ވަރަށް ފެންވަރުގައި ތައްޔާރުކޮށްފައެވެ.

" މަންމީ....ގޯސްޓް......" ސޯފިޔާ އަށް އަހެދް ފެނުމުން ރޮއެގަތެވެ.

" އަލް އަށް ވެސް ރޭގަ ފެނުނޭ ހަންޑި އެއް......މި ގޭގަ އުޅެނީ ކަންނޭނގެ އަސްލުވެސް..." އަލްބާން އަށް ސޯފިޔާގެ އަޑު އިވުމުން ބުނެވުނީ ފަހަތުގައި އަހެދް ހުރި ކަމެއް ނޭނގިއެވެ.

" ނޯ ނޯ...އެއީ ޕްރިންސެސް ދައްތި އޭ...." އާސީނާ ބެލީ އަވަހަށް ސޯފިޔާގެ ރުއިން ހުއްޓުވޭތޯއެވެ. އާސީނާ ކުޑަކޮށް ލަދުގެންފައި ހުރި އިރު ޖޫރީ އަށް ހެވެނީ އެވެ. ހުނުން ކޮންޓްރޯލު ކުރަން މަސައްކަތް ކުރި ނަމަވެސް އެ ވަގުތުގައި އެކަން ފަސޭހަ އެއް ނުވިއެވެ. އަހެދް ހުރީ ރުޅީން މަރުވާވަރު ވެފައެވެ.

އެނބުރި ކޮޓަރިޔަށް ދާން ހިނގައިގަތުމުން އަތުގައި ހިފީ އައްޒަހްރާއެވެ.

" ސޯފީ އަށް މޫނު ދައްކާލުމުން ރަނގަޅުވާނެ...އެއީ ކާކުކަން ނޭނގޭތީ...."އަހެދް އަށްޓަކާ އައްޒަހްރާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އަލްބާން އަށް ވީނުވީ ރޭކާލީ އައްޒަހްރާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

" ހާދަ ބަނޑުހަޔޭ.....މިއޮތީ ބޮޑު ކޭމެއްނު ތައްޔާރުކޮށްފަ....އާންޓީ މިސް ވެއްޖެ..................." އަލްބާން އަވަހަށް ބެލީ ވާހަކަ އޮޅުވާލައި ތަން ހަމަޔަކަށް އެޅުވޭތޯ އެވެ.

" އަލްބާން ވިއްޔާ އަހަރެން މަތީން ހަނދާންވެސް ކޮށްފި....އާސީނާ އައި ކަމެއްވެސް އަންގާނުލާ އަހަންނަށް.....އެއަޕޯޓުން ފެނުނު ވާހަކަ މަގޭ ކައިރީ ބުނީ ޖަލީލު...." އެއީ ސަކީނާގެ އަޑެވެ.

"ސުބްޙާނައްﷲ މިއޮތީ ކަންތަކާ ލައިގަނެފައި..............." އައްޒަހްރާ އަށް ހިތާ ހިތުން ބުނެވުނެވެ. އަވަހަށް އަހެދް ކޮޓަރިޔާ ހަމަޔަށް ލައިދިނީ ސަކީނާ ގެ މިޒާޖު ހުންނަގޮތް ރަގަޅަށް އެނގޭތީއެވެ.

" ނާސްތާ ގެނެސްދޭނަން ކޮޓަރިޔަށް.....ސަކީނާ އިއްޔެގަ ކަންތައް ކުރި ގޮތުން އަހެދް އަށް އުނދަގޫ ވެދާނެ ބޭރުގަ ނާސްތާ ކުރަން....ދައްތަ ބޭނުންމެއް ނުވޭ މިގެއިން އެއްވެސް އެނދަގުލެއް ކަނބުލޮ އަށް ދިމާވާން...." އައްޒަހްރާ ބުނެލީ ވަރަށް ކަންބޮޑުވެފައެވެ.

"އިޓްސް އޯކޭ.އަހެދް ހިތުގައި އެ ދައްތަ އާއި މެދު އެއްވެސް ބުރަކަމެއްނެތް....ސޯފީ ބިރުގަނެފަ ހުރީމަ އެކަމު ވަރަށް ދެރަ....ނިޤާބް އަޅައިގެން އުނދަގޫ ވާނެ ކަންނޭނގެ އެހެންވީމަ..." އަހެދް ބޭނުންވީ ސޯފިޔާ އާއި މަތި އަޅުވާފައިވެސް ނިޤާބް ނަގާލެވޭނެ ފަދަ ބަހަނާއެއް ދެއްކުމަށެވެ.

" ސޯފި ފަހުން ރަނގަޅުވާނެ...އެއީ އަދި އާ ވީމަ...." އައްޒަހްރާ ހިތް އުފާ ކުރީ އަހެދް އެހާ މީހުންނާ ދޭތެރޭ އޯގާތެރިކަމާއި ކުލުނު ހުރިކަން އެނގިފައެވެ.

އިތުރަށް އެ ވާހަކަ ދައްކަން އަހެދް ފޫހި ކުރުވީ އައްޒަހްރާގެ ޖަވާބުންނެވެ. އަދި އަވަހަށް ކޮޓަރިޔަށް ވަދެލީ ސަކީނާގެ އުނދަގުލެއް ދިމާ ވެދާނެ ކަމުގެ ބިރަށެވެ.

ނާސްތާ ހިފައިގެން ކޮޓަރިޔަށް އައި ބާބިލް ގެ މޫނުމަތީން ފެންނަމުން ދިޔައީ ވަރުބަލިކަން ނަމަވެސް އަހެދް ފެނުމުން ލުއި ހިނިތުންވުމެއް މޫނަށް ވެރިކުރުވިއެވެ. އަހެދް ހެދުން ބަދަލުކޮށްލައިގެން ހުރި އިރު ހުރީ ފިޔާ ތޮށި ކުލައިގެ އަތް ކުރު ޓީ ޝާޓަކާއި ޖީންސެއް ކަމުން އިތުރަށް މީހާގެ ޒީނަތްތެރިކަން ފާޅުވިއެވެ. ރަން ކުލައިގެ ފަން ދިގު އިސްތަށި ކޮޅު ވިހުރާފައި އޮތް އިރު އާންމުކޮށް ރާއްޖޭއިން ފެންނަ ކުދީންނާއި ހާސް ތަފާތެވެ. ބޭރު ފިލްމުތަކުން ފެންނަ ކުދީންނަށް ވުރެވެސް ރީއްޗެވެ. ބާބިލް އަށް ބަލަހައްޓައިގެން ހުރެވުމުން އަހެދް ކަރުކަހައިލާ އަތުގެ އިޝާރާތުން ދައްކާލީ އެތާ ހުރި މޭޒެވެ. ބާބިލް ކުޑަކޮށް ލަދުގަތް ނަމަވެސް އަވަހަށް މޭޒު މަތީ ކާ އެއްޗިހި ބަހައްޓާފައި ނިކުމެލިއެވެ.

"ކޮބާތަ....ޗޯފިޔާ ގެ ބައްޕަ؟" ކޭކުފޮޅިޔެއް އޮތަ ގޮތަށް އަނގަޔަށް ލަމުން ސަކީނާ އަހާލީ ސޯފިޔާކުރެންނެވެ. ސޯފިޔާ ނިދިއައިސް ފައި ހުރުމުން ޖޫރީގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތީ އިނގިލި އަނގައިގާ ޖަހައިގެންނެވެ.

" ޖަލީލު ނުދޭތަ އެ ހަބަރެއް؟" އައްޒަހްރާ ގެ އަޑުގައި ވީ ނުރުހުންތެރިކަން ފާޅުވިއެވެ. އަލްބާން އަށް ހެވުނު ނަމަވެސް ހިންދައިލީ އައްޒަހްރާ އިތުރަށް ރުޅި އައިސްދާނެތިއެވެ. އާސީނާވެސް ކޮށި ނޭރީ ކިރިޔާއެވެ.

"ކައިލް ވެސް އައި...އެކަމް ދަތުރު ވަރުބަލިވެފަ ހުރުމުން އަރާމް ކޮށްލަން ދިޔައީ..." ސަކީނާ ލަދުގަންނަވާނުލަންވެގެން އާސީނާ ޖަވާބު ދިނެވެ.

***

" މައި... ބުރުގާ އެޅީމަ އިތުރަށް ފުރިހަމަ......މަންމަ ހާދަ ދެކެން ބޭނުންވި ދުވަހެކޭ..." ސަހަރް ގެ ލޮލުން ކަރުނަ ފާއްދާލީ އުފަލުންނެވެ.

"ޒަވީ ވަރަށް ސަޕްރައިޒް ވާނެ.....ބްލެކް ދޯ ރީތީވެސް...."ކަޅު ވެލިފޮތި ތަކުން ޖަރީ ކޮށްފައިވާ އަބާޔާ އަކާއި ބުރުގާ އެއް އަޅައިގެން ލޯގަނޑު ކުރިމަތީގައި ހުރި މައިރާ ހީވަނީ ހަމަ އަރަތްބެއް ހެންނެވެ.މައިރާ އަށް ބަލަހައްޓައިގެން ދޮރުކައިރީގައި ހުރި ވިލްދާން ވެސް ހުރީ އުފަލުން ފޮޅިފައެވެ.

ސަހަރު އާއި ވިލްދާން އަކީ ވެސް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ ދެމީހުން ކަމުން މިއަދު މައިރާ ބުރުގާ އެޅުމުން އެ ދެމީހުން ތިބީ އިންތިހާއަށް އުފާވެފައެވެ. މައިރާ އަމިއްލަ އަށް ފެނިގެން ބުރުގާ އަޅާނެ ދުވަހެއްގެ ދިގު އިންތިޒާރަކަށް އައި ފޮނި ނިމުމެކެވެ.

"ބައްޕަ ގެ ޕްރިންސެސް....." މައިރާގެ އަތުގައި ލޯބިން ހިފާލަމުން ވިލްދާން ބުނެލިއެވެ.
***

އެއަޕޯޓް ގައި ހުރި ކެފޭއެއްގައި ކޮފީއެއް ބޯލަން އިން މުރުތަސިމްގެ ސިކުނޑީން އަހެދް ގެ މޫނު ފިލުވައިނުލެވުނެވެ. އެ މޫނު އަދި އިތުރަށް ބަލއިލަން ހިތް އެދެމުން ދިޔައެވެ. އެ ޚިޔާލުތައް ވިއްސިވިހާލިކޮށްލީ އަލީޒީގެ ފޯނެއް އައުމުންނެވެ. ނަމަވެސް ފޯނު ސައިލެންޓައް ލައި ނުނެގީ ވާހަކަ ދައްކަން ބޭނުން ވެފައި ނެތުމުންނެވެ.

" އެހާ ދުރުކޮށްލީތަ؟" ފަހަތުން އިވުނު އަޑު ކަންފަތުގައި ޖެހުމުން މުރުތަސިމްގެ ލޯ ބޮޑުވިއެވެ.

"އެލީ...މިތާ ކީއްކުރަނީ؟..." ފަހަތައް އެނބުރިފައި ފުރަތަމަ ވެސް ކޮށްލެވުނީ ސުވާލެކެވެ.

" ސިމް އަށް ސަޕްރައިޒެއް ދޭން ކަމަށް...އެކަމު..."ލޮލަށް ޖަމާވެފައިވާ ކަރުނަތަށް ހިފަހައްޓައިލަން މަސައްކަތް ކުރި އެލީޒީއަށް އޭނަގެ ކަރުތެރޭގައި އެއްޗެއް ތާށިވީފަދަ އިހުސާސެއްވެސް ކުރެވުނެވެ. ކަރު ބެދި ވާހަކަ ދައްކަން އުދަގޫވިއެވެ.

"އެލީ....ފޯނު ނުގަގާކަށެއް ނޫން.....އެއީ މިއަދު ބޮލުގަ ރިއްސާތީ...." މުރުތަސިމް ބަހަނާއެއް ދެއްކިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު