"މާތް ﷲ ތިމާގެ ހިތް ތަނަވަސްކޮށްދެއްވާ ހިތުގައި ނޫރު ލެއްވުމަށް އެދޭނަމަ ބޭކާރު ވާހަކަތަކުން ދުރުހެލިވާށެވެ."

***

"މަދީނާ......."އާދަމް ނުލަފާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އެ ހިނދު އުވެއިސް ގެ ނޫކުލައިގެ ފިނި ލޮލުން ރަތް އަލިފާން ކަނި ބުރައިގެން ދިޔައެވެ. ރޭގަނޑުގެ ކަޅު އަނދިރީ ތެރެއިން އެ ލޯ ދިއްލުނު ހިނދު މުޅިތަން އަލި ކުރުވީ މެންދުރުގެ ހޫނު އަލި ފަދައިންނެވެ. އެ މަންޒަރު ދުށް އިންސާނެއް ނަމަ ބިރުން ފިތްކަނޑައިގެން ދާވަރުވާނެ ނަމަވެސް އާދަމްގެ ހިތަކަށް އެކަމުން އެއްވެސް އަސަރެއް ނުކުރާފަދައެވެ.

"ކީއްކުރާ މަދީނާ އެއް...ކަލޭ ބޭނުންވަނީ ނަބީލާއެއް ނޫންތަ؟މަދީނާއެއް ނުލިބޭނެ...." ރުޅިވެރިކަމާއެކު އުވައިސް ބުނެލިއެވެ.

"ނަބީލާ ލިބެންދެން އަހަރެން ބޭނުން މަދީނާއިން............" އާދަމްގެ ޖުމްލަ ނުނިމެނީސް އުވެއިސް އޭނާގެ ބާރު ގަދަ އަތުން އާދަމްގެ ކަރުގައި ހިފައި ބާރުކޮށްލިއެވެ.

" ކަލޭ ހީކުރީތަ މަމީ ކަލޭ ކަހަލަ އިންސާނެއްކަމަށް؟ދެރަ ނިކަމެއްޗެއް ކަމަށް؟އަހަރެންނަކީ މާރިދެއްގެ ދަރިޔެއްކަން ތި މޮޔަ ސިކުނޑިއަށް ނުވިސްނޭތަ؟"އުވައިސް އިތުރަށް އަތަށް ބާރުކޮށްލިއެވެ. އިތުރަށް އެންމެ ތަންކޮޅެއްވެސް ބާރު ލައިފިނަމަ އާދަމްގެ ބޯ އޭނާގެ ކަނދުރާއިން ވަކިވެދާނެއެވެ. ލޮލަށް ލޭ އެޅެން ކައިރިވެފައި ހުރި އާދަމް ގެ ހިމާޔަތަށް ފާޅުވީ ބޮޑު މާރިދެކެވެ. އެއީ އުވެއިސް ގެ ބައްޕަ އެވެ. ފުއްޓަރު ފަރާތުގެ އެ އެކަހެރި މާހައުލުގައި ވައިގަދަވެ ގަސްތަކުގެ ފަތްތައް ހެލޭ އަޑު ގަދަވިއެވެ. ގޮނޑުދޮށަށް ބިންދައިލާ ރާޅު ބިޔަވެ އަޑުވެސް ގަދަވެ ދޮންވެލި ތައް ބުރައިގެން ދިޔައިރު ހީވި ވެލީގެ ތޫފާނެއް އަރައިގަތްހެނެވެ. އެކި ދިރޭ ސޫފާ ސޫފީގެ ރުއިމުގެ އަޑާއެކު ޖެހިގަތް ބާރުގަދަ ވައިގެ ގަދަކަމާއިއެކު އުވެއިސް އަށް މަޖުބޫރުކުރުވީ އޭނަގެ މުށުތެރޭގައި ހިފަހައްޓާފައިވި އާދަމް ދޫކޮށްލުމަށެވެ. އެ ޙާލަތުގައިވެސް ބިންމައްޗަށް ވެއްޓިފައި އޮވެ ވެލީގައި ހޭކެމުންވެސް އާދަމް ބެލީ އެ އިފްރީތައް ސަޖިދަ ޖެހޭތޯއެވެ.

"ސާހިބު މުޝްރިކާ....." ކުކުރަމުން ވެސް ނެރެލީ އެ ބަހެވެ. އާދަމް ވަނީ އޭނާގެ މުޅި ނަފްސު ޝައިތާނާއަށް ވިއްކާލާފައެވެ. ހެޔޮ ކަމުގެ ޒައްރެއްގެ މިންވަރުވެސް އެ ހަށިގަނޑުގައި ނެތްފަދައެވެ.

މި އިފްރީތަކީ ފުން ކަނޑުގެ އަނދިރީގެ ތެރޭގައި ރަސްކަންކުރާ ޖިންނީންގެ ތެރެއިންވާ މަޚުލޫގެއްކަމުން އޭނާއަށް ލިބިފައިވަނީ އާދަޔާޚިލާފް ބާރެކެވެ. ޖިންނީންގެ ކިބައިން އެހީއަށް އެދި ހަދާނީ ﷲ ގެ ހިދާޔަތުން އެއްކިބާވެގެންވާ ނުބައި ނުލަފާ އިންސާނުންކަން ކަށަވަރެވެ. ޝައިތޯނުންނަކީ އިންސާނުންނަށް ކަނޑައެޅިގެންވާ ޢަދުއްވުންތަކެއް ކަމުގައި ބަޔާންވެފައިވާ އިރުވެސް އެމީހުންނަށް ނަފްސު ވިއްކާލެވެނީ ދުނިޔޭގެ އުފަލަށްޓަކައެވެ. އެ އުފަލަކީ ދެމިގެންވާނެ އުފަލެއް ނޫންކަން އެނގޭ ހިނދުވެސް ހެއްލިގެން ދަނީއެވެ. މާރިދުގެ ވެސް އޮތީ އެންމެ ބޭނުމެކެވެ. ބަދަލު ހިފުމެވެ. އެއީ މާޒްވިލާ އާއިލާގެ ވަސް ހިތި ގޮތެއްގައި މި ދުނިޔެއިން ފިލުވައިލުމެވެ. އާދަމްއަކީ އޭނާ އެކަމަށް ގެންގުޅޭ އަޅެކެވެ.

"މަދިނާއެއް ނުލިބޭނެ....އެކަން ހަނދާންކުރާތި....." އެލަފުޒުތަކާއެކު އުވައިސް ވިދާލި ވިދުވަރެއްފަދައިން ގެއްލުނެވެ. އުވެއިސް ގެ ހިތް ވަނީ މަދީނާ އަށް ދެވިފައެވެ. ކުޑައިރުއްސުރެ މިއަދާ ހަމަޔަށް މަދީނާގެ ހިޔަނިހެން ކައިރީގައި އުޅުމުގެ ސަބަބުން އެކުއްޖާއަށް ހިތް ހަދިޔާ ކުރެވިފައިވާ ކަން ދެނެގަނެވުނީވެސް ހަމަ މިރޭގައެވެ. ގޯނާތައް ކުރެވެނީ ހިތުގައި އުފައްދާފައިވާ ނަފްރަތުން ނަމަވެސް ގިނަ ފަހަރުގައި އެ އަނިޔާ ތައް ދޭން ޖެހިލުންވެސް ކުރުވައެވެ. އޭނާގެ މަންމަގެ މަރަކީ މާޒްވިލާ އާއިލާގެ ކޮންމެ މީހެއްގެ ޒިންމާ އެއްކަމަށް އޭނާގެ ބައްޕަ ވަނީ ޅަ އިރުއްސުރެ ބުނެދީފައި ކަމުން އެ ބަދަލު ހިފުމުގެ ރޫހު ވަނީ ހިތުގައި ބިންވަޅުނެގިފައެވެ. ނަމަވެސް ބޭއިޚްތިޔާރުގައި މިވަނީ އޭނާއަށް މަދީނާ ދެކެ ލޯބިވެވިފައެވެ.

***

"އުރުޖުވާން..." އަހްމަދަށް ގޮވާލެވުނެވެ.

"އަމް.ލައްބަ؟ ތީ ކޮން ބޭފުޅެއްތޯ؟" އުރުޖުވާން ހައިރާންވެފައި އަހާލިއެވެ.

"ހަލޯ.....ކޮން ބޭފުޅެއްތޯ؟"އެކޮޅުން ހިމޭންކަން ޚިޔާރުކުރުމުން އޭނަ ތަކުރާރުކޮށް ސުވާލުކުރިއެވެ.

އަހަމްދުގެ ބަސްހުއްޓުނެވެ.އަމިއްލަ އަށް ތައާރަފް ވާނީ ކިހިނެއް ކަމެއްވެސް ނޭނގިފައި ހުރެވުނެވެ. އޭނައަކީ އުރުޖުވާންގެ ބައްޕަކަން ބުނެދޭނީ ކިހިނެއް ކަމެއް ނޭނގުނެވެ.

ފޯނަށް ރޭންޖު ނުލިބުނީ ކަމަށް ހިތައި އުރުޖުވާން ބޭރަށް ވެސް ނިކުމެލީ ކަންފަތުގައި ފޯނު ޖަހައިގެން ހުރެއެވެ. ފަހަރެއްގައި މުހިންމު ފޯނަކަށްވެސް ވެދާނެތީއެވެ. ސަބީހާ ނިޔާވި ޚަބަރު ލިބިގެން ގުޅި މީހެއް ކަމުގައިވެސް ވެދާނެތީއެވެ. ރޭންޖު މައްސަލަ އެއް ކަމަށް ހިތައި ފޯނު ސްޕީކަރަށް ލުމަށްފަހު މުޅި ސިޓިން ރޫމްގައި ކުރުކާލިކަނޑަނިކޮށް ކޮޓަރީން ނިކުތް މާޒިމް އާއި މުޑިއެރިއެވެ.

"އާ ޔޫ އޯކޭ؟" މާޒިމްއަށް އަހާލެވުނެވެ. އުރުޖުވާން އަވަސް ވެފައި ދުރަށް ޖެހިލިއެވެ. އަދި އިޝާރާތުން އެންގީ އޭނަ ހުރީ ފޯނެއްގައިކަމެވެ. މާޒިމްގެ އަޑު އިވުމާއެކު އަހްމަދު އަވަހަށް ފޯނު ކަނޑައިލިއެވެ. އެއީ ކޮންމެހެން މާޒިމްކަން އެނގިގެނެއް ނޫނެވެ. އުރުޖުވާން އާއި އެކު މީހެއް ހުރި ކަން އެނގުނީއެވެ. ފޯނު ކެނޑުމުން އެ ނަންބަރު ބަލައިލަން މާޒިމް އެދުނެވެ. މާޒިމް އަތަށް ފޯނު ދީފައި އުރުޖުވާން ހިނގައިގަތީ މާޒިމް އަށް ކޮފީ ތަށްޓެއް ހަދާލުމަށެވެ. މާޒިމްއަށް އެއީ ލަންޑަން ނަމްބަރެއްކަން ވަގުތުން ފާހަނގަވިއެވެ. އަނެއްކާ ނާޝިދު ބާވައެވެ. އަމިއްލަ ފޯނު ނަގައި އަވަހަށް އެ ނަންބަރު ޖަހައިލުމުން މީހާ ވަރަށް ބޮޑަށް ސިހުނެވެ.

"އަހްމަދް ބެ...." މާޒިމް އަށް ހިތާ ހިތުން ކިޔާލެވުނެވެ. މާޒިމް ހިތް ބުނަމުން ދިޔައީ އެއީ އޭނާގެ ބައްޕަގެ ކަމެއް ކަމުގައެވެ. ނަމަވެސް ވިސްނައި ނުގަނެވެނީ އުރުޖުވާން ގެ ނަންބަރު ހޯދީ ކިހިނެއް ކަމެވެ. އަދި އަހްމަދުގެ ފޯނުން ގުޅަން ޖެހޭ ސަބަބެވެ. ހިޔާލުތަކަށް ގެއްލިފައި ހުރެވުނު މާޒިމްއަށް ގޮވައިލީ އުރުޖުވާން އެވެ.

"މާޒް....ކޮފީ؟" ލުއި ހިނތުންވުމަކާއެކު ހޫނު ކޮފީ ތަށި މާޒިމް އަށް ދިއްކޮށްލިއެވެ.

"ނަން ދަސްވެއްޖެ ދޯ..." މާޒިމް ބުނެލީ ހިނިތުންވުމަކާއެކުއެވެ. އަދި ކޮފީ ތަށީން ކޯވަރެއް ބޯލުމުން ހަށިގަނޑު ތާޒާ ވިއެވެ.

"މީރު ކޮފީ އެއް....ކީއްވެ އެންމެ ކޮފީ އެއް ގެނައީ....ޑޯންޓް ޔޫ ޑްރިންކް؟" ސޯފާގައި އިށީނދެލައިގެން އިން އުރުޖުވާން ކުރެން އަހާލިއެވެ.

"ކޮފީ ނުބޮން. އިޓް މޭކްސް މީ ހައިޕަ....." އުރުޖުވާން ބުނެލީ ކުޑަކޮށް ހެމުންނެވެ. އެއީ މަދީނާ ބުނެފައިވާ ވާހަކައެއް ހަނދާނަށް އައީއެވެ. މާޒިމް އަށް ކޮފީ ނުލިބެންޏާ ހަންޑި އަރާ ވާހަކައެވެ. އެ ވަގުތަކީ އުރުޖުވާންގެ ފޯނަށް މަދީނާގެ މެސެޖެއް ވެސް ލިބުނު ގަޑިއެވެ. މާޒިމް އަތުގައި އެފޯނު އޮތުމުން އަވަހަށް މަދީނާ އަށް ގުޅާލީ އެ އެޕާޓްމެންޓަށް އައުމަށެވެ. އުރުޖުވާން ވެސް ހުރީ މަދީނާ އާއި ވާހަކަ ދައްކާލާ ބައްދަލުކޮށްލަން ބޭނުންވެފައެވެ. މާޒިމް ޗުއްޓީ ނަގައިފައި އޮތަސް ހޮސްޕިޓަލުގެ ޑައިރެކްޓަރ ބައްދަލުކޮށްލަން އެދިފައިވާތީވެ ހޮސްޕިޓަލަށް ދާން މަޖުބޫރުވީއެވެ. އެހެން ނޫންނަމަ އުރުޖުވާން އެކަނި ކޮށްލާފައި ދާން ހިތް ނޭދެއެވެ.

***

ނާޝިދުގެ ހޭވެރިކަން ގެއްލުވައިލަމުން ދިޔައީ މޭމައްޗަށް އަރަމުން ދިޔަ ތަދެވެ. އޭނަގެ ފޯނުން އަހްމަދަށް ގުޅާލެވުނީ ލޯ ފުސްވަމުން ދިޔަ ގަޑީގައެވެ. އަނގައިން ލަފްޒެއް ބޭރުނުވިޔަސް މީހާ ބިންމައްޗައް ވެއްޓުނު އަޑުން ކަމެއް ގޯސް ވެއްޖެ ކަން އަހްމަދު ދެނެގަތެވެ. އަހްމަދު އަވަސްއަރުވާލާފައި އެގެޔާއި ހިސާބަށް ފޯރިއިރު އިރު ނާޝިދު އޮތީ ޚަބަރު ހުސްވެފައި ބިންމަތީގައެވެ. އެންބިއުލާންސް ގައި ހޮސްޕިޓަލަށް ގެންދެވުނު މަގުމަތީގައި އަހްމަދު އަވަހަށް ގުޅީ ހުޝަލް އަށެވެ.

" ބައްޕަ ގުޅަނީ ކީއްވެ؟" ހުޝަލްގެ ފޯނުން ބްލޫޓޫތް މެދުވެރިކޮށް ކާރަށް އޮޓޯއިން ގުޅިފައި ވުމުން ފޯނަށް ގުޅާ ނަންބަރު ސްކީރަނަށް ވަނީ އަރާފައެވެ. ފަހަތު ސީޓުގައި އިން މެހެކް އަށް ފެނުމުން އަހާލެވުނެވެ.

"އަނެއްކާ ކަމެއް ދިމާވީބާ....ނަގާބަލަ..." މީކާއިލް ކަންބޮޑުވިއެވެ.

ފޯނަށް ޖަވާބު ދިނުމުން ލިބުނު ޚަބަރުން އަވަހަށް މިސްރާބު ޖެހީ ހޮސްޕިޓަލާއި ދިމާއަށެވެ. ކަން ދިމާ ކުރި ގޮތުން ހޮސްޕިޓަލާއި ދުރު ނޫން ހިސާބެއް ކަމުން އަވަހަށް ދެވުނެވެ. ރާޤީ އާއި ބައްދަލުކުރަން އޮތަސް ކަން ދިމާވިގޮތުން މެހެކް އާއި މީކާއިލް ވެސް ބޭނުންވީ ހުޝަލް ގާތުގައި ހުރުމަށެވެ. އަދި ނާޝިދުއަށް ދިމާވިކަމެއް ދެނެގަންނަން ބޭނުންވިއެވެ. ހުޝަލްގެ ހިތް އަވަސްވެފައިވުމުން ކާރުގެ ދުވެލި ވެސް ވަނީ ބާރުވެފައެވެ. ނާޝިދު އަށް ނަފްރަތު ކުރެވުނަސް ދެރަގޮތެއް ދިމާވުމަށް ހިތް ނޭދެއެވެ.

***

"ހައި ސިސްޓަރ....."

އުރުޖުވާން ފެނުމާއެކު މަދީނާ ދުވެފައި އައިސް ބައްދާލީ ވަރަށް ލޯބިންނެވެ. މަންޒަރު ބަލަން ދުރުގައި ހުރި މާޒިމް އަށް ހެވުނީ އަންހެންކުދީން އުޅޭ ފާޑު މަޖާވެފައެވެ. މާޒިމް ހޭތަން ފެނުމުން މަދީނާ ލޯ އަޅާލާ ތުން ފިތައިލީ މަޖާ ގޮތަކަށެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށް މަދީނާ އާއި އުރުޖުވާން ބަދިގެއަށް ވަނުމުން މާޒިމްވެސް ހޮސްޕިޓަލަށް ދާންވެގެން ތައްޔާރުވާންފެށިއެވެ. މުޅި ރޭ ނުނިދާ ހުރުމުން ކެނާން ބޭނުންވީ އަރާމު ކޮށްލުމަށް ކަމުން ކެނާން ނާދެއެވެ.

މަދީނާގެ ލޯ ކަރުނުން ފުރުނީ އުރުޖުވާން ގެ ހިތްވަރުގަދަ ކަން ފެނިއެވެ. ސަބީހާ ގެ ވަކިވެދިޔުމުންވެސް މާތް ﷲ އަށް ވަކީލުކޮށްގެން މިންވަރަށް ޝުކުރުވެރިވާލެއް ފުރިހަމަ ކަން ފެނިއެވެ. އަދި މަދީނާއަށް ވެސް ހިތްވަރު ލައިދީ ނަސޭހަތްތެރިވީ ޤަދަރަށް އީމާންވެ އެކަމަށް ޝުކުރުވެރިވުމަށެވެ. ވާހަކައިގައި ތިއްބާ މާޒިމް މަދީނާ އަށް ގުޅިއެވެ.

" ނޯ....ދޮންބެ ނައު ޔޫ ހޭވް އަ ވައިފް....." މަދީނާ ޖަވާބު ދިނުމަށްފަހު ވަގުތުން ފޯނު ކަނޑާލިއެވެ. އުރުޖުވާން ލޯ އަޅާލީ ވީ ކިހިނެއް ކަމެއް ނޭނގި ހުރެއެވެ.

"ދޮންބެ ބުނީ ގަމީސް އިސްތިރިކޮށްލަދޭން....ހެހެހެހެ...." މަދީނާ ވަރަށް ލާނެތް ހިނިގަނޑަކާއެކު ބުނެލިއެވެ.

"މަދީނާ ދޭބަލަ ގަމީސް ހިފައިގަން އަންނަން. އެ އެޕާޓްމެންޓަށް ދާން ނުކެރޭނެ. ޕްލީޒް...މާޒް މީޓިން އަށް ލަސްވެދާނެ އެހެންނޫނީ....." އުރުޖުވާން ކުޑަކުއްޖެއްފަދައިން މަދީނާ ގާތު އާދޭސްކުރިއެވެ.

"ވާވް.....މާޒް" މަދީނާ އަށް ހެވުނީ ކުރީން މާޒިމް ގެ ނަން ގަންނަން ބިރުގަންނަ އުރުޖުވާން " މާޒް" އޭ ކިޔުމުންނެވެ. މަދީނާ ދިމާކުރުމުން އުރުޖުވާން ރަކި ވިޔަސް އެދެމުން ދިޔައީ ގަމީސް ހިފައިގެން އައުމަށެވެ.

" މި އޮތީ ގަމީސް..." ފަހުތުން މާޒިމް ގެ އަޑު ކަންފަތުގައި ޖެހުނު ވަގުތު އުރުޖުވާން ލަދުން މަރުވާ ވަރުވިއެވެ. މަދީނާ އަވަހަށް ސިންކު ދޮށަށް ތަށި ދޮންނަން ކަމަށް ހަދައި ޖެހިލީ މާޒިމް އަތުން ގަމީސް ހޯދުމަށް އުރުޖުވާން އަށް ފުރުސަތު ދިނުމަށެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު