ކުންފުނިތަކުން މާލީ ބަޔާންތައް ހާމަކުރަން ވަކި ޕޮލިސީއެއް ހަދަނީ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހުންނަ އިމާރާތް: ސަން ފައިލް ފޮޓޯ

ސަރުކާރު ކުންފުނިތަކުގެ މާލީ ބަޔާން ނުވަތަ ފައިނޭޝަލް ރިޕޯޓު ހާމަކުރަން ވަކި ޚާއްސަ ޕޮލިސީތަކެއް ހަދަން ނިންމާފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ކުންފުނިތަކުގެ ފައިނޭންޝަލް މައުލޫމާތު ރިޕޯޓު ކުރުމުގައި ހާމަކަން ބޮޑުކަމާއި އިތުބާރު އުފެއްދުމަށްޓަކައި، ކޮންމެ ކުންފުންޏެއްގައިވެސް ސްޓޭންޑާޑް އެކައުންޓިން ޕޮލިސީތަކާއި ޕްރޮޖީޖާތައް ހެދިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ފައިނޭންޝަލް މުއާމަލާތްތައް ރިކޯޑު ކުރުމާއި، ރިޕޯޓުކުރުމާއި، އަގުކުރުމާއި، މާލީ ބަޔާންތަކާއިއެކު، ހާމަކުރަންޖެހޭ މައުލޫމާތުތަކުގެ ގައިޑްލައިންތައް ހިމެނޭ ގޮތަށް ޕޮލިސީތައް ހެދިފައި ހުންނަން ޖެހޭނެ ކަމަށް ޕީސީބީން ބުނެފައިވެއެވެ.

މީގެ ސަބަބުން ކުންފުނިތަކުގެ މެދުގައި ފައިނޭންޝަލް މައުލޫމާތު ރިޕޯޓު ކުރުމުގައި އެއްގޮތްކަމާއި، އަޅާ ކިޔުމަށް ފަސޭހަ ވުމާއި ހާމަކަން ބޮޑުކަން ކަށަވަރުވާނެ ކަމަށް ވެސް އެ ބޯޑުން ވަނީ ފާހަގަ ކޮށްފައެވެ.

ޕީސީބީން ބުނީ ސަރުކާރު ހިއްސާ ވާ ކުންފުނިތަކުގެ ފައިނޭންޝަލް ޕޮލިސީތަކާ ގުޅޭގޮތުން ކުރިއަށް ގެންދެވުން ރިވިއުގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނި ތަކުން ފައިނޭންޝަލް ޕޮލިސީ އާއި ޕްރޮސީޖާތައް ރަނގަޅަށް ހެދިފައި ނުވާކަންް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މި ޕޮލިސީއާއި ޕްރޮސީޖާގައި ހުންނަން ޖެހޭ މުހިންމު ކަންކަން ކުންފުނިތަކުގެ ފައިނޭންޝަލް ޕޮލިސީ އަދި ޕްރޮސީޖާ ތަކުގައި ނެތްކަންވެސް ޕީސީބީން ފާހަގަ ކޮށްފައިވެއެވެ.

އެހެން ކަމުން މި ކުންފުނިތަކުގެ ފައިނޭންޝަލް ޕޮލިސީ އަދި ޕްރޮސީޖާތައް ހާމަނައިޒް ކުރުމުގެ ގޮތުން ސްޓޭންޑަޑައިޒްޑް ޕޮލިސީއާއި ޕްރޮސީޖާ ހަދަން ނިންމައިފައިވާ ކަން އެ ބޯޑުން ވަނީ ފާހަގަ ކޮށްފައެވެ.

އަދި ޕޮލިސީތަކާއި ޕްރޮސީޖާތައް ސްޓޭޑަޑައިޒް ކުރުމަށްޓަކައި، ކުންފުނި ތަކުގެ ފައިސާ އާ ގުޅޭ ޑިޕާޓުމެންޓު ތަކުގެ އިސްވެރިންނާ ގުޅިގެން އެ ބޯޑުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ޕީސީބީން ވަނީ ދީފައެވެ.

comment ކޮމެންޓް