ހަނގުރާމަ ހުއްޓައިލަން ގޮވާލި ގަރާރު އެމެރިކާއިން އަނެއްކާ ވެސް ވީޓޯކޮށްފި

ޣައްޒާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވައިލައި ހުށަހެޅި ގަރާރަށް އދގެ ސަލާމަތީ މަޖިލީހުން ބަހުސްކުރަނީ -- ފޮޓޯ/އަލްޖަޒީރާ

އިސްރާއީލުގެ ފައުޖުތަކާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާއި ދެމެދު މިދިޔަ ހަތްވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވައިލައި އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން އަނެއްކާ ވެސް ވީޓޯކޮށްފިއެވެ.

ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި ސަލާމަތީ މަޖިލީހަށް މީގެ ކުރިން ހުށަހެޅި ދެ ގަރާރު ވެސް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ.

އަލްޖީރިޔާ އިސްވެ އޮވެ އަރަބި ގައުމުތަކުން ހުށަހެޅި އެ ގަރާރަށް ވޯޓަށް އެހީ އަންގާރަ ދުވަހުއެވެ. އެ ގަރާރު ވީޓޯ ކުރާނެ ކަމުގެ އިޝާރާތެއް އެމެރިކާއިން ވަނީ ކުރިން ވެސް ދީފައެވެ.

ގަރާރާއި ދެކޮޅަށް ވޯޓުދިން ހަމައެކަނި ގައުމަކީ އެމެރިކާއެވެ. އިނގިރޭސިވިލާތުން ވަކި ކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ. ސަލާމަތީ މަޖިލީހުގެ އަނެއް 13 މެންބަރުން ގައުމުން ވަނީ ގަރާރާ އެއްކޮޅަށް ވޯޓުދީފައެވެ.

ސަލާމަތީ މަޖިލީހުގެ ގަރާރެއް ތަސްދީގު ކުރުމަށް، އެކަމަށް ތާއީދުކުރާ މަދުވެގެން ނުވަ ވޯޓާއި ދާއިމީ ފަސް މެންބަރުން ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިލާތް، ރަޝިޔާ ނުވަތަ ޗައިނާގެ ތެރެއިން އެއްވެސް މެންބަރު ގައުމަކުން ގަރާރު ވީޓޯކޮށްގެން ނުވާނެއެވެ. ދާއިމީ ފަސް މެންބަރު ގައުމަކީ ވީޓޯކުރުމުގެ ބާރުލިބިފައިވާ ފަސް ގައުމެވެ.

ވޯޓު ވީޓޯކުރުމާ ގުޅިގެން އދ.ގައި ހުންނަވާ އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑް ވިދާޅުވީ އެމެރިކާއިން ގަރާރު ވީޓޯކުރީ ހަނގުރާމަ މެދުކަނޑައިލައި ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމާ ގުޅޭގޮތުން އެމެރިކާ، މިސްރު އަދި ގަތަރުގެ މެދުގައި ކުރާ މަޝްވަރާތަކަށް ހުރަސްއެޅިދާނެތީއެވެ.

ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި ޣައްޒާގެ ރަފަހް ސިޓީއަށް އިސްރާއީލުން އަރަގައިތުމާ ދެކޮޅަށް ސަލާމަތީ މަޖީލީހަށް ގަރާރެއް ހުށަހަޅައިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް