ކޮލަމް: ވަޢުދުފުއްދުން ތުރާލަކަށް، ދެކުދިން ފިހިއްޖެ!

ރެހެންދީ ސްކޫލުގައި ދަރިވަރުންގެ ޙަރަކާތެއް ކުރިއަށްދަނީ -- ފޮޓޯ / ރައީސް އޮފީސް

ޤަވާޢިދާ ޚިލާފަށް ޕާކުކުރިޔަސް، ޕާކުކުރާނެ ޖާގަނުދައްކައި ފިޔަވަޅެއްނޭޅުމަކީ ރިޔާސީ ވަޢުދެއް ފުއްދުމޭ ބުނާ އަޑު އިވެއެވެ. ސަރުކާރުން އެކަން އިޢުލާނުކުރުމާއެކު މާލޭ ސަރަޙައްދުގެ ޕާކިންގެ މައްސަލަ މިއިން ޒަމާނަކު ގޯސްނުވާ މިންވަރަށް މިހާރު ވަނީ ގޯސްވެފައެވެ. އެކި ނޫސްތަކުގައި ތަފާތު ގޮތްގޮތަށް މިވާހަކަ ލިޔަމުން އެބަގެންދެއެވެ. ފޮޓޯއާއި ވީޑިއޯއާއި މީހުންގެ ތަޖުރިބާތައް ހިމަނައިގެން އެތައް ރިޕޯޓެއް ލިޔެފިއެވެ. އެންމެ ބޭނުމެއްގައެވެ. އެކަން އިޞްލާޙުކޮށް އެންމެންނަށް ފަސޭހަ މާޙައުލެއް ޤާއިމުކޮށްދޭތޯއެވެ. ނަމަވެސް ސަރުކާރުން ކަހާތަން ހިރުވައިވެސްނުލައެވެ. ޕާކުކުރުމުގައި ހަމައެއްލަމައެއްނެތި ޖެހުނު ކޮންމެ ތަނެއްގައި ބޭނުންގޮތަކަށް ޕާކުކުރަމުންދާއިރު، އޭގެ ސަބަބުން ޢާއްމުންނަށް ލިބެމުންދާ ތުރާލާއި ތަޙަންމަލުކުރަންޖެހިފައިވާ ހިތްދަތިކަން ދެކޭނެ މަސްއޫލުވެރިޔަކުނެތެވެ.

މިދިޔަ ހަފުތާގައި ހިނގައިދިޔަ ވަރަށް ހިތާމަވެރި ހާދިސާއެކެވެ. ހުޅުމާލޭގައި ތުއްތުކުދީންގެ ސްކޫލަކުން ގެއަށްދާން ކުދިން ނިކުތްއިރު، އެތަނުން ފަސޭހައިން މަގަށް ނިކުމެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެއްޗަކާޖެހި އެއްޗެއް ޕާކުކޮށް މުޅި ތަން އޮތީ ފުރައިލާފައެވެ. ކުދީން ބަލައި ދިޔަ ގިނަ ބެލެނިވެރީންގެ ސައިލާއި ކާރުތަކުންނެވެ. މިހެން އޮއްވައި ދޭތެރެތަކުން ލޫދެމުން ނިކުންނަން މަސައްކަތްކުރި ތުއްތު ދެކުއްޖަކު ސައިކަލުގެ ސައިލަންސަރުގައި ޖެހި ފިހުނީއެވެ. އޭގެ ދުވަސްކޮޅެއް ކުރިންވެސް އެފަދަ ހާދިސާއެއް ހަމަ އެ ސްކޫލު ކައިރީގައި ހިނގިއެވެ. އެދުވަހު ތުއްތުކުއްޖާ ބެލެނިވެރިޔާއާއެކު ކަފިހި ހުރަހުން ނިކުންނަނިކޮށް އެތަނުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ސައިލަންސަރުގައި ޖެހުމުން ހޫނުވެގެން އެކުއްޖާ ރޯން ފެށިއެވެ. ދެ ދަރިވަރުން ފިހުނު ހާދިސާއާ ގުޅިގެން، އެކަން ހިނގި ސްކޫލަށް އެޅޭނެކަމަށް ޤަބޫލުކުރެވޭ ފިޔަވަޅު އެޅިކަން ފާހަގަކުރަމެވެ. އެގޮތުން ބެލެނިވެރިންނާ ބައްދަލުކޮށް، ސްކޫލަށް ވަދެނިކުމެވާން ދަތިވާގޮތަށް ޕާކުނުކުރުމަށް އެފަރާތުން ބެލެނިވެރީންނަށް ނަޞޭޙަތްތެރިވިއެވެ.

ޕާކުކުރާނެ ޖާގަ ހުއްޓަސް ޤަވާޢިދާ ޚިލާފަށް ޕާކުކުރުމަކީ ދިވެހީންގެ ކަށީގައި ހިފާފައިވާ ނުބައި އާދައެކެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހަކު ވަންނަން ބޭނުންވާ ތަނެއްގެ ދޮރުމަތީގައި ޕާކުކުރާށެވެ. ދާދި މަދު މީހަކު ފިޔަވައި، ޒުވާނުންނާއި ހަރުމީހުންނާއި ދުވަސްވީމީހުން ހިމެނޭހެން، ދެޖިންސުގެ މީހުންވެސް ކަންކުރަނީ އެހެންނެވެ. ފެންނަ ފެނުމުގައި ވަރަށް ޒިންމާދާރުވާނެކަމަށް ބެލެވޭ މީހުންގެ ޢަމަލުތައްވެސް ހުންނަނީ ހަމަ އެގޮތަށެވެ. މިނުބައި އާދަ އެންމެ ބޮޑަށް ފެންނަ އެއްތަނަކީ ސްކޫލުތައް ކައިރިއެވެ. ސްކޫލުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ޕާކުކުރާނެ ތަން ހުންނަ ސްކޫލުތައް އެބަހުއްޓެވެ. ޚާއްޞަކޮށް ހުޅުމާލޭގެ ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގައި އެކަން ފުރިހަމަކަމަށް ބުނެވިދާނެއެވެ. އެހެން ހުންނައިރުވެސް، ކުރިން ބުނިހެން ގިނައީ ސީދާ ސްކޫލު ދޮރުމަތިން ޖާގަ ބޭނުންވާ މީހުންނެވެ. އެހެންވީމައި ހުރިހާ ފަހަރަކު އެއީ ޖާގަނެތިގެން ކުރާ ކަމެކޭ ނުބުނެވޭނެއެވެ.

މައްސަލައަކީ ކޮބާ؟

މައްސަލައަކީ މީހުންގެ އުޅުން ގޯސްވުމާއި އިރުއިރުކޮޅާ ބަދަލުކުރާ ސަރުކާރުގެ ސިޔާސަތެވެ. ކިޔަވައި ފާސްނަގައިގެން ތިއްބަސް މީހުންގެ އަދަބެއް އަޚުލާޤެއްނެތީއެވެ. މުސްތަޤުބަލުގައި އެމީހުންފަދައިން ސްކޫލުދޮށަށް ދުއްވާން ތިބި ދަރީންނަށް ދައްކާނެ ރީތި ނަމޫނާއެއް އެމީހުންގެ ކިބައިގައި ނެތީއެވެ. ކެތްތެރިކަމެއް، އަނެކާއާމެދު ވިސްނައިލުމެއް އެހެންމީހަކަށް އިސްކަން ދިނުމެއް ނެތީއެވެ. ތިމާގެ ސަބަބުން އެހެންމީހުންނަށްވާ އުނދަގުލާއި ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ ތިމާކަން ނޭނގެނީއެވެ.

އިސްވެ ބުނިފަދަ ޙާލަތެއްގައި ތިބި ބައެއްގެ މައްސަލައެއް ޙައްލުކުރަން ސަރުކާރުން އެޅި ފިޔަވަޅު މުޅީން ގޯހެވެ. މީހުން ޚިދުމަތް ހޯދާ ތަންތަނާ ކައިރިން އެތަންތަނަށް ވަންނަ އެންމެންނަށްވާވަރަށް ޕާކިން ނުހެދޭނެކަން މަސްއޫލުވެރިންނަށް އެނގެންވާނެއެވެ. ދެން އިޢުލާނުކޮށްފައިވާފަދައިން ޕާކިން ފެސިލިޓީތަކެއް ހެދިޔަސް، ކެތްތެރިކަމުގެ ކަންފުޅެއްވެސްނެތް ދިވެހީން، ވަންނަން ބޭނުންވާ ތަނާ ދުރުގައި ހުންނަ އެ ފެސިލިޓީގައި ޕާކުކޮށްފައި ހިނގައިދާނެތޯ ސުވާލުކޮށްލާށެވެ. ނުދާނެއެވެ. ޔަޤީނުންވެސް އެކަން އެގޮތަކަށްނުކުރާނެއެވެ. އެހެންވީމައި ޕާކިން ފެސިލިޓީ ހެދިޔަސް ނުހެދިޔަސް، ޤަވާޢިދާ ޚިލާފުވާމީހުން އެކަންކުރަން ދޫކޮށްލައިގެންނުވާނެއެވެ. އެމީހުންނާމެދު ފިޔަވަޅު އަޅަންޖެހޭނެއެވެ. ޙައްޤު އޮންނަނީ ދުއްވާމީހުންނާއި ޕާކުކުރާމީހުންގެ އެކަނިކަމަށް ދެކޭ ވެރިންނަކީ ބުއްދި ފުރިހަމަވެފައިވާ ބައެއްނޫނެވެ.

ސްކޫލުކުދިން ފިހި ތަންތަން މަށައިލައިގެން ގެއަށްދާއިރު، ކޯނެއް ބަހައްޓައިލުމުން ޒިންމާ އަދާކުރެވުނީކަމަށް ޤަބޫލުކޮށްގެން ތިބެވުނު ޒަމާން ފަސްދީ ހިނގައްޖެއެވެ. ރޮނގަކުން ކޯނަކުން ނުވަތަ ވަނުން މަނާ ޓޭޕު ފަށަކުން މައިތިރިކުރެވޭވަރަށްވުރެ މީހުން ނުބައިވެއްޖެއެވެ. ޖާގަވެސް ހެދުމާއެކު، މީހުންގެ އުޅުމާއި އަޚުލާޤު ހުންނަގޮތް ނޭނގި ނުބަލައި، އެކަންކަމަށް ސީދާކޮށް ރިޢާޔަތްކޮށްގެން ކުރާ ޝާމިލު މަސައްކަތްތަކުންމެނުވީ ޕާކިންގެ މައްސަލަ ޙައްލެއްނުކުރެވޭނެއެވެ. ޕާކިން ފެސިލިޓީތައް ހެދުމާއެކު މީހުންގެ ސިކުނޑިތަކަށް ފަރުވާކުރަންޖެހެއެވެ. ހިނދުކޮޅަކަށްވިޔަސް ޤަވާޢިދާ ޚިލާފުވާ މީހުންނަށް އަދަބުދޭންޖެހޭނެއެވެ. ރައްޔިތުންނަށް ހެޔޮ އެދުމަކީ އެންމެންނަށް ހަމަހަމަކަން ލިބިގެންވާ އިންޞާފުވެރި މުޖުތަމަޢެއް ޤާއިމުކޮށްދިނުމެވެ. އެންމެންނަށް ޢާއްމުވެގެންވާ ދަތިއުނދަގޫތަކުން މީހުން ސަލާމަތްކޮށްދީ އުފާވެރި އަމާން މާޙައުލެއް ހޯދައިދިނުމެވެ. ހަމަ ހިތަށް އަރާއިރަށް ޤަވާޢިދުތަކެއް ސަސްޕެންޑުކޮށް ވަކި ބަޔަކަށް ޙިމާޔަތްދީ ދެންތިބި ގިނަ ބަޔަކު ހަލާކުގެތެރެއަށް ވައްޓައިލުމަކީ ހެޔޮ ވެރިކަމެއްނޫނެވެ.

ސިޔާސީ މަންފާއަށްޓަކައި ޕާކިންގެ މައްސަލަ ވާނެ ގޮތެއްވާން ދޫކޮށްލުމުގެ ގެއްލުމާއި ދުއްތުރާ ރައްޔިތުން މިދަނީ ތަޙަންމަލުކުރަމުންނެވެ. އަދި ސަރުކާރުގެ އެ ނިންމުމަކީ ދެމިގެންވާ ގެއްލުމެއްކަން ޔަޤީނެވެ. ވަޢުދެއް ފުއްދުމުގެގޮތުން އެޅި ކަތި ފިޔަވަޅުގެ ނަތީޖާ ހިތިވާނެއެވެ. މާދަމާ ޒިންމާތަކާ ޙަވާލުވާން ތިބީ މިއަދުގެ ކިޔަވާ ކުދީންނެވެ. އެކުދީން އަޚްލާޤީ ރީތި ސިފަތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާބެހޭ ފިލާވަޅު ކިޔަވައިގެން ނިކުންނައިރު ލޮލަށް ފެންނަނީ އެހެން މަންޒަރެކެވެ. އެދަރިވަރުން ތަޖުރިބާކުރަންޖެހެނީ ކިޔަވާ އެއްޗެއްގެ ދިމާ އިދިކޮޅެވެ. ހިނގާށާއި ވަދެނިކުމެވާން ޚާއްޞަކޮށްފައިވާ ތަންތަން ބެދޭނެހެން ޕާކުކުރުން މަނާކަމަށް ދަސްކޮށްގެން ނިކުންނަ ދަރިވަރުން ގެއަށް ދާންޖެހެނީ ނުގަވައިދުން ޕާކުކޮށްފައި ހުންނަ ސައިކަލުގެ ސައިސަލަންސަރުން ފައި ފިއްސައިލައިގެންނެވެ. ކުރިން ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއްގައި އޮތް ޕާކިން ވަޔަލޭޝަންގެ މައްސަލަ، އިމެއްނެތި ދޫކޮށްލުމުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި އަނިޔާތަކާއި ހިތްދަތިކަމުގެ ޒިންމާ އުފުލާނީ ކޮންފަރާތަކުންހެއްޔެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު