ޣައްޒާގެ ހަތަރު އަހަރުން މަތީގެ ކޮންމެ ކުއްޖަކަށް ބަނޑުހައިހޫނުކަން ހައްގު: މޮސާޑްގެ ކުރީގެ ވެރިޔާ

ވަގުތީ ހިޔަލެއްގައި ދިރިއުޅޭ ފަލަސްތީނުގެ ކުޑަކުދިންތަކެއް ކާއެއްޗެއް ކާން މަސައްކަތްކުރަނީ. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތަށް ތާއީދުކުރާ ހަތަރު އަހަރުން މަތީގެ ކޮންމެ ކުއްޖަކީ ބަނޑުހައިހޫނުކަން މަތީ ތިބެން ހައްގު ކުދިން ކަމަށް އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުގެ ކެޕްޓިވް އެންޑް މިސިން ޑިވިޝަންގެ ކުރީގެ ވެރިޔާ، ރާމީ އިގްރާ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މޮސާޑުގެ މަގްސަދަކީ ހަމާސްއަށް ޣައްޒާގެ އާންމުންކުރާ ތާއީދު އަނބުރާ ގެނައުން ކަމަށެވެ.

އިގްރާ އެގޮތަށް ވިދާޅުވީ އިސްރާއީލުގެ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޣައްޒާގެ ހުރިހާ އާންމުންނަކީ ކުށްވެރިވާ ބައެއް ކަމަށާއި ކާނާއާއި ބޭހާއި އިންސާނީ އެހީތެރިކަން ހުއްޓުވައި އަދަބު ދިނުމަކީ އެ މީހުންނަށް ހައްގު ކަމެއް ކަމަށްވެސް އިގްރާ ވަނީ ވިދާޅުވެފައެވެ.

ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން އެގޮތަށް ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އިސްރާއީލުގެ ހެރިޓޭޖް މިނިސްޓަރު އަމިހައި އެލިޔާހް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ޣައްޒާ ނައްތާލަން އޮތް ހައްލަކީ ބޮމެއް ވައްޓާލުމެވެ.

އޮކްޓޯބަރު މަހުގެ މެދުތެރޭގައި އިސްރާއީލުގެ ރައީސް އައިސާކް ހަރްޒޮގްވެސް ވަނީ ޣައްޒާގައި އާންމުން މަރާލުމަށް ބާރުއަޅައި، ޣައްޒާގެ އެންމެން ހަނގުރާމައިގައި ބައިވެރިވާ ކަމަށް ވިދާޅުވެފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 28،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ކާނާއާއި ސާފު ބޯފެނުގެ އިތުރުން ބޭސްފަރުވާއިންވެސް ޣައްޒާގެ އާންމުން ވަނީ މަހުރޫމުވެފައެވެ.

comment ކޮމެންޓް