ރަޝިޔާ މީހުން ގިނަ ކުދިން ހޯދަން ޕުޓިން އެދިވަޑައިގެންފި

ރަޝިޔާގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފައި --- ފޮޓޯ/އަލްޖަޒީރާ

ގައުމުގެ ނަސްލު ދެމެހެއްޓުމަށްޓަކައި ރަޝިޔާގެ އާއިލާތަކުން މަދުވެގެން ދެ ކުދިން ހޯދަންޖެހޭ ކަމަށާއި އަދި ގައުމު އިތުރަށް ތަރައްގީ ކުރުމަށް ބޭނުންނަމަ،ތިން ކުދިން ނުވަތަ އެއަށްވުރެ ގިނަ ކުދިން ހޯދުމަށް އެ ގައުމުގެ ރައީސް ވުމަލީޑިއާ ޕުޓިން އެދިވަޑައިގެންފިއެވެ.

ޕުޓިން އެގޮތަށް ވިދާޅުވީ ޔޫރަލްގައި ހުންނަ ކާރުހާނާއެއްގެ މުވައްޒަފުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ފެށި ރަޝިޔާ ޔުކްރޭން ހަނގުރާމަ ފެށިފަހުން އެ ހަނގުރާގައިމައި ރަޝިޔާގެ ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އަދި، ގިނަ އަދަދެއްގެ މީހުން ވަނީ ހަނގުރާމައަށް ފިލަން ރަޝިޔާއިން ބޭރުވެފައެވެ.

ސޯވިއެޓް ޔޫނިއަން ނެތިދިއުމާ ގުޅިގެން ރަޝިޔާގެ އާބާދީ ވަނީ މަޑުމަޑުން ދަށަށް ގޮސްފައެވެ.

ރަޝިޔާގެ ސްޓޭޓް ސްޓެޓިސްޓިކްސް ބިއުރޯގެ ރެކޯޑުދައްކާ ގޮތުގައި 2023 ވަނަ އަހަރު ފެށުނުއިރު އާބާދީގެ އަދަދު 146.4 މިލިއަނަށް އަރާފައިވާއިރު، މިއީ މީގެ 20 އަހަރު ކުރިން އޮތް ރަޝިޔާގެ އާބާދީގެ ގާތްގަނޑަކަށް 149 މިލިއަން ދަށް އަދަދެކެވެ.

ކުރިން 1992 އާއި 2012 އާ ދެމެދު އަދި 2016 ގެ ފަހުން ރަޝިޔާއަށް އުފަންވާ މީހުންގެ ނިސްބަތް ވަނީ މަރުވާ މީހުންގެ ނިސްބަތަށްވުރެ ދަށްވެފައެވެ. އެއާ އެކު ދުވަސް މީހުންގެ އާބާދީ ވަނީ އިތުރުވެފައެވެ.

ކުރިން 2009 ވަނަ އަހަރު ރަޝިޔާގައި ފަނަރަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އަހަރީ އާބާދީ އިތުރުވެފައިވާ ކަމަށް ރިކޯޑް ކުރެވުނެވެ. އަދި، 2010 ގެ މެދުތެރޭގައި ރަޝިޔާގައި މަރުވާ މީހުންގެ އަދަދު ދަށްވުމާއި، އުފަންވާ މީހުންގެ އަދަދު އިތުރުވުމާއި، އިމިގްރޭޝަން އިތުރުވުމުގެ ސަބަބުން އާބާދީ އިތުރުވެފައިވާކަން ފާހަގަކުރެވުނެވެ.

ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ރަޝިޔާގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

comment ކޮމެންޓް