ނޫރު މިސްކިތުގައި އިމާމުވެ ތަރާވީހް ކުރަނީ 11 އަހަރުގެ އިޒްކާން

މިނިސްޓަރު، މިއަހަރު ނޫރު މިސްކިތުގައު އިމާމުވެ ތަރާވީސް ކުރައްވާ އަލް ހާފިޒް އިޒްކާންއާ ބައްދަލު ކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ނޫރު މިސްކިތުގައި މި އަހަރު އިމާމުވެ ތަރާވީހް ނަމާދުކުރާނީ 11 އަހަރުގެ އަލްހާފިޒް އިޒްކާން އަޖީބު ހުސެއިން ކަމަށް އިސްލާމީ ކަންކަމާބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ދާދި ފަހުން އިޒްކާނާ ބައްދަލުކުރައްވައިފައެވެ.

މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 11 އަހަރުގެ އިޒްކާން ޤުރުއާން ހިތުދަސްކޮޮށް، އިމްތިހާނު ހަދައި ނިމުމުން އޭނާއާއި އޭނާގެ މަންމައާއި ބައްޕައާ ބައްދަލުކޮށްލުމަކީ ލިބުނު އުފަލެއް ކަމަށެވެ.

މިނިސްޓަރު، ހާފިޒް އިޒްކާނާ ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

"އިޒްކާން އެދުނީ ރޯދަ މަހު އިމާމުވެ، ތަރާވީހް ކުރުމުގެ ފުރުސަތު ދެއްވުމަށް. އިންޝާﷲ އެ ފުރުސަތު ލިބިގެންދާނެ،" ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އެހާ ޅަ އުމުރުގައި އިޒްކާން ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ އެ ކަމަށް އިތުރަށް ހިތްވަރު ވެސް ދެއްވައިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، އިޒްކާން އިމާމުވެ ތަރާވީހް ނަމާދު ކުރާނީ ނޫރު މިސްކިތުގައި ކަމަށެވެ.

ޒުވާން ކުދިންނަށް ފުރުސަތު ދިނުމުގެ ގޮތުން މިނިސްޓްރީން ވަނީ ގުރޭޑު 10 ނިންމައި ދަރިވަރުންނަށް އިމާމުވެ، ހުކުރު ނަމާދު ކުރުމުގެ ފުރުސަތު ދޭން ވެސް ނިންމައިފައެވެ.

comment ކޮމެންޓް