"ދިރިއުޅުމުގައި ހެދޭ އެންމެ ބޮޑު ގޯހަކީ ވަގުތު އޮތްކަމަށް ހީކުރުމެވެ."

***

"ކީއްވެތަ ނާޝިދު ފޯނު ނުނަގަނީ؟...." ބޯ ހާސްވެފައި ހުރެ އަހްމަދު އަށް ބުނެވުނެވެ. އަހްމަދު އަށް ސަބީހާގެ މަރުގެ ހަބަރު ލިބުމުން އަވަހަށް ނާޝިދުއަށް ގުޅިކަމުގައިވިޔަސް ފޯނު އޮފް ކޮށްލާފައި އޮތުމުން އެ ހަބަރު ނާޝިދު އަށް ދެވޭނެ ގޮތެއް ނެތިފައި ހުރެވުނެވެ. ކެތްމަދުވެފައި ހުރުމުން އަވަހަށް ބޭނުންވީ ނާޝިދު ހުރި ގެއަށް ދިޔުމަށެވެ. ހަމަ އެވަގުތު ފޯނަށް މެހެކްގެ މެސެޖެއް އައުމުން އެ މެސެޖް ބަލައިލެވުނެވެ.

އެއާއެކު މުޅި މީހާ ގަނޑުވިފަދައެވެ. ވިސްނާލަން ހިނދުކޮޅެއްވެސް ނުނަގާ މެހެކްގެ ފޯނަށް ގުޅުނީވެސް ހައިރާންވެފައި ހުރިލެއް ބޮޑުކަމުންނެވެ. އެތައް ދުވަހެއް ވަންދެން ވާހަކަ ނުދައްކައި ގުޅުން ކަނޑާލުމަށް އަޒުމްކޮށްގެން ހުރި ދަރިފުޅަށް ފޯނު ކުރުމަށް ފަހު ފުރަތަމަވެސް ކުރެވުނީ އެންމެ ސުވާލެކެވެ.

"ކިހިނެއް ތި ހޯދީ؟" ހިތް ބާރަށް ތެޅެމުންދިޔަ އަހްމަދަށް ސޯފާގައި އިށީނދެލެވުނެވެ.

"މި ތެދެއް ތަ؟" މެހެކް އަށް ވެސް ކުރެވުނީ ސުވާލެއްގެ މައްޗައް ސުވާލެކެވެ.

"މެހެކް....ދިމާވެލައިގެން...." އަހްމަދަށް ޖުމްލަ ފުރިހަމަ ނުވިއެވެ.

"ނާވިޔާގެ ދަރިއަކީ ބައްޕަގެ ދަރިއެއްތަ؟ " އަޑު ތުރު ތުރު އަޅަމުން އެ ކޮށްލި ސުވާލުގެ ޖަވާބު އަތުތެރޭގައި ފެންނާން އޮތަސް މެހެކް އަށް އަހާލެވުނީ ލިބިފައިހުރި ހައިރާންކަމުގެ ސަބަބުންނެވެ.

" މެހެކް....ދިމާވެލައިގެން މިވާހަކަ ދައްކަން ވީނު..." ހަގީގަތާއި ކުރިމަތިލާނޭ ހިތްވަރެއް އަހްމަދުގެ ހަށިގަނޑުގައި ނެތް ފަދައެވެ. މިހާ ދުވަސް ވާންދެން ފޮރުވައިފައިވާ މި ސިއްރު ދެނެހުރި ހަމަ އެކަނި ބަޔަކީ ނާވިޔާ އާއި ސަބީހާއެވެ.

" ނޫން.... ޖާވާބު ވަރަށް ސާފުކޮށް ލިބިއްޖެ....މަންމަ އަސްލުވެސް ބުނީ ތެދެއް....ޔޫ ނެވަ ލަވްޑް ހާ...." ގިސްލެވެމުން ވާހަކަ ދެއްކުނީ އޭނާގެ މަންމަ އަށް އަހްމަދުގެ ފަރާތުން ހަގީގަތުގައިވެސް ލޯބި ނުލިބޭކަން އިހުސާސްވުމުންނެވެ. މެހެކް ގެ ހިތުގައި އަހްމަދަށް އޮތް ލޯބި ފަނޑު ކުރުވީ އަތުގައި އޮތް ޑީއެންއޭ ރިޕޯޓުންނެވެ. ނަމުގައި އޮތީ މަރިޔަމް އުރުޖުވާންއެވެ. އަހްމަދަށް އިތުރަށް އެއްޗެއް ނުބުނެވެނީސް ފޯނު ކަނޑާލީ އިތުރަށް އަޑުއަހާން ބޭނުން ނުވުމުންނެވެ.

ބޮލަށް ގުޑުން އަރާފައި ހުރި އަހްމަދަށްވެސް ހުރެވުނީ ހަދަންވީ ނަހަދަންވީ ގޮތެއް ނޭނގިފައެވެ. މިހާ ދުވަސްކޮށްފައި ހަގީގަތާއި ކުރިމަތިލާން ޖެހޭނީ މިފަދަ ގޮތަކަށް ކަމެއް އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. މީހަކަށް ނޭނގުނަސް އޭނާ އާއި ނާވިޔާ އަށް ލިބުނު ދަރިއަކީ ހަލާލު ކައިވެންޏެއްގެ މަތީން ލިބިފައިވާ ދަރިއެކެވެ.

ނާޝިދުގެ ޚިޔާލުގެ ވާފަށް އެއްލައިލެވުނީ މީގެ ވިހި އަހަރު ކުރިއަށެވެ.އާދަމް އާއި ނާވިޔާގެ ކައިވެނިން ނާވިޔާ އަށް ނުލިބޭނެ އަނިޔާއެއް ނެތް އިރު އެ ކަޅު އަނދިރިކަމުގެ ތެރެއިން ލިބުނު ކުޑަ ކުޑަ ފުރުސަތެއްގެ ތެރެއިން އޭނަ ފިލައިގެން އިންޑިއާއަށް ދާން ނިންމިއެވެ. އަތް ދަބަހުގައި ދެތިން ހެދުމާއި ޕާސްޕޯޓު ހިފައިގެން އެ ދަތުރަށް ފެށިއިރު ދިމާވެދާނެ ގޮތަކާއިމެދު ވިސްނާނުލައެވެ. ތަޤްދީރު ނިޔާ ކުރިގޮތުން އެ ފްލައިޓުން އަހްމަދާއި ނާވިޔާ ދިމާވިއެވެ. އަހްމަދުވެސް ވިޔަފާރި ދަތުރެއްގައި ފުރީ އެ ފްލައިޓުންނެވެ. ޝަމީލާ އާއި އެކު ހަޔާތެއް ފަށާފައިވީ ނަމަވެސް ނާވިޔާ އަށް ދެވިފައިވާ ލޯބީގެ ޚާއްސަކަމަށް ބަދަލެއް ނާދެއެވެ. ވެވުނު ލޯތްބަކީ އޭނާގެ ހިތުން ދުވަހަކު ފިލާފައިނުވާ ލޯތްބެއް ކަމުން ފެނުނު ފުރަތަމަ ނަޒަރުންވެސް ނާވިޔާއަށް ވެފައި ހުރި ވަރު ދެނެގަންނަން އަހްމަދަށް ހިނދުކޮޅެއްވެސް ނުނެގިއެވެ. އެ ދަތުރުގެ މަންޒިލަށް ވާސިލުވެވުނު އިރު ދެމީހުންގެ ދޭތެރޭގައި ހިއްސާކުރެވުނު ވާހަކަ ތަކުން އަހްމަދު ހުށަހެޅީ ދެއަންބަށް ކައިވެނި ކުރުމަށެވެ. ނާވިޔާ އަށް ވެސް އާ ޙަޔާތަކާއިގެން ކުރިޔަށް ދިޔުމަށް ލިބުނު މި ފުރުސަތު ދޫކޮށްނުލެވުނެވެ. އިއްދައިގެ ދުވަސްތައް ފުރިހަމަ ކުރެވިފައިވާ ކަން ނާވިޔާ ޔަގީންކޮށް ދިނުމުން އިންޑިޔާގެ ދަތުރުގައި ކައިވެނީގެ ގޮށް ޖެހެވުނެވެ.

ޝަމީލާ އޭރު މީކާއީލް އަށް ބަލިވެ އިނދެ ވިހަން ކައިރި ވެފައި ހުރުމުން ނާވިޔާ ގެ އެދުމަށް އަހްމަދު ވެސް ބޭނުންވީ އެދެމީހުންގެ ކައިވެނި ސިއްރުކުރުމަށެވެ. ނާވިޔާ އާއި އަހްމަދު ގެ ކައިވެންޏަށް އެއް މަސް ވެސް ނުވަނީސް ފުރައިގެން މާލެ ދިޔައީ ޝަމީލާ ވިހަން ކައިރިވެފައި ހުރުމުންނެވެ. ރަށު ތެރޭގައި ނާވިޔާ އާއި ބެހޭގޮތުން އަހްމަދަށް އިވުނު އަޑުތަކާއި ޚަބަރުތަކުން އޭނާގެ ހިތުގައި ނާވިޔާ އަށް އޮތް އިތުބާރު ކިލަނބުކުރުވިއެވެ. އާ ހަޔާތެއްގެ ފޮނި އުންމީދުތަކެއް ކުރަމުން އައި ނާވިޔާ ބަލިވެ އިނީ އަހަމްދުގެ ދަރިއަކަށް ނަމަވެސް އެ އުންމީދުތައް ފުނޑުފުނޑުވެގެން ދިޔައީ އަހްމަދަށް ހެދުނު ގޯހަކުންނެވެ. މީހުން ދައްކަމުން ދިޔަ ދޮގު ވާހަކަތަކަކަށް ހެއްލުނީއެވެ. އިންޑިޔާގައި އެތައް މަސްތަކެއް އެކަނި ހޭދަކޮށް އަހްމަދުގެ ޚަބަރެއްނުވެ ދުވަސްތައް ފާއިތުވަމުން ދިޔުމުން ނާވިޔާ ނިންމީ އަތުގައި ބާކީއޮތް ލާރި ކޮޅުން ޓިކެޓު ނަގައި މާލެ ދިޔުމަށެވެ. މާލެ އައުމުންވެސް އަހްމަދު އާއި ދިމާވާން ދުވަސްތަކެއް ނެގި ނަމަވެސް އެ ދިމާވި ދުވަހު އަހްމަދު ކީ އެއްޗިހިން މުޅި ހަޔާތް ބަރުބާދުވިއެވެ. ނާވިޔާއަށް އަމިއްލަ ނަފްސު ގުރުބާން ކުރާން މަޖުބޫރުވީ މަސްލަހަތު ހިފެހެއްޓުމަށެވެ. އެ މައުސޫމު އިންސާނާ މި ދުނިޔެއަށް އަލްވަދާޢު ކީ އެއީ ހަމަ ﷲ ގެ ރަޙްމަތުންނެވެ. އެ ހިތުގައި އެޅި ވޭން ދެނެވޮޑިގެންވާނީ ވެސް ހަމަ އެފަރާތެވެ. އަހްމަދަށް ވެސް ހަގީގަތް އެނގުންވީ ވަގުތު ފާއިތުވީފަހުންނެވެ.

ޚިޔާލުތަކަށް ގެނބެފައި ހުރެވުނު އިރު އެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ސިއްސުވައިލާ ކޯތާފަތަށް އެޅުނީ ފޯނު ރިންގު ވުމުންނެވެ. ނާޝިދު ގެ ފޯނެކެވެ.

***

ރޮވެމުން ދިޔަ މެހެކްގެ ބޮލުގައި ޓަކިދޭން ފެށީ ނަބީލާގެ ވާހަކަތަކެވެ. ނަބީލާގެ ހަށިގަނޑު ތެރޭގައި ހުރި ޝައިތާނާގެ ވާހަކަތަށް ކަންފަތުގައި ގުގުމާލީ ރަނގަބީލެއް ފަދައިންނެވެ ފަދައެވެ. އަވަހަށް ކަރުނަތައް ފޮހެލައި އެ ހިތާމައިން މީހާ ގެ ނަފްސު ކޮންޓްރޯލު ކުރުމަށް ވިސްނީ ޝައިތާނާ އެންމެ ބޭނުންވާނޭ ގޮތް ވިޔަނުދޭންވެގެންނެވެ. އަހްމަދުގެ ވާހަކަތައް ރަނގަޅަށް އަޑު ނާހައި މިގޮތައް އަމިއްލަ ހީތަކުގެ މައްޗަށް ބިނާކޮށް ކަންކަން ކަނޑައެޅުމަކީ ރަނގަޅު ކަމެއް ނޫން ކަން ނަފްސަށް ބުނެދެމުންދިޔައެވެ. ކޮންމެފަދަ ގޮތަކަށް ކަންތައް ވިޔަސް ނާވިޔާ އާއި ނާވިޔާގެ ދަރިވެސް މިދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ. އަދި ހަމަ އެހެންމެ އޭނާގެ މަންމަ ވެސް މެއެވެ. އެހެންކަމުން މިކަންތަކުން އިތުރު ފިތުނަތަކެއް އުފަންވިޔަ ނުދިނުމަށް މެހެކް ނިންމީ ހިތުގައި އެތައް ސުވާލުތަކަކާއި ހިތާމަތަކެއް އެއްކައިރިކުރުމަށްފަހު އެވެ.

ޚިޔާލުތަކުން މީހާ ބަރީއަ ވުމަށްޓަކައި މެހެކް އަވަހަށް ބޭނުންވީ ނަމާދު ކޮށްލުމަށެވެ. ނަމާދުން ވާގި ހޯދުމަށެވެ. މާދަމާއަކީ އޭނާ އަށް ނަބީލާ ގެ ކައިރިއަށް ދާން ހަމަޖެހިފައިވާ ދުވަހެއްކަމުން އެކަމަށް ވެސް ތައްޔާރީތަކެއް ވާންޖެހެއެވެ. އަދި ލަންޑަން ގައި ހުރި ރާޤީ އެއްގެ ފަރާތުންވެސް ބައެއް ކަންކަން އޮޅުންފިލުވައިލުމަށްޓަކައި އެ މީހާ އާއި ބައްދަލުކޮށްލުމަށްޓަކައި ވެސް ދާން ހަމަޖެހިފައި އޮތެވެ. މީކާއީލް އާއި ހުޝަލްވެސް ބައިވެރިވާނޭހެންނެވެ.

***

ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު މުޅި ތަން އެއްވަސް ކޮށްފައިވާ މީރު ލުއި ލެވެންޑަރ ވަސް ނޭފަތުގައި ޖެހުނެވެ. ސަބީހާ އާއި އެކު ހޭދަވީ މާޒީގެ ހަނދާންތައް އާ ކޮށްލަދިނެވެ. ކުޑަ އިރު މާޒިމް އަށް އެހާ ރަނގަޅަށް ކަންތައްތައް ކޮށްދީ ގެންގުޅުނު ހަނދާންތަކެވެ. އޭނަ ކުޑައިރު ނިދާން އުނދަގޫ ވާ ރޭތަކުގައި އަބަދުވެސް ލެވެންޑަރ ބާމު ހާކައިދީ ކިޔައިދޭ ނާނާތަކެވެ. ކުޑައިރުގެ ފޮނި ހަނދާންތަކުން ހަނދާނެކެވެ.

ނަމާދު ދޮޅީގައި މުސައްލަ މަތީ ނިދިފައި އޮތް އުރުޖުވާން ފެނުމުން މާޒިމް ގެ ހިތަށް ފިނިކަމެއް ލިބުނެވެ. ނަމަވެސް ނުކައި މާ ގިނަ އިރު ވާންދެން ހުރުމުން އަނެއްކާ ޚަބަރުހުސްވެފައި އޮތީ ބާއޭވެސް ހިތް ބުނަމުން ދިޔައެވެ. ބިންމަތީ އިށީނދެލަމުން އުރުޖުވާން އަށް ގޮވަން ދެތިން ފަހަރު އަތް ނަގައިފައިވެސް ފަސް ޖެހެވެނީ އަރާމު ނިންޖެއްގައި އޮތްވާ ހޭލައްވާލަން ޖެހިދާނެތީއެވެ. އުރުޖުވާންގެ މެރިފައިވާ ދިގު އެސްފިޔަތަކަށް ގެއްލިފައި ހުރި މާޒިމް ތެދުވަމުން ދިޔަ އިރު ކަކުލު ހުޅުން ކީ އަޑުން އުރުޖުވާން އަށް ހޭލެވުނެވެ. އަދި ކުޑަކޮށް ސިހިފައި ބެލުނީ މާޒިމް އަށެވެ. ރަކި ވެފައި މާޒިމް އަށް ހުރެވުނީ އެ އަޑު ތަންކޮޅެއް ބާރަށް ކިޔުމުން އުރުޖުވާންވެސް ހޭލައްވާލީމައެވެ. ހިތުން ދުޢާ ކުރަމުން ދިޔައީ އުރުޖުވާން އަށް ވީ ކިހިނެއްކަމެއް ނޭނގުމަށެވެ.

" އެއީ....އެއްޗެއް ނުކައި ހުރުމުން ގޮވާލަން އައީ..." މާޒިމް އަވަހަށް އައި މަގްސަދު ހާމަ ކުރިއެވެ.

" އާނ...މިއަދު އެއވެސް އެއްޗެއް ނުކައި މިހުރެވުނީ....އައި ވިލް ކުކް ސަމްތިން....މާޒިމް ވެސް އަދި ނުކަން ދޯ...." އެ އަޑުގައިވީ ވަރުބަލިކަމެވެ. މާޒިމް ކާއެއްޗެހި އޯޑަރުކޮށްފައި ހުރިކަމެއް އުރުޖުވާންއަކަށް ނޭނގެއެވެ.

" ނޫނޭ....ސިމްފަނީ އިން ލެބަނީޒް ޗިކެން ގެނެއްސަ ހުރީ.....ވީ ކޭން އީޓް ޓުގެދަރ..." މާޒިމް ވެސް ނުކައި ހުރީ އުރުޖުވާން ނުކައި ހުރީތީއެވެ.

" ވާރޭ ވެހެނީތަ؟ދެންމެ ހޭލެވުނި އިރު ހީވި ގުގުރާލީހެން..." މުސައްލަ ފަތްޖަހަލަމުން އުރުޖުވާން ބުނެލިއެވެ.

"އެހާ ބާރަށްތަަ؟" ލަދުން މަރުވެފައި ހުރި މާޒިމް އަށް އަހާލެވުނީ ވަރަށް ހައިރާންކަމާއެކު އަމިއްލަ ނަފްސާ ނަމަވެސް ދުލުން އެ ބަސް ބޭރުވީ ބާރަށެވެ.

"ކައިރިން ގުގުރާލީހެން ހީވި...އެކަމަކު ވާރޭ ނުވެހޭ...." ކުޑަ ދޮރުން ބޭރު ބަލައިލުމަށްފަހު އުރުޖުވާން ގެ ނަޒަރު މާޒިމްގެ މޫނަށް ހުއްޓުނެވެ. އެމޫނު ފެނުމާއެކު އެއީ އަސްލު ގުގުރީގެ އަޑު ނޫންކަން އުރުޖުވާން ދެނެގަތެވެ. ލަދުވެތި ހިނިތުންވުމަކާއި އެކީ އަވަހަށް ފާހާނާ އަށް ވަދެލީ މާޒިމް އިތުރަށް ރަކި ނުކުރުމަށެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު