އިންޓާ މިލާނުން ރޯމާ ބަލިކޮށްފި

ރޯމާ އާއި ދެކޮޅަށް ލަނޑު ޖެހުމަށްފަހު އިންޓާގެ ކުޅުންތެރިން އުފާފާޅު ކުރަނީ / ފޮޓޯ: މާސާ ޑޮޓް ކޮމް

އިޓާލިއަން ސެރީއާގައި ތާވަލްގެ އެއް ވަނައިގައި އުޅޭ އިންޓާ މިލާން އާއި އޭއެސް ރޯމާ ބައްދަލުކުރި މެޗު އިންޓާއިން ކާމިޔާބު ކޮށްފިއެވެ.

ރޯމާގެ ދަނޑުގައި ކުޅުނު މި މެޗު އިންޓާއިން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓާއިންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓްގައި ޖަހައި ލީޑު ނަގާފައިވަނީ އިންޓާއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފްރެންސެސްކޯ އަސާބީއެވެ. ނަމަވެސް މި ލަނޑު ޖެހިތާ 11 މިނެޓް ފަހުން ރޯމާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ރޯމާއަށް ކާމިޔާބު ކޮށްދިނީ ޖިއާންލޫކާ މަންޗީނީއެވެ. އަދި ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ސްޓެފެން އެލް ޝާރަވީ ޖަހާދިން ލަނޑާއެކު ރޯމާއިން މި މެޗުގައި ފުރަަތަމަ ފަހަރަށް ލީޑު ނެގިއެވެ. މިއާއެކު މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ރޯމާ ކުރީގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފަށް އިންޓާއިން ނުކުތީ އެ ޓީމުގެ ކުޅުން ރަނގަޅު ކޮށްގެންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު ވަނަ މިނެޓްގައި މާކަސް ތުރާމް ޖަހާދިން ލަނޑާއެކު އިންޓާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.

މި މެޗުގައި އިންޓާއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑަކުންނެވެ. ނަމަވެސް މި ލަނޑަކީ ރޯމާގެ އެންޖެލިނިއޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި އިންޓާގެ ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އެލެސަންޑްރޯ ބަސްޓޯނީއެވެ.

މި ކާމިޔާބީއާއެކު އިންޓާއިން މިހާރު ވަނީ ކުޅުނު 23 މެޗުން ލިބިފައިވާ 60 ޕޮއިންޓާއެކު ތާވަލްގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ދެވަނައިގައި އުޅޭ ޔުވެންޓަސްއަށް ލިބިފައިވަނީ 53 ޕޮއިންޓެވެ. މި މެޗުން ބަލިވުމުން ރޯމާ އުޅެނީ 38 ޕޮއިންޓާއެކު ތަވަލްގެ ފަސް ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު