ލެވަކޫސެންއިން ބަޔާން ބަލިކޮށް އެއްވަނައިގައި ހަމަޖެހިލައިފި

ލެވަކޫސެންގެ ތިންވަނަ ލަނޑު ޖަހާދިން ފްރިމްޕޮންގް ބަޔޭންގެ ގުއެރޭރޯ ކައިރިން ދިއުމަށް މަސައްކަތް ކުރަނީ / ފޮޓޯ: ދި ސްޓާ

ޖަރުމަނު ބުންޑަސްލީގާގައި ބަޔާން ލެވަކޫސެން އިން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ބަލިކޮށް ތާވަލްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ލެވަކޫސެންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ތިން ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބަޔާންއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ލެވަކޫސެން އިންނެވެ.

ދެ ޓީމުން ވެސް ވަރަށް ފޯރީގައި ފެށި މި މެޗުގައި ކުރި ލިބިގެންދިޔައީ ލެވަކޫސެންއަށެވެ. އެ ގޮތުން ލެވަކޫސެންއިން ވަނީ މެޗުގެ 18 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޔޮސިޕް ސްޓަނިސިޗްއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބަޔާންގެ ކުޅުން ރަނގަޅު ވާނެކަމަށް ބެލެވިގެން ދިޔަ ނަމަވެސް ކުޅުން ފެށިތާ ފަސް ވަނަ މިނެޓުގައި ފެނިގެންދިޔައީ ލެވަކޫސެންއިން އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރި ތަނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެލެކްސް ގްރިމާލްޑޯއެވެ.

ކީޕަރުގެ ހަނި އެންގަލުން ޖަހާ ގްރިމާލްޑޯ ބޯޅަ ގޯލް ތެރެއަށް ވައްދާލިއިރު ބަޔާންގެ ތަޖުރިބާކާރު ކީޕާ މެނުއަލް ނޯޔާއަށް ރަނގަޅަށް އެންގަލް ނުނެގި ހުރިކަން ފާހަގަ ވެގެންދިޔައެވެ.

މި ލަނޑާއެކު ބަޔާންއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ލެވަކޫސެންގެ ތިން ވަނަ ލަނޑު އުފެއްދި ކައުންޓާ އެޓޭކެއްގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޖެރެމީ ފްރިމްޕޮންގްއެވެ. މި ލަނޑު ޖަހާފައިވަނީ ބަޔާންއަށް ލިބުނު ކޯނަރަކަށް އެ ޓީމުގެ ކީޕާ ނޯޔާ ކުރިއަށް އަރާފައިވަނިކޮށް އުފެއްދި ކައުންޓާ އެޓޭކެއްގައެވެ.

މި ކާމިޔާބީއާއެކު ލެވަކޫސެންއަށް މިހާރު ވަނީ ކުޅުނު 21 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އަދި ބަޔާން އުޅެނީ 50 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު