"ޒުހުރީ ހަމަޖެހިބަލަ." ޝާކިރު ޒުހުރީގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ފަހުމާވެސް އެތަނާ ކައިރިވެލާފައި ސުވާލުކޮށްލިއެެވެ.

"މަޝާރާގެ ޙާލަތު ކިހިނެއް؟" ފަހުމާ ސުވާލުކޮށްލިއެވެ.

"ބޭބީގެ މަންމަގެ ޙާލަތު އެހާ ރަނގަޅެއް ނޫން. އަޅުގަނޑުމެން މަަސައްކަތް ކުރަމުން މިދަނީ މަންމަގެ ފުރާނަ ސަލާމަތްކުރެވޭތޯ..." އެހެން ބުނެލާފައި ޑޮކްޓަރު މަޝާރާގެ ޙާލަތު ތަފްސީލްކޮށްލަދިނެވެ، ވިހެއުމަށްފަހު ލޭ މަނާ ނުވާ ކަމަށާއި، މަޝާރާގެ ބީޕީދަށްވާކަމުގައި ކިޔައިދިނެވެ. އަދި އެވަގުތަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަމުން ގެންދާކަމުގައި ވެސް ޑޮކްޓަރު ބުނެލިއެވެ. ޑޮކްޓަރުގެ އެ ވާހަކައާއެކު ޒުހުރީއަށް ފާރުގައި ލެނގިލެވުނެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައިރު އެ ހިތަށް ބިރުވެރިކަން ވެރިވެފައިވެއެވެ. މަޝާރާއަށް ކަމެއް ވެދާނެތީ އޭނާގެ ހާސްކަން އިންތިހާއަށް ވަނީ ގޮސްފައެވެ.

"އިރުކޮޅަކުން ބޭބީ ދައްކާލާނެ. އެކްސްކިއުޒް މީ…" އެހެން ބުނެލާފައި ޑޮކްޓަރު އެތެރެއަށް ވަނެވެ.

"ޒުހުރީ. އިރާދުކުރެއްވިއްޔާ މަޝާރާއަށް އެއްވެސް ކަމެއް ނުވާނެ، ހިތްވަރުކުރޭ." ޝާކިރު ޒުހުރީގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އެއަށްފަހު، ގޮނޑީގައި އިށީނދެ ހަމަޖެހިލުމަށް ބުނެލިއެވެ.

ގައިގަނޑަކަށް ފަނަރަ މިނެޓް ފަހުން ނަރުސްކުއްޖާ ނުކުމެ ދަރިފުޅު ޒުހުރީއަށް ދައްކާލުމަށްފަހު، ޒުހުރީ އަތަށް ދަރިފުޅު ދިނެވެ. މަޑު ފިޔާތޮށިކުލައިގެ ރަޖާގަނޑަކަށް ލާފައި އޮތް ތުއްތު ދަރިފުޅުގެ މޫނަށް ބަލާލުމާއެކު، އޭނާގެ ހިތް ލޯތްބާއި، ކުލުނާއި، ހަމްދަރުދީއިން އުތުރި އަރަން ފެށިއެވެ. ލޮލުގައި ކަރުނައިގެ އަސަރު ވީނަމަވެސް، އެ ތުއްތު މޫނު ފެނި އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ހީވަނީ ކުޑަކުޑަ މަޝާރާއެއް ހެންނެވެ. އެ ދޮންކަމާއި، ރީތިކަމެވެ. މަޑުމަޑުން އެ ތުއްތު މޫނުގައި ބޮސްދިނުމަށްފަހު، ކަންފަތްދޮށުގައި ބަންގި ދިނެވެ. އެއަށްފަހު، މަޑުމަޑުން އެ ތުއްތު ދަރިފުޅުގެ ކޯތާފަތުގައި އަތް ޖައްސާލިއެވެ. އެ ވަގުތު ކުޑަކޮށް ރޯލުމަށްފަހު ދަރިފުޅު ލޯ ހުޅުވާލައިފިއެވެ. އެންބަރ ކުލައިގެ ދެލޯ ޒުހުރީގެ ލޮލުގައި އަޅައިގަތުމާއެކު، ހިތްދަތިކަމުގައި ވީނަމަވެސް، އޭނާގެ ތުންފަތް މަތީގައިވީ ހިނިތުންވުން ފުޅާވިއެވެ. އެ ދަރިފުޅު މެއާ ލާ ބޮނޑިކޮށްލެވުނުއިރު، އޭނާގެ ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމިގެން ދާން ފަށައިފިއެވެ. ކަރުނަތިއްކެއް އެ ތުއްތު ދަރިފުޅުގެ މޫނުގައި ބީހުމާއެކު އަނެއްކާވެސް ކުރުރާލައިފިއެވެ. ޒުހުރީ އޭނާއާ ދަރިފުޅު ދުރުކޮށްލަމުން، ފަރުވާތެރިކަމާއެކު އެ މޫނަށް ބަލަމުން ދިޔައެވެ. ޝާކިރާ ފަހުމާވެސް ކައިރިވެލާފައި އެ ތުއްތު މޫނަށް ބަލާލިއެވެ.

"ކުޑަ ކުޑަ މަޝާރާއެއް ދޯ!" ފަހުމާއަށް ބުނެވުނެވެ.

"މައާލް…" ވިސްނުމަކަށް ގެލިއްފައި ހުރިފަދަ ގޮތަކަށް ހުރުމަށްފަހު، ޒުހުރީއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. ފަހުމާއާއި ޝާކިރާ ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.

"މައާލް. އެއީ އަހަރެމެންނަށް އަންހެން ކުއްޖެއް ލިބިއްޖެނަމަ، ކިޔަން ނިންމި ނަން. މަޝާއަށް އެންމެ ކަމުދިޔަ ނަން" ޒުހުރީގެ އަޑުގައި ލޯބި ނޫން އަސަރެއް ނުވެއެވެ. އެ ގޮތުގައި އެ ދަރިފުޅަށް ބަލަހައްޓައިގެން ޒުހުރީ ހުއްޓާ ސިހުން ލިބުނީ، ނަރުސްކުއްޖާ ނުކުމެ ގޮވާލުމުންނެވެ. އިރުކޮޅަކުން ޑޮކްޓަރު ވެސް ނުކުމެލިއެވެ. މަޝާރާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ އޮޕަރޭޝަނަކަށް ދާންޖެހޭކަމަށާއި "ކޮންސެންޓު"ގައި ސޮއިކުރުމަށްޓަކާ ޒުހުރީ އެތެރެއަށް ވަދެލުމަށް ޑޮކްޓަރު ބުނެލިއެވެ.

"މަޝާރާގެ ޙާލަތު ވަރަށް ނާޒުކު. މިހިނގާ ކޮންމެ ސިކުންތަކީވެސް މަޝާރާއަށް ވަރަށް މުހިންމު ސިކުންތެއް. އޮޕަރޭޝަނަކީ މިވަގުތަށް އޮތް ހަމައެކަނި ހައްލު!" މަޝާރާގެ ޙާލަތުގެ ނާޒުކުކަން ޑޮކްޓަރު ކިޔައިދެމުން ދިޔަވަގުތު ޒުހުރީއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ހީވަނީ ނޭވާލާންވެސް ދަތިވެގެން އުޅޭ ހެންނެވެ. ފަހުމާ އަތަށް ދަރިފުޅު ދީފައި، "ކޮންސެންޓު"ގައި ޒުހުރީ ސޮއި ކޮށްލިއިރު އޭނާގެ ދެއަތް ތުރުތުރު އަޅައެވެ. މަޝާރާ ހެޔޮ ޙާލުގައި ލެއްވުމަށް އެތަކެއް ފަހަރަކު އޭނާއަށް ﷲ ގެ ހަޟްރަތަށް ދުޢާ ދެންނެވުނެވެ. ތިއޭޓަރަށް މަޝާރާ ގެންދިޔުމުގެ ކުރިން މަޝާރާގެ ގާތަށް ދިޔުމުގެ ހުއްދަ ޑޮކްޓަރު ދިނުމާއެކު، ޒުހުރީ ހޮސްޕިޓަލް ގައުނެއް ކަމުން އެތެރެއަށް ވަދެލިއެވެ. އެއަށްފަހު، އޭނާ މަޝާރާ ކައިރިއަށް ދިޔައެވެ. އޭރުވެސް ޑޮކްޓަރުންނާއި ނަރުހުން އަވަދި ނެތި ހަރަކާތްތެރިވަމުން ދިޔައެވެ.

"މަޝާ…" ލޯ މެރިފައިވާ މަޝާރާގެ ކޯތާފަތުގައި އަތް ޖައްސާލުމަށްފަހު، ޒުހުރީ ގޮވާލިއެވެ. ޒުހުރީގެ އަޑަށް ވަރުބަލިކަމާއެކު މަޝާރާ ލޯ ހުޅުވާލި ނަމަވެސް، އެގޮތުގައި އޭނާއަށް އޮވެވުނީ ދެތިން ސިކުންތެވެ. އިސާހިތަކު އޭނާގެ ލޯ މެރިއްޖެއެވެ.

"އެކްސް ކިއުޒް މީ." ނަރުސްކުއްޖާ އެހެން ބުނެލުމަށްފަހު، އެނދު ދުއްވާލިއެވެ.

"ބޭރުގަ މަޑުކޮށްލަދެއްވާ." ޑޮކްޓަރު ބުނެލިއެވެ. ލައިގެން ހުރި ޑިސްޕޯސަބަލް ގައުން އެތަނުގައި ހުރި ޑަސްބިނަށްލާފައި ޒުހުރީ ބޭރަށް ނުކުމެލިއެވެ. އިންތިޒާރުގައި ވަގުތުތައް ގުނަމުން ދިޔައިރު، ފާއިތުވެގެން ދިޔަ ކޮންމެ ސިކުންތެއްވެސް ޒުހުރީއަށް ހީވަނީ ގަރުނެއްހެންނެވެ. ޝާކިރާ ފަހުމާއާއި ދެމީހުން ޒުހުރީގެ ކައިރީގައި ތިބެ ހިތްވަރު ދެމުން ދިޔައެވެ. ގައިގަނޑަކަށް ދޮޅު ގަޑިއިރަށްފަހު އަނެއްކާވެސް ޑޮކްޓަރު ނުކުމެލިއެވެ.

"ޑޮކްޓަރ. މަޝާރާ ކިހިނެއްތޯ؟" އަވަސް އަވަހަށް ޒުހުރީއަށް އެ ދިމާލަށް ދެވުނެވެ. ޑޮކްޓަރުގެ މޫނުމަތިން ފެނުނު މާޔޫސީ އަސަރުތަކާއެކު، އޭނާއަށް ދެވަނަ ފަހަރަށްވެސް އެ ސުވާލު ތަކުރާރުކޮށްލެވުނެވެ.

"އައި އެމް ސޮރީ… ޝީ އިޒް ނޯ މޯރ." ޑޮކްޓަރުގެ އަޑުންވެސް މާޔޫސްކަން ފާޅުވަމުން ދިޔައެވެ.

"ނުވާނެ އެހެންނެއް." ޒުހުރީއަށް ބުނެވުނެވެ. އޭރު އޭނާއަށް ރޮވިއްޖެއެވެ. ކައިރީގައި ހުރެ ހިތްވަރު ދެމުންދިޔަ ޝާކިރުގެ ބަސްތަކުންވެސް މިފަހަރު ޒުހުރީގެ ހިތަކަށް އަސަރެއް ނުކުރިއެވެ. އޭނާގެ ހިތުގެ ވޭނަކަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. ލޯބިވާ އަނބިމީހާގެ ވަކިވުން ޒުހުރީއަށް ވަނީ ފުން އަސަރުތަކެއް ކުރުވާފައެވެ. އިސްޖަހާލުމަށްފަހު މޫނު ފޮރުވާލަމުން އޭނާ އެ ކަރުނަތައް އެހެން މީހުންނަށް ސިއްރުކުރެވޭތޯ ބެލި ނަމަވެސް، އެކަން ކުރަން އޭނާއަކަށް ފަސޭހައެއް ނުވިއެވެ. ހީވަނީ އޭނާގެ ހިތުގެ އެއްބައި މަދުވިހެންނެވެ. އެ ދެމީހުންގެ ލޯބީގެ ނިޝާން މި ދުނިޔެއަށް އުފަން ކުރުވުމަށްފަހު، އެހާ އަވަހަށް މަޝާރާ އޭނާއާއި ވަކިވީ ކީއްވެހެއްޔެވެ؟ އޭނާ އެކަނިކޮށްލާފައި އެ ދިޔައީ ކީއްވެހެއްޔެވެ؟ މަޝާރާއާއި ނުލާ އޭނާ އެ ދެމީހުންގެ ދަރިފުޅު ބަލާ ބޮޑުކުރާނީ ކިހިނަކުން ހެއްޔެވެ؟ ހިތުގައި އުފެދުނު ޝަކުވާތައް ޒުހުރީއަށް އޭނާގެ ދުލުން ވެސް ބޭރުކުރެވެން ފެށިއެވެ.

"ޒުހުރީ. ތިކަހަލަ އެއްޗެހި ބުނާކަށް ނުވާނެ. މި ދުނިޔެއަކީ އިމްތިހާނެއް. މަރުވުމާއި ދިރުމަކީ ދުނިޔޭގެ އުސޫލު. އެ އުސޫލު އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަޖަލު ޖެހުމުން މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާނެ. އެއީ އުނދަގޫވިނަމަވެސް، ގަބޫލުކުރަން ޖެހޭ ހަޤީގަތެއް. މީ ކޮންމެ އިންސާނަކަށްވެސް ކުރިމަތިލާން ޖެހޭނެ ދުވަހެއް. މާޔޫސްވެ، ތިފަދަ ޝަކުވާތައް ކުރުމުގެ ބަދަލުގައި މިއީ، ކެތްތެރިވެ ދުޢާ ކުރަންވީ ވަގުތު. މަޝާރާއަށްޓަކާ އަހަރެމެންނަށް ކޮށްދެވެން އޮތް ހަމަ އެކަނި ކަމަކީ ހެޔޮ ދުޢާ. ކެތްތެރިވޭ ޒުހުރީ. އިރާދުކުރއްވިއްޔާ ޖަންނަތުގައި ތި ދެމީހުން ވާނީ އެކީގައި." ޒުހުރީގެ ކޮނޑުގައި އަތް ޖައްސާލާފައި ޝާކިރު އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރަން ފެށިއެވެ.

"އެ ތެދެއް ޒުހުރީ. ޒުހުރީ ޖެހޭނެ ހިތްވަރުކުރަން. ޒުހުރީއާ މަޝާރާގެ ލޯބިލޯބި ތުއްތު ފުރާނައަށްޓަކާވެސް. މިއަދު އެ ދަރިފުޅުގެ ހުރި ހަމައެކަނި މީހަކީ ޒުހުރީ." ފަހުމާވެސް ވާހަކަ ދެއްކިއެވެ. ޝާކިރާ ފަހުމާގެ އެފަދަ އެތަކެއް ވާހަކަތަކަކަށްފަހު، ޒުހުރީ ހަމައަކަށް އެޅުނެވެ. ޑޮކްޓަރުންގެ ހުއްދަ ލިބުމާއެކު، ޒުހުރީގެ އިތުރުން ޝާކިރާއި ފަހުމާއާވެސް އެތެރެއަށް ވަނެވެ. ހުދު ފޮތިގަނޑަކުން ހަށިގަނޑު ނިވާކޮށްފައިވާ ފަހުމާގެ މޫނަށް ބަލާލުމާއެކު ޒުހުރީއަށް ހީވީ އޭނާގެ ހިތުގެ ހިނގުންވެސް ހިނދުކޮޅަކަށް މަޑުޖެހުނު ހެންނެވެ. ގަނބުވެފައި ހުރި މީހެއް ފަދައިން ހަރަކާތެއްވެސް ގެންނަން ނޭނގިފައި އޭނާއަށް ހުރެވުނެވެ. ކައިރީގައި ހުރި ޝާކިރު އޭނާއަށް ހިތްވަރު ދެމުން އޭރުވެސް ދިޔައެވެ.

ސަހަރާއަށް ގެންދިޔުމުގެ ކުރިން ނިންމަން ޖެހޭ ހުރިހާކަމެއް ކުރީވެސް ޝާކިރެވެ. އެއިން އެއްވެސް ކަމަކާ އުޅުމުގެ ހިތްވަރެއް ޒުހުރީގެ ނެތެވެ. ގިނަވަގުތު އޭނާއަށް ހުރެވެނީ މަޝާރާއަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. ނުވަތަ އަތުގައި އޮތް ދަރިފުޅަށް ބަލަހައްޓައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ.

މަޝާރާގެ ހަށިގަނޑު ސަހަރާއަށް ގެންދެވުނީ ހޮސްޕިޓަލް އެންބިއުލާންސްގައެވެ. ސަހަރާއަށް ދިޔުމަށްފަހު، ޝާކިރު ޒުހުރީއާ ވާހަކަ ދެއްކިއެވެ.

"ޒުހުރީ. މަޝާރާގެ އާއިލާގެ މީހުންނަށް މި ޚަބަރު ދޭން ޖެހޭނެއެއްނު." ޒުހުރީގެ ޙާލަތު އޭނާއަށް ރަނގަޅަށް އެނގޭތީ ޝާކިރު ބުނެލިއެވެ. ޝާކިރުގެ ވާހަކައަށް ދެކޮޅު ހެދުމެއްނެތި، މަޝާރާގެ އާއިލާގެ، އޭނާގެ އަތުގައި ހުރި ނަމްބަރުތަކަށް ޒުހުރީ ގުޅަން ފެށިއެވެ. މަޝާރާއާއި ގުޅުން ކަނޑާލި ނަމަވެސް، މަރުގެ ޚަބަރު އެމީހުންނަށް ދިނުމަކީ މުހިންމު ކަމެއްކަމުގައި ޒުހުރީއަށް ވިސްނޭތީއާވެސް އެކުގައެވެ. އެހެންނަމަވެސް، މަޝާރާގެ އާއިލާގެ މީހުންގެ ނަންބަރުތަކުން އޭނާއަށް އެނގޭ އެއްވެސް ނަންބަރަކަށް ނުގުޅުނެވެ.

ރަށުން އަންނަ ޒުހުރީގެ އާއިލާގެ މީހުންވެސް އައުމުން، މޫނު ދައްކާލާފައި، ހިނެއުމަށްފަހު ކަށުނަމާދުކޮށް މަޝާރާ ވަޅުލެވޭވަރުވީ ފަތިސްނަމާދަށްފަހުއެވެ. ޒުހުރީގެ ހަމަ ހިމޭންކަމަށް ބަދަލެއް ނާދެއެވެ. އެހިތްދަތިކަމާއި، ވޭނަށް ކެތްކުރުން އޭނާއަށް ވީ އުނދަގޫކަމަކަށެވެ. އެހެންނަމަވެސް، ޝާކިރުމެންގެ އެހީގައި ކެތްތެރިވާން ޒުހުރީއަށް ދަސްވިއެވެ. ތަޤުދީރާ ޖަދަލުކުރުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެކަމެއް ނޫނެވެ. ކިތަންމެ ލޯބިވާ މީހަކާވެސް ކޮންމެވެސް ދުވަހަކުން ވަކިވާން ޖެހޭނެއެވެ. ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. ހިތާމަތަކެއް ނުވާނެ ހަމައެކަނި ތަނަކީ ސުވަރުގެއެވެ. އަދި ހަޤީޤީ މަންޒިލަކީ ވެސް ސުވަރުގެއެވެ.

ޒުހުރީގެ ކައިރިއަށް އައިސް ހުއްޓުނު އޭނާގެ މަންމަ މަރިޔަމްފުޅު މަޑުމަޑުން ޒުހުރީގެ އަތުގައި އޮތް ދަރިފުޅު އުރާލާ އެ ތުއްތު ކޯތާފަތަށް ބޮސް ދިނެވެ. އެއަށްފަހު، ސަހަރާއިން ގެއަށް ދާންޖެހިއްޖެކަމުގައި އޭނާ ޒުހުރީގެ ގާތުގައި ބުނެލިއެވެ. ބޯޖަހާލުމަށްފަހު، މަންމަގެ ބަހަށް ކިޔަމަންވެ ހުރެ ޒުހުރީ ވެސް އެހެން މީހުންނާއެކީ ސަހަރާއިން ނުކުންނަން ހިނގައިގަތެވެ. އެ ހިނދު ދަރިފުޅު ރޯލިއެވެ. ޒުހުރީ އުރާލުމާއެކު، އެ ތުއްތު ދަރިފުޅު ރުއިން ހުއްޓާލީ އެއީ ކާކުކަން އެނގޭ ފަދަ ގޮތަކަށެވެ.

މަގުމައްޗަށް ނުކުތް ޒުހުރީ ޝާކިރަށް ޝުކުރު އަދާކުރިއެވެ. އެވަގުތު މަރިޔަމްފުޅު ގަދަޔަށް ކެއްސައިގަތެވެ. ކެއްސަން ފެށިގޮތަށް ނުހުއްޓި ނޭވާއަށް ވެސް އުނދަގޫވާން ފެށިއެވެ. ފަހުމާ، މަރިޔަމްފުޅާ ގާތްވެލާފައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން އަވަސްވެގަތެވެ. ކުއްލިއަކަށް ދެން ފެނުނީ މަރިޔަމް ފުޅުގެ އަނގައިންނާއި ނޭފަތުން ލޭ އަންނަން ފެށިތަނެވެ.

"މަންމާ..." ހާސްކަމާއެކު، ޒުހުރީއަށް ވެސް މަރިޔަމްފުޅާ ގާތަށް ޖެހިލެވުނެވެ.

"މަންމާ… މަންމާ… " މަރިޔަމް ފުޅު އެނބުރުން އަރައިގެން ވެއްޓެން ދިޔަ ވަގުތު ފަހުމާއާއި ޝާކިރާ ދެމީހުން ވެެގެން އޭނާ ހިފެއްޓިއެވެ. ކުޑަ ދަރިފުޅު އުރައިގެން ހުރި ޒުހުރީވެސް ހުރީ އެހާ ކަންބޮޑުވެފައެވެ. އެތަނުން، މަރިޔަމްފުޅު ގެންދެވުނީ ހޮސްޕިޓަލަށެވެ. ޑޮކްޓަރު ދިން ޚަބަރުން ޒުހުރީގެ ދުނިޔެވެސް ހީވީ ހުއްޓުނުހެންނެވެ. ޑޮކްޓަރު ބުނީ މަރިޔަމްފުޅަށް ލޭގެ ކެންސަރު ޖެހި، ސްޓޭޖް ތިނެއްގައި ހުރިކަމުގައެވެ. މަރިޔަމްފުޅުގެ ޙާލު މިއަދު އެހާ ވަރުއެވީ މާ ބޮޑަށް ފިކުރުކުރުމުން ކަމުގައެވެ. އެ ޙާލަތަށް ދިޔައިރު އާއިލާގެ އިތުރު މީހަކަށް އެކަން ނޭނގޭތީ ޒުހުރީ ހައިރާންވެސް ވިއެވެ. މަރިޔަމްފުޅު ހަމައަކަށް އެޅުމުން ވާހަކަ ދެއްކުމުން އޭނާ ބުނީ ދޭތެރެ ދޭތެއިން އަނގައިންނާ ނޭފަތުން ލޭ އައިނަމަވެސް، މާ ބޮޑަށް އަޅާނުލަނީކަމަށާއި ގައިގައި ރިއްސާކަންތައް ވާ ކޮންމެ ފަހަރަކު އަމިއްލައަށް ބޭސް ނަގައިގެން ބޭނުން ކުރަނީކަމުގައެވެ.

*****

ދުވަސްތައް ފާއިތުވަމުން ގޮސް ދަރިފުޅަށް ހަތްދުވަސްވެސް ވެއްޖެއެވެ. މައާލްގެ ނަމުން ނަންދީ އަޤީޤާ ވެސް ކަތިލެވުނެވެ. ޒުހުރީ އޭނާގެ މަންމަ މާލެ ބަދަލުކުރިއެވެ. އެ ޒަމާނަކީ ހިލޭ ބޭސް ފަރުވާ ކުރެވޭ ޒަމާނަކަށް ނުވުމާއެކު، ހުރިހާ ކަމެއްކުރަން ޖެހެނީ އަމިއްލަ ޖީބުން ހަރަދުކޮށްގެންނެވެ. އެންމެ ބޮޑު އެހީއެއް އޭނާއަށް ލިބުނީ ޝާކިރުގެ ފަރާތުންނެވެ. ރާއްޖޭން ބޭރަށް ދާން ހުރިހާކަމެއް ނިމިފައި ވަނިކޮށް ކުއްލިއަކަށް މަރްޔަމްފުޅުގެ ޙާލު ދެރަވެ، ސަލާމަތްވާނެ ކަމުގެ އުންމީދު ގެއްލުނެވެ. ދަރިފުޅު ބެލުމަކީ މަރިޔަމްފުޅަށް ކުރެވޭނެކަމަކަށް ނުވުމާއެކު، ޒުހުރީ އޭނާގެ ކޮއްކޮ ސޯފިޔާ ކައިރީގައި އެކަން ކޮށްދޭން އެދުނު ނަމަވެސް، ސޯފިޔާގެ ފިރިމީހާ އެކަމާ އެއްބަހެއް ނުވިއެވެ. އެހެންކަމުން ޒުހުރީއަށް ގޮތް ހުސްވިއެވެ.

މާލޭގައި ޒުހުރީ ހުރި ދުވަސްކޮޅު މައާލްގެ ހުރިހާކަމެއް ވެސް ކޮށްދެމުން ދިޔައީ ފަހުމާއާއި ޝާކިރެވެ. އެކަމަށް ޒުހުރީ އޭނާގެ ހިތުގެ އަޑިން ޝުކުރުވެރިވިއެވެ.

މަރިޔަމްފުޅު އޭނާގެ އެންމެ ފަހު ދުވަސްތައް ރަށުގައި ހޭދަކުރަން ބޭނުންވުމާއެކު، ރަށަށް ދިރިއުޅުން ބަދަލުކުރަން ނިންމަން ޒުހުރީއަށް މަޖުބޫރުވިއެވެ. މަންމަ ބަލި ޙާލުގައި އެކަނި ދޫކޮށްލަން އޭނާގެ ހިތް ނޭދޭތީއާއެކުގައިވެސް މެއެވެ. އޭނާ މަންމަގެ ކަންތައްތަކުގައި އުޅޭއިރު އެ ދެމީހުން ދިޔައީ މައާލް ބަލަމުންނެވެ. އަދި އެ ދެމީހުން މައާލް ގެންގުޅެނީވެސް އެހާ ލޯބިންނެވެ.

ވިއްސާރަ ދުވަހެކެވެ. ޒުހުރީއާއި ޝާކިރުގެ އިތުރުން ފަހުމާ ތިބީ ޕެލެސް ވެލީ ގެ ބޮޑުކޮޓަރީގައެވެ.

"އަހަންނަކަށް ނޭނގެ… މި ދަރިފުޅު ގެންގޮސްގެން އަހަރެން ބޭނުންވާފަދަ ދިރިއުޅުމެއް ހޯދައެއް ނުދެވޭނެ." އަމިއްލަ ޙާލަތުގެ ސަބަބުން ޒުހުރީއަށް ބުނެވުނެވެ. ޝާކިރު އަތުން އެހާ ބައިވަރު ފައިސާ އެހީގެ ގޮތުގައި ލިބުނު ނަމަވެސް، އިތުރަށް އެއްވެސް ފައިސާއެއް ނަގަން އޭނާ ލަދުގަނެއެވެ ޝާކިރު ކިތަންމެ ހެޔޮ ނަމަވެސް، މައާލްއަށް ރަނގަޅު މުސްތަގްބަލެއް ހޯދައިދޭންނޭ ކިޔާފައި، ދެން އިތުރަށް އެގޮތަށް ފައިސާގައި ހިފާކަށް އޭނާއަކަށް ނުކެރޭނެއެވެ.

"ޒުހުރީ މަންމަ ގޮވައިގެން މިކޮޅުގައި ހުންނަން ވީނު." ވިސްނާނުލާ ފަހުމާއަށް ބުނެވުނެވެ. ހަޤީގަތުގައި މައާލްއާ އޭނާއާ ވަރަށް ބޮޑަށް ވަނީ ގާތްވެފައެވެ. މައާލްއާމެދު މައިވަންތަ ކުލުނު ޖެހިފައި ހުރުމުން މައާލްއާ ވަކިވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ފަހުމާގެ އެވާހަކައަށް ޝާކިރު އެއްޗެއް ނުބުނީ ރަށަށް ދިޔުމަކީ ޒުހުރީގެ މަންމަ ބޭނުންވާ ގޮތްކަމަށްވެފައި ޒުހުރީ އޭނާގެ މަންމައާއެކު ދާން ޖެހޭނެކަން އެނގޭތީއެވެ.

"މައާލް ގެންދިޔައިމަ އަހަރެމެން ދެމީހުން ވަރަށް ހަނދާންވާނެ." އެއީ އެކަން ވާނެގޮތްކަން އެނގި ހުރެ ޝާކިރަށްވެސް ބުނެވުނެވެ.

"އަހަރެންގެ ދަރިފުޅު… ބަލައިދީފާނަންތަ؟" ހިމޭންކަމުގައި އެއްޗެއް ނުބުނެ އިރުކޮޅަކު ހުރުމަށްފަހު، ޒުހުރީ ހިތާ ދެކޮޅަށް ބުނެލިއެވެ. ރަށުގައި ވެސް އެމީހުންނަކީ ވަރަށް ޙާލުގައި އުޅޭ ބަޔެކެވެ. މާލެއިން ވަޒީފާ ލިބުމަށްފަހު އާއިލާގެ މީހުންނަށް ފައިސާ ފޮނުވި ނަމަވެސް، އެ ދޮރު ވެސް މިހާރު ބަންދުވީއެވެ.

"ކީކޭ؟…" ޝާކިރަށް ހައިރާންކަމާއެކު ސުވާލުކޮށްލެވުނެވެ.

"އާނ. އަހަރެންގެ މައާލް ބަލައިދީ… ރަށުގައި މައާލްއަށް އަހަރެން ބޭނުންވާ ފަދަ ދިރިއުޅުމަކާއި ތައުލީމެއް ނުދެވޭނެ." ޒުހުރީއަށް ބުނެވުނެވެ.

"ޒުހުރީއަށް އެނގޭތަ ތި ކިޔޭ އެއްޗެއް؟" ޝާކިރަށް ބުނެވުނެވެ.

"އާނ. އަހަންނަށްވެސް ފަސޭހައެއް ނޫން..... ފަސޭހައެއް ނޫން. އެކަމަކު މިއީ އަހަރެންގެ ދަރިފުޅަށް އެންމެ ރަނގަޅު ގޮތް." ހިތުގައި އަތް އަޅާފައި ޒުހުރީ ގޮތް ނިންމިއެވެ. ފަހުމާއާއި ޝާކިރާ ދެމީހުންގެ ގޮތް އޭނާއަށް ރަނގަޅަށް އެނގެއެވެ. މައާލްއަށް އަރާމު ދިރިއުޅުމަކާއި ރަނގަޅު ތައުލީމެއް، އެ ދެމީހުން ފޯރުކޮށްދޭނެކަމާމެދު އޭނާ ޝައްކެއް ނުކުރެއެވެ.

"އަހަރެމެން ވިސްނާލަން ވަގުތު ކޮޅެއް ދީ…" ޝާކިރު ބުނެލިއެވެ. ޒުހުރީ ވެސް އެއްބަސްވިއެވެ.

އޭގެފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައިރު ފަހުމާއަށް ވަނީ މައާލްއާ ނުލާ ނޫޅެވޭ ވަރުވެފައެވެ. މައާލް ނުފެނިއްޖެނަމަ އޭނާގެ ހިތަށް އުނދަގޫވެއެވެ. އަބަދާ އަބަދު އޭނާގެ އުނގުތެރޭގައި މައާލް ގެންގުޅެން ބޭނުންވެއެވެ. އެންމެފަހުން ފަހުމާ، ޒުހުރީގެ އެދުމަށް އެއްބަސްވާން ޝާކިރުގެ ކައިރީގައި ކިޔަން ފެށުމުން ޝާކިރަށް ވެސް އެގޮތާ ޤަބޫލުވާން މަޖުބޫރުވިއެވެ. ހަޤީގަތުގައި އޭނާގެ ހިތުގައިވެސް މައާލްއާ މެދު އިންތިހާ ލޯބިވާތީއާ ވެސް އެކުގައެވެ.

"އޮޑޮޕްޝަން"ގެ ކަންތައްތައް ނިންމަން ބައްދަލުކުރިރޭ، ޝާކިރުވެސް އޭނާގެ ޝަރުތު އިއްވާލިއެވެ. މައާލްއަށް ހަޤީގަތް ކިޔައިދޭން ޖެހޭފަދަ ޙާލަތެއް އަތުވެއްޖެނަމަ، ޒުހުރީ އެކަންތައް ކުރުމަށެވެ. އެމީހުން ބޭނުންވަނީ މައާލްގެ ބައްޕައާއި މަންމަގެ ހަޤީގަތް މައާލްގެ އަސްލު ބައްޕަގެ ފުށުން އެނގެން ކަމުގައި ޝާކިރު ބުނެލިއެވެ. އަދި އެކަންތައް މައާލްގެ ކައިވެނީގެ ކުރިން މައާލްއަށް އަންގަން ބޭނުންވާކަމުގައި ވެސް އޭނާ ބުނެލިއެވެ.

"އަހަރެމެން މައާލްގެ ފޮޓޯތައް ބަރާބަރަށް ޒުހުރީއަށް ފޮނުވާނަން." ޒުހުރީގެ ޙާލަތު ޝާކިރަށް އެނގޭތީ އެހެން ބުނެލާފައި އެ ޔަޤީންކަން ވެސް ޝާކިރު ދިނެވެ.

"އަދި އަހަރެމެން ދެމީހުންވެސް މައާލްއަށް އެއްވެސް ކަމެއް އުނިވިޔަކަ ނުދޭނަން. އަހަރެމެންގެ ދަރިއެއް ފަދައިން މައާލް ބަލާބޮޑުކުރާނަން" ފަހުމާވެސް ބުނެލިއެވެ.

ޒުހުރީ ބޯ ޖަހާލިއެވެ. މައާލްގެ "އެޑޮޕްޝަން"ގެ ކަންތައް އެނގެނީ އެކަމުގައި އުޅުނު ލޯޔަރުންނަށާއި، އާއިލާގެ ވަރަށް މަދުބަޔަކަށެވެ. ހިތާ ދެކޮޅަށް މައާލްއާ ޒުހުރީ ވަކިވީ އެއީ މައާލްއަށް ރަނގަޅަށް ނިންމި ނިންމުމެއްކަމުގައި އަމިއްލަ ހިތަށް ވިސްނައިދެމުންނެވެ. ކޮންމެވެސް ދުވަހަކުން މައާލްއަށް ހަޤީހަތް ކިޔައިދޭން ހިތުލައިގެންނެވެ. އަދި އެ ދަރިފުޅާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލަން ހިތުލައިގެންވެސް މެއެވެ.

* * * * * * * *

"ބައްޕަ ރަށަށް އައީ އެހެން ހިތަށްއަރުވައިގެން. އެކަމަކު އޭގެފަހުން މައާލްގެ ކުރިމައްޗަށް ބައްޕަ އެރީ އެންމެ ފަހަރަކު. އެފަހުން މައާލްއަކާ ދިމައެއް ނުވޭ. ދިމާނުވަނީ ކީ ނޫން. ދިމާކުރަން ނުކެރެނީ. މައާލް ފެންނަ ހިސާބަށް ދާން ނުކެރެނީ. އެކަންތައް އޭރު ބައްޕަ ކުރީ މައާލްއަށް ރަނގަޅަކަށް ނަމަވެސް، ހިތުގައި ކުށްވެރި އިޙްސާސްއެއް ވާތީ އެކަމުގެ ސަބަބުން އެ ހިތްވަރު ބައްޕައަށް ނުލިބުނީ. " މާޒީގެ ހުރިހާ ވާހަކައެއް ރާދިންއަށް ކިޔައިދިނުމަށްފަހު، ޒުހުރީ ރާދިންއަށް ބަލާލިއެވެ.

"ބައްޕާ… މިހާރު މީ އެވަގުތު. މައާލްގެ ހުރި ހަމައެކަނި މީހަކީ ތި ބައްޕަ. އަޅުގަނޑާއެކު މާލެ ގޮސް މައާލްއަށް ހުރިހާ ވާހަކައެއް ކިޔައިދީ!." ރާދިން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

"ސޯފިޔާ ފުރަތަމަ ފިރިމީހާއާ ވަކިވުމަށްފަހު، މައާލް ގެންނަން ބައްޕަ ކައިރީގައި ބުނި. މަންމަ، މައާލްގެ މާމައަށް ވެސް އެކަން އެނގި މައާލް ގެންނަން ބުނި. މައާލްގެ މާމަ ނިޔާވުމަށްފަހު، މައާލްއާ މެދު ބައްޕަ އެހާވަރަށް ވިސްނާކަށް އެނގޭނީ ހަމައެކަނި ސޯފިޔާއަށް. އެކަމަކު ބައްޕަ ބޭނުންވީ މައާލް ލަންޑަންގައި ހުރެ ތައުލީމް ހާސިލްކުރަން. އެހެންވެ އޭރުވެސް…" ވާހަކަ ކުރިއަށް ނުގެންދެވި ޒުހުރީ ހުއްޓާލިއެވެ.

"ބައްޕަ ބޭނުމެއް ނުވި މައާލް ދީފަ ފައިސާއެއް. އެކަމަކު ޝާކިރު ބައްޕައަށް ފައިސާ ފޮނުވާ… ކުރީކޮޅު ވަރަށް ގިނައިން ފޮނުވި. އެކަމާ ބައްޕަ ނުހުރުނީމަ ފަހުންވެސް މަދުމަދުން ފޮނުވާ. މައާލްގެ ބައްޕަ ބުނީ އެއީ ބައްޕަގެ ޙާލަތު އެނގޭތީ އޭނަ ކުރާކަމެއްކަމުގައި." އިރުކޮޅަކަށްފަހު، ޒުހުރީ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ބައްޕާ… މާޒީގެ ވާހަކަ ދެން ނުދައްކާ. މާޒީގައި ކަންތައް ކުރެވުނު ގޮތް އެއްވެސް މީހަކަށް ދެން ބަދަލެއް ނުކުރެވޭނެ،. އެކަމަކު ބައްޕާ، މުސްތަޤްބަލް ބަދަލުކުރެވިދާނެ. މައާލްއަށް އެހެން ގޮތަކުން ހަޤީގަތް އެނގުމުގެ ކުދިން ބައްޕަ އަޅުގަނޑާއެކު މާލެއަށް ގޮސް ހުރިހާ ވާހަކައެއް މައާލްއަށް ކިޔައިދިނުމަކީ އަޅުގަނޑު އެދޭނެ ހަމައެކަނި އެދުން." ރާދިން ބުނެލިއެވެ.

ރާދިންގެ އެތަކެއް ވާހަކަތަކަށްފަހު، އެންމެފަހުން މާލެ ދާން ޒުހުރީ އެއްބަސްވިއެވެ. ރާދިން ދާން ތެދުވުމުން އެހެން ތަނަކަށް ފޮނުވާކަށްވެސް ޒުހުރީ އެއްބަހެއް ނުވިއެެވެ. އެހެންކަމުން، އެގެއިން ކޮޓަރިއެއް، އޭނަ ސޯފިޔާ ލައްވާ ރާދިންއަށް ތައްޔާރުކޮށްލަދިނެވެ. އަދި ސޯފިޔާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

"ފޮޓޯތަކުން ފެނިފަ ހުރީމަ ދޯ އެހާ ވައްތަރުވީ." ރާދިންއަށް ބަލާލަލުން ސޯފިޔާ ބުނެލިއެވެ. ރާދިން ހިނިތުންވެލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ.

ޖެހިގެން އައި ދުވަހު ރާދިން, ޒުހުރީ ގޮވައިގެން މާލެ ފުރައިފިއެވެ. އެމީހުންނަށް މާލެ އާދެވުނީ އިރު އޮއްސެން އުޅެނިކޮށެވެ. ޒުހުރީ ދިޔައީ މުނީރުމެން ގެއަށެވެ. މުނީރު ފެނުމާއެކު، ޒުހުރީ ސަލާމްކޮށްލިއެވެ. މާޒީގައި މުނީރު ފެނިފައިވީނަމަވެސް، މުނީރަށް އައިސްފައި ހުރި ބަދަލުތަކުން އޭނާ ހައިރާންވިއެވެ.

އެރޭ ރޭގަނޑުގެ ނާސްތާއަށްފަހު، ރާދިންއާ މުނީރު، ޒުހުރީ ގޮވައިގެން، "ޕެލެސްވެލީ"އަށް ދިޔުމަށް މިސްރާބުޖެހިއެވެ. އެގެއާ ހިސާބަށް އާދެވުމުން ޒުހިރީގެ ހިތް އަވަސްވިއެވެ. ޝާކިރުމެން މައާލް ގޮވައިގެން ލަންޑަނަށް ބަދަލުވިފަހުން އޭނާ އެގެއަށް ވަނީ އެންމެ ފަހަރަކުއެވެ. އެވެސް ޝާކުރުމެން ޗުއްޓީއެއްގައި އައި ފަހަރެއްގައެވެ. އޭރު މައާލްގެ އުމުރުން ވާނީ އެންމެ ހަތް އަހަރެވެ. ހިތް އަވަސްވެފައިވާ ޙާލު ޒުހުރީއަށް ބަލައިލެވުނީ މުނީރަށެވެ. މުނީރު ޒުހުރީގެ ކޮނޑުގައި ޖަހާލަމުން ހުރިހާކަމެއްވެސް ރަނގަޅުވާނެޔޭ ބުނެލިއެވެ. މުނީރުގެ އެ އަމަލުން ޒުހުރީގެ ހަނދާނަށް ޝާކިރު އައެވެ. އޭނާ ކަމަކާ ކަންބޮޑުވެގެން އުޅޭ ކޮންމެ ފަހަރަކު ޝާކިރު ވެސް ހަމައެގޮތަށް އޭނާގެ ކޮނޑުގައި އަތް ޖައްސާލާނެއެވެ. ނަޞޭޙަތް ދޭނެއެވެ. ކާރުން ފޭބުމަށްފަހު، ރާދިން އޭނާގެ ފޮށިތައް ގެންދިޔުމަށް ޑްރައިވަރު ކައިރީގައި ބުނެލާފައި ޒުހުރީ އާ މުނީރާ އެކު އެތެރެއަށް ވަނެވެ. ޒުހުރީ އެގެއަށް ވަށައިގެން ބަލާލިއެވެ. ބޮޑެތި ބަދަލުތައް އައިސްފައި ހުރިނަމަވެސް، އެ ޝާހީކަމާއި، އެގޭގެ ހައިބަތަށް އެއްވެސް އުނިކަމެއް ނާދެއެވެ. މާޒީގެ އެތަކެއް ހަނދާނެއް އޭނާއަށް އާވާންފެށިއެވެ. ވަށައިގެން އެހާވަރަށް ޒުހުރީއަށް އެގެއަށް ބެލުނީ އެހެންވެއެވެ.

ރާދިން އަންނަ ވާހަކަ ގުޅާފައި ބުނީއްސުރެ މައާލްގެ ހިތުގައި ވަނީ ނުތަނަވަސްކަމެވެ. އެ ނުތަނަވަސްކަމުގައި އޭނާ ބޮޑުކޮޓަރީގައި ޓީވީ އަޅުވާލައިގެން އިންނަަމަވެސް، އެއަށް ސަމާލުކަން ދެވޭގޮތެއް އޭނާއަކަށް ނުވެއެވެ. ރާދިން ނުބުނި ނަމަވެސް، ރާދިން ރާއްޖެތެރެއަށް ދިޔަ ސަބަބު އޭނާއަށް ގާތްގަނޑަކަށް ޔަޤީން ކުރެވެއެވެ. އެހާ ހާސްވަނީ އެހެންވެގެންނެވެ. ބަޔަކު އެތެރެއަށް ވަދެގެން އައި އަޑަށް މައާލް އެދިމާލަށް ބަލައިލިއެވެ. އެއާއެކު މުނީރާ ރާދިންއާއެކު ހުރި މީހާ ފެނުމާއެކު އޭނާއަށް ވެސް ކޮޅަށް ތެދުވެވިއްޖެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު