"މައިންބަފައިންނަކީ ތިބާއަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިއުމަތެވެ. ޖަންނަތަށް ދިޔުމަށް އެންމެ ފަސޭހަ އެއް މަގެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތާ އޯގާތެރިވާށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބި ހިތަށް އުފާވެރިކަން ލިބޭނެއެވެ."

***

"މައިރާ....ހިނގާ ކައިވެނި ކުރަން...." ފޯނު ކަނފަތުގައި ޖަހައިގެން ދެކޮޅަށް ދެކޮޅަށް ބާރު ހިނގުމުގައި ހިތް އަވަސް ވެފައި ހުރެ ޒަވިޔާރު އަހާލިއެވެ. މައިރާ އެންމެ އިންތިޒާރު ކުރި ދުވަހަކީ މި އީއެވެ. މިހާ ދުވަސް ވީ ހިނދު ކައިވެނީގެ ވާހަކަ ދައްކާފައި ނުވާ ޒަވިޔާރުގެ ފަރާތުން އެ ލަފްޒު އެގޮތައް ބުނުމުން މައިރާގެ ހިތް އުފަލުން ފުރުނެވެ.

"ޔެސް...ޔެސް...އަ ތައުޒަން ޓައިމްސް ޔެސް.." މައިރާ އަޑުގެ ނެތް ކޮޅަށް ފޯނުގައި ހުރެ ބުނަމުން ދިޔައެވެ.

ވީ އުފަލެއްގެ ބޮޑުކަމުން ފޯނުގައި ހުރެ މައިރާގެ މަންމަ ސަޙަރް އަށް ޒަވިޔާ ކައިވެންޏަށް ހުށަހެޅިކަން ހާމަ ކޮށްލިއެވެ. ފޯނުގައި ހުރި ޒަވިޔާރުގެ މޫނަށް ރަތުގެ ހުރިހާ ކުލައެއް ވެރިވެގެން ދިޔައެވެ.

" އަލްޙަމްދްލިއްﷲ...މަންމަ ހާދަ އުފާ ވެއްޖެއޭ. މަންމަ ހަމަ އެންމެ އިންތިޒާރުކުރަމުން އައި ދުވަސް...ޒަވީ.. ތީ ހަމަ ޖަވާހިރެއްފަދަ ދަރިއެއް. ސުބްޙާނައްﷲ މަންމަ ހާދަ އުފަލެއް ވެއްޖެއޭ.." ސަޙަރްއަށް ލިބުނު މި އުފާވެރި ޚަބަރުން ކޯތާފަތް ތެންމާލިއެވެ. އަދި މައިރާގެ ގައިގާ ބައްދާލީ ވަރަށް ލޯބިންނެވެ. ސަޙަރް އާއި ވިލްދާނަށް ލިބިފައިހުރީ އެންމެ ދަރިއެއް ކަމުން އެމީހުންގެ މުޅި ޙަޔާތަކީ އެ ކުއްޖާގެ އުފާ ކަމުގައި ބަލައެވެ. ވިލްދާން އާއި ސަޙަރް އަކީ ވެސް މުއްސަނދި އާއިލާ ތަކަކަށް ނިސްބަތްވާ އަދި އެކި އެކި ވިޔަފާރީގައި ހިއްސާދާރުކަން އޮންނަ މުއްސަނދިކަން ލިބިފައިވާ ބައެކެވެ. ކިތަންމެ މުއްސަނދިކަމެއް ލިބިފައި ހުއްޓަސް ކިބުރުވެރިކަމެއް އެ ދެމީހުންގެ ކިބައިގައި ނުހުރެއެވެ. މައިރާ ވެސް ތަރުބިއްޔަތު ކޮށްފައިވަނީ މީހުންނަށް އިޙްތިރާމް ކުރާ ރަނގަޅު އަޚްލާގުގެ ދަރިއެއްގެގޮތުގައެވެ. އޭނާގެ މަންމަ އަކީ އެންމެ ގާތް ރައްޓެއްސެއް ކަމުގައި މައިރާއަށް ބެލެވެނީ ވެސް އެ ދެމީހުންގެ ގުޅުން ވަރަށް ވަރުގަދަ ވެފައިވީމައެވެ.

"އިންޝާﷲ ވަރަށް އަވަހަށް ތިގެޔަށް ދާނަން މަންމަ މެންނާއެކު...." ފޯނު ސްޕީކަރަށް ލައިފައިކަން ހުރީ އެނގުމުން ޒަވިޔާ ބުނެލިއެވެ.

"ވިލްދާން ވެސް އަންނާނެ މިރޭ ފްލައިޓުން މިކޮޅަށް....މާދަން ވިޔަސް އަހަރުމެން ތިގެޔަށް ދާނަން...." ވަރަށް އުފަލާއެކު ސަޙަރް ބުނެލިއެވެ.

"ނޫނޭ....މަންމަ އަބަދުވެސް ބުނާނެ....ވަލީ ހޯދަން ދާންވާނީ އަންހެންކުއްޖާގެ ގެޔަށޭ...އެހެންވީމަ މަންމަ އާއި ވާހަކަ ދެއްކުމަށްފަހު ތިގެޔަށް ދާން ހަމަޖައްސާނަން..." ޒަވިޔާ ވަރަށް އަދަބުވެރިކަމާއެކު ވާހަކަ ދެއްކިއެވެ.

ސަޙަރްގެ ގައިގައި ބައްދާލައިގެން އިން މައިރާގެ ހިނިތުންވުމަކަށް ނިމުމެއް ނެތް ކަހަލައެވެ. ސަޙަރް އަށްވެސް ޒަވިޔާ ދެއްކި ވާހަކައަށް އެއްބަސްވެލީ އެއީ ހަގީގަތުގައިވެސް އެންމެ ރަނގަޅު ގޮތް ކަން އެނގޭތީއެވެ. ވިލްދާންއަށް ހަބަރު ދިނުމަށް ގުޅާލަން ސަޙަރް އެއްކައިރިއަކަށް ޖެހެލި ވަގުތު މައިރާ ފޯނު ހިފައިގެން އޭނާގެ ކޮޓަރިޔަށް ދިޔައީ އިތުރަށް ކުރަން ބޭނުންވެފައި ހުރި ސުވާލުތައް ކުރުމަށެވެ.

"ޒަވީ....ކީއްވެ އެހާ ސަޑަން ކޮށް ތި އެހީ ކައިވެންޏަށް....މިހާ ދުވަސް ވީއިރު ދުވަހަކު ނާހަމެންނު...ކީއްވެ މިއަދު؟" ދެފައި ވަށްކޮށްލައިގެން އެނުދުގައި އިށީނދެ ހަމަޖެހެލީ ޒަވިޔާ އާއި ސުވާލުތައް ކުރުމަށެވެ.

" އެއީ ހަމަ ލޯބިވާތީ....މައި އަބަދުވެސް ބުނަމެންނު ވަރަށް ފޫހިވެޔޭ އެހާ ކަންތައް ބޮޑުކޮށް ފިލްމީ ވައްތަރައް ޕޮރޮޕޯޒް ކުރީމަ...އެހެންވެ އެންމެ އަންއެކްސްޕެކްޓެޑް ކޮށް މި ކުރީ....އަސްލު މެރީ ކުރަން ނާހާކަށް ނޫން...ދެމީހުންގެ ލައިފްވެސް އެހާ ބިޒީ ވެފަ ކެރިޔަ ބިލްޑް ކުރަން ފުރުސަތުދީގެން ހަމަޖެހުނު ދުވަހަކުން ކުރަން ނިންމައިގެން އަބަދުވެސް ހުރީ....އެންޑް އައި ފީލް ދިސް އިޒް ދަ ރައިޓް ޓައިމް...." ޒަވިޔާ ދެއްކީ ތެދުވާހަކަ އެއްނަމަވެސް ހަގީގަތަކީ މިއަދު އޭނާއަށް މައިރާ ގެއްލިދާނެ ކަމުގެ އިހުސާސް ކުރެވެން ފެށީ ވަރަށް ހިތް ނުތަނަވަސްކުރުވާ ގޮތަކަށެވެ. އަދި އައްޒަހްރާއަށް މިވާހަކަތައް ކިޔައިދޭން ނިންމީވެސް މައިރާ އާއި ވާހަކަދައްކާ ނިންމާލުމަށްފަހުއެވެ. އަހެދް ގެ ކަންތަކާއި އައްޒަހްރާ އަވަދިނެތި އުޅުނަސް މިއަދު މިވާހަކަތައް ހިއްސާކުރަން ނިންމިއެވެ.

***

"ކޮބައިތަ މިގޭގެ ރަނިކަމަނާ؟ މީ އަޅެ ދިރުމެއް ނެތް ގެއެއްތަ؟ ކޮބާތަ އައްޒަހްރާ..." އަޑުގެ ނެތް ކޮޅަށް ސަކީނާ ދިޔައީ ބުނަމުންނެވެ.

" އާންޓީ....ހާދަ ލައުޑް އޭ...އަލްގެ އެއް ކަންފަތް ހަމަ ބީރުވެއްޖެ.....ކަތީބު ޒަމާނުގަ އާންޓީ ދޯ ރަށުގަ އެނައުސްމެންޓްތައް ދީ އުޅެނީ...." ކަންފަތުގައި އަތް އަޅަމުން އަލްބާން ބުނެލީ ވަރަށް ލާނެތް ގޮތަކަށެވެ.

"ހޫން....މީ ހަމަ ޝުކޫރުގެ ލާނެތްކަން ރަނގަޅަށް ލިބިފައިހުރި ކުއްޖެއް...." ތުން ދަމާލައި ސޯފާގައި އިށީނދެލަމުން ސަކީނާ ބުނެލިއެވެ.ބައްޕަ ގެ ހަނދާންތައް އަލްބާންގެ ޚިޔާލަށް ގެނެވުމުން ލުއި ހިނތުންވުމެއް މޫނަށް ވެރިވިއެވެ.

"ކޮބާތަ އައްޒަހްރާ.....މަގޭ އަޑު ނީވުނީ ކަންނޭނގެ...އެހެންނަމަ އަންނާނެތާ...ކޮބާތަ މި ޖޫރީވެސް....ތި ޓީވީ އަޅުވާލަބަލަ....އެއްވެސް ދިރުމެއް ނެތީތަ މިގޭގަ..." ސަކީނާ ބަނދިވަރެއްހެން ކިޔާލިއެވެ. ސޯފާގައި ހަމަޖެހިލަމުން ސަކީނާ އަށް ޓީވީ ޖައްސާލަދިނެވެ.

"މީ ހާދަ ތުއި އަންހެން ކުއްޖެކޭ...އަހަރެމެންވެސް އެ ބޯމިނަށް ފުށްޖަހާލައިގެން ތުންފަތުގަ ދަވާދު ހާކާލިއްޔާމުވެސް ހުންނާނީ ހަމަ މިހެން...ދޯ މާހްޒަބީން......." ލޫޅާފަތި ހަށިގަނޑަކާއި ދިގު ފަން އިސްތަށިގަނޑެއްގައި އިންޓަވިއު ޕޮރޮގްރާމަކަށް އަރައިހުރި ކުއްޖާ ދައްކާލަމުން ސަކީނާ ބުނެލީ ބަދިގެ އިން ނިކުމެގެން އައި މާހްޒަބީން އަށެވެ.

އަލްބާން ގެ ހުނުން ކޮންޓްރޯލު ކުރަން އުނދަގޫވީ މާޙްޒަބީން ގެ ތުންފަތައް ވެރިވެފައިވާ މަޖާގޮތެއް ފެނުމުންނެވެ. ވާނުވާ ނޭނގި ހުރި ސަކީނާ އަށް ސައިފޮދު އެރުވުމުން އަވަހަށް ކެއުމައިގެން ކުރިޔަށް ދިޔައީ އިވެމުންދިޔަ ހުނުމުގެ އަޑަށް ސަމާލުކަންނުދީއެވެ.

"ޕިސް ޕިސް ސާބަސް....މިގޭގަ މިއަދު މީހަކު ނިޔާވީ...އެކަމަކު ހީވަނީ ބޮޑު ހަފްލާއެއް ބާއްވައިގެން އުފާ ފާޅުކުރަނީހެން....ތި ޓީވީގެ އަޑު ކުޑަކޮށް މަޑުކޮށްލަބަލަ...." އައްޒަހްރާގެ އަޑުގައިވީ ހަރުކަށިކަން އެންމެން ސަމާލުކަމަށް ގެނުވިއެވެ. ސަކީނާއަށް ހެދިކާ ތަށްޓެއް ގެނެސްދޭން އައި ބާބިލް ފެނުމުން އައްޒަހްރާއަށް ހައިރާންކަންލިބުނު ނަމަވެސް ހިތައް ފިނި ކަން ވެސް ލިބުނެވެ. ބާބިލް ބުނި ގޮތުންނަމަ ކައިވެނީގެ ކަންތައްތައް ރަނގަޅު ނަމަވެސް އިތުރައް އެހާ ދިގު ޗުއްޓީ އެއް ނަގައިގެން ހުރުމުގެ އެހާ ބޮޑު ބޭނުމެއް ނެތުމުންނެވެ. އަދި އައްޒަހްރާ އަށް އެހީވުމަށް ލޯބިކުރާ ކަން ފައުޅު ކޮށްދިނެވެ.

"ކޮބާތަ އެއްކަލަ މަންޖެ؟އެ ކުއްޖާގެ މޫނުކޮޅުވެސް ނުފެނޭ ދުވަހަކުވެސް....ވަރަށް ރީތި ތަ؟ އާއްމު ގޮތެއްގައި އެކަހަލަ ކުދީން ވަރަށް ރީތިވާނެ..." ސަކީނާ ހުރީ އަހެދްގެ މޫނު ދެކިލާ ހިތުން ކެތްމަދުވެފައެވެ. މިއަދު ގެ ހަވީރުގެ ޒިޔާރަތް ކުރުމުގެ މަގްސަދަކީ ވެސް އަހެދް ގެ މުނު ދެކިލުން ކަމަށް ސަކީނާ ހުރީ ނިންމައިގެންނެވެ.

" އަހެދް ވަރަށް ވަރުބަލިވެގެން ނިދިފަ އޮތީ....މި ކޮން ކުއްޖެއް މި ޓީވީގަ؟" އައްޒަހްރާ ބެލީ އަވަހަށް ވާހަކަ އޮޅުވާލެވޭތޯއެވެ. ސަކީނާއަށް އަހެދް ގެ މޫނު ފެންނަން އޭނަ ދުވަހަކު ނޭދޭ ފަދަ ބަސްތައް ހިތައް ވެރިކުރުވުނީ ސަކީނާގެ މިޒާޖު ހުންން ގޮތުންވެސްމެއެވެ.

"ތީ މޮޑެލި ކުއްޖެ......ވަރަށް ރީއްޗަށް ލަވަ ކިޔާނެ....ވަރަށް ރީތި ދޯ....މިކަހަލަ ރީތި ކުއްޖެއް ގެނެސްބަލަ މިގެއަށް........" ފަހު ޖުމްލަ ސަކީނާ ބުނެލީ އަލްބާންއަށް އިޝާރާތްކުރަމުންނެވެ.

ފޯނަށް ގެއްލިފައި އިނދެވުނު އަލްބާން އަވަހަށް ޓީވީ އަށް ނަޒަރު ހިނގާލުމުން ޓީވީގައި ހުރީ އެލީޒީކަން ފާހަގަ ވިއެވެ.

" މޮޑެލި އަކީ ކޮން އަތޮޅެއްގެ ރަށެއްތަ؟.....ތި ރަށަށް ދާންވީ....." ސަމާސާ ރާގެއްގައި ހެމުން އަލްބާން ބުނެލީ އަވަހަށް ވާހަކަ ބަދަލުވޭތޯއެވެ. ސަކީނާ އަސްލު ބުނަން އުޅުނީ "މޮޑެލް" ކުއްޖެއްކަން އަލްބާން އަށް ރަނގަޅަށް އެނގުނެވެ.

ސަކީނާ އަށް އެއްޗެއް ނުބުނެވެނީސް އައްޒަހްރާ ނުރުހުން ފާޅުކުރިއެވެ. އެލީޒީ އަށް އެއްޗެއް ނުބުނި ނަމަވެސް އަންބަކު އިޚްތިޔާރުކުރާނަމަ ހުންނަން ޖެހޭ ދީނީ ސިފަތައް ކިޔައިދޭން ފެށިއެވެ. ޒަވިޔާ ވެސް އެތަންވަޅުގައި ސިޓިން ރޫމަށް ނިކުމެ ކުޑަ ވާހަކަ އެއްދައްކާލަން ބޭނުންވާކަމުގައި ބުނެލިއެވެ. އަދި މާހްޒަބީން ފެނުމުން މާހްޒަބީންވެސް އައުމަށް އެދުނެވެ. އަވަދިނެތި ކެއުމުގައި ހުރި ސަކީނާ އަށް ނުގޮވުމުން ހުރީ ތުން ދަމާލާފައެވެ.

***

އައްޒަހްރާ ކަންބޮޑުވެފައި ހުރީ ޒަވިޔާ އެހާ ހާސްވެފައި ހުރިކަން އިހުސާސްވުމުންނެވެ.

" އަހަރެން ކައިވެނި ކުރަން ބޭނުން.... " ޒަވިޔާ އަށް ވަރަށް އަވަސްކަމާއެކު ބުނެ ނިންމާލިއެވެ.

" އަސްލުގަވެސް ތަ....އަހެދް އާ ކައިވެނި ކުރަން ބޭނުމީތަ؟" އައްޒަހްރާގެ ހިތުގައި އޮތް ވާހަކަ ދުލުން ބެރުކޮށްލެވުނީ އެއްވެސް ވިސްނުމަކާއި ނުލައެވެ. ޒަވިޔާގެ މޫނަށް ވެރިވީ ކުލަވަރު ފެނުމުން މާހްޒަބީން އޭނާގެ މަންމަގެ އަތުގައި ކޮށްޓާލީ ޒަވިޔާ ބުންނަ ބޭނުން ވާ ވާހަކައަށް ފުރުސްތެއް ދިނުމަށެވެ.

"އަހެދް އެއް ނޫން.....މައިރާ.....މައިރާ ވިލްދާން............." އަހެދް ގެ ނަން ކިޔާލީވެސް ވަރަށް ފޫހި ކަމާއެކު ނަމަވެސް މައިރާގެ ނަން ބުނެލި ވަގުތު އެ މޫނަށް ވެރިކުރުވީ ޗާލު ހިނިތުންވުމެކެވެ.

"ސަޙަރް ގެ މައިރާ ތަ؟.....ހާދަ ރަނގަޅު އާއިލާ އެކޭ....މައިރާ އަކީވެސް ޑޮކްޓަރެއްދޯ....ސަޙަރް ވަރަށް ހިތްހެޔޮވާނެ...މައިރާ ނުދެކޭތާ އެކަމަކު ހާދަ ގިނަ ދުވަހެއް ވެއްޖެއޭ....ފޮޓޯއެއް ނަމަވެސް ދައްކާލަބަލަ....." މާހްޒަބީން އަށް އެ ހަބަރު ލިބުމުން އިންތިހާއަށް އުފާވިއެވެ. މާހްޒަބީން އަށް ސަޙަރް އެނގެނީ އޭނާގެ ފިރިމީހާ އާއި އެ އާއިލާ އާއި އޮންނަ ގާތްތިމާގެ ކަމެއްގެ ސަބަބުންނެވެ. އައްޒަހްރާ އަށް ވެސް ޒަވިޔާ ދިން އެ ޙަބަރު ވަރަށް ކަމުދިޔައެވެ. އަހެދް އާއި ކައިވެނި ކުރަން ޒަވިޔާ ބޭނުން ނުވިޔަސް ޒަވިޔާ ގެ އަމިއްލަ ނިންމުމާ ދޭތެރޭ އައްޒަހްރާވެސް ހުރީ އުފާވެފައެވެ. އަދި ކައިވެނި ލަސްނުކޮށް ކުރުމަށް ވާހަކަ ދެއްކިއެވެ. މާދަމާ ރޭގައި ނަމަވެސް އެ ގެއަށް ދާން ރޭވީވެސް މިހެންވެއެވެ. މައިރާ ދެކެފައި ނުވުމުން އައްޒަހްރާ ވެސް މާޙްޒަބީން ފަދައިން އެދުނީ ފޮޓޯއެއްވިޔަސް ދައްކާލުމަށެވެ. ނަމަވެސް ޒަވިޔާ ބޭނުންވީ އެގެއަށް ގޮސް މައިރާ ހަމަ ލޮލުން ބަލައި ދިމާވެލުމަށެވެ. އައްޒަހްރާގެ ހިތައް ފިނިކަން އިހުސާސްވީ ޒަވިޔާގެ މޫނު މަތީން ފެންނަމުންދިޔަ އުފާވެރިކަން ފެނުމުންނެވެ. އައްޒަހްރާގެ ފިރހެން ދަރީންނާއި މެދު އަބަދުވެސް ކަންބޮޑުވާ އެއް ކަމަކީ ކައިވެންޏެއް ނުކޮށް ތިބޭ ތިބުމެވެ. މި ޙަބަރުން ޝުކުރުގެ ސަޖިދައެއްވެސް ޖަހައިލަން އައްޒަހްރާ ހުރީ ކެތްމަދުވެފައެވެ. ޒަވިޔާ އަށްވެސް ހީވީ ބޮލުން އެތައް ޓަނެއްގެ ބަރުތަކެއް އުފުލުނުހެންނެވެ. މައިރާ އާއި ކައިވެނި ކުރަން ބުނެވުނުލެއް މިޔަށްވުރެ އަވަސް ކުރެވުނު ނަމައޭ ވެސް ހިތް ބުނަމުން ދިޔައެވެ.

***

ޖޫރީ އާއި އަލްބާން އަމިއްލަ ވާހަކައެއް ތެރޭގައި ތިބި އިރު ސަކީނާ އަވަހަށް ފުރުސަތުގެ ބޭނުން ކޮށް ދިޔއީ އަހެދް ގެ ކޮޓަރިއާއި ދިމާއަށެވެ. އަހެދް ނިދާފައި އޮތް ވާހަކަ އައްޒަހްރާ ބުނިކަން ހަނދާންވެ އަހެދް ގެ މޫނު ދެކެލަން ސަކީނާގެ ހިތް އެދެމުން ދިޔައެވެ. ސަކީނާ ގެ މިޒާޖުގައި އަބަދުވެސް މީހުން ކުރާ ކަންތަކާއި އެހެން މީހުންގެ ކަންތައްތައް ބަލައި ހޯދުމަށް ވަރަށް ޝައުގުވެރިކަން ހުރެއެވެ.

ބަރުހެލި ފިޔަވަޅުތައް ސިއްރުވެރިކޮށް އަޅަމުން ގޮސް އެ ދޮރު ކައިރީ ހުއްޓުނުތަނާ ސަކީނާ އަށް ގޮވާލީ މުރުތަސިމް އެވެ. ސިއްސައިގެން ދިޔަ ސަކީނާ އަށް ލިބުނު ހައިރާންކަމުން ނުވެއްޓުނީވެސް ކިރިޔާއެވެ.

"ޔާ ރައްބީ........ކޮންތަނަކުންތަ މުރުތަސިމް ތި ފާޅުވީ.....ކިރިޔާއެއްނު މަ ހާޓް ކޭކެއް ނުޖެހުނީ...." މޭމަތީގައި އަތް އަޅާލަމުން ސަކީނާ ވަރަށް އާޓުބޮޑުކޮށް ބުނެލިއެވެ.

މުރުތަސިމް އަށް ސަކީނާ އަށް ވީގޮތް ފެނި ހެވެނު ނަމަވެސް ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ. ޖޫރީ އަށްވެސް ސަކީނާ އިނގިރޭސި ލަފުޒުތައް ކިޔާލީމަ މަޖާ ވާ ސަބަބު މުރުތަސިމް އަށް ވިސްނުނެވެ.

ހަމަ އެވަގުތު އަހެދް ވެސް ބޭރަށް ނިކުމެލީ އައިސް ފެން ފޮދެއް ބަލައި ބަދިގެއަށް ދިޔުމަށެވެ. އަހެދް ވެސް ކުޑަކޮށް ސިހުނީ ދޮރު ކައިރީ ސަކީނާ އާއި މުރުތަސިމް ތިބުމުންނެވެ. ސަކީނާ އެހާ ފަލަކޮށް ހުރުމުން ދޮރުން ނިކުމެލަން ޖާގައެއް ނުލިބިފައި އަހެދް އަށް ހުރެވުނީ ވަރަށް ރަކިވެފައެވެ. މޫނު އަޅައިގެން ހުއްޓަސް އިސް ޖަހާލައިގެން ހުރުމުން މުރުތަސިމް އަށް އެކަން ދެނެގަނެވުނެވެ. ސަކީނާ އަތުގައި ހިފައިގެން ކުޑަކޮށް ދުރަށް ޖެހެލީވެސް ދެނެވެ. އަހެދް ބަދިގެ އާއި ދިމާއަށް ދާން ހެދުމުން އަވަހަށް ސަކީނާ ބެލީ އަހެދް ފަހަތުން ދިޔުމަށެވެ. ސަކީނާ ހުއްޓުވުމަށް މުރުތަސިމް ވެސް ދިޔައީ ފަހަތުންނެވެ. ނަމަވެސް ޓީވީ ގައި ހުރި މަންޒަރުން ފިޔަވަޅުތައް އެހިސާބަށް މަޑު ޖެހެލިއެވެ.

" ޝީ އިޒް ރިއަލީ ޕްރިޓީ....އައި ވިޝް އައި ލުކްޑް އޭޒް ގުޑް އޭޒް ހާ..." ޖޫރީ ދިޔައީ އެލީޒީގެ ރިތިކަމަށް ތައުރީފުކުރަމުންނެވެ. ޖޫރީއަށް ވެސް އެފަދަ ރީތިކަމެއް ލިބޭނެ ނަމައޭ ބުނަމުންނެވެ. އަލްބާން ހުރީ ފޯނަށް ގެއްލިފައިކަމުން ޖޫރީ ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެއެވެ.

" ޖޫރީ މާ ރީތި..." މުރުތަސިމް ޖޫރީ އަށް ބުނެލީ ވަރަށް ލޯބިންނެވެ. މިއަދު އެހާ ރުޅިއައިސް ގެން ޖޫރީއަށް އެއްޗިހި ކިޔުނީމަ މުރުތަސިމް ހުރީ ވަރަށް ދެރަވެފައެވެ. މުރުތަސިމް ބުނި އެއްޗެއް އަޑު ނީވޭ ކަމަށް ހަދައި ޖޫރީ ތުން ދަމާލިއެވެ. ސޯފާގައި ޖޫރީ ކައިރީ އިށީނދެ މުރުތަސިމް މާފަށްވެސް އެދުނެވެ.

"އައި އެކްސެޕްޓް ސޮރީ އިން ކޭޝް އޮންލީ...." ރުފިޔާ ދިނުމުން ނޫނީ މުރުތަސިމްގެ މާފު ގަބޫލު ނުކުރެވޭނޭ ކަމަށް ޖޫރީ އެންގީ ސަމާސާގޮތަކަށެވެ.

" ޖޫރީ މިހާރު ހާދަ މުއްސަނދި ވާނެ އޭ.....ކޮންމެ ދުވަހަކު އަލްބާން އަތުން ވެސް އެތައް ރުފިޔާ އެއް ސޮރީ ނަމުގައި ލިބޭނެ ވިއްޔާ..." މުރުތަސިމް އަށް ހެވުނެވެ.

"ނޫނޭ....ލިބޭ ހުރިހާ ލާރިކޮޅެއް ލޯނުގެ ގޮތުގައި ނަގަނީ ކުޑަބެ....މިހާރުވެސް މިލިޔަނަކަށް ދަރާފަ ކަންނޭނގެ އެހެރީ...." ޖޫރީ އަލްބާނަށް ގަދަޔަށް ލޯ އަޅާލައިފިއެވެ.

" ޖޫރީ ދެން މަހުޖަނެއް ވިމަ ތި ލޯނު މާފުކޮށްލަދީބަލަ.....ކުޑަބެ މި ނިކަމެތި ފަގީރެއްނު..." އަލްބާން ސަމާސާކޮށްލިއެވެ.

ތިން ބެއިންގެ ސަމާސާ މެދުކެނޑުނީ އަހެދް ގެ އަވަސް ފިޔަވަޅުތަކުގެ އަޑު އިވުމުންނެވެ. އަވަހަށް ކޮޓަރިއާއި ދިމާއަށް ދިޔަ އަހެދް އަށް އެންމެންގެ މޫނު އެނބުރުނެވެ.

"އެއީ ހަމަ ފީރޯޒާ....ހާދަ ވައްތަރޭ..." ސަކީނާގެ އަޑު ކަންފަތުގައި ޖެހުމުން މުރުތަސިމް އަށް އުނދަގޫ އިހުސާސެއް ކުރެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު