ކާނާ ނުލިބުމުގެ ނުރައްކާތެރިކަން ޣައްޒާގައި ވަނީ އިތުރުވެފައި: އދ

އދ ގެ އިންސާނީ ހައްގުތަކާބެހޭ އިދާރާ، އޯސީއެޗްއޭގެ ތަރުޖަމާނު ސްޓެފަން ޑޫޖަރިކް -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ކާނާ ނުލިބުމުގެ ނުރައްކާތެރިކަން އިތުރުވެފައިވާ ކަމަށް އދ އިން ބުނެފިއެވެ.

އދ ގެ އިންސާނީ ހައްގުތަކާބެހޭ އިދާރާ، އޯސީއެޗްއޭގެ ތަރުޖަމާނު ސްޓެފަން ޑޫޖަރިކް ވިދާޅުވީ ހަނގުރާމައަށް ހަތަރު މަސް ދުވަސް ފާއިތުވެގޮސްފައިވާއިރު، ޣައްޒާގައި ކާބޯތަކެތީގެ ދަތިކަމާއި ސިއްހީ ހިދުމަތްތައް ކެނޑުމާއި ފެނާއި ސާފުތާހިރުކަމާއި ސާފުތާހިރުކަމަށް އެކަށީގެންވާ ވަސީލަތްތައް ނެތުމުން ފަސް އަހަރުން ދަށުގެ ކުދިންގެ އިތުރުން މާބަނޑު އަދި ގާތުން ކިރުދޭ އަންހެނުންނަށް ކާނާއާއި ނިއުޓްރިޝަން ލިބުން ދަތިވުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

ޣައްޒާގައި ތިބި ފަސް އަހަރުން ދަށުގެ 42،000 ކުދިންނަށާއި، ގާތްގަޑަލަށް 4،000 މާބަނޑު އަދި ގާތުންދޭ މައިންނަށް ބޭނުންވާ ސަޕްލިމެންޓްރީ ނިއުޓްރީޝަން ބަހައިފައިވާ ކަމަށް އެ އިދާރާއިން މިދިޔަ ހަފުތާ ވަނީ ބުނެފައެވެ.

ކަނާ ނުލިބުމުގެ ނުރައްކާ ޣައްޒާގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެ އަދަދު ވަނީ ހަނގުރާމައިގެ ކުރިން ރެކޯޑުކޮށްފައިވާ ރޭޓާ އަޅައި ބަލާއިރު 12 ގުނައި އިތުރުވެފައި ކަމަށް ވެސް އޯސީއެޗްއޭއިން ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލު ފައުޖުތަކުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށްދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 27،700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަަޚަމުވި މީހުންގެ އަދަދު ވަނީ 67،174 އަށް އުފުލިފައެވެ.

ސާފު ބޯފެނާއި ކާނާއާއި، ބޭސް ފަރުވާ ވެސް ނުލިބޭ ހާލަތުގައި އޮތް ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ވަނީ އެ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލަން މަޖޫބޫރުވެފައެވެ.

comment ކޮމެންޓް