"ކޮން ކުއްޖެއް؟" ގޭގެ ދޮރުން ނުކުންނަމުން ފިރިހެނަކު ސުވާލުކޮށްލިއެވެ. ރާދިން ފެނުމާއެކު އޭނާ ހުއްޓުން އެރިއެވެ.

ކުއްލިއަކަށް އެމީހާ ހުއްޓުން އެރި ގޮތުންނާއި، މޫނުމަތިން ފެނުނު އަސަރުތަކުން އެމީހަކަށް އޭނާ އެނގޭކަން ދެނެގަންނާކަށް ރާދިންއަށް އުދަގުލެއް ނުވިއެވެ. އިރުކޮޅަކު އެގޮތަށް ހުއްޓުން އަރާފައި ހުރުމަށްފަހު، އިތުރު ސުވާލެއް ކުރުމެއްނެތި އޭނާ ރާދިންއާ ވާހަކަ ދެއްކިއެވެ.

"އެތެރެއަށް ވަދޭ…" އެއީ މެދު އުމުރަށްވުރެ މައްޗަށް ގޮސްފައިވާ މީހެއްކަން ބަލާބެލުމަށް އެނގެއެވެ. ހީވަނީ ސާޅީހަކަށް އަހަރުވެދާނެހެންނެވެ. އެހެންނަމަވެސް، އެ އުމުރުގެ މީހަކާ އަޅާބަލާއިރު އޭނާގެ އިސްތަށިގަނޑު ވަރުގަދަވެފައި ކަޅެވެ. އިސްތަށިގަނޑާއި ކޮންމެވެސް ވަރަކަށް ދިގުކޮށްލާފައި ތުބުޅީގައިވެސް ހުދު އިސްތަށި ވަރަށް މަދެވެ. ލާފައިހުރީ ކަޅު ކުލައިގެ ފަޓުލޫނަކާއި، ގޮޅި ޖެހި ނޫކުލައިގެ ގަމީހެކެވެ.

ރާދިން، ކޮނޑުގައި އޮތް ދަބަސް ރަނގަޅު ކޮށްލަމުން އެތެރެއަށް ވަދެލިއެވެ. އާދައިގެ ސިޓިންރޫމެކެވެ. "އެލް" އެއްގެ ބައްޓަމަށް ހުރި ސޯފާއެއްގެ އިތުުރުން ފާރުގައި ފަންސާސް ދެ އިންޗީގެ ޓީވީއެއް ހަރުކޮށްފައި ހުރިއިރު، ސަރަންފީ ދެ ގޮނޑިވެސް ހުއްޓެވެ. އޭގެ އިތުރުން އެއްފަރާތުގައި މޭޒެއްގެ މަތީގައި، ލެޕްޓޮޮޕަކާއި ފޮތްތަކެއް ހުއްޓެވެ. ހީވާ ގޮތުން އެއީ ކުދިން ކިޔަވަން ބޭނުން ކުރާ މޭޒެވެ. ފޮތްތައް އަޅާފައި ދެ ކަބަޑުވެސް ހުއްޓެވެ.

"އިށީނދޭ…" ރާދިންއަށް ސޯފާ ދައްކާލާފައި އިށީނުމަށް އިޝާރާތްކޮށްލަމުން އެ ފިރިހެން މީހާ ބުނެލިއެވެ. ރާދިން އިށީނުމާއެކު، އޭނަވެސް އިށީނދެލިއެވެ. އެއަށްފަހު އޭނާ ވަރަށް ފުންކޮށް ރާދިންއަށް ބަލާލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލި ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ވަރަށް ފުން ސިއްރުވެރި މާނަތަކެއް ވާކަން ދެނެގަންނަން ރާދިންއަށް އުނދަގުލެއް ނުވިއެވެ.

"އަޅުގަނޑު އެނގޭތޯ… ކިހިނެއް؟" ރާދިންއަށް ހައިރާންވެފައި ސުވާލުލޮށްލެވުނެވެ. އެއީ އަނެއްކާ މައާލްގެ ބައްޕަ ޒުހުރީ ބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެހެންނަމަވެސް، އެ ސުވާލު ކޮށްލާކަށް އޭނާއަކަށް ނުކެރުނެވެ. ހިމޭންކަމުގައި ރާދިން ދެން އިންތިޒާރުކުރީ އެ ފިރިހެންމީހާ ޖަވާބު ދޭނެ އިރަކަށެވެ.

"މަޑުކޮށްލާ… މި އަންނަނީ…" އެހެން ބުނެލާފައި އެ ފިރިހެންމީހާ ގޮސް ވަނީ ކޮޓަރިއަކަށެވެ. އިރުކޮޅަކުން އޭނައައި އިރު އެ އަތުގައި އަލްބަމަކާއި ސިޓީއުރައެއް އޮތެވެ. އެ އެއްޗެހި ހިފައިގެން އައިސް އިށީން ވަގުތު އަންހެން މީހަކު ވެސް ސިޓިން ރޫމަށް ނުކުމެއްޖެއެވެ.

"ސޯފީ… ދޭބަލަ ޖޫސްތައްޓަކާއި ކާނެ އެއްޗެއް ގެންނަން." އެ ފިރިހެންމީހާ އެހެން ބުނުމުން ރާދިންވެސް ސޯފީއާ ދިމާލަށް ބަލާލިއެވެ. އެއާއެކު ސޯފީ ހިނިތުންވެލުމަށްފަހު، އޭނާ ބަދިގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އެގޭގައި ބަދިގެ ހުންނަނީ ގެއާ ވަކިންނެވެ. ސޯފީ ހިނގައިގަތުމުންވެސް، ރާދިންއަށް އެ ދިމާލަށް ބެލެމުންދިޔައެވެ. އެއީ އަނެއްކާ މި ފިރިހެން މީހާގެ އަންހެނުން ހެއްޔެވެ؟ އެފަދަ ޚިޔާލުތަކެއްގައި ރާދިން އިންދާ އެ ފިރިހެންމީހާ ރާދިންއަތަށް ސިޓީ އުރައާއި އަލްބަމް ދިއްކޮށްލިއެެވެ. އެ އެއްޗެހީގައި ހިފަމުން އޭނާ އެ ފިރިހެން މީހާއަށް ބަލާލިއެވެ. ލޮލުގެ އިޝާރާތުން އެ އެއްޗެހި ހުޅުވުމަށް އޭނަ ރާދިންއަށް އިޝާރާތްކޮށްލުމާއެކު ރާދިން އެންމެ ފުރަަތަމަ ހުޅުވާލީ ސިޓީއުރައެވެ.

އޭގައި ހުރި އެއްޗެހި ނަގަމުން ރާދިން އެ އެއްޗެއްޗަށް ރަނގަޅަށް ބަލާލިއެވެ. އެއީ ފޮޓޯތަކެކެވެ. އެމީހުންގެ ކައިވެނީގެ ދުވަހުގެ ފޮޓޯތަކެވެ. މައާލްއާ އޭނާގެ ފޮޓޯގެ އިތުރުން ހަމައެކަނި މައާލްގެ އިތުރު ފޮޓޯތައްވެސް އޭގައި ހުއްޓެވެ.

"އަހަންނަށް ރާދިން އެނގެނީ ތިގޮތަށް." ހައިރާންކަމާއެކު، ރާދިން އެ ފިރިހެން މީހާއަށް ބަލާލުމާއެކު، އޭނަ ވާހަކަ ދެއްކީ ލުއިކޮށް ހިނިތުންވެލައިގެން އިނދެއެވެ.

"ތިއީ… ތިއީ.. މައާލް… މައާލްގެ…" ރާދިންއަށް ޖުމްލަތައް އަތުރާލަން ފަސޭހަކަމަކަށް ނުވިއެވެ. އޭނާ އަޅައަޅައިގަންނަމުން ވާހަކަ ދައްކަން ފެށުމާއެކު އެ ފިރިހެންމީހާ ބޯ ޖަހާލާފައި ވާހަކަ ދެއްކިއެވެ.

"އާނ… މިއީ މައާލްގެ ބައްޕަ… އަހަރެންގެ ނަމަކީ ޒުހުރީ…" ޒުހުރީ ރާދިންއަށް ތަޢާރަފްވެލިއެވެ.

"އައުމުގެ ކުދިން ޒާހިދާ ރާދިންއާ ދެމެދު ވާހަކަ ދެކެވުނުކަން އަހަންނަށް އެނގޭ… އެހެންވީމަ އަހަރެން ނުފެނުނަސް ނަން އަޑު އިވިފަ ދޯ އޮންނާނީ… ރާދިން ލަންޑަންގައި ހުރެފައި މިކޮޅަށް އައުމުގެ ކުރިންވެސް ރާދިން ބުނެގެން ޒާހިދު އަހަންނާ ވާހަކަ ދެއްކި. ބުނި ރާދިން ބުނި ވާހަކަ ލަންޑަނުން އަންނަ ގޮތަށް އައިސް މިކޮޅަށް އަންނާނެ ވާހަކަ. އޭގެ ފަހުން އަދި ހަފްތާއެއް ވެސް ނުވާނެ. އެހާ އަވަހަށް ރާދިން ފެނުނީމަ އަހަރެން ހައިރާންވީ…" ރާދިންގެ ހިތުގައިވީ ބައެއް ސުވާލުތަކަށް ޒުހުރީ ޖަވާބު ދިނެވެ.

"ދެން... އެއީ ކާކު؟ އެއީ.." ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ރާދިން ވާހަކަ ދެއްކި ނަމަވެސް، މައާލްގެ މައިންބަފައިންގެ ހަޤީގަތް އެންމެ ފުރަތަމަ އެނގިގެން އޭނާ މުނީރާ ވާހަކަ ދެއްކި ދުވަހު މުނީރު ބުނެލި ވާހަކަ ރާދިންގެ ހަނދާނަަށް އައުމާއެކު، ވާހަކަ ދައްކަން އުނދަގޫވާގޮތްވިއެވެ. އޭނާގެ ދުލުގައި ހީވަނީ ތަޅެއް ލެވިފައިވާ ހެންނެވެ. ރާދިން އެ ބުނަން އުޅޭ އެއްޗެއް މިފަހަރުވެސް ޒުހުރީއަށް ފަހުމްވިއެވެ. ރާދިންގެ ހިތުގައި އެފަދަ ސުވާލުތަކެއް އުފެދާނެކަންވެސް އޭނާއަށް އެނގެއެވެ. އަދި އެއީ ކީއްވެގެންކަން ވެސް އެނގެއެވެ.

"އެއީ އަހަރެންގެ ކޮއްކޮ ސޯފިޔާ. ރާދިންއާ އެންމެ ފުރަތަމަ ދިމާވީ އޭނަގެ ދަރިފުޅު." ޒުހުރީ ޖަވާބު ދިނެވެ.

"ރާދިން ބޭނުންވާ ވަރަށް ގިނަ ސުވާލުގެ ޖަވާބު ތި އަލްބަމުން ލިބޭނެ." އޭނަ ވާހަކަ ދެއްކުމާއެކު ރާދިން ސިޓީ އުރަ ބަހައްޓާފައި ދެން ހުޅުވާލީ އަލްބަމެވެ. އޭނާ ފޮޓޯތައް ބަލަން ފެށިއެވެ. އޭގައި ޒުހުރީ އާއި މައާލްގެ މަންމަގެ ފޮޓޯތައްވެސް ހުއްޓެވެ. އެ ދެމީހުންގެ ކައިވެނީގެ ފޮޓޯތަކުން ފެށިގެން ގޮސް މައާލްގެ މަންމަ ބަނޑު ބޮޑުއިރުގެ ފޮޓޯތަށްވެސް ހުއްޓެވެ. އެއީ ރީތި ދޮން އަންހެނެކެވެ. ބަލާބެލުމަށް ރާއްޖެ ވައްތަރެއް ނުޖަހައެވެ. ރަނގަޅަށް ބަލާލުމާއެކު، މައާލްއާ އެ އަންހެންމީހާއާ ހުރި އެއްގޮތްކަމާއި، ވައްތަރުކަން ރާދިންއަށް ފާހަގަވިއެވެ. އޭގެ އިތުރުންދެން އޭނާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އެ އަންހެން މީހާގެ "އެންބަރ" ކުލައިގެ ދެލޮލެވެ. މައާލްގެ ދެލޮލާ އެއްވެސް ތަފާތެއް ނެތެވެ. ހަމަ އެ ދެލޮލުގައި އެ ހުންނަ ވިދުމާއި މަހިނޫރުގެ ޖާދޫ އެ ދެލޮލުގައިވެސް ވާ ފަދައެވެ.

"މައާލްގެ މަންމަ ނިޔާވިކަން އަޅުގަނޑަށް އެނގޭ…" ރާދިން ޒުހުރީއަށް ބަލާލިއެވެ.

"މައާލްގެ މަންމައަކީ ޖޯޑަން މީހެއް. ނަމަކީ މަޝާރާ… މައާލްއަށް ލިބިފައިވާ ގިނަ ސިފަތަކަކީ މަޝާރާގެ ފަރާތުން ވާރުތަވެފައިވާ ސިފަތެއް. މައާލްގެ ދެލޮލާ މައާލްގެ ހަމުގެ ކުލައާ މައާލްގެ ރީތިކަން މައާލްއަށް ލިބުނީ މަޝާރާގެ ފަރާތުން. އެހެންނަމަވެސް މައާލްގެ ކަޅުކަން ގަދަ އިސްތަށިގަނޑު އެއީ އަހަރެންގެ ފަރާތުން ލިބުނު ސިފައެއް. މައާލްގެ މަންމަ... މައާލްގެ މަންމަ ނިޔާވުމަށްފަހު، އެހެން މީހަކާއި އަހަރެން ކައިވެންޏެއް ނުކުރަން." ޒުހުރީގެ އަޑުގައި ވޭން ވި ނަމަވެސް، އެވާހަކަތައް ދައްކަމުން ދިޔައިރު އޭނާގެ ތުންފަތް މައްޗަށް ވަނީ ހިނިތުންވުމެއް ވެރިކޮށްލާފައެވެ. ރާދިން އެ އަލްބަމްގައި ހުރި ހުރިހާ ފޮޓޯތަކެއް ބެލިއެވެ. މައާލް އެންމެ ކުޑައިރުން ފަށައިގެން މިއަދާ ހިސާބަށް ވެސް މައާލްގެ ފޮޓޯތައް އޭގައި ހުއްޓެވެ. އެކަމުން ރާދިން ހައިރާންވެސް ވިއެވެ.

"މައާލްގެ މަންމައާއި ބައްޕަ ފެނުމުން ތި ހުރިހާ ކަމެއް އަޅުގަނޑަށް ސާފުވެއްޖެ." ރާދިން ބުނެލިއެވެ. ޒުހުރީ ހިނިތުންވެލިއެވެ.

"ބޭބެ… ބައްޕަ…" ރާދިން މަޑުޖެހިލިއެވެ.

"ކުރިއަށް ގެންދޭ..ބައްޕަ ކިޔަސް މައްސަލައެއްނެތް. މިހާރު މީ ރާދިންގެ ވެސް ބައްޕަ." ޒުހުރީ ބުނެލިއެވެ.

"ބައްޕަ… ކީއްވެގެންތޯ މައާލް ފެންނަ ހިސާބަށް ދާން ބޭނުން ނުވަނީ؟ ކީއްވެ މައާލްއަށް ހަޤީގަތް ކިޔައިދޭން ބޭނުންނުވަނީ؟ މި ހުރިހާ ފޮޓޯތަކެއް ފެނުމުން މައާލް ދެކެ ބައްޕަ ލޯބިވާކަމަށް ޝައްކު ކުރެވޭނެ އެއްވެސް ޖާގައެއް ނެތް. ދެން ކީއްވެ؟ މައާލްގެ ދިރިއުޅުމުގެ އެންމެ މުހިންމު ނިންމުން ނިންމި ދުވަހު ކީއްވެ އެޓްލީސްޓް މައާލް ދެކިލަން ނުދިޔައީ؟" ރާދިންއަށް ސުވާލުކޮށްލެވުނެވެ. އެހިތުގައި އުފެދުނު ޝަކުވާތަކާއި ސުވާލުތައް އޭނާ ޒުހުރީގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ.

"ބައްޕައަށް މައާލްގެ ގާތުގައި ނުހުރެވުނަސް، މައާލްގެ ދިރިއުޅުމުގެ ހުރިހާކަމެއް ބައްޕައަށް އެނގޭ… ބަރާބަރަށް މައާލްގެ ފޮޓޯތައް ބައްޕައަށް ލިބޭ… އެ ދުވަހު ފޮނުވި ދެވަނަ ހެކިވެރިއަކީ ބައްޕަގެ ފަރާތުން ފޮނުވި މީހެއް. އެ ދުވަހު.... އެ ދުވަހު އެތަނަށް ދިޔުމުގެ ހިތްވަރެއް މި ބައްޕަގެ ގަޔަކު ނެތް. އެހެންވީމަ ނުދިޔައީ..." ޒުހުރީ އިސްޖަހާލިއިރު، އެ އަޑު ކުރެހިގެން ދިޔައެވެ.

"ބައްޕާ… އަޅުގަނޑު މިއައީ ކީއްވެގެންކަން ބައްޕައަށް އެނގިލައްވާނ! އައުމުގެ ކުރިން ޒާހިދު ކައިރީގައި މި ވާހަކަ ބައްޕަކައިރީގައި ނަންގަންނަން އަޅުގަނޑު ބުނިން. މިއައީ މައާލްގެ ކައިރިއަށް ދާން ބައްޕަ ބަލާ… މައާލްއަށްޓަކާ ހަޤީގަތް ކިޔައިދޭން އަޅުގަނޑާއެކު މާލެ ހިންގަވާ… މައާލްއަށް ހަޤީގަތް އެނގުން މުހިންމު ބައްޕާ… ޝާކިރު އަންކަލްއާއި ފަހުމާ އާންޓީއާ ދެމީހުންގެ އެންމެ ބޮޑު އެދުމަކީ މައާލްއަށް ހަޤީގަތް ބައްޕަގެ ފުށުން އެނގުން. އެ ވަސިއްޔަތް ފުރިހަމަކޮށްދެއްވާ!" ރާދިންއަށް އާދޭހުގެ ރާގެއްގައި ބުނެވުނެވެ. ޒުހުރީގެ އަޑުން އޭނާއަށް ވޭން ފާހަގަކުރެވެއެވެ. މައާލްއާ ވަކިވާން ޒުހުރީއަށް ޖެހުނީ ކޮންމެވެސް މަޖުބޫރަކުންހެން ރާދިންއަށް ހީވަނީއެވެ.

"ބައްޕަ ކިހިނެއް... ރާދިން…" އެ ހިސާބަށް ބުނެވުނުތަނާ ސޯފިޔާ ޖޫސް ހިފައިގެން އަތުވެއްޖެއެވެ. ފެނުނު މީހަކާ ރާދިން ވައްތަރުވިނަމަވެސް، އެ ތަނުގައި ދެކެވެމުން ދިޔަ ވާހަކައިގެ ސީރިއަސްކަން އެ ދެމީހުންގެ މޫނުމަތިން ފެނުނު އަސަރުތަކުން ފަހުމްވުމާއެކު، މަޑުކުރާކަށް ސޯފިޔާއަކަށް ނުކެރުނެވެ. އޭނާ އެ އެއްޗެހި ބަހައްޓާފައި އަވަސްއަވަހަށް ދިޔައީ އެހެންވެގެންނެވެ. އެހެންނަމަވެސް، އޭރުވެސް އޭނާއަށް ވިސްނެމުން ދިޔައީ ރާދިންއާ މެދުގައެވެ. ރާދިން އޭނާއަށް ފެނުނީ ކޮންތާކުންބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ.

"ބައްޕާ… އަޅުގަނޑަށް ހުރިހާ ވާހަކައެއް ކިޔައިދެއްވާ…" ރާދިން އުންމީދުން ފުރިގެންވީ ގޮތަކަށް ޒުހުރީއަށް ބަލާލިއެވެ. ޒުހުރީ އިސްޖަހާލައިގެން އިނދެފައި އިސް އުފުލާލިއިރު އޭނާގެ ލޮލުގައި ކަރުނައިގެ އަސަރުވެއެވެ.

"ބައްޕަ ކިހިނެއް މައާލްއާ ކުރިމަތިލާނީ؟ ކީކޭ ކިޔާފަ؟ މީ މައާލްގެ ބައްޕައޭ ކިޔާފަ؟ މައާލް ގަބޫލުކުރާނެތަ؟ އުމުރުން މިވީހާ ދުވަކު މައާލްގެ ކުރިމައްޗަށް ނާރާ ހުރެފަ މިއަދު މައާލްގެ ކުރިމައްޗަށް ދިޔައިމަ މައާލް ބައްޕައަށް ނަފްރަތެއް ނުކުރާނެތަ؟ މިހުރިހާ ދުވަހު މައާލް ގެންގުޅުނީ މައާލްއާ އެއްވެސް ގުޅުމެއް ނެތް ބަޔެއްކަން އެނގުމުން މައާލްއަށް ހާދަ އަސަރެއް ކުރާނެޔޭ! އެހިތުގައި ހާދަ ޝަކުވާއެއް އުފެދޭނެއޭ." ޒުހުރީއަށް ދެލޯ ފުހެލަމުން ބުނެވުނެވެ.

"މައާލްއަށް ވިސްނޭނެ. ބައްޕަގެ ތި ކަރުނަތައް އެތައް ވާހަކައެއް އެބަ ބުނެދޭ… ދުރުގައި ހުރީ ބޮޑު ސަބަބެއް އެކަމުގައި ފޮރުވިފައިވާތީކަމުގައި ތި ކަރުނަތައް އެބަ ބުނެދޭ…" ރާދިންއަށް ބުނެވުނެވެ. އެ ވާހަކަތައް ދައްކަމުން ދިޔައިރު ޒުހުރީއަށް ވަމުން ދިޔަ ގޮތުން އޭނާއަށްވެސް ވަނީ އަސަރުކޮށްފައެވެ.

"ރާދިން…ބައްޕަ އެންމެ ފުރަތަމަ މަސައްކަތްކުރީ ރިސޯޓެއްގައި. މައާލްގެ މަންމައާ ދިމާވީ އެތަނުން. ދެމީހުން ލޯބިވެ ކައިވެނިކޮށްގެން ބަދަލުވީ މާލެއަށް. އެކުގައި އެތަކެއް ދުވަހު ވަރަށް ލޯބިން އުޅުނިން. ބައްޕަ އޭރު އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރީ ކޮރަޕްޝަންގެ ތުހުމަތު ބައްޕަގެ ބޮލުގައި އެޅުވުމަށްފަހު. އެ މައްސަލައިގައި މަޝާރާގެ އާއިލާ މީހުން ބައްޕައާ ގުޅުން ކަނޑާލީ. އަދި މަޝާރާ ބައްޕަގެ ކައިރިން ވަރި ނުވުމުން މަޝާރާއާއިވެސް ގުޅުން ކަނޑާލި. އޭގެފަހުން އެތައް ތަނަކަށް ވަޒީފާއަށް ލީން. އެންމެ ފަހުން ބައްޕައަށް ޝާކިރުގެ ކުންފުނިން ވަޒީފާ ލިބުނީ. އެންމެ ފުރަތަމަ އެތަނުން ވަޒީފާ ލިބުނީ ފޮޅާ ސާފުކުރާ މީހެއްގެ ވަޒީފާއެއް. އެކަމަކު ކުންފުނީގެ ލިޔުންތަކެއް ވަގަށް ނަގައިގެން ބަޔަކު ކުންފުނި ބަގުރޫޓްކޮށްލަން އުޅެނިކޮށް އެކަންތައް ފަޅާއެރީ ބައްޕައަށް. އެ ވާހަކަ ޝާކިރުއާ ހިސާބަށް ގެންދިޔުމުން އެކަމުގެ ހަޤީގަތް ބެލީ، އޭގެފަހުން ޝާކިރުގެ ވަރަށް ގާތް މީހަކަށް ބައްޕަވީ. އެކަމުގައި ޝާކިރުގެ އެންމެ ކައިރީގައި ހުރި މީހާގެ މައްޗަށް ވެސް ތުހުމަތު ކުރެވި އޭނަ ވަޒީފާއިން ވަކިކޮށް ބައްޕައަށް އެ ވަޒީފާ ޝާކިރު ދިނީ. އޭގެ ފަހުން ބައްޕަ މަސައްކަތް ކުރަމުން ދިޔައީ ޝާކިރުގެ ކުންފުނީގައި. ޝާކިރުގެ އަރިހުގައި. އެއީ ވަރަށް ހިޔްހެޔޮ ރަނގަޅު މީހެއް. އޭނާގެ އަންހެނުން ފަހުމާއާއިވެސް ތަފާތު އެކި ފަހަރުމަތިން ބައްޕައާ ދިމާވި. އެއީވެސް ޝާކިރު ފަދަ ހިތްހެޔޮ މީހެއް. އެ ދެމަފިރިންނަކީ ﷲ އެ ދެމަފިރިންނަށް ދެއްވި މުދަލުން ފަޤީރުންނަށް އެހީތެރިވެ، އޯގާތެރިވި ބައެއް. ކޮންމެ މީހަކަށް ދަތިކަމެއް ކުރިމަތިވީ ނަމަވެސް، އެމީހަކަށް އެހީވޭ… މައާލްއަށް ބަނޑުބޮޑުވެގެން މަޝާރާ ވަރަށް ބޮޑަށް ބަލިވި. ބޭހުގެ ހުރިހާ ކަމެއްވެސް ކޮށްދިނީ ޝާކިރާއި ފަހުމާއާ ދެމީހުން… އެމީހުންނަށް ﷲ ކުރިމަތި ކުރުވީ ވަރުގަދަ އިމްތިޙާނެއް. އެތަކެއްފަހަރަކު ބޭސް ކުރުމަށްފަހުވެސް އެ ދެމަފިރންނަށް ދަރިއަކު ނުލިބުނު. ކުންފުނީގެ ކޮންމެ މީހަކު އަދި މީހެއްގެ އަނތްބަކު ބަނޑުބޮޑުވިނަމަވެސް، އެމީހަކަށް އެމީހުން ވަރަށް އެހީވޭ. ދަރިއަކު ނުލިބުނު ނަމަވެސް، އެކަމުން އެ ދަމފިރިންގެ ހިތަށް އުފާވެރިކަން ލިބޭކަމުގައި އެމީހުން އަބަދުވެސް ބުނޭ…" ޒުހުރީ އޭނާގެ ވާހަކަ މެދު ކަނޑާލިއެވެ. ދެންވީ ގޮތް ހަނދާން ކުރަމުން އޭނާ ރާދިންއަށް ބަލާލިއެވެ.

* * * * * މާޒީ * * * * *

އޮފީހުގައި އުޅެފައި ޒުހުރީ ގެއަށް ދާން ނުކުމެލިއިރު، ހިމަފޮދު ވާރޭ ވެހެމުން ދިޔައެވެ. އޭރު ގަޑިން ހަވީރު ފަހެއް ޖަހާ ބޮޑުވެއްޖެއެވެ. ޒުހުރީގެ މޫނުމަތިން ގެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ. އަތުގައި އޮތް ކުޑަ ހުޅުވާލަމުން އޭނާ ދާތް ކުރިއަށް އެޅި ފިޔަވަޅާއެކު، ފޯނު ރިންގްވިއެވެ.

"މިހާރު މި ދަނީ… ކުޑަ ކުޑަ ވަގުތުކޮޅެއް." ޒުހުރީ އަވަސް އަވަހަށް ބުންޏެވެ. އޭރު އެކޮޅުން ގުޅި މަޝާރާގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. ފޯނު ކެނޑުނީ އެވަގުތެވެ. ދެން ގުޅިއިރު ފޯނު އޮތީ ނިވިފައެވެ. އެކަމުން ޒުހުރީގެ ހާސްކަން ހައްތަހާ އިތުރުވުން ނޫން ގޮތެއްނުވިއެވެ.

"ޒުހުރީ…." ކުއްލިއަކަށް އޭނާގެ ފަހަތުން އިވުނީ ޝާކިރުގެ އަޑެވެ.

"ލައްބަ ސާރ…" ޒުހުރީ ޖަވާބު ދިންނަމަވެސް، އެ އަޑުގައިވަނީ ހާސްކަމެވެ.

"ކިހިނެއްވީ ހާދަ ހާސްވެފަ." ޝާކިރު ސުވާލުކޮށްލިއެވެ.

"އަޅުގަނޑު އަންހެނުން… އަންހެނުން ބަނޑުގައި ރިއްސާތީ އުޅެނީ…" ޒުހުރީއަށް ބުނެވުނެވެ.

"ކީއްވެ ތިހުރީ؟ އަވަހަށް ގެއަށް ދާންވީނު. ކޮބާ ސައިކަލު؟" އެއްފަހަރާ އެތައް ސުވާލެއް ޝާކިރަށް ކޮށްލެވުނެވެ.

"ސައިކަލު ހަލާކުވެގެން ހިނގާފަ މިއަދު އައީވެސް. ޓެކްސީއެއްވެސް ނުލިބޭނެ ކަންނޭނގެ މިގަޑީގައި. އަޅުގަނޑު ދަނީ" ހާސްކަމާއެކު ޒުހުރީއަށް ބުނެވުނެވެ.

"މަޑުކޮށްބަލަ ޒުހުރީ… އަހަރެންނާއެކު ކާރުގައި ހިނގާ." ޒުހުރީއާއި މަޝާރާއަކީ އެކަނި އުޅޭ ދެމަފިރިންކަން އެނގޭތީ ޝާކިރު އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ. އޭނާގެ އެދުމަށް ދެކޮޅު ހެދުމެއްނެތި ޒުހުރީވެސް ގޮސް ކާރަށް އެރީ ވަގުތާއި، ޙާލަތުގެ ނާޒުކު ކަމުންނެވެ. ދާންވީ ތަނުގެ ނަން ބުނެލުމާއެކު، ޝާކިރު ޑްރައިވަރަށް އިޝާރާތްކޮށްލީ އަވަހަށް ދުއްވާލުމަށެވެ.

"އަޅުގަނޑު ހީކުރީ ގެއަށް ދުރުވީކަމަށް." ޒުހުރީ ގަޑިއަށް ބަލާލާފައި ޝާކިރަށް ބަލާލިއެވެ.

"ނޫނޭ. އޭރު އެހެން ކިޔާފައި ކުޑަކަމަކު މަޑުކޮށްލަން ޖެހުނީ." ޝާކިރު ޖަވާބު ދިނެވެ. ޒުހުރީ އުޅޭ ގެއާ ހިސާބަށް އާދެވުމުން، ޒުހުރީއާއެކު ޝާކިރުވެސް ފޭބިއެވެ. އެ ދެމީހުން ގޮސް އެގެއަށް ވަތްއިރު، މަޝާރާ އޭނާގެ ބަނޑުގެ ރިހުމަށް ކެތް ނުކުރެވިގެން ރޮނީއެވެ.

"މަޝާ… ކިހިނެއްވީ؟ މާ ބޮޑަށް ތަދުވަނީތަ؟" ޒުހުރީ ގޮސް އެނދުގައި އޮވެ ތެޅި ފޮޅެމުންދިޔަ މަޝާރާގެ އަތުގައި ހިފައްޓާލަމުން އޭނާ މަސަލަސް ކުރަން އަވަސްވެގަތެވެ.

"ވިހަން… ރިއްސަނީ…" ޔަޤީންކަމާއެކު މަޝާރާ ބުންނެވެ.

"އެކަމަކު ޑޮކްޓަރު ބުނި އަދި ތިން ހަފްތާ އެބަ އޮތޭ…" ޒުހުރީ ހުރީ ހާސްވެފައެވެ.

"ޒުހުރީ. ވަގުތެއް ނެތް. މަޝާރާ ހޮސްޕިޓަލަށް ގެންދަންވީ. މިގުޅަނީ އެންބިއުލާންސްއަށް. އަހަރެން ފަހުމާއަށްވެސް ގުޅާނަން." އަންހެނެއްގެ މުހިންމުކަން އިޙްސާސްކުރެވޭތީ އެންބިއުލެންސްއަށް ގުޅުމަށްފަހު، އޭނާ ފަހުމާއަށް ވެސް ގުޅާލިއެެވެ.

"އަހަރެން ހަމަ މިހާރު މިދަނީ." ފަހުމާ އެހެން ބުނެލާފައި ފޯނު ބޭއްވިއެވެ. ލަސްތަކެއްނުވެ އެލްބިއުލެންސްގެ ސައިރެންގެ އަޑު އިވުނެވެ. އެންބިއުލެންސް އައުމާއެކު، މަޝާރާ ހޮސްޕިޓަލަށް ގެންދެވުނެވެ. ވަގުތުން އޭނާ ވެއްދުނީ ވިއްސާ ކޮޓަރިއަށެވެ. ލަސްތަކެއްނުވެ ފަހުމާވެސް އަތުވެއްޖެއެވެ.

"ކޮބާ މަޝާރާ…" އޭނާ ސުވާލުކޮށްލިއެވެ.

"އެތެރޭގައި…" ޒުހުރީ ހުރީ ހާސްކަމާއެކު ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އެހެންކަމުން ފަހުމާގެ ސުވާލަށް ޖަވާބު ދިނީ ޝާކިރެވެ. ގާތްގަނޑަކަށް ފަނަރަ މިނެޓް ފަހުން ވިއްސާކޮޓަރީގެ ދޮރު ހުޅުވާލާފައި ޑޮކްޓަރަކާއި ނަރުހަކު ނުކުމެލިއެވެ.

"މަޝާރާ ކިހިނެއް؟ ވިހައިފިތަ؟" ޒުހުރީ އަވަސް އަވަހަށް ގޮސް ސުވާލުކޮށްލިއެވެ.

"ވިހައިފި. އަންހެން ކުއްޖެއް. ވިހަން ދިން ޑޭޓުގެ ކުރިން ވިހެއި ނަމަވެސް ބޭބީ ރަނގަޅު. އެކަމަކު…" އެހިސާބުން ހިތް އަވަސްވެފައި ހުރި ޒުހުރީއަށް ޑޮކްޓަރުގެ ޖުމްލަ މެދު ކަނޑާލެވުނެވެ.

"އެކަމަކު… އެކަމަކު ކިހިނެއްވީ؟" ހިނދުކޮޅަކަށް އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުން ޑޮކްޓަރުގެ އެ ލަފުޒުން ފިލައިގެން ހިނގައްޖެ އެވެ.

"ޒުހުރީ ހަމަޖެހިބަލަ." ޝާކިރު ޒުހުރީގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ފަހުމާވެސް އެތަނާ ކައިރިވެލާފައި ސުވާލުކޮށްލިއެެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު