އެމްއެންޔޫއިން ހިންގާ ޕްރޮޕަޓީ މެނޭޖްމެންޓް ދާއިރާގެ ކޯސް ފަށައިފި

އެމްއެންޔޫއިން ހިންގާ ޕްރޮޕަޓީ މެނޭޖްމެންޓް ދާއިރާގެ ކޯސްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ: އިންފިނަޓް މޯމެންޓްސް/އަހުމަދު އަމަން ލަތީފް

ޕްރޮޕަޓީ މެނޭޖުމަންޓްގެ ދާއިރާއިން މީހުން ބިނާކުރުމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ''ސެޓްފިކެޓް އިން ސްޓްރާޓާ މެނޭޖްމެންޓް'' ކޯސް މިއަދު ފަށައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ އެ ކޯސް ފެށީ މިއަދު އެމްއެންޔޫގެ ބިޒްނަސް ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ފާއިޒް ވިދާޅުވީ، މި ދާއިރާގެ ކޯސްތަކަކީ ރާއްޖެއަށް މުހިންމު ކޯސްތަކެއް ކަމަށެވެ. އެގޮތުން މި ކޯހުގެ ސަބަބުން އިތުރު ވަޒީފާތަކެއް އުފެދި، އިމާރާތް ބިނާކުރާ މީހުންނަށް ލުއިތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

''އެކަމަށް ޓަކައި ޚާއްޞަ ކުންފުނިތަކެއް އުފެދި ޚާއްޞަ ވިޔަފާރިތަކެއް އުފެދި، އިތުރު ވަޒީފާތަކެއް އުފެދިގެން ދާނެ،'' އޭނާ ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ، މި ކޯސްތަކަކީ މި ދާއިރާ އިތުރަށް ކުރިއަރުވައި ތަރައްގީކުރުމަށް ޓަކައި ފެށުމެއް ކަމަށެވެ. އަދި، މި ފަށާ ކޯހަކީ ސެޓްފިކެޓް ލެވެލްގެ ކޯހެއް ނަމަވެސް މި ކޯހަކީ މަތީ ފަންތީގެ ޓްރެއިނިން ޕްރޮގްރާމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

''އަޅުގަނޑު އުއްމީދު ކުރަނީ މި ޕްރޮގްރާމް ނިމިގެންދާއިރު ކޮންމެ ބޭފުޅަކީ ވެސް މި ދާއިރާގެ މުސްތަގުބަލުގައި މި ކަންތައްތަކުގައި މަޝްއޫލުވެގެންދާ ފަރާތެއް ކަމުގައިވުން،'' އޭނާ ވިދާޅުވިއެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/އިންފިނަޓް މޯމެންޓްސް/އަހުމަދު އަމަން ލަތީފް

އެ ކޯހާ ބެހޭ މައުލޫމާތު ހިއްސާ ކުރަވަމުން ކޯހުގެ ކޯޑިނޭޓަރު އަދި އެމްއެންޔޫގެ ލެކްޗަރާ އަހުމަދު ޝާތިރު ވިދާޅުވީ، މި ކޯހުގައި އެއްމެދު އިމާރާތުގެ ގާނޫނާ ބެހޭގޮތުންނާއި އެކި ގަވާއިދުތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

މީގެއިތުރުން، އެއްމެދު އިމާރާތް ރެޖިސްޓާ ކުރާނެ ގޮތާއި އެ މަރުހަލާ ކުރިއަށްދާ ގޮތުގެ އިތުރުން، މުހިންމު މައުލޫމާތުތަކެއް ކޯހުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށް ހިންގާ އެ ކޯސް ކުރިއަށް ގެންދާނީ ތިން ހަފުތާއަށެވެ. އެ ކޯހުގެ ކުލާސްތައް މާދަމާ ފަށާއިރު، ކޮންމެ ހަފުތާއެއް ހަތަރު ދުވަހު ކްލާސްތައް އޮންނާނެއެވެ.

މިއީ، އިމާރާތްތައް މެނޭޖުކުރާ ފަރާތްތަކަށް ސެޓްފިކޭޝަނެއްގެ ގޮތުގައި ހިންގާ ކޯހެއް ކަމަށް އެމްއެންޔޫއިން މައުލޫމާތު ދިނެވެ. އަދި ކުރިއަށް އޮތްތަނުގައި ގައުމީ ޔުނިވާސިޓިގެ ކޯސްތަކުގެ ތެރޭގައި ސްޕެޝަލައިޒޭނެއްގެ ގޮތުގައި މި ދާއިރާ ހިމަނާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

comment ކޮމެންޓް